ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާއި ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރް ހަވާލުވެ ވަޑައިގަންނަވާފައިވާތީ އެ ކަމަށް އެ މަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި ބަދަހިވަމުންދާ ގާތް ގުޅުމަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، މިކަމުގެ ހަޤީޤަތަކީ ދެ ޤައުމަށް ވެސް ފައިދާވާ ކަންކަމުގައި އެކުގައި މަސައްކަތްކުރުމާއި، ދެ ޤައުމުގައި ވެސް އެއްގޮތް ސަޤާފަތެއް އޮތުންކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޕާކިސްތާނުގެ ސަފީރު ވަނީ، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި މެދު މަޝްވަރާކުރައްވާފައެވެ. ހަމަ އެއާއެކު، ދެ ޤައުމުގެ ދެމެދުގައި ދޭދޭ ގުޅުން ބަދަހިކޮށް، ތަޢުލީމާއި ޞިއްޙީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، މީގެ އިތުރުން ވެސް އިތުރު ދާއިރާތަކުން ގުޅުންތައް ހަރުދަނާކުރަން މަސައްކަތް ކުރެއްވުމާއިމެދު ދެ ބޭފުޅުން ވެސް ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ޕާކިސްތާނުގެ ސަފީރު ވަނީ އެ ޤައުމުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ޕާކިސްތާނުގެ ސަރުކާރުން އަމަލު ކުރަމުންދާ އުސޫލުތަކަށް ތަޢުރީފު ކުރައްވާ، މި ހާލަތުގައި ޕާކިސްތާނުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ވެސް ޝުކުރު އަދާކުރައްވާފައެވެ. އަދި، ޕާކިސްތާނުގެ ސަފީރު ވަނީ މިހާލަތުން އަވަހަށް އަރައިގަނެވޭނެކަމަށް އުންމީދުކުރައްވާ ކަމަށާއި، ރާއްޖޭގެ އިޤްޠިޞާދު، ވަކީން ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާ އަލުން ކުރިއެރުމަށް އުންމީދުކުރައްވާކަން ފާހަގަކުރައްވާފައެވެ.