ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ" އަދި "ޕްރޮޖެކްޓް ގާޑިއަން" އިފުތިތާޙު ކޮށްދެއްވައިފިއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިސްނަގައިގެން ކުރިއަށް ގެންދަވާ މި ދެ މަޝްރޫޢު އިފްތިތާޙު ކޮށްދެއްވާފައިވަނީ އިސްކަންދަރު ކޮށީގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ" ފަދަ ކޮމިޓީއެއް އުފައްދާ ހިންގުމުގެ ދާއިރާގައި އަންހެނުންގެ ދައުރު އިތުރަށް ފުޅާކުރުމަކީ އަންހެނުން ބާރުވެރިކުރުމަށް ކުރާ މަސައްކަތުގައި ފެށުމެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި، ކުރިއަށް ހުރި މަސައްކަތްތައް ގިނަކަން ފާހަގަކުރައްވާ އެ ކަމަނާ ވިދާޅުވީ، އެ ކަން ޙާޞިލު ކުރެވޭނީ އަންހެން އަދި ފިރިހެން އޮފިސަރުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާއި އެކުގައި ކަމުގައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ވަނީ މުހިންމު ތިން ކަމަކަށް އަލިއަޅުއްވައިލައްވާފައެވެ. ފުރަތަމަ ކަމެއްގެ ގޮތުން، ފުލުހުންގެ ޚިދުމަތަކީ 24 ގަޑިއިރުގެ ޚިދުމަތެއްކަން ފާހަގަކުރައްވާ އެ ކަމަނާ ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަކީ އަންހެނުން މަސައްކަތް ކުރުމަށް އެކަށީގެންވާ ތަނަކަށް ހެދުމަށް އަންހެނުން މުޖުތަމަޢާއި ޢާއިލާގައި އަދާކުރާ ދައުރު ބަލައިގަނެ، މަސައްކަތުގެ މާޙައުލުންނާއި ސިޔާސަތުތަކުން އެ ކަންކަމަށް ޖާގަ ދޭންވާނެ ކަމަށެވެ.

ދެވަނަ ކަމެއްގެ ގޮތުން އެ ކަމަނާ ފާހަގަކުރެއްވީ، އަންހެން މުވައްޒަފުންގެ ފުރިހަމަ ޤާބިލުކަން ދެއްކުމަށްޓަކައި މަސައްކަތުގެ މާޙައުލަކީ އަންހެން މުވައްޒަފުންނަށް ހަމަހަމަ އަދި ރައްކާތެރި ތަނަކަށް ހެދުމުގެ މުހިންމުކަމެވެ. އަދި ތިންވަނަ ކަމެއްގެ ގޮތުން އެ ކަމަނާ އަލިއަޅުއްވައިލެއްވީ، ފުލުހުންގެ މުއައްސަސާގެ ތަފާތު އެކި ދާއިރާތަކުން އަންހެން އޮފިސަރުން ކުރިއެރުމަށް ހިތްވަރު ދިނުމާއި، ތަމްރީނުގެ ޚާއްޞަ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށެވެ.

މީގެ އިތުރުން، އަންހެންނުންނާއި ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތައް އަވަހަށްބެލި، އިންސާފު ކަށަވަރުވާނެ ގޮތަށް މަސައްކަތްތައް ބައްޓަންކުރުމާއި މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އަލިއަޅުވައިލެއްވިއެވެ. އަދި، ފުލުހުންގެ މުއައްސަސާގެ ކުރީ ސަފުން އަންހެނުންނަށް ފުރުޞަތު ފަހިކޮށްދިނުމުން އެ މީހުންގެ ޤާބިލުކަން ފެނިގެންދާނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށާއި، އޭގެ ނަތީޖާއެއްގެ މި ދާއިރާއަށް އަންހެން ކުދިންގެ ޝައުޤުވެރިކަން އިތުރުވެގެންދާނެ ކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިތުރަށް ވިދާޅުވީ، ފުލުހުންގެ ޚިދުމަތުގައި މިހާރު މަސައްކަތް ކުރައްވާ ހިތްވަރުގަދަ އަންހެން އޮފިސަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ހޯއްދަވަމުން ގެންދަވާ ކާމިޔާބީގެ ވާހަކަތައް ޙިއްޞާ ކުރުމަކީ، މި ދާއިރާއާއި ގުޅުމަށް ޝައުޤުވެރިވާ އަންހެން ކުދިންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމުގައެވެ.

މިއަދު ބޭއްވެވި މި ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.