ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރް، އެކަމަނިކުފާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ފާކިސްތާނުގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ވެއެވެ. އަދި، އެމަނިކުފާނު ވިދާޅުވިގޮތުގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދުގައި އޮތް ގާތް އަޚުވަންތަ ގުޅުން ބިނާވެފައި ވަނީ ދެޤައުމުގެ ދެމެދުގައިވާ އެއްގޮތްކަންތައްތަކާއި، އިސްލާމީ އަޤީދާގެ މައްޗަށްކަން ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ، ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ޙާލަތާއި، ދެޤައުމުން އިސްކަން ދޭ ކަންކަމަށް ރިޢާޔަތްކުރައްވައި، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނާއި ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންކަން ފާހަގަކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރާއި އެޤައުމުގެ ސަރުކާރުން ކޯވިޑް-19 ކޮންޓްރޯލް ކުރުމުގައި ހޯދިފައިވާ ކާމިޔާބީ އަދި ނަންގަވަމުންދާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކުރައްވައި އެކަމަށް ތަޢުރީފުކުރައްވާފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ޕާކިސްތާނުގައި ކުރިމަތިވާ މޫސުމީ ވިއްސާރައިގައި ގެއްލުން ލިބެމުންދާ ފަރާތްތަކަށް ހަމްދަރުދީ ފޮނުއްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހިޒް އެކްސަލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރް ގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝައުގުވެރިވާކަމުގައި ހާމަކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ފާއިތުވި ދުވަސްތަކުގައި ޚާއްޞަކޮށް ޒުވާނުންގެ ތަރައްޤީއާއި،ޞިއްޙީ އަދި ތަޢުލީމީ ރޮނގުން ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.