بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

ހިޖްރީ އައު އަހަރެއް ފެށުމުގެ މި އުފާވެރި މުނާސަބަތުގައި، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ. މި ފެށުނު 1442 ވަނަ އަހަރަކީ، ނިމިގެންދިޔަ އަހަރަށްވުރެ، ހުރިހާ ގޮތަކުންވެސް، ރާއްޖެއަށާއި މުޅި އިސްލާމީ އުންމަތަށް، އިތުރު ތަނަވަސްކަމާއި ފާގަތިކަން ލިބި، އަދި ކުރިއެރުމާއި ބާއްޖަވެރިކަން އެތައް ގުނައަކަށް އިތުރުވެގެންދާނެ އަހަރެއް ކަމުގައި ލެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.

ހިޖްރީ ސަނަތުން އައު އަހަރަކާ ބައްދަލުވިއިރު، އަޅުގަނޑުމެންނަށް މިއަދު މެދުވެރިވެފައި މިވަނީ، ހިޖްރައިގެ މަތިވެރި ޙާދިޘާއިން ލިބިދޭ ޢިބްރަތްތަކުން ފިލާވަޅު ލިބިގަތުމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ޙާލަތެކެވެ. ހިޖްރައިން ލިބިދޭ އެންމެ މަތިވެރި ޢިބްރަތަކީ، މުސްލިމުންގެ މެދުގައި އެއްބަނޑު އެއްބަފާކަމުގެ ގުޅުން ބަދަހިކޮށް، އެ ގުޅުން ދެމެހެއްޓުމުގެ މުހިންމު ކަމެވެ. ހަމައެފަދައިން، އުންމަތެއްގެ ގޮތުގައި ނުވަތަ ދައުލަތެއްގެ ގޮތުގައި ދެމިތިބެން ބޭނުންނަމަ، އެ ދައުލަތެއްގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ދެމިއޮތުމުގެ މުހިންމު ކަމެވެ. ކުރިއެރުމާއި ތަރައްޤީއަށް އެދޭނަމަ، އެންމެހައި ރައްޔިތުން އެއް ޢަޒުމެއްގައި، އެއް އަމާޒަކަށް ގަދައަޅައި މަސައްކަތް ކުރުމުގެ ބޭނުންތެރި ކަމެވެ.

ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން، "ކޯވިޑް-19"ގެ ބަލިމަޑުކަމުގެ ސަބަބުން، އަޅުގަނޑުމެންގެ ރާއްޖެވެސް މިހާރު ތަޖުރިބާކުރަމުން މިދަނީ، ވަރަށް ދަތި އުނދަގޫ ދުވަސްތަކެކެވެ. އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން އެތައް ބައިވަރު ހުރަސްތަކެއް ކުރިމަތިވެ، ތަރައްޤީގެ ދުވެލި ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ. "ކޯވިޑް-19"ގެ ހުރަސްތައް ގިރާކޮށް، ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި ދިޔުމަށްޓަކައި ސަރުކާރުން މި ކުރާ މަސައްކަތުގައި، ރައްޔިތުންގެ ބައިވެރިވުން ނުހަނު ބޮޑަށް ބޭނުންވެއެވެ. އަޅުގަނޑުމެން އުންމީދުކުރާ ފަދަ ހަލުވި ދުވެއްޔެއްގައި އިޤްތިޞާދަށް ދިރުން ލިބެން ފަށާނީ، ވިޔަފާރި އާއި އިޤްތިޞާދީ އެންމެހައި ޙަރަކާތްތަކުގައި ޒުވާނުންގެ ދައުރު މިހާރަށްވުރެ ފުޅާކޮށް، އަންހެނުންގެ ބައިވެރިވުން އިތުރުކޮށްގެންކަން ޔަޤީނެވެ.

ހިޖްރީ އައު އަހަރެއްގެ ފެށުން ފާހަގަކުރާ މި އުފާވެރި މުނާސަބަތުގައި، އަޅުގަނޑުމެންގެ ހަނދާނަށް ގެންނަންވީ، މިފަދަ ނާޒުކު ޙާލަތްތަކުގައި އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް ބެހެއްޓުމަށް، ހިޖްރައިން ލިބިދޭ މަތިވެރި އިރުޝާދުތަކެވެ. އެއީ، ދަތި އުނދަގޫ ޙާލަތްތަކުގައި، ޢާއިލާގެ އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، މުޖުތަމަޢުގެ އެއް ބަޔަކު އަނެއް ބަޔަކަށް، އަޅާލައި އޯގާތެރިވެ އުޅުމެވެ. ކުޑަކުދިންނަށް ކަމޭހިތުމާއި، އަންހެނުންނަށް އޯގާތެރިވުމާއި، މުސްކުޅިންނަށް އެހީތެރިވުމެވެ. މިއަދު އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންވީ، އިޖުތިމާޢީ ޢަދާލަތު ޤާއިމުކޮށްދޭ މިފަދަ ރީތި ސިފަތައް، އަޅުގަނޑުމެންގެ ކިބައިގައި އަލުން ހަރުލެއްވުމަށެވެ.

އަޅުގަނޑުގެ ދުޢާއަކީ، މި ފެށުނު އައު އަހަރަކީ، ދިވެހިރާއްޖެއަށާއި މުޅި އިސްލާމީ އުންމަތަށް ބާއްޖަވެރި އަހަރެއް ކަމުގައި ލެއްވުމެވެ. އަދި، ކޯވިޑް-19ގެ ނުރައްކާތެރިކަމުން، އެންމެހައި ދިވެހިންނާއި، މުޅި އިންސާނީ ދަރިފަސްކޮޅު ރައްކާތެރިކުރައްވައި، ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަން މިންވަރުކޮށްދެއްވުމެވެ. މިއަދު މިފެށުނު ހިޖްރީ 1442 ވަނަ އަހަރަކީ، ދިވެހިރާއްޖެއަށް ތިޔާގިކަމާއި ތަނަވަސްކަން ގެނެސްދޭނެ އަހަރެއް ކަމުގައި ލައްވައި، އެންމެހާ މުސްލިމުންނަށް ރަޙްމަތާއި ނިޢުމަތުން ފުރިގެންވާ އަހަރެއް ކަމުގައި ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.