ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ސޯޝަލް އެތިކްސް ކޮމެޓީގެ މެންބަރުންނާއި މިއަދު ބައްދަލުކުރައްވައި، މުޖުތަމަޢުގައި ހުރި އިޖްތިމާޢީ މައްސަލަތަކަށް ޙައްލު ހޯދުމާއި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހާކަފުޅުގައި، ދިވެހީންގެ އާދަކާދަތަކާއި، އިސްލާމީ ރިވެތި އުސޫލުތަކަށް އިޙުތިރާމުކުރާ، އަދި އަޚުލާޤު ރަނގަޅު ޖީލެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، މިމޭރުމުން ކުރަމުންދާ މަސައްކަތްތަކުގައި ރާއްޖޭގައި ހަރަކާތްތެރިވާ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކާއި ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި، މިކަންކަމުގައި އަމަލީ ގޮތުން ކުރެވެންހުރި މަސައްކަތްތައް ވީހާވެސް އަވަހަށް ފަށައިގެން ކުރިއަށް ގެންދެވުމަށް ކޮމެޓީގެ މެންބަރުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސޯޝަލް އެތިކްސް ކޮމެޓީގެ މެންބަރުން ވަނީ ދަރިވަރުންނަށް ރަނގަޅު އަޚުލާޤާއި ރިވެތި އުސޫލުތައް ދަސްކޮށްދީ ދިވެހީންގެ އާދަކާދަތަކާއި ޘަޤާފަތަށް ލޯބިކުރާ، އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީ ތަރުބިއްޔަތުވާ ޖީލެއް ބިނާކުރުމަށް ކުރެވޭ މި މަސައްކަތުގައި އެ ބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.