ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކޯވިޑް-19 ގެ ތެރޭގައި ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގައި ދީނީ އެއްބައިވަންތަކަށް އާލާކުރުމަށް ދީނީ ޢިލްމުވެރިން ކުރެއްވި މިންނެތް މަސައްކަތްތައް ފާހަގަކުރައްވައި، އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ދީނީ ޢިލްމުވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި މިސްކިތްތައް ބަންދުކުރުމާއި، ޖަމާޢަތުގައި ނަމާދުކުރުން ފަދަ ކަންކަން ހުއްޓައިލުން ފަދަ އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހުނުކަމަށް ވިދާޅުވިއެވެ. އަދި، އެ ދަތި ދަނޑިވަޅުގައި، ޤައުމުގެ ދީނީ އެއްބައިވަންތަކަށް ދަމަހައްޓާ، އާލާ ކުރުމަށް ދީނީ ޢިލްމުވެރިން ބުރަ، އަދި މުހިއްމު މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރައްވާ، އެ ކަމަށް ޝުކުރު އަދާކުރެއްވިއެވެ.

މިއަދު ޤައުމު މިއޮތް ހާލަތަށް ރުޖޫޢަވެވުނީ ހުރިހާ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި ގޮތުގައި، ފުރަބަންދުގެ ހާލަތަށް ލުއިތަކެއްދީ، މިސްކިތްތައް އަލުން ހުޅުވައިލާ، ޖަމާޢަތުގައި ނަމާދުކުރަން ފެށުމުގެ ތައުފީޤު މާތް ﷲ މިންވަރު ކުރެއްވުމަކީ އެމަނިކުފާނު އުފާފުޅު ކުރައްވާ ކަމެކެވެ.

އަދި، ކުރިއަށް އޮތީ ބޮޑެތި މަސައްކަތްތަކެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ވިދާޅުވި ގޮތުގައި، ޤައުމުގައި ހުރި އިޖްތިމާޢީ މައްސަލަތައް ހައްލުކޮށް، ދީނީ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމާއި، ޤައުމު ބިނާކޮށް ތަރައްޤީ ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ދީނީ ޢިލްމުވެރިންނަށް ވަރަށް އިސް ދައުރެއް އަދާ ކުރެއްވޭނެއެވެ. އަދި، މި ކަމުގައި ސަރުކާރާއެކު މަސައްކަތް ކުރައްވާ، ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ދީނީ ޢިލްމުވެރިންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛް ޢަލީ ޒާހިރާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ ޢަޙްމަދު ޒާހިރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަޙްމަދު ސަމީރު ބައިވެރިވެ ވަޑައިގެންނެވިއެވެ. އެ ބޭފުޅުންގެ ވާހަކަފުޅުގައިވެސް ކޯވިޑް-19 ގެ ތެރޭގައި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ދީނީ ޢިލްމުވެރިން ކޮށްދެއްވި ގިނަގުނަ މަސައްކަތްތައް ފާހަގަކުރައްވައި، އެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ޢިލްމުވެރިން ދެއްކެވި ވާހަކަފުޅުގައި، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކުގައި ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ތިއްބެވިކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިސްލާމީ މަރުކަޒުގައި މާދަމާ ޖަމާޢަތުގައި ހުކުރު ނަމާދު ކުރަން ފެށުމަށް ކުރަމުންދާ ތައްޔާރީތައް ބައްލަވާލައްވާފައެވެ.