ކޯވިޑް-19 އާ ދެކޮޅަށް މިއަހަރު ފެށުނީއްސުރެ އެންމެން އެކުގައި ކުރަމުންދާ މަސައްކަތުގައި ދިވެހި ފުލުހުން އަދާކުރީ، އަދި މިހާރުވެސް އަދާކުރަމުން އަންނަނީ، ވަރަށް މުހިންމު ދައުރެއްކަމަށާއި، އެއީ ދިވެހި ކޮންމެ ރައްޔިތަކުވެސް ހެޔޮހިތުން ބަލައިގަންނާނެ މަސައްކަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ދިވެހި ފުލުހުންގެ މަރުކަޒެއް ކަމަށްވާ އިސްކަންދަރު ކޮށްޓަށް ޒިޔާރަތްކުރައްވައި، ބައެއް ފުލުހުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޯވިޑް-19 ގެ ތެރޭގައި، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި، ޢާންމު ރައްޔިތުން ގޭގައި ތިބި އިރު، މާލެތެރޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، އަދި ރައްޔިތުންގެ ގެދޮރާއި މުދާ ޙިމާޔަތް ކުރުމުގައި، ފުރާނަ އަތްމައްޗަށް ލައިގެން، ޢާއިލާއާއި ވަކިން، ފުލުހުން ކުރެއްވި މަސައްކަތަކީ، އަގުކުރެވޭ ވަރަށް ވުރެ މާމަތީ، މާ އަގުބޮޑު މަސައްކަތްތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި، މި އުނދަގޫ ޙާލަތުގައި ފުލުހުން ކުރަމުން ގެންދާ މަސައްކަތުގައި، ފުލުހުންގެ ޢާއިލާތަކުން ދެއްވާ އެއްބާރުލުމާއި، ގެންގުޅުއްވާ ކެތްތެރިކަން ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަށް ޝުކުރުވެރިވާކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ، ބައެއް މީޑިއާތަކުން ބައެއް ފަހަރު މަޢުލޫމާތު ހާމަކުރާ ގޮތުން، ރައްޔިތުންނަށް ކަންކަމުގެ ޙަޤީޤަތް އޮޅިގެން ދާކަމަށް ވިދާޅުވެ، ފުލުހުންނަށް ހުށަހެޅޭ ޙައްސާސީ މައްސަލަތަކުގެ ތެދު މަޢުލޫމާތު، އޭގެ ވަގުތުގައި ރައްޔިތުންނާއި ޙިއްޞާ ކުރުން އިތުރަށް މުހިންމުވެފައިވާކަން ފާހަގަކުރައްވާފައެވެ.

މި ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ސަރުކާރުން ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމާއި ޙަވާލުވެފައިވަނީ ރައްޔިތުންނަށް ޢަދުލު އިންޞާފު ހޯދައިދީ، މުޖުތަމަޢުގައި ހަމަޖެހުމާއި އަމާންކަން ޤާއިމުކޮށްދީ، އުފާފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް ކަމުގައި ވިދާޅުވެފައެވެ. އަދި، މިފަދަ ވަޢުދުތައް ފުއްދުމުގައި، ދިވެހި ފުލުހުން އިސް ދައުރެއް އަދާކުރަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، އެމަނިކުފާނު ވަނީ ކޯވިޑް-19 އާއި ގުޅިގެން ސީދާ އަދި ނުސީދާ ގޮތުންވެސް ކުރިމަތިވަމުންދާ އިޖްތިމާޢީ ގިނަ މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފުލުހުންނަކީ ޤާނޫނު ތަންފީޒު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ، އަދި ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތްކުރާ މުއައްސަސާއަށް ވުމުން، މިފަދަ މައްސަލަތައް ޙައްލުކުރުމުގައި ފުލުހުންގެ ދައުރު ވަރަށް ބޮޑުވެފައި މުހިންމުކަމުގައެވެ. އަދި، ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރި ކަމަށް އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ކަމަށާއި، އަދި ފުލުހުންނަށާއި ތަންފީޒީ އިދާރާތަކަށް ބޭނުންވާ ވަސީލަތްތަކާއި ތަޢުލީމާއި ތަމްރީނުވެސް އިތުރަށް ހޯދައިދޭންޖެހޭކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.