ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، "އެޗް.އާރް. ޕަރސްޕެކްޓިވް ޝެއަރ" ޕްރޮގްރާމްގެ ޚާއްޞަ ސެގްމެންޓެއްގައި ބައިވެރިވެ ވަޑައިގެން، ފަތުރުވެރިކަމުގެ ދާއިރާއާއި ބެހޭގޮތުން އެ މަނިކުފާނު ގެންގުޅުއްވާ ބައެއް ވިސްނުންފުޅުތައް ޙިއްޞާ ކުރައްވައިފިއެވެ.

މި ޕްރޮގްރާމަކީ ހިއުމަން ރިސޯސަސް ނުވަތަ އިންސާނީ ވަޞީލަތް ތަރައްޤީ ކުރުމުގެ ދާއިރާގެ މަސައްކަތްތެރީން ތަމްސީލުކުރާ ދިވެހިރާއްޖޭގެ ޖަމުޢިއްޔާއެއް ކަމުގައިވާ މޯލްޑިވްސް އެސޯސިއޭޝަން ފޯ އެޗް.އާރް. ޕްރޮފެޝަނަލްސް (މާރޕް) އިން އިން ގެނެސްދޭ ޕްރޮގްރާމެކެވެ.

މިއަދު މެންދުރުފަހު ލައިވްކޮށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ޚާއްޞަ މެހުމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެން އެމަނިކުފާނު ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި އެމަނިކުފާނު ދިގު މުއްދަތެއްގައި މަސައްކަތްކުރެއްވި އިރުގެ ބައެއް ތަޖުރިބާތަކާއެކު މިއަދުގެ ޒުވާނުންނަށާއި ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ދިވެހިންނަށް ޚާއްޞަ މެސެޖުތަކެއް ދެއްވާފައެވެ. އަދި، ބައެއް އެހެން ޤައުމުތަކުން މިސާލު ނަންގަވައި ރާއްޖޭގައިވެސް އިންސާނީ ވަޞީލަތް ތަރައްޤީކުރުމުގެ ދާއިރާގައި އިންވެސްޓް ކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަނެ، އިޤްތިޞާދު ބިނާކުރުމުގައިވެސް ކެތްތެރިކަމާއެކު ހުރިހާ އެންމެން ގުޅިގެން މަސައްކަތްކޮށް، ރަނގަޅު ޖީލެއް އުފެއްދުމަށް މަސައްކަތްކުރަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށް ގެންދަވާ މުހިންމު ބައެއް މަސައްކަތްތައް ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއިރާގައި މެދުފަންތިއާއި މަތީ ފަންތީގެ ބޮޑު އިންސަތައަކީ ދިވެހިން ފުރާ މަޤާމުތަކަށް ހެދުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި، އެކަން އެގޮތަށް ކުރުމުގައި ތަމްރީނާއި ތަޖުރިބާގެ ފުރުޞަތުތައް ފުޅާކޮށް މަދުރަސީ ތަޢުލީމުގެ ހަރުފަތްތައް ނިންމާ ދަރިވަރުންނަށް ކެރިއަރ ގައިޑަންސް ދިނުން ފަދަ ކަންކަމަށް އިސްކަންދޭން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އެމަނިކުފާނުގެ ތަޖުރިބާތަކަށް އަލިއަޅުއްވައިލައްވާ ޒުވާނުންނަށް އަމާޒުކޮށް ވިދާޅުވީ ކޮންމެ މަސައްކަތެއް ކުރިކަމުގައި ވީ ނަމަވެސް، ބަލަންވީ އެކަމަކަށް ރަނގަޅަށް ސަމާލުކަންދީގެން ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން މަސައްކަތްކުރުމަށް ކަމަށެވެ. އަދި، އަވަހަށް ނިދައި އަވަހަށް ހޭލުން ފަދަ އާދަތައް އަށަގެންނެވުމަށާއި ވަކި މަސައްކަތެއް ނޫނީ ނުކުރަން ހުރުމުގެ ބަދަލުގައި ކޮންމެ މަސައްކަތެއް ކުރަންޖެހުނު ނަމަވެސް ހީވާގިކަމާއި މުރާލިކަމާއެކު އެ މަސައްކަތެއް ކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.