ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކުޑަކުރެއްވުމަށްޓަކައި 2020 މާރިޗު 19 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް އާންމުކޮށް ނުހުޅުއްވާގޮތަށް ހަމަޖައްސަވާފައި އޮތް އޮތުން ނިމުމަކަށް ގެންނަވައި، 2020 ޖުލައި 5 ވާ އާދީއްތަ ދުވަހުން ފެށިގެން، ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުއްވައިގެން މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

އަދި ސަރުކާރުގެ އިދާރާތައް ހުޅުވާފައި ހުންނާނީ ކުރިއެކޭވެސް އެއްގޮތަށް ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ. މިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި މިއަހަރު 22 ވަނަ ނަންބަރު ދެންނެވުމުގައެވެ.

ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުއްވައިގެން ދެއްވަންޖެހޭ ޚިދުމަތްތަކާއި، ކުރައްވަންޖެހޭ މަސައްކަތްތައް ކުރެއްވުމަށް ހަމަޖެއްސެވުމާގުޅިގެން، އިދާރާތަކުން ޢަމަލު ކުރައްވާނެ އުސޫލުވެސް މިއަދު ނެރުއްވި ދެންނެވުމުގައި ވަނީ އާންމުކުރައްވާފައެވެ. މިގޮތުން، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ލުއިކުރައްވައި، އައު އާންމު ހާލަތު ނުވަތަ ނިއު ނޯމަލްގެ ހާލަތުގައި ސަރުކާރުގެ އިދާރާތައް ހިންގެވުމާއި، އިދާރާތަކުގައި މަސައްކަތްކުރުމުގައި ޞިއްޙީ ރައްކާތެރިކަމުގެ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތަކާއި، މި ހާލަތުގައި މުވައްޒަފުން ޢަމަލުކުރައްވަންޖެހޭގޮތާ ބެހޭ ގޮތުންނާއި، މަސައްކަތުގެ މާހައުލުގެ ސާފުތާހިރުކަމުގެ އިރުޝާދުތަކާއި، އިޖުތިމާޢީ ގައިދުރުކަމުގެ އިރުޝާދުތަކާ ބެހޭ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާއި މަޝްވަރާގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވައިލައްވައި އާންމުކުރައްފައިވާ އެ ކޮމިޝަނުގެ ސަރކިއުލަރ ނަންބަރު 24/2020 (23 ޖޫން 2020) ގައި ހިމަނުއްފައިވާ ކަންކަން ސަރުކާރުގެ އިދާރާތަކުން ތަންފީޒުކުރެއްވުމަށް ވަނީ އޮފީސްތަކަށް އަންގަވާފައެވެ.

މީގެ އިތުރުން، ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމެވުމަށް މުވައްޒަފުންނަށް ބާރުއެޅުއްވުމާއެކު، ނުރަސްމީ ގަޑިގައި މުވައްޒަފުން މަސައްކަތްކުރައްވަން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތްތައް ރޭއްވެވުމާއި، ދަންފަޅި އުސޫލުން މަސައްކަތް ކުރާ އިދާރާތައް ފިޔަވައި، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މެނުވީ މެންދުރުފަހު 2:00 ގެ ފަހުން ހުޅުއްވައިގެން މަސައްކަތް ނުކުރެއްވުމަށާއި، ސަރުކާރުގެ އިދާރާއަކުން ކޮންމެހެން ކުރައްވަންޖެހޭ މަސައްކަތެއް ކުރެއްވުމަށްޓަކައި، ނުރަސްމީގަޑީގައި އިދާރާ ހުޅުވާފައި ބަހައްޓަވަންޖެހޭ ހާލަތްތަކުގައިވެސް، އެންމެ ލަސްވެގެން ހަވީރު 4:00 ގެ ފަހުން އިދާރާ ހުޅުވާފައި ނުބެހެއްޓެވުމަށް އޮފީސްތަކަށް ވަނީ އަންގަވާފައެވެ.
ހަމައެއާއެކު، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވަން ފެށްޓެވި ޚިދުމަތްތައް އެ ގޮތުގެ މަތިން ދެއްވަމުން ގެންދެވުމަށާއި، އޮންލައިންކޮށް ދެވެން ހުރި އިތުރު ޚިދުމަތްތަކަކީ ކޮބައިތޯ ބައްލައި، އެ ޚިދުމަތްތައް އޮންލައިންކޮށް ދެއްވޭނެ އިންތިޒާމުތައް ހަމަޖެއްސަވަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތަކުގެ ތެރެއިން، އޮންލައިންކޮށް ކުރެއްވެން ހުންނަ މަސައްކަތްތައް އޮންލައިންކޮށް ކުރާނެ އިންތިޒާމު ހަމަޖައްސަވައި، އޮންލައިންކޮށް މަސައްކަތް ކުރެއްވުމަކީ އާންމު އުސޫލެއް ކަމުގައި ހެއްދެވުމަށްވެސް ވަނީ އަންގަވާފައެވެ. އަދި އޮފީހުންކުރާ ކަރުދާހުގެ ޚަރަދާއި، ޕްރިންޓްކުރުމުގެ ޚަރަދު ކުޑަކުރެއްވޭނެ ގޮތްތައް ހޯއްދަވައިގެން އެގޮތަށް މަސައްކަތްކުރެއްވޭނެ އުސޫލުތައް ހައްދަވައި، އެ އުސޫލުތައް ތަންފީޒުކުރައްވައިގެންނާއި، ލިޔެކިޔުންތައް ވީވަރަކުން ޑިޖިޓަލައިޒް ކުރައްވައިގެން "ޕޭޕަރލެސް" މަސައްކަތު މާޙައުލެއް އޮފީހުގައި ޤާއިމުކުރެއްވުމަށް މަސައްކަތް ކުރެއްވުމަށް ވެސް ވަނީ އޮފީސްތަކަށް އަންގަވާފައެވެ.

މިކަންކަމުގެ އިތުރަށް، ކޮވިޑް 19 އާ ގުޅިގެން، ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށާއި، ދައުލަތުގެ ބަޖެޓަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަން ފަށާފައިވާތީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްމުގެ ގޮތުން، އޮފީސްތަކުން ކޮންމެހެން ކުރައްވަންޖެހޭ ޚަރަދުތައް ކުރުމަށާއި، ޚަރަދު ކުޑަކުރެއްވުމަށް އެޅުއްވެން ހުރި ފިޔަވަޅުތައް އެޅުއްވުމަށްވެސް މިއަދު ނެރުއްވި ދެންނެވުމުގައި އޮފީސްތަކަށް އަންގަވާފައިވެއެވެ.