ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ނޭޝަނަލް ޑްރަގް އެޖެންސީ(އެންޑީއޭ)ގެ ބޯޑު މެންބަރުންނާއި ބައްދަލުކުރައްވާ، އަލަށް އެކުލަވާލެއްވި ބޯޑުގެ ޗެއަރމަންއަށާއި މެންބަރުންނަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު އޮންލައިންކޮށް ކުރިއަށްދިޔަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ އަލަށް އެކުލަވާލެއްވި ބޯޑަކީ ސަރުކާރުގެ ހުރިހާ އިދާރާތަކާއި ގުޅިގެން އަދި އެ އިދާރާތަކަށް އެއްބާރުލުންދީގެން މަސައްކަތް ކުރައްވާނެ ބޯޑެއްކަމުގައި ދެކެވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ. އަދި ބޯޑުން ރައްޔިތުންނަށް އެންމެ ފައިދާވާގޮތަށް އަދި ރައްޔިތުން އެދޭ މިންވަރަށް މަސައްކަތްތައް ކުރިޔަށްގެންދަވާނެ ކަމަށް އުންމީދުކުރައްވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެން.ޑީ.އޭ ގެ މަސައްކަތްތައް ކުރިޔަށްގެންދަވާއިރު މިހާރު ހުރި ވަޞީލަތްތައް ބޭނުންކޮށްގެން ކާމިޔާބީ ނެރެވޭނެ ގޮތައް މަސައްކަތްތައް ބައްޓަންކުރެއްވުމަށް ވެސް އިލްތިމާސްކުރައްވާފައެވެ. ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޤައުމު އެދެނީ ދިވެހި މުޖުތަމަޢަކީ މަސްތުވާތަކެތިން ސަލާމަތްވެގެންވާ މުޖުތަމައަކަށް ހެދުމަށްކަން ފާހަގަކުރައްވައި ބޯޑުގެ މަސައްކަތްތައް ވެސް އެގޮތަށް އެމަގަށް ކުރިޔަށްގެންދެވުމަށް އެދިވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި،މަސްތުވާތަކެތިން ޤައުމުގެ ޒުވާނުން ސަލާމަތްކުރުމަށް ސަރުކާރުން ވަރަށް އިސްކަމެއްދެއްވާކަން ފާހަގަކުރެއްވިއެވެ. އަދި ބޯޑުގެ މަސައްކަތްތައް ކުރިޔަށްގެންދެވުމުގައިވެސް ކަމާގުޅޭ ހުރިހާ ފަރާތްތަކެއްގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ޒިންމާދާރުކަމާއެކު އަދި ޒަމާނާގުޅޭގޮތަށް މަސައްކަތްތައް ބައްޓަންކޮށްގެން ކުރިޔަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ނޭޝަނަލް ޑްރަގް އެޖެންސީގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވި ގޮތަށް މަސައްކަތްތައް ބައްޓަންކުރައްވާނެކަމަށާއި އަދި މަސްތުވާތަކެތި ސަލާމަތްވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގައި ބޯޑުގެ ހުރިހާ މެންބަރުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް ފާހަގަކުރައްވާފައެވެ.