ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާ މިއަދު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދާއި ޢާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރަމުންއަންނަ އަސަރުތައް ކުޑަކޮށް، މި ބަލި ފެތުރުމުގެ ސަބަބުން ކުރިމަތިވާ އިޤްތިޞާދީ އަދި އިޖްތިމާޢީ މައްސަލަތަކުން އަރައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ސަރުކާރަށް ލަފާއެރުއްވުމަށް އެކުލަވާލައްވާފައިވާ ދިރާސާ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށް އަރުއްވާފައެވެ. ސަރުކާރުގެ ކުރިއަށް ހުރި މަސައްކަތްތައް ރާއްވަވާއިރު މަޖިލީހުގެ ކޮމެޓީތަކުން ދިރާސާ ކުރައްވައި އެކުލަވާލައްވާފައިވާ މި ރިޕޯޓްގައި ހުރި ކަންކަމަކީވެސް ގައިޑްލައިން އެއްގެ ގޮތުގައި ބައްލަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން އެކުލަވާލައްވާފައިވާ މި ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރައްވާފައިވާ ވަރަށް ބުރަ މަސައްކަތްޕުޅެއްކަން ފާހަގަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި މަޖިލީހުގެ މެންބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިއީ ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދީ ގޮތުން ލިބުނު ގެއްލުންތަކާއި ޢާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަނެ ޢާންމު ޙާލަތަކަށް ރުޖޫޢަވުމަށް ކަންކަން ބައްޓަންކުރަމުންދާއިރު ލިބޭ ވަރަށް ބޮޑު އެހީތެރިކަމަކަށް ވާނެ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ މިކަންކަންމުން އަރައިގަތުމުގައި ދައުލަތުގެ ހުރިހާ އިދާރާތަކާއި އަދި ވަކިން ޚާއްޞަކޮށް ދައުލަތުގެ އަނެއް ދެބާރުކަމަށްވާ ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ މި ޙާލަތާއި ގުޅިގެންނާއި އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ޤާނޫނީ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މިހާރު ކުރަމުންދާ ބައެއް މަސައްކަތްތަކާއި އަދި ކުރިޔަށްހުރި މަސައްކަތްތަކާއި ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.