ކޯވިޑް-19 ގެ މިހާރުގެ ޙާލަތާގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރެއްވީ ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް މިއަދު މެންދުރުފަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

މިއަދުގެ ޖަލްސާގައި، ކޯވިޑް-19 އާ ގުޅިގެން މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުއްވާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ލުއިދެއްވުމުގައި ޢަމަލުކުރައްވާނޭ ގޮތްތަކާ ބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވިއެވެ. އަދި މިކަމުން އަރައިގަތުމަށްޓަކައި ހުރިހާ ވުޒާރާތަކުންވެސް ރާއްވަވަމުން ގެންދަވާ ކަންތައްތަކާއި ޤައުމު އާރާސްތު ކުރުމަށް އިތުރަށް ކުރެވެންހުރި ކަންކަމާ ބެހޭގޮތުންވެސް މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ.

މި ބަލި ދުނިޔޭގައި ފެތުރެން ފެށި ހިސާބުން ދިވެހިރާއްޖޭގައި މި ބަލި ފެތުރުން ކުޑަކުރެއްވުމާއެކު ފަންނީ މާހިރުންގެ ލަފާގެމަތިން ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު އަޅުއްވާފައިވާ އަދި އަޅުއްވަމުން ގެންދަވާ ޙިކުމަތްތެރި ފިޔަވަޅުތައް ވަޒީރުންގެ މަޖިލީހުގެ މެންބަރުން މިއަދުގެ ޖަލްސާގައި ފާހަގަކުރެއްވިއެވެ. އަދި ކޯވިޑް-19 އިން ރާއްޖޭގެ ރައްޔިތުން ރައްކާތެރިކުރެއްވުމަށް އެކި ވުޒާރާތަކުން ގުޅިގެން ކުރައްވަމުންގެންދަވާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށް ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.