ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް، ކޯވިޑް-19އާއި ގުޅިގެން އެކިއެކި ޙާލަތްތައް މެދުވެރިވެ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރިޔަށް ގެންދިއުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދު ދީދީއާއި، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ މަރުކަޒުތަކުގެ އިސް  ބޭފުޅުން، އަދި، ކަމާގުޅޭ އެހެން އިދާރާތަކުގެ އިސް  ބޭފުޅުންނާއި ބައްދަލުކުރައްވައި އެމަސައްކަތް ކުރިޔަށްދާގޮތާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޯވިޑް-19ގެ ސަބަބުން އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ހިނގަމުންދާ ގޮތުގެ އެންމެ ފަހުގެ މަޢޫލޫމާތު އޮޅުންފިލުއްވާފައެވެ. އޭގެ އިތުރުން، އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރިޔަށްގެންދެވޭ މަސައްކަތްތަކާއި ޚާއްޞަކޮށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ބެލުމުގެ ދަށުން ހިނގަމުންދާ ފިޔަވައްޗާއި ކުޑަކުދިންގެ ހިޔާގެ އިތުރުން ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަޒުކަޒާއި އަދި ނެޝަނަލް ޑްރަގް އެޖެންސީގެ ދަށުން ހިނގަމުންދާ މަރުކަޒުތަކުގައި ތިބި މީހުންގެ ކަންކަން މި ކޯވިޑް ބަލިމަޑުކަމުގެ ޙާލަތުގައި ކުރިޔަށްގެންދެވޭގޮތާއި އަދި ކަންކަން ކުރިޔަށް ރާވާލެވިފައިވާ ގޮތުގެ ޕްލޭންތަކާބެހޭ މަޢުލޫމާތުތައްވެސް އެމަނިކުފާނު އޮޅުންފިލުއްވިއެވެ.

މީގެ އިތުރުން ޚާއްޞަބަލިތަކަށް ފަރުވާކުރާ މީހުންނަށް ބޭސްލިބުން ފަދަ އިންތިޒާމުތަކާއި، ވަގުތީ ބޭނުމެއްގައި މާލެއައިސް ރަށަށް ނުދެވި ތިބި ފަރާތްތަކަށް އެހީތެރިވުމާއި، ރަށަށް ބަދަލުވުމުގެ ކަންކަން އިންތިޒާމުކުރެވިފައިވާ ގޮތްތަކާ ބެހޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

މި ބައްދަލުވުމުގައި އިދާރާތަކުން ބައިވެރިވި ފަރާތްތަކުން ވަނީ ކޯވިޑް-19ގެ ޙާލަތުގައި އެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ޙާލަތުގައި އެހީއަށް ބޭނުންފައިވާ  މީހުންގެ ކަންކަން ބެލެހެއްޓުމަށް ހުރިހާ އިދާރާތައް ގުޅިގެން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވައި އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، އެކަންކަމުގެ ތެރެއިން އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަނެ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިނގަމުންދާ އިދާރާތަކުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކުގެ ކަންކަން ވީހާވެސް ރަނގަޅަށް ބަލަހައްޓަވަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެދިވަޑައިގަންނަވާފައެވެ.