ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް، ކޯވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީއަށް ދިމާވާދަތިތަކާއި، އެ ސިޓީގެ ހޮސްޕިޓަލަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން އެސިޓީގެ ރައްޔިތުން މަޖިލީހުގެ 7 މެންބަރުންނާއި، ހޮސްޕިޓަލުގެ އިސްވެރިންނާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ސަރުކާރުގެ ފަރާތުން ޞިއްޙީ ދާއިރާގެ މަޢުލޫމާތު ދެއްވުމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އައްޑޫ ސިޓީގެ 7 ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރުން އަރިހުން އެބޭފުޅުން ނިސްބަތްވާ ދާއިރާގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ވަކިވަކީން އައްސަވާފައެވެ.

އެގޮތުން އައްޑޫސިޓީގެ ހުރިހާ މެންބަރުންވެސް ވަނީ އައްޑޫގައި ވީއެންމެ އަވަހަކަށް ކޯވިޑް-19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެބޭފުޅުންގެ ދާއިރާތަކުގެ ރައްޔިތުންގެ ތެރެއިން މިވަގުތު މާލެއިން ނުވަތަ ރާއްޖޭން ބޭރަށް ފަރުވާ ހޯދުމަށް ދާން ބޭނުންވާ ފަރާތްތަކާމެދު ޢަމަލުކުރާނެ އުސޫލުތަކާބެހޭގޮތުން އެބޭފުޅުން ވަނީ މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައެވެ. ހަމަ އެއާއެކު އެސިޓީގެ ރަށްރަށަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާބެހޭގޮތުންނާ، އައްޑޫސިޓީގައި ހަމަޖައްސަވާފައިވާ ކަރަންޓީން ފެސިލިޓީސްގެ ސެކިއުރިޓީގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި އަދި ހޮސްޕިޓަލުގެ ފަރާތުން ބޭނުންވާ ކަންކަން އޮޅުންފިލުއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސަރުކާރުން އެކަންކަން ބައްލަވަމުން ގެންދަވާނެކަމަށާއި، އެނ.އީ.އޯ.ސީ މެދުވެރިކޮށް އައްޑޫސިޓީއަށް ފޮނުވަން ބޭނުންވާ ތަކެތި ފޮނުވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަމުގައި ވިދާޅުވެފައެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވަނީ ރަށްރަށަށް ކޯވިޑް-19 އާއި ގުޅިގެން ބޭނުންވާ ހުރިހާ މެޑިކަލް ސާމާނު ފޯރުކޮށްދެވިފައިވާކަން ޔަޤީންކޮށްދެއްވާފައެވެ. އަދި އައްޑޫއާއި ރާއްޖޭގެ އެހެން ރަށްރަށުގައި ކޯވިޑް-19 ޓެސްޓް ހެދުމަށް ބޭނުންވާ ވަޞީލަތްތައް ސަރުކާރުން ފޯރުކޮށްދިނުމުގައި ކުރިމަތިވަމުންދާ ގޮންޖެހުންތައް އެމަނިކުފާނު ވަނީ ވަރަށް ތަފްޞީލުކޮށް ވިދާޅުވެދެއްވާފައެވެ. އަދި ސަރުކާރުން މިކަންކަން ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް މަސައްކަތްކުރަމުންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. އަދި ހަމަ އެއާއެކު މި ހާލަތުގައި އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާކަމަށާއި އެގޮތުން އޮންލައިންކޮށް ޑަކްޓަރުންނަށާއި ނަރުހުންނަށް މިހާރުވެސް ތަމްރީނު ދެއްމުންގެންދަވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެއްވެސް ފަރާތަކުން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންފުޅުވާނަމަ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި ގުޅިގެން އެ އެހީތެރިކަން ފޯރުކޮށްދެވޭނެގޮތް އިންތިޒާމުކުރައްވާފައި ވާކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހުރިހާ ބޭފުޅުންވެސް ގުޅިގެން މަސައްކަތްކުރެއްވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި އައްޑޫ ސިޓީގެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިމައްސަލަތަކަށް ޙައްލު ހޯއްދެވުމަށް ކަމާގުޅުން ހުރި އިދާރާތަކާއި މަޝްވަރާކުރައްވައިގެން މަސައްކަތްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.