ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް، ނެޝަނަލް ޑްރަގް އެޖެންސީއާ ގުޅުންހުރި ބައެއް މަސައްކަތްތަކާ ގުޅޭގޮތުން، އެތަނުގެ އިސްވެރިންނާއި ކަމާބެހޭ އެހެން އިދާރާތަކުގެ ވެރިންނާއެކު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ނެޝަނަލް ޑްރަގް އެޖެންސީ (އެން.ޑީ.އޭ)ގެ އިސްވެރިންގެ އިތުރުން މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދު ދީދީއާއި، އެޓާރނީ ޖެނެރަލް، އަލްއުސްތާޛު އިބްރާހީމް ރިފްޢަތާއި، ޕްރޮސިކިއުޓަރ ޖެނެރަލް، އަލްއުސްތާޛު ޙުސައިން ޝަމީމާއި، ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ޙަމީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ކޯވިޑް-19ގެ ސަބަބުން ތަފާތު ފިޔަވަޅުތައް އަޅާފައިވާ މި ދަނޑިވަޅުގައި މުޖުތަމަޢުގައި ތިބި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކާއި އަދި އެނޫންވެސް މުޖުތަމަޢުގައި ތިބި އެން.ޑީ.އޭ. ގެ އެހީތެރިކަމާއި ބެލެހެއްޓުންތެރިކަން ބޭނުންވާ ފަރާތްތަކުގެ ކަންކަން އެންމެ ރަނގަޅަށް މެނޭޖުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންނެވެ. އެގޮތުން، ފަރުވާއަށް ބޭނުންވާ ފަރާތްތަކަށް ފަރުވާގެ ކަންކަން އިންތިޒާމުކުރެވިފައިވާ ގޮތްތަކާއި އަދި އެފަދަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންފަދަ ކަންކަން މެނޭޖުކުރެވޭ ގޮތާއި އަދި އެކަންކަން މެނޭޖުކުރުމުގައި ހުރި ދަތިތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އޮޅުން ފިލުއްވިއެވެ. އަދި ، އަތޮޅުތަކުގައި ހުރި އެން.ޑީ.އޭ. ގެ ސެންޓަރުތަކުގައި ވެސް މި މަސައްކަތްތައް ކުރިޔަށް ގެންދެވޭނެ ގޮތްތަކާ ބެހޭގޮތުންނާއި އަތޮޅުތަކުން ތަނެއްގައި ކޯވިޑް-19ގެ ސަބަބުން ފުރަބަންފުގެ ޙާލަތުގެ އިޢުލާންކޮށްފިނަމަ އެޙާލަތުގައި އެން.ޑީ.އޭ. ގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ކަންކަން މެނޭޖުކުރާނެ ގޮތްތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ކަންކަން މެނޭޖުކުރުމުގައި ޙަރަކާތްތެރިވާ ފަރާތްތަކާއި އަދި ކަމާގުޅުންހުރި ސަރުކާރުގެ އެހެން އިދާރާތަކުންވެސް، ކޯވިޑްގެ-19 ސަބަބުން ޚާއްޞަ ފިޔަވަޅުތައް އަޅާފައިވާ މި ޙާލަތުގައި މުޖުތަމަޢުގެ ތެރޭގައި ހުރި ތަފާތު މައްސަލަތައް ޙައްލުކުރުމުގައި ކަމާގުޅުންހުރި ހުރިހާ އިދާރާތަކުން ގުޅިގެން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.