މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނެރުއްވައިފައިވާ އަމުރު ތަންފީޒު ކުރުމުގެ ގޮތުން 2020 އެޕްރީލް މަހުގެ 19 ވަނަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ 30 ވަނަ ދުވަހު ނިޔަލަށް  ސަރުކާރުގެ އޮފީސްތައް ނުހުޅުވައި، ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރާގޮތަށް ހަމަޖައްސަވައި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖައްސަވައިފައިވާ މި މުއްދަތުގެ ތެރޭގައި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ދެއްވަމުން ގެންދަވާނީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނެރުއްވާ އަމުރުތަކާއި، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

މިގޮތުން، އޮފީސްތައް ނުހުޅުވާ މުއްދަތުގެ ތެރޭގައި،  ތިރީގައި މިވާ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތާ މަޝްވަރާ ކުރައްވައިގެން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރު ކުރެއްވުމަށް ދަންނަވަން ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

(ހ)  ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ފާމަސީތަކުގެ ޚިދުމަތްތައް؛

(ށ)  ފެނާއި، ކަރަންޓާއި، ނަރުދަމާގެ ޚިދުމަތް؛

(ނ)  ބްރޯޑްކާސްޓިންގގެ ޚިދުމަތް؛

(ރ)  ފޯނާއި އިންޓަރނެޓުގެ ޚިދުމަތް؛

(ބ)  ބޭންކުތަކުން ދޭ ޚިދުމަތް؛

(ޅ)  ކައްކާ ގޭހާއި ފިޔުލްގެ ޚިދުމަތް؛

(ކ)  ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކާއި ވިޔަފާރި ބަނދަރުތަކުގެ ޚިދުމަތް؛

(އ)  ކަސްޓަމްސްއާއި އިމިގްރޭޝަނާއި އޭވިއޭޝަން ކޮމާންޑުގެ ޚިދުމަތް؛

(ވ)  ސިފައިންނާއި ފުލުހުންގެ ޚިދުމަތް؛

(މ)  ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތް؛

(ފ)  ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ޚިދުމަތާއި ކޯޓުތަކުގެ ޚިދުމަތް؛

(ދ)  ޚާރިޖީ ގުޅުންތަކާބެހޭ ޚިދުމަތް؛

(ތ)  އިޖުތިމާޢީ ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތް؛

(ލ)  ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން މީހުންނާއި ކުދިން ބަލަހައްޓާ މަރުކަޒުތަކުން ދޭ ޚިދުމަތް؛

(ގ)  ޖަލުތަކުގެ ޚިދުމަތް؛  

(ޏ)  ރަށް ކުނިކަހައި ބެލެހެއްޓުމުގެ ޚިދުމަތާއި، ކުނިނަގައި އުކައިލުމުގެ ޚިދުމަތް؛

(ސ) މޫސުމާބެހޭ ޚިދުމަތް.

މަތީގައި ދަންނަވާފައިވާ ޚިދުމަތްތަކުގެ އިތުރުން، އޮފީހަކުން ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށްޓަކައި، އޮފީސް ހުޅުވަން ޖެހިއްޖެ ހިނދެއްގައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ލަފަޔާއެކު، އެ އޮފީހެއްގެ ވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން، އޮފީސް ހުޅުވައިގެން އެ ޚިދުމަތެއް ދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ދަންނަވަން ރައީސް ވިދާޅުވިއެވެ.

އޮފީސްތައް ނުހުޅުވާ ގޮތަށް ހަމަޖެއްސެވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އަންގަވާ އެންގެވުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އޭޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަންވެސް ރައީސް ވިދާޅުވިއެވެ.

ވީމާ، މިފިޔަވަޅުތައް ތަންފީޛު ކުރެއްވުމުގެ ގޮތުން ދައުލަތުގެ އިދާރާތަކުން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކުރައްވަމުން ގެންދެވުމަށް ދެންނެވީމެވެ. އަދި ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖައްސަވާފައިވާ މި ދުވަސްތަކަކީވެސް، ސަރުކާރު ބަންދު ދުވަސްތަކެއް ނޫންކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.