ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނޫސްވެރިނާ ބައްދަލުކުރައްވާ ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން މަޢޫލޫމާތު ޙިއްޞާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ފައްޓަވަމުން ވަނީ ކޮވިޑް-19އާ ގުޅިގެން ކުރެވޭ އެކިއެކި ކަންކަމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ދަރުބާރުގޭގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ މަސައްކަތްތައް ބައްޓަންކުރެވިފައި ވަނީ ޞިއްޙީ ތަޖުރިބާކާރުންގެ އިރުޝާދާ ލަފާގެ މައްޗަށްކަމުގައެވެ. އަދި މި ކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދަތިތަކަކާ ކުރިމަތިލާން ޖެހުނުކަމުގައި ވިއަސް ޞިއްޙީ ތަޖުރިބާކާރުންގެ ލަފަޔާ އިރުޝާދާ އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްޠިމާސްކުރެއްވިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަކީ އެންމެންގެ ރައްކާތެރިކަމަށްޓަކައި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކެއްކަން ފާހަގަކުރައްވަމުން ޙާލަތާ ގުޅޭގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅުއްވަމުންގެންދަވާނެކަމުގައި ވިދާޅުވިއެވެ. އެގޮތުން މިއަންނަ އާދީއްތަ ދުވަހުން ފެށިގެން، އިތުރު އެއް ހަފުތާގެ މުއްދަތަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. އަދި އެ މުއްދަތުގައި ސްކޫލްތަކާއި ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ ކިޔެވުންވެސް ބަންދުވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން، ރާއްޖެއިން އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލެވޭނެކަމަށާއި، އަދި ރިސޯޓުތަކުން އެންމެ ފަހު ފަތުރުވެރިޔާ ފުރާ ތާރީޚުން ފެށިގެން، 14 ދުވަސް ހަމަވުމުން، އެ ރިސޯޓެއްގެ މުވައްޒަފުންނަށް ރިސޯޓުން ފުރައިގެން އެހެން ތަންތަނަށް ދިއުމުގެ ފުރުޞަތު ހުޅުވާލައްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއާ މުޅި އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދިޔަ ނަމަވެސް މިހާލަތުގައި ސަރުކާރުން މަސައްކަތް ކުރައްވަނީ، ޢާންމު ރައްޔިތުންނަށް ލިބޭ ގެއްލުން ވީވަރަކުން ކުޑަކޮށްދިނުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން އަޅުއްވާ ބައެއް ފިޔަވަޅުތަކަށް ބައްލަވާލައްވަމުން ލޯނުތައް އަދާކުރުމުގައްއާއި ލޯނުތައް ދިނުމުގައި ސަރުކާރުން ހަމަޖައްސަވައިދެއްވި ލުއި ގޮތްތައް ރައީސް ތަފްޞީލުކޮށްދެއްވިއެވެ. އަދި ރިސޯޓްތަކާއި ގެސްޓްހައުންތަކާއި އެހެން ވިޔަފާރިތަކަށް މިކަމުން އަރައިގަތުމަށް ސަރުކާރުގެ ފަރާތުން ހޯއްދަވައިދެއްވި ލުއިގޮތްތަކުގެ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ ޙިއްޞާކުރެއްވިއެވެ. މިކަންކަމުގެ އިތުރުން މާލީ ލުއިތަކެއް ރައްޔިތުންނަށް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން މިހާރު 2.5 ބިލިއަން ރުފިޔާގެ އިޤްތިސާދީ އެހީތެރިކަމުގެ ޕެކޭޖެއް އެކުލަވައިލާފައިވާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކަންކަން ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މިޙާލަތުގައި ވިޔަފާރިތަކާއި ޢާންމު ރައްޔިތުންނަށް ލިބޭ ގެއްލުން ވީހާވެސް ކުޑަކޮށްދިނުންކަމަށެވެ. އެގޮތުން ސަރުކާރުން ހުޅުވާލައްވާފައިވާ މިފުރުޞަތުގެ ބޭނުންހިފައި މުވައްޒަފުން ވަޒީފާއިގައި ދެމި ތިބޭވޭގޮތަށް ކަންކަން ހަމަޖައްސަވައިދެއްވުމަށް ވަޒީފާދޭ ފަރާތްތަކުގެ ކިބައިންވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މިދަނޑިވަޅުގައި ރައްޔިތުންނަށް އިތުރު ލުއިފަސޭޙަތައް ހަމަޖައްސަވައިދެއްވުމުގެ ގޮތުން މިހާރު ސަރުކާރުން ރާއްޖޭގެ ހުރިހާ ގޭބިސީއެއްގެ، އޭޕްރިލް އަދި މެއި މަހުގެ ކަރަންޓު ބިލާއި ފެންބިލުން ވަކި އިންސައްތައެއް ސަރުކާރުން ސަބްސިޑައިޒް ކޮށްދިނުމަށް ނިންމަވާފައިވާ ނިންމެވުމުގެ ތަފްޞީލުތަކާއި އަދި އިންޓަނެޓްގެ ޙިދުމަތައްވެސް ރަނގަޅު ލުޔެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތަފްޞީލުވެސް ރައީސް ދެއްވިއެވެ.

ރޯދަމަހަށް ޚާއްޞަކޮށް ސަރުކާރުން ކަންކަން ފަހިކޮށްދެއްވުމުގެ ގޮތުން ކުރައްވަން ރާއްވަވާފައިވާ ކަންކަމަށް އަލިއަޅުއްވާލައްވައި ކުރިއަށް އޮތް ރޯދަމަހު ދަނޑުވެރިން ހައްދާ ބާވަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ފަސޭހަ މަގުތައް ތަނަވަސްކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ދަނޑުވެރިން އުފައްދާތަކެތި އެސް.ޓީ.އޯ މެދުވެރިކޮށް، ހަލާކުނުވެ ތާޒާކަންމަތީ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޓްރޭޑިންގ ޕްލެޓްފޯމެއް ޤާއިމްކުރައްވަން ގަޞްތުކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިހާރުވެސް ކާޑުގެ ބާވަތްތައް ރާއްޖެއަށް ބޭނުންވާ މިންވަރަށް ހުރިކަން ފާހަގަކުރައްވަމުން އެސްޓީއޯއިން މިހާރު މަސައްކަތް ކުރަމުން އަންނަނީ 10 މަސް ދުވަހަށް ވާވަރަށް ހަނޑޫ، ހަކުރު، އަދި 5 މަސް ދުވަހަށްވާ ވަރަށް ފުށުގެ ސްޓޮކެއް، އަންނަ އޭޕްރީލް މަހުގެ 15ގެ ނިޔަލަށް ހަމައަށް ރާއްޖެއަށް ގެނައުމަށްކަމުގައި ރައީސް ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޙާލަތުގައި ރާއްޖެއަށް އެހީތެރިވެދިނުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ވޯލްޑް ބޭންކުން 10 މިލިއަން ޑޮލަރު ދިވެހިރާއްޖެއަށް ލިބިފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

މަސްވެރިންނަށް ހުރި ދަތިތައް ޙައްލުކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކާއި ކިޔަވާކުދިންގެ ލޯނުން ހަމަޖައްސައިދެއްވި ލުއިތައް ފަދަ މަޢުލޫމާތުތައްވެސް މި ޕްރެސްކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ޙިއްޞާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19 އާއި ގުޅިގެން ޤައުމުގައި ކުރިޔަށްދާ އެކިއެކި ކަންކަމާ ގުޅޭގޮތުން ނޫސްވެރިންގެ ކުރެއްވި ސުވާލުތަކަށްވެސް ޖަވާބުދެއްވައި މަޢުލޫމާތު ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިދުވަސްވަރު އެންމެން ގުޅިގެން މަސައްކަތްކުރުމަށާއި އުމުރުން ދުވަސްވީ މީހުންނާއި، ނަފްސާނީ ބަލިތަކުގެ މީހުންނާއި އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވާ މީހުންނަށާއި ކުޑަކުދިންނާ މެދު އޯގާތެރިވެ އަޅާލައި އެހީތެރިވެދިނުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަން ފާހަގަކުރެއްވިއެވެ.