ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށި ފަރީދީނޫރު އަލްފާޟިލް އަޙްމަދު އަކްރަމް ޢައްޔަން ކުރައްވައިފިއެވެ.
އަޙްމަދު އަކްރަމް މި މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި އަޙްމަދު އަކްރަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރެވެ.
އަޙްމަދު އަކްރަމް މީގެ ކުރިން ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމާއި ނައިބު ރައީސްކަމުގެ މަޤާމު ފުރުއްވާފައެވެ. އަދި އަކްރަމް ވަނީ އެ ކޮމިޝަނުގެ ސްޕޯކްސްޕަރސަންގެ މަޤާމުވެސް ފުރުއްވާފައެވެ.
އަޙްމަދު އަކްރަމް އަކީ ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ބްރިޓިޝް ސްކޫލް އޮފް ކޮމަރސްއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.