ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައި ވެސް ފެތުރެމުންދާތީ، އެ ބަލި ފެތުރުން ކުޑަކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ގޮތުން އަޅުއްވަން ނިންމެވި ފިޔަވަޅުތައް، ތިރީގައި މި ވަނީއެވެ.
1.        2020 މާރިޗު 19 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް، ސަރުކާރު ބަންދުކުރެއްވުން.
2.        ސަރުކާރު ބަންދުކުރައްވާ މުއްދަތުގައި، ތިރީގައި މިވާ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރު ކުރެއްވުން.
(ހ)  ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ފާމަސީތަކުގެ ޚިދުމަތްތައް؛
(ށ)  ފެނާއި، ކަރަންޓާއި، ނަރުދަމާގެ ޚިދުމަތް؛
(ނ)  ބްރޯޑްކާސްޓިންގގެ ޚިދުމަތް؛
(ރ)  ފޯނާއި އިންޓަރނެޓުގެ ޚިދުމަތް؛
(ބ)  ބޭންކުތަކުން ދޭ ޚިދުމަތް؛
(ޅ)  ކައްކާ ގޭހާއި ފިޔުލްގެ ޚިދުމަތް؛
(ކ)  ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކާއި ވިޔަފާރި ބަނދަރުތަކުގެ ޚިދުމަތް؛
(އ)  ކަސްޓަމްސްއާއި އިމިގްރޭޝަނާއި އޭވިއޭޝަން ކޮމާންޑުގެ ޚިދުމަތް؛
(ވ)  ސިފައިންނާއި ފުލުހުންގެ ޚިދުމަތް؛
(މ)  ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތް؛
(ފ)  ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ޚިދުމަތާއި ކޯޓުތަކުގެ ޚިދުމަތް؛
(ދ)  ޚާރިޖީ ގުޅުންތަކާބެހޭ ޚިދުމަތް؛
(ތ)  އިޖުތިމާޢީ ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތް؛
(ލ)  ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން މީހުންނާއި ކުދިން ބަލަހައްޓާ މަރުކަޒުތަކުން ދޭ ޚިދުމަތް؛
(ގ)  ޖަލުތަކުގެ ޚިދުމަތް؛  
(ޏ)  ރަށް ކުނިކަހައި ބެލެހެއްޓުމުގެ ޚިދުމަތާއި، ކުނިނަގައި އުކައިލުމުގެ ޚިދުމަތް؛
(ސ) މޫސުމާބެހޭ ޚިދުމަތް.
3.        މަތީގައި ބަޔާންވެ ދިޔަ ޚިދުމަތްތައް ދިނުމުގެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކައި ދައުލަތުގެ އިދާރާއަކުން ކޮންމެހެން މަސައްކަތަށް ނެރުއްވާ މުވައްޒަފުންނާއި، ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެދަށުން 2020 މާރިޗު 12 ވަނަ ދުވަހު އިޢުލާނު ކުރައްވައިފައިވާ "ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު" ގައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅުއްވާ ފިޔަވަޅުތައް އެޅުއްވުމަށްޓަކައި ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް މަސައްކަތަށް ނެރުއްވާ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން މަސައްކަތަށް ނުނެރުއްވުން.
4.        ސަރުކާރު ބަންދުކުރައްވާ މުއްދަތުގެ ތެރޭގައި ދައުލަތުގެ އިދާރާއަކުން ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށްޓަކައި، އެ އިދާރާއެއްގެ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކުން ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުން.
5.        ސަރުކާރު ބަންދުކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، އިޖުތިމާޢީ ގައިދުރުކަން (ސޯޝަލް ޑިސްޓެންސިންގ) ތަންފީޒުކުރުމުގެ ގޮތުން،  ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން ޟަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުން.  

ވީމާ، މި ފިޔަވަޅުތައް އެޅުއްވުމަށް ދައުލަތުގެ އިދާރާތަކުން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކުރައްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.