بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ! ރާއްޖޭގެ ޝަރްޢީ ދާއިރާއަށް ބޮޑެތި އިޞްލާޙުތަކެއް އަންނަމުންދާ މިފަދަ ދަނޑިވަޅެއްގައި، ފަނޑިޔާރުންގެ ޤައުމީ މަހާސިންތާ ބޭއްވޭކަން އެއީ، އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ޝަރްޢީ ދާއިރާއަށް ލިބޭ ވަރަށްބޮޑު ކުރިއެރުމަކަށް ވެގެންދާނެ. އެހެންކަމުން، މި މަހާސިންތާ އިންތިޒާމު ކުރެއްވި ފަރާތަށް، އާދެ! މިނިސްޓަރ އޮފް ޖަސްޓިސް އަލްއުސްތާޛު މުޙަންމަދު ޖަމީލް އަޙްމަދަށާއި، އެމިނިސްޓްރީގެ ވެރިންނަށާއި، އަދި މި މަހާސިންތާއަށް ތައްޔާރުވުމުގައި މަސައްކަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! ޢަދްލު އިންޞާފު ޤާއިމުކޮށް، މީސްތަކުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަކީ، މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް މަތިވެރި އަހަންމިއްޔަތެއް ދެއްވާފައިވާ ކަމެއް. އެކަން މިއަދު އަޅުގަނޑުމެންނަށް އިވިގެންދިޔަ ކީރިތި ޤުރްއާނުގެ އާޔަތްތަކުން ވަރަށް ރަނގަޅަށް އޮޅުންފިލައިފި. އާދެ! މަދަނީ ކޯޓުގެ ޤާޒީ އައްޝައިޚް މުޙަންމަދު ނަޢީމް އަޅުގަނޑުމެންނަށް އިއްވަވައިދެއްވި އާޔަތްތަކުގެ ތެރެއިން އެންމެ ފުރަތަމަ އާޔަތް. އާދެ! ހަމައެހެންމެ، މިނިސްޓަރ އޮފް ޖަސްޓިސް އަލްއުސްތާޛު މުޙަންމަދު ޖަމީލް އަޙްމަދުގެ ވާހަކަފުޅުގައިވެސް އެންމެ ފުރަތަމަ ވިދާޅުވި އާޔަތް މިކަމުގެ ހެތްކަކަށް ފުދޭނެ. އަޅުގަނޑުވެސް އެ މާތް އާޔަތް، ތިޔަބޭފުޅުންނަށް ދަންނަވާލާނަން.

އެ އާޔަތަކީ، މި މަހާސިންތާއާއި ނުވަތަ ޢަދުލު އިންޞާފު ކުރުމުގެ ދާއިރާއާ ވަރަށް ބޮޑަށް ގުޅުންހުރި، އެއިން ވަރަށް މަތިވެރި އިލާހީ ޢިބްރަތްތަކެއް ލިބޭ އާޔަތަކަށްވާތީ.

އާދެ! މާތްﷲ ވަޙީކުރެއްވި "إِنَّ اللَّهَ يَأْمُرُكُمْ أَن تُؤدُّواْ الأَمَـٰنَـٰتِ إِلَى أَهْلِهَا، وَإِذَا حَكَمْـتُم بَيْنَ النَّاسِ أَن تَحْكُمُواْ بِالْعَدْلِ؛ إِنَّ اللَّهَ نِعِمَّا يَعِظُكُم بِهِ؛ إِنَّ اللَّهَ كَانَ سَمِيعاً بَصِيراً" (النساء 58) މާނައަކީ، "ހަމަކަށަވަރުން، އަމާނާތްތައް، އޭގެ އަހުލުވެރިންނަށް އަދާކުރުމަށް، ﷲ ތިޔަބައިމީހުންނަށް އަމުރު ކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމް ކުރާނަމަ، ޢަދްލަށް ޙުކުމް ކުރުމަށްވެސް، އަމުރު ކުރައްވަތެވެ. ހަމަކަށަވަރުން، ﷲ އެކަމަކާމެދު، ތިޔަބައިމީހުންނަށް ވަޢުޡު އިއްވަވާކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން، ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ."

މީގެއިތުރުންވެސް ކީރިތި ޤުރްއާނުގައި ވަރަށްގިނަ އާޔަތްތަކުގައި ޢަދްލު އިންޞާފު ޤާއިމުކުރުމަށް ނުވަތަ ޢަދްލުވެރިވުމަށް ވަނީ އަމުރުކުރައްވައި އިރުޝާދު ދެއްވައި، ވަޞިއްޔަތް ކުރައްވާފައި.

އޭގެތެރެއިން އެއްއާޔަތެއް، އަލްމާއިދާ ސޫރަތުގެ 8 ވަނަ އާޔަތް. އެއާޔަތުގައި މާތްﷲ ވަޙީކުރައްވަނީ، "يَاأَيُّهَاالَّذِينَ آمَنُواْ كُونُواْ قَوَّامِينَ لِلّهِ، شُهَدَاء بِالْقِسْطِ؛ وَلاَ يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَى أَلاَّ تَعْدِلُواْ؛ اعْدِلُواْ هُوَ أَقْرَبُ لِلتَّقْوَى؛ وَاتَّقُواْ اللّهَ؛ إِنَّ اللّهَ خَبِيرٌ بِمَا تَعْمَلُونَ" (المائدة 8) މާނައަކީ، "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށްޓަކައި އެކަލާނގެ ޙައްޤުތައް ފުރިހަމައަށް ޤާއިމުކުރާ، އަދި ޢަދްލަށް ހެކިދޭ ބަޔަކުކަމުގައިވާށެވެ! އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން ޢަދްލުވެރިނުވުމުގެ މައްޗަށް ބާރުއަޅާ ކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން ޢަދްލުވެރިވާށެވެ! އެގޮތް ތަޤްވާވެރިކަމާ ގާތްކަން ބޮޑެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ﷲއީ، ތިޔަބައިމީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

އާދެ! މި މަތިވެރި އާޔަތްތަކުން އެނގޭގޮތުގައި، ޢަދްލު އިންޞާފު ޤާއިމުކުރުމަކީ، އިސްލާމްދީނުގައި ވަރަށްބޮޑު އިސްކަމެއް ދެއްވާފައިވާ ކަމެއް. ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާއަކީ، ވަރަށް މުހިންމު ދާއިރާއެއް. އެ ދާއިރާގައި ހަރަކާތްތެރިވާންޖެހޭ ހުރިހާ ފަރާތްތަކަކުންވެސް ޢަދްލުވެރިވާންޖެހޭ.

އާދެ! އެންމެ ފުރަތަމަ ފަނޑިޔާރުން. ހެކިވެރިން. ކޯޓުތަކުގައި ހެކިބަސް އަދާކުރާ މީހުން. އަދި އެނޫން ގޮތްގޮތުންވެސް މައްސަލަތައް ނިންމުމުގައި ބައިވެރިވާ އެންމެން. މިއިން ކޮންމެ މީހަކުވެސް އެމީހަކާ ހަވާލުވެފައިވާ ކަމެއް ކުރަންޖެހޭނީ، ޢަދްލުވެރިކަމާ އެކީގައި. އަމާނާތްތެރިކަމާ އެކީގައި. އަމާނާތްތައް އޭގެ އަހުލުވެރިންނަށް ތިޔަބައިމީހުން ރައްދުކުރުމަށް މާތްﷲ އަމުރު ކުރައްވައެވެ. އެ އަމާނާތްތައް އޭގެ އަހުލުވެރިންނަށް ރައްދުކުރެވޭނީ، އެކަމާ ހަވާލުވެ ހުންނަ ކޮންމެ މީހަކުވެސް އެމީހެއްގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން. މާތްﷲގެ ވަޖުހަފުޅަށްޓަކައި. ޢަދުލް އިންޞާފު ޤާއިމުކުރުމަށްޓަކައި.

އާދެ! އިސްލާމީ އުޞޫލުތައް ނިޔާކުރާގޮތުގައި، އަދި މިޒަމާނުގެ ދީމުޤްރާޠީ އުޞޫލުތައް ބުނާގޮތުގައިވެސް، ޢަދްލު އިންޞާފުގެ ދާއިރާ ވާންޖެހޭނީ، މިނިވަން، މުސްތަޤިއްލު ދާއިރާއަކަށް. އެހެން އެއްވެސް ފަރާތެއްގެ ނުފޫޒު، އޭގެ މައްޗަށް ނުހިނގާ ދާއިރާއަކަށް. އާދެ! ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާއަކީ، މިނިވަން މުސްތަޤިއްލު ދާއިރާއެކޭ ބުނުމުން، ގިނަ މީހުންގެ ހިތަށް ވަންނާނީ، އެއީ، ސަރުކާރުގެ ނުފޫޒުން މިނިވަންވެފައިވާ ދާއިރާއަކަށްވުމުގެ ވާހަކައޭ އެ ބުނެވެނީ. އެއީވެސް ތެދެއް. ސަރުކާރުގެ ނުފޫޒުތަކުންވެސް ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާ މިނިވަންވާންޖެހޭނެ. އެކަމަކު ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާ، މިނިވަން މުސްތަޤިއްލު ދާއިރާއަކަށްވާނީ، ހަމައެކަނި ސަރުކާރުގެ ނުފޫޒުން މިނިވަންވެގެނެއް ނޫން. އެހެން ހުރިހާ ނުފޫޒަކުންވެސް މިނިވަންވެގެން. އެހެން މި ދަންނަވަނީ، ފަނޑިޔާރުންގެ މައްޗަށް އެކިއެކި ނުފޫޒު ހިންގުމުގައި ސަރުކާރު ނޫން ފަރާތްތަކަކުންވެސް ކުރެވިދާނެ ނުވަތަ ކުރަމުންދާ މަސައްކަތްތަކެއް ހުންނާތީ. އެ ހުރިހާ ނުފޫޒުތަކަކުން އެއްކިބާވެގެން ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާ އެއީ، މިނިވަން ދާއިރާއެއް ކަމުގައިވާނީ.

އާދެ! ރާއްޖޭގެ ޝަރްޢީ ނިޒާމަކީ، ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި އޮންނަފަދަ ޒަމާނީ ނިޒާމަކަށްވުމަކީ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. އަޅުގަނޑު ހުށަހަޅާފައިވާ އިޞްލާޙީ އެޖެންޑާގައިވާ ފަދައިން، ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙުވެގެންދާއިރު، މިކަމަށް މަގުފަހިވެގެންދާ ގޮތަށް ޤާނޫނުއަސާސީ ބައްޓަންވެފައި އޮތުމަކީ، އަޅުގަނޑު ވަރަށް އެދޭ ކަމެއް.

ޢަދްލު އިންޞާފު ޤާއިމުކުރުމަކީ، ވަރަށް ބުރަ ކަމެއް. ވަރަށް އުނދަގޫ ކަމެއް. ވަރަށް ދަތި ކަމެއް. އެއްވެސް ތާރީފެއް ނުލިބޭ ކަމެއް. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އެ ވިދާޅުވި ފަދައިން، ދެ ޚަޞްމުންކުރެ ކޮންމެވެސް އެއް ޚަޞްމަކު އަބަދުވެސް، މައްސަލައެއް ނިމޭގޮތާ ދޭތެރޭ ހިތްހަމައެއްނުޖެހޭނެ. އެމީހެއްގެ ޝަކުވާ އޮންނާނެ. އަދި އަޅުގަނޑުމެންފަދަ ކުޑަކުޑަ ޤައުމެއްގައި، އެންމެން، އެންމެން ދަންނަ ތަނެއްގައި، މި މަޢުލޫމާތުތައް ވަރަށް ފަސޭހައިން ފެތުރިގެންދާނެ. މީހަކު ކަމަކާ ދޭތެރޭގައި ކުރާ ޝަކުވާއަކީ، ހަމައެކަނި އެމީހާ ކުރާ ނުވަތަ އެމީހާގެ ޢާއިލާއަށް އެނގޭ ޝަކުވާއަކަށްވުމުގެ ބަދަލުގައި، މުޅި މުޖުތަމަޢަށް އެ ޝަކުވާ އެނގިގެންދާނެ. އެހެންވީމާ، ޤާޒީންނަށް ރީތި ނަން ލިބުމުގެ ބަދަލުގައި ބައެއްފަހަރަށް އެބޭފުޅުންގެ އެއްވެސް ކުށެއްނެތި، ހުތުރު ނަން ލިބެމުންދާތަން އާދޭ.

މި ފުރްޞަތުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ޢަދްލު އިންޞާފު ޤާއިމުކުރުމުން އެކަންޏަކު ނުފުދެޔޭ. މައްސަލަތައް ޝަރީޢަތަށް ހުށަހެޅުނީމާ، ޙައްޤާއި ޢަދްލާ އެއްގޮތްވާ ގޮތުގެ މަތިން، އިސްލާމީ އުޞޫލުތަކާއި ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ނިމުމުން އެކަނި ނުފުދެޔޭ. އޭގެއިތުރުންވެސް އެބަ ކަމެއް ބޭނުންވެޔޭ. އެކަމަކީ، ޢަދްލު އިންޞާފު ޤާއިމުކުރެވޭކަން، މީހުންނަށް ގަބޫލުކުރެވުން. އާންމުންގެ ނަޒަރުގައި ރާއްޖޭގައި ނުވަތަ އެހެން ޤައުމެއްގައި ނަމަވެސް ޢަދްލު އިންޞާފު ޤާއިމުކުރެވޭކަން ފާޅުވެފައި އޮތުން. މީހުންނަށް އެނގި ގަބޫލުކުރާ ކަމެއްގެ ގޮތުގައި އެކަން އޮތުން. މިއީ، ޝަރްޢީ ދާއިރާއާބެހޭ ޢިލްމުވެރިން ވިދާޅުވެފައިވާ ވާހަކައެއް. އެހެންވީމާ، އަޅުގަނޑުމެންނަށް އެބަޖެހޭ މައްސަލަތައް، ހަމަޔާއި އިންޞާފާ އެއްގޮތަށް ނިންމުމުގެ އިތުރުން، އެކަންތައްތައް ނިމިގެން އެދަނީ، ހަމަޔާއި އިންޞާފާ އެއްގޮތްވާ ގޮތުގެ މަތިންކަން އާންމުންނަށް ގަބޫލުކުރެވޭފަދަ ގޮތަކަށް އަޅުގަނޑުމެން ކަންތައް ކުރަމުން ގެންދަން. މިކަމަށް ފަނޑިޔާރުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން ބޭނުންވޭ.

އާދެ! އެއީ އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މިފަދަ ކުޑަކުޑަ މުޖުތަމަޢެއްގައި އަޅުގަނޑުމެން މިތިބެނީ އެކަކު އަނެކަކާ ގުޅިފައި. ތިމާގެކަމުގެ ގުޅުމުން، ނުވަތަ ރަޙްމަތްތެރިކަމުގެ ގުޅުމުން، ނުވަތަ އެއް ދާއިރާއެއްގައި މަސައްކަތް ކުރުމުގެ ގުޅުމުން، ނުވަތަ ވިޔަފާރީގެ ގުޅުމުން. ނުވަތަ މިނޫންވެސް އެކިގޮތްގޮތުން އަޅުގަނޑުމެން މިތިބެނީ އެކަކު އަނެކަކާ ވަރަށް ބޮޑަށް ގުޅިފައި. މިކަން މިހެން އޮއްވައި، ހުށަހެޅޭ މައްސަލައެއްގެ އެއް ފަރާތަކާ އެ ފަނޑިޔާރުކަމުގެ ވަޒީފާގައި ހުންނަވާ ބޭފުޅަކާ ގުޅުމެއް އޮތް ކަމަށް މީހުންނަށް ދޭހަވާކަމަށްވަންޏާ، ކިތަންމެ ރަނގަޅަކަށް މައްސަލަ ނިންމެވިޔަސް، ހަމަ އެއްކަލަ ގުޅުމުގެ ވާހަކަ ދެކެވޭނެ. އެ އޮންނަ ގުޅުން މީހުންނަށް އޮންނާނީ އެނގިފައި. އަދި ޚާއްޞަކޮށް، އާންމުންގެ ތެރޭގައި ފަނޑިޔާރުންނާއި މެޖިސްޓްރޭޓުންނާއި ޤާޒީން އުޅުއްވާއިރު، އެބޭފުޅުންގެ އަޚްލާޤީ ކަންތައްތައް ހުންނަ ގޮތަކާއި، ސުލޫކު ހުންނަ ގޮތަކާއި، މީހުންނާ މުޢާމަލާތް ކުރައްވާ ގޮތަކުންވެސް އެބޭފުޅުން ނިންމަވާ މައްސަލަތަކަށް ހިޔަނި އެޅޭގޮތްވެދާނެ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ މި ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ވިސްނަން.

އާދެ! މާތް ﷲ މި ދުނިޔެއަށް ފޮނުއްވި އެންމެ މާތް އިންސާނަކީ، محمّـد صـلّى اللّه علـيـه وسـلّم މާތް ރަސޫލާ. އެންމެ ވިސްނުންފުޅު ތޫނު، ހުރިހާ ގޮތަކުންވެސް އެންމެ ޢަދްލުވެރި އިންޞާފުވެރި އިންސާނަކީ، محمّـد صـلّى اللّه علـيـه وسـلّم މާތް ނަބިއްޔާ. އެކަލޭގެފާނު ވިދާޅުވެފައިވަނީ ކީކޭތޯ؟ އެކަލޭގެފާނު ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައިވޭ.

"ތިޔަބައިމީހުން، ތިޔަބައިމީހުންގެ މައްސަލަތައް ހިފައިގެން ތިޔަ އަންނަނީ ތިމަންކަލޭގެފާނުގެ އަރިހަށޭ. ތިމަންކަލޭގެފާނަކީ، އިންސާނަކީމޭ. ތިޔަބައިމީހުންގެ ތެރެއިން ބައެއް މީހުން އެހެން މީހުންނަށްވުރެ ބަލާޣާތްތެރިކަން ބޮޑޭ. ފަޞާޙާތްތެރިކަން ބޮޑޭ. ވާހަކަދެއްކުން މޮޅޭ. އެހެންވީމާ، ތިމަންކަލޭގެފާނު ތިޔަބައިމީހުން ތިޔަ ދައްކާ ވާހަކަތައް އަޑު އައްސަވާފައި، ޙުކުމްކުރައްވަނީ ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅަކަށޭ. އެހެންނަމަވެސް، ތިމަންކަލޭގެފާނަކީ އިންސާނަކީމޭ. އެހެންވީމާ، ތިޔަބައިމީހުންގެ އަޚަކަށް ލިބެންވާ ޙައްޤެއް ތިޔަބައިމީހުންގެ ތެރެއިން އެހެން މީހަކަށް ދެއްވާގޮތަށް ތިމަންކަލޭގެފާނަށް ނިންމެވިއްޖިއްޔާ، އެމީހާ ދަންނާށޭ، އެމީހާ އެ ހިފަނީ އަނގުރު އަލިފާންގަނޑެއްގަޔޭ."

އެހެންވީމާ، اللّـه سبحـانـه وتعـالٰى އެންމެމޮޅު ވިސްނުމާއި، އެންމެމޮޅު ޤާބިލިއްޔަތު ދެއްވި އެކަލާނގެ ރަސޫލާ، އަޅުގަނޑުމެންނަށް މި އަންގަވަނީ، މީސްތަކުން ތިމަންކަލޭގެފާނު އަރިހަށް އައިސް، އެކިއެކި މައްސަލަތައް ހުށަހެޅީމާ، އެ ދެ ޚަޞްމުންކުރެ ކޮންމެ ޚަޞްމަކުވެސް ދައްކާ ވާހަކައަށާއި، ދައްކާ ހެކިތަކަށާއި ޤަރީނާތަކަށް ބައްލަވާފައި، ތިމަންކަލޭގެފާނު ޙުކުމް މި ކުރައްވަނީ، ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ގޮތަކަށޭ. އެހެންނަމަވެސް، ތިމަންކަލޭގެފާނު އަރިހަށް އަންނަ މީހުންގެ ތެރެއިން މޮޅަށް ވާހަކަދައްކާ މީހުންނާއި، ވާހަކަދައްކަން ނޭނގޭ މީހުންނާއި، އެމީހެއްގެ ހެތްކާއި ދަލީލާއި ޤަރީނާ ހުށަހެޅުމުގައި ކުޅަދާނަކަން ލިބިގެންވާ މީހުންނާއި، ކުޅަދާނަކަން ލިބިގެންނުވާ މީހުން ތިބެޔޭ. ތިމަން ކަލޭގެފާނަކީ އިންސާނެކޭ. އެހެންވީމާ، މޮޅަށް ވާހަކަދައްކާ މީހާގެ އަޑު އެއްސެވުމަކީ ހަމަ އެކަށީގެންވޭ ކަމެކޭ. އެހެންވިނަމަވެސް، މޮޅަށް ވާހަކަ ދައްކާ މީހާ ދެއްކި ވާހަކައިގެ މޮޅުކަމުންނާއި ބަލާޣާތްތެރިކަމުންނާއި، އޭނަ ދެއްކި ދަލީލުތަކުގެ ފުރިހަމަކަމުން ނުޙައްޤު އެއްޗެއް އޭނައަށް ތިމަންކަލޭގެފާނަށް ދެއްވިދާނެޔޭ. އެހެން ދެއްވިއްޖިއްޔާ، އެމީހާ ދަންނާށޭ. އެއީ ހަމަ އަލިފާންގަނޑެކޭ އެމީހާ އެ ހިފަނީ. އޭގައި ހިފައިގެން ނުވާނެޔޭ.

އެހެންވީމާ، މިހާ އުނދަގޫކޮށް އޮންނަ ކަމެއް، ޢަދުލު އިންޞާފު ޤާއިމުކުރުމަކީ. އެހެންވީމާ، ކީރިތި ރަސޫލާއަށް މި މައްސަލަ މިގޮތަށް ކުރިމަތިވެގެން، އެވާހަކަ އެހެން ވިދާޅުވެފައި އޮތުމުން، އަޅުގަނޑުމެން ވިސްނާލަންޖެހޭ، އަޅުގަނޑުމެން އާދައިގެ އިންސާނުންނަށް، މިތިއްބެވި ފަނޑިޔާރުންނަށް، ނުވަތަ ތިތާ ތިއްބެވި ފަނޑިޔާރުންނަށް، ކިހިނެއްތޯ މިކަން ވާނީ. މިއީ ފަސޭހަ ކަމެއްތޯ. އެއްގޮތަކަށްވެސް ފަސޭހަ ކަމެއް ނޫން. އެހެންނަމަވެސް، ދީނުގައި ވަކި ހަމަތަކެއް ކަނޑައަޅުއްވާފައިވޭ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ވަކި ޤާނޫނުތަކެއް ހެދިފައި އެބައޮތް. ޝަރީޢަތްތައް ހިންގުމުގެ ގަވާއިދުތަކެއްވެސް އެބައޮތް. އެ ހުރިހާ ކަމެއް ބަލައިގެން، އެޔާ އެއްގޮތަށް ޢަމަލުކުރެވޭތޯ ބެލުމަކީ، އަޅުގަނޑުމެންގެ ވާޖިބެއް.

އާދެ! އެހެންވީމާ، ޢަދްލު އިންޞާފު ޤާއިމުކުރުމުގައި ޝަރީޢަތްތައް ރަނގަޅަށް ނިންމުމުގެ އިތުރަށް، އެ ޝަރީޢަތްތައް ނިމެމުންދަނީ ރަނގަޅަށްކަން އެހެން މީހުންނަށްވެސް ގަބޫލުކުރެވޭފަދަ ގޮތަކަށް ޝަރީޢަތްތައް ނިމެމުން ދިޔުމުގެ މުހިންމުކަން ބޮޑުކަމުގެ ވާހަކަ އަޅުގަނޑު މި ދަންނަވާލީ.

އާދެ! ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރެއްވުމަށްޓަކައި، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވަރަށް މުހިންމު މަސައްކަތްތަކެއް ވަނީ މިނިސްޓްރީ އޮފް ޖަސްޓިހުން ކުރައްވާފައި. ތަފާތު ވަޒީރުން ތިއްބަވައިގެން، އެ މަސައްކަތްތައް ވަނީ ފަށްޓަވާފައި. އަދި ކުރައްވާފައި. އަދި ތަރައްޤީ ކުރައްވާފައި. މިނިސްޓަރ އޮފް ޖަސްޓިސް އަލްއުސްތާޛު މުޙަންމަދު ޖަމީލު އަޙްމަދު، އެމިނިސްޓްރީއާ ޙަވާލުވެވަޑައިގެން ފަހުންވެސް މިވަނީ ވަރަށްގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައި. އަދި އާ ކަންތައްތަކެއް ތަޢާރުފު ކޮށްދެއްވާފައި. ޝަރްޢީ ދާއިރާ ތަރައްޤީ ކުރެއްވުމަށްޓަކައި ކުރައްވާފައިވާ މަސައްކަތްތައް ބަޔާންކުރައްވައި، އެ މިނިސްޓްރީއިން ތައްޔާރުކުރެއްވި ފޮތެއް، ދެންމެ ވަނީ މިނިސްޓަރ އޮފް ޖަސްޓިސް އަޅުގަނޑާ ޙަވާލުކުރައްވާފައި. އެކަމަށްޓަކައި، މިނިސްޓަރަށާއި އެމިނިސްޓްރީގެ ވެރިންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ރާއްޖެ މިދަނީ ހުރިހާ ރޮނގަކުންވެސް ކުރިއަށް. އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންވެސް މިދަނީ ވަރަށް ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އަޅަމުން. މިފަދަ ދަނޑިވަޅެއްގައި، އަޅުގަނޑުމެންނަށް މި ލިބޭ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމާ ފައިހަމަވާ ގޮތެއްގައި އަޅުގަނޑުމެންގެ ޝަރްޢީ ނިޒާމުވެސް ކުރިއަށްދިޔުމަކީ، ވަރަށް މުހިންމު ކަމެއް. އެކަން އެހެންވާނީ، ވަރަށްގިނަ ކަންތައްތަކެއް ހަމަޖެހިގެން. މިސާލަކަށް، އަޅުގަނޑުމެންގެ ރާއްޖޭގައި ބޭރުގެ ވަރަށްގިނަ ފަރާތްތަކުން މިހާރުދަނީ އިންވެސްޓް ކުރަމުން. އެމީހުންގެ ފައިސާ ރާއްޖެއަށް ގެނެސް، އެކިއެކި އިޤްތިޞާދީ ބޮޑެތި މަސައްކަތްތައް ފަށައި ހިންގަމުން. އެމީހުންނަށް، އެމީހުންގެ ޙައްޤުތައް ލިބިދެވެންވާނެ. އެހެންވީމާ، ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރާ މުޢާމަލާތްތަކުގައި ހުރިހާ ފަރާތެއްގެ ޙައްޤުތައްވެސް ފުރިހަމައަށް ރައްކާތެރިކުރެވޭ ގޮތަކަށް، ޤާނޫނުތަކާއި ގަވާއިދުތަކާއި ޝަރްޢީ ނިޒާމު ބައްޓަން ކުރެވިފައި އޮތުމަކީ، ވަރަށް މުހިންމު ކަމެއް.

ހަމައެހެންމެ، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، ރާއްޖޭގެ އެންމެންނަށް، އެމީހަކު ހުރި ތަނަކުން ޢަދްލު އިންޞާފަށް ވާސިލުވެވޭނެ ގޮތްވެސް ހަމަޖެހިފައި އޮންނަންވާނެ. އާދެ! އެ ވިދާޅުވީ ތެދުފުޅެއް. 1979 ވަނަ އަހަރު، އޭރު ހުރި އަތޮޅު ކޯޓުތައް، ރަށުކޯޓުތަކަކަށް ބަދަލުވެގެންދިޔައީ. އޭރު ހުރީ، ކޮންމެ އަތޮޅެއްގައި އަތޮޅު ކޯޓެއް. އެހެންނަމަވެސް، އެހެން ހުރީމާ އެހެން ރަށްރަށުގެ މީހުންނަށް، ޢަދްލު އިންޞާފަށް ވާސިލުވުމުގެ މަގު ދަތިވާތީ، އޭރު ހަމަޖެއްސީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ކޯޓެއް ހުންނަ ގޮތަށް. ވަރަށްބޮޑު ޚަރަދެއް ހިނގާ ކަމެއް. އެހެން ނަމަވެސް، އެއީ ސަރުކާރުން ދުށްގޮތުގައި އެކަން އޮންނަންވާނެ ގޮތަކީ. އެމީހަކު ހުރި ތަނަކުން އެމީހަކަށް އެމީހެއްގެ ޙައްޤު ލިބިދެވެންވާނެ. ދަތުރުކޮށްފައި ގޮސްގެނެއް ނޫން. އެހެންވީމާ، އެގޮތުގެ މަތިން ރަށުކޯޓުތައް އުފެދި ހިނގަމުން އެ އަންނަނީ. އެހެންވީމާ، މިއީ ކުރިއަށް އޮތް ތާނގައިވެސް، އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް. އެމީހަކު ހުރި ތަނަކުން އެމީހެއްގެ ޙައްޤު އެމީހަކަށް ހޯދައިދެވޭގޮތް އޮތުން އެއީ ވަރަށް ބޭނުންތެރި ކަމެއް.

ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި، ޝަރްޢީ ދާއިރާގައިވެސް އިންފޮމޭޝަން ޓެކްނޯލޮޖީގެ ބޭނުން ވަރަށް ބޮޑަށް ކުރަމުންދޭ. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އެވާހަކަ ވިދާޅުވެއްޖެ. އަޅުގަނޑުވެސް ދަންނަވާލަން ބޭނުން ވާހަކައަކީ، ރާއްޖެކަހަލަ ދުރުދުރުގައި ޖަޒީރާތަކެއް އޮންނަ ޤައުމެއްގައި މިކަން ވަރަށް މުހިންމޭ. އިންފޮމޭޝަން ޓެކްނޯލޮޖީގެ ބޭނުންކޮށްގެން، އަޅުގަނޑުމެންނަށް ދުރު ތަންތަން ކައިރިކުރެވިދާނެ. އެހެންވީމާ، އޭގެ ބޭނުންކޮށްގެން ކޮންމެވެސްކަހަލަ ނެޓްވާރކަކުން ގުޅިގެން ކޯޓުތަކުން ކުރާ މަސައްކަތްތައް ވިލަރެސްކޮށް ހަރުދަނާކޮށް، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އަވަހަށް ޚަރަދުކުޑަގޮތަކަށް ޝަރީޢަތްތައް ނިމުމުގެ ކަންތައްތައް ކުރިޔަށް ގެންދެވިދާނެ. އަޅުގަނޑު ދެކޭގޮތުގައި، އެކަމަށް މަސައްކަތް ކުރުމަކީ، ވަރަށް މުހިންމު ކަމެއް. މިނިސްޓަރު އެ ވިދާޅުވީ، އެކަމަށް މަސައްކަތް ކުރައްވާ ވާހަކައާއި، އެކަމާބެހޭ ޚާއްޞަ ސޮފްޓްވެއަރއެއް ތައްޔާރުކުރައްވާ ވާހަކަ. މިކަންކަން ފުރިހަމަވީމާ އަޅުގަނޑުހިތުން އެއީ، ރާއްޖޭގެ ރައްޔިތުންނަށް ލިބޭ ވަރަށްބޮޑު ފަސޭހައަކަށް ވެގެންދާނެ.

ދެންމެ އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ. ލަސްވެފައި ހުންނަ މައްސަލަތައް ނިންމެވުމަށް އަޅުއްވަމުން ގެންދަވާ ބާރުގެ ވާހަކަ. އެކަމަށްޓަކައި، އަޅުގަނޑު މިނިސްޓަރަށާއި، އަދި މިނިސްޓްރީ އޮފް ޖަސްޓިސްގެ ވެރިންނަށާއި، އަދި މިކަމުގައި އުޅުއްވާ ހުރިހާ ފަނޑިޔާރުންނަށާއި، ޤާޒީންނަށާއި، މެޖިސްޓްރޭޓުންނަށް، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އޭނާ އެ ވިދާޅުވިގޮތުގައި، މިހާރު އެއް އަހަރަށްވުރެ ގިނަދުވަސްވެފައިވާ މައްސަލަ، ނުނިމިހުރި މައްސަލަތަކުގެ ޢަދަދަކީ 96 ކަންނޭނގެ. އެވަރު ކުޑައަދަދަކަށް ވެގެން ހިނގައްޖެ. އެއީ ވަރަށްބޮޑު ކުރިއެރުމެއް ކަމުގައި އަޅުގަނޑު ދެކެން. އަދި އެވިދާޅުވީ، އިރާދަކުރެއްވިއްޔާ މި އަހަރު ނިމޭއިރު، އެއް އަހަރަށްވުރެ ގިނަދުވަސްވެފައި ހުރި މައްސަލައެއް ކޯޓުތަކަކު ނުހުންނާނެޔޭ. އެހެންކަމަށް ވެއްޖިއްޔާ، އެއީ އަޅުގަނޑުހިތުން ރައްޔިތުންނަށް ލިބޭ ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމަކަށް ވެގެންދާނެ ކަމެއް.

އާދެ! ރާއްޖޭގެ ޝަރްޢީ ނިޒާމު އިތުރަށް ހަރުދަނާ ކުރެވޭނީ، ހުރިހާ ވަސީލަތްތަކެއްވެސް ޤާއިމުކުރެވިގެން. މާލީ ވަސީލަތްތަކާއި، އިދާރީ ވަސީލަތްތަކާއި، އަދި އެންމެ މުހިންމު ވަސީލަތް ކަމުގައިވާ އިންސާނީ ވަސީލަތްތައް. ކަމަށް ޤާބިލް މީހުން އުފެއްދިގެން. ޝަރްޢީ ދާއިރާއަށް ބޭނުންވާ މީހުން، ބޭނުންވާ އަދަދަށް، ބޭނުންވާ ފެންވަރަށް އުފެއްދިގެން. އަދި އެ ދާއިރާއާ ގުޅުންހުރި އެހެން ދާއިރާތަކަށްވެސް، ބޭނުންވާ މީހުން، ބޭނުންވާ ފެންވަރަށް، ބޭނުންވާ އަދަދަށް އުފެއްދިގެން. އެހެންވީމާ، މިކަމުގައި ސަރުކާރުގެ ހުރިހާ ފަރާތްތަކަކުން ވަރަށް ބޮޑަށް ވިސްނާވަޑައިގެން، އެހުރިހާ ފަރާތްތަކަކުން އެއްބާރުލައްވައިގެން މިކަން ޙަޤީޤަތަކަށް ހެއްދެވޭތޯ ބެއްލެވުމަކީ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް.

އާދެ! ރާއްޖެއަކީ، ޒަމާނުއްސުރެ އިސްލާމީ ޤައުމެއް. އާދެ! ހިޖުރީ ގޮތުން 548 ވަނަ އަހަރުން ފެށިގެން ރާއްޖެއަކީ، އިސްލާމީ ޤައުމެއް. މާތްވެގެންވާ އިސްލާމްދީނުގައި ޢަދްލު އިންޞާފު ޤާއިމުކުރުމަށް ދެއްވާފައިވާ އަހަންމިއްޔަތުގެ ވާހަކަ، ކޮންމެވެސްވަރަކަށް ދަންނަވާލެވިއްޖެ. ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި، ޚަލީފާއިންގެ އެންމެ އިސް ވާޖިބުތަކުގެ ތެރޭގައި ހިމެނެނީ، ދީނީ ޝިޢާރު ފާޅުކުރުމާއި، ދައުލަތުގެ ސަރަޙައްދީ ރޮނގު ދިފާޢުކޮށް ބެލެހެއްޓުމާއި، ޢަދްލު އިންޞާފު ޤާއިމުކުރުން. އެހެންވީމާ، މިއީ އެންމެ ކުރީ ޒަމާނުން ފެށިގެން، އެންމެ ފުރަތަމަ رســول اللّـه صـلّى اللّـه علـيـه وسـلّم ދުނިޔޭގައި އުޅުއްވި ދުވަސްވަރު އެކަލޭގެފާނު އެންމެ އިސްކަންދެއްވި ކަންތައްތައް. އޭގެފަހުން ވަޑައިގެންނެވި ހުރިހާ ޚަލީފާއިންވެސް އެންމެ އިސްކަންދެއްވި ކަންތައްތައް. އަދި ހުރިހާ އިސްލާމީ ޤައުމުތަކެއްގެ ވެރިންވެސް އިސްކަން ދެއްވަމުން އައިސްފައިވާ ކަންތައްތަކެއް. ރާއްޖޭގައިވެސް މިކަމަށް އެއިރަކު ތިއްބެވި ވެރިން ވަނީ ވަރަށްބޮޑު އިސްކަމެއް ދެއްވާފައި.

އެހެންވީމާ، ރާއްޖޭގެ ޝަރްޢީ ނިޒާމަކީ، މިއަދު އުފެދުނު ނިޒާމެއް ނޫން. އެތައް ސަތޭކަ އަހަރެއް ކުރިއްސުރެ ފެށިގެން އުފެދިގެން ހިނގަމުން އަންނަ އަދި ޒަމާނާ އެކަށީގެންވާ ގޮތަކަށް ބަދަލުވަމުން އަންނަ، ތަރައްޤީވަމުން އަންނަ ނިޒާމެއް. މި ނިޒާމު އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމަކީ، މިވަގުތު އަޅުގަނޑުމެން ކުރަން ޖެހިފައިވާ ކަމެއް. އެހެންވީމާ، މި ވޭތުވެދިޔަ ތާނގައި، މިނިސްޓްރީ އޮފް ޖަސްޓިހުންނާއި، އަދި ރާއްޖޭގެ ކޯޓުތަކުން އަޅުގަނޑުމެންގެ ޝަރްޢީ ނިޒާމު އިތުރަށް ހަރުދަނާކުރައްވައި ތަރައްޤީ ކުރެއްވުމަށް ކުރައްވާފައިވާ މަސައްކަތްތަކަށްޓަކައި، އެ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ޚާއްޞަކޮށް، މިހާތަނަށް ޖަސްޓިސް މިނިސްޓަރުގެ މަގާމު ފުރުއްވި ބޭފުޅުންނަށާއި، އެ މިނިސްޓްރީ ވަގުތީގޮތުން ހިންގަވައިދެއްވި ބޭފުޅުންގެ މަތިން އަޅުގަނޑު ހަނދާންކޮށް، އެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އޭގެތެރޭގައި، ފަޟީލަތުލް އުސްތާޛުއްޝައިޚް މޫސާ ފަތުޙީ، ފަޟީލަތުލް އުސްތާޛުއްޝައިޚް މުޙަންމަދު ރަޝީދު އިބްރާހީމް، އަލްފާޟިލް އަޙްމަދު ޒާހިރު، އަދި މިހާރުގެ މިނިސްޓަރ އަލްއުސްތާޛު މުޙަންމަދު ޖަމީލް އަޙްމަދު ހިމެނިވަޑައިގަންނަވާ. އެ ހުރިހާ ބޭފުޅުންނަށް، އެބޭފުޅުންނަށް ޙައްޤުވެގެންވާ ޝުކުރު ދެންނެވުމަކީ، މިއަދު އަޅުގަނޑަށް ލިބޭ އުފަލެއް. އަދި މިދެންނެވި ބޭބޭފުޅުންގެ އިތުރުން، ވަގުތީގޮތުން ޖަސްޓިސް މިނިސްޓްރީ ހިންގަވައިދެއްވި އަލްއުސްތާޛު ޢަބްދުﷲ ޙަމީދާއި، ޑޮކްޓަރ މަޙްމޫދު ޝައުޤީއާއި ދެބޭފުޅުން، ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ދައުރުގައި އެކޮށްދެއްވި އަގުހުރި ޚިދްމަތް ހަނދާންކޮށް، އެދެބޭފުޅުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! މިވާހަކަތައް ދަންނަވާލުމަށްފަހުގައި، މާތްﷲ ގެ އިސްމުފުޅުގެ ބަރަކާތުން، "ފަނޑިޔާރުންގެ ޤައުމީ މަހާސިންތާ 2006" ހުޅުވައިދިނުމުގެ އުފަލާއި ޝަރަފު، އަޅުގަނޑު ލިބިގަންނަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالٰى އަޅުގަނޑުމެން އެންމެންނަށް، ތެދުމަގު ދައްކަވައި، އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވައި، އަދި އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގައި ބަރަކާތް ލައްވައި، އަދި ޚާއްޞަކޮށް، ޢަދްލު އިންޞާފު ޤާއިމުކުރުމާއި، ރައްޔިތުންނަށް، އެބައިމީހުންގެ ޙައްޤުތައް ލިބިދިނުމުގައި، އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތްތަކަކީ، ކާމިޔާބު މަސައްކަތްތަކެއް ކަމުގައި އެކަލާނގެ ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.