بســم اللّـه الرّحمـن الرّحيــم

އާދެ! މިއަދު ތިޔަބޭފުޅުން ޓޫރިޒަމް މިނިސްޓްރީގެ ފަރާތުންނާއި، އަދި ޕްރޮމޯޝަން ބޯޑާއި އަދި ސްޕޮންސަރ ކުރެއްވި ފަރާތުން ވަޑައިގެން، ދިވެހިރާއްޖެއަށް މި ލިބުނު ރީތި ނަމުގެ ސެޓްފިކެޓް އަޅުގަނޑަށް ހަދިޔާކުރެއްވިކަމަށްޓަކައި، މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ މަޙްމޫދު ޝައުޤީއަށާއި، އަދި ޓޫރިޒަމް ބޯޑުގެ އިސްބޭފުޅުންނަށާއި، ސްޕޮންސަރ ކުރެއްވި ފަރާތަށް، ޚާއްޞަކޮށް ފާޚިރު ވަޑައިގެން އިންނެވީމާ، ފާޚިރަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑު ދެކޭގޮތުގައި، މިއީ ރާއްޖެއަށް ލިބުނު ވަރަށް ރީތި ނަމެއް. އެއްފަހަރާ އެންމެ ގިނަބަޔަކު ޑައިވްކުރުމުގެ ރެކޯޑު ރާއްޖޭގައި މިއޮތީ، މި އަހަރު ޤާއިމުކޮށްފައި. ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު. މީގެކުރިން އަޅުގަނޑު ހިތުން ތައިލެންޑްގައި އޮތީ އެ ރެކޯޑު ޤާއިމުކޮށްފައި. މިފަހަރު ހަނދާންވާގޮތުގައި 958 މީހުން ދޮގެއްތޯ، ރާއްޖޭގައި މި ޑައިވްގައި ބައިވެރިވީ. އެހެންވީމާ، މިއީ އަޅުގަނޑު ހިތުން ރާއްޖެކަހަލަ މުޅި ދުނިޔެއަށް މިހާރު ފަތުރުވެރިކަމުގެ ދާއިރާއަށް މަޝްހޫރުވަމުންދާ ޤައުމަކަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް. އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު އިޝްތިހާރެއް.

ދެން އެދުވަހު އެކަމުގައި ބައިވެރިވުމަކީ، އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. ތިޔަބޭފުޅުން ދެއްވި ދަޢުވަތު ގަބޫލުކޮށްގެން އަޅުގަނޑު އެތަނަށް ދިޔައީ. އެ މަންޒަރު އަޅުގަނޑު ދުށިން. ހިސާބަކަށް އަމިއްލައަށް ފޮޓޯވެސް ނަގާ ހެދިން. ދެން އެތާ އެމީހުންނާއެކީ ބައިވެރިވެލުމަކީ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލަކަށް އެދުވަހުވި، އޭގެފަހުން އޮތް ޙަފްލާގައި ބައިވެރިވުންވެސް އެއީ.

އެހެންވީމާ، މިހާރު ތިޔަ ދެއްވި ހަދިޔާއަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ތިޔައީ އަޅުގަނޑު ވަރަށް އަގުހުރި ހަދިޔާއެއް ކަމަށް ބަލާނެ ހަދިޔާއެއް. ވަރަށްމޮޅު ސެޓްފިކެޓެއް ރާއްޖެއަށް ލިބުނު. އެހެންވީމާ، އިރާދަކުރެއްވިއްޔާ ތިޔަ ވިދާޅުވި ގޮތުގެ މަތިން އަޅުގަނޑުގެ އަތުގައި އެ ބާއްވާނަން.

ދެން އަދި އަޅުގަނޑު އެދެނީ، ރާއްޖޭގެ ފަތުރުވެރިކަން މިހާރަށްވުރެވެސް ބޮޑަށް މުޅި ދުނިޔެއަށް އިޝްތިހާރުވެގެން ދިޔުން. އަދި ރާއްޖޭގައި ގާއިމުކުރެވޭ މިކަހަލަ ރެކޯޑުތައްވެސް އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން ދިޔުން.

ހަމައެޔާއެކީގައި މި ސްޕޮންސަރ ކުރެއްވި ފަރާތަށް، ދިރާގަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މިބޭފުޅުންވެސް ރާއްޖޭގެ ފަތުރުވެރިކަމަށާއި އަދި ވިޔަފާރިއަށް ކުރައްވާ ޚިދްމަތުގެ އަގު އަޅުގަނޑު ވަޒަންކޮށް، މިއަދު މިވާހަކަ ދަންނަވާލަން އަޅުގަނޑު ބޭނުންވޭ.

އެހެންވީމާ، މި ހުރިހާ ފަރާތެއް ގުޅިގެން ރާއްޖެއަށް އިތުރު ކުރިއެރުމާއި ތަރައްޤީއާއި އިތުރު މަޝްހޫރުކަން ހޯއްދެވުމަށް ކުރައްވާ މަސައްކަތްތަކުގައި މާތް ﷲ ބަރަކާތް ލައްވައި، ތިޔަ ހުރިހާ ބޭފުޅުންނަށް ކާމިޔާބު ދެއްވާނެކަމަށް އަޅުގަނޑު އުންމީދުކުރަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.