1. ސުވާލު (ޓެލެވިޜަން މޯލްޑިވްސް):

ރައީސް ޤަޠަރަށް މިކުރެއްވި ދަތުރުފުޅުގައި، އަމީރު ރައީސް އަރިހަށް ޒިޔާރަތެއް ކުރެއްވި. އެޒިޔާރަތުގެ ތަފްޞީލެއް ދެއްވިދާނެތޯ؟

ޖަވާބު: (ރައީސުލްޖުމްހޫރިއްޔާ)

އާދެ! އަޅުގަނޑު މިއަދު ފުރަން ހަމަޖެހިފައި އޮތުމާ އެކީގައި، އަމީރު ރޭގައި އަޅުގަނޑު ހުރި ހޮޓަލަށް ވަޑައިގެން، ޒިޔާރަތްކުރެއްވި އަދި ވަރަށް އޯގާތެރިގޮތަކަށް އެކަން އެގެންދެވީ. އެއީ އަމީރު ވިދާޅުވިގޮތުގައި، އެވަގުތު އޭނާ ހުންނެވީ، ދޯހާއިން ބޭރުގައި. ގާތްގަނޑަކަށް ތިންގަޑި ބައިގެ ކާރުގެ ދަތުރުފުޅަކަށްފަހުގައި، ހަމަ ކަމާކަންފަށާ އަޅުގަނޑާ ބައްދަލުކޮށްލައްވަން ވަޑައިގަތީ. އެއީ އަޅުގަނޑަށް އަލްވަދާޢު ވިދާޅުވުމަށްޓަކައި. މިއަދު ހެނދުނު ދަތިފުޅުވާނެތީ.

އަމީރު ވަޑައިގެން އަޅުގަނޑުމެންގެ ދެޤައުމުގެ ދޭތެރޭގައި އޮތް ގުޅުން ބަދަހިކުރުމަށް އަޅުގަނޑުމެން ދެއްކި ވާހަކަތަކުގެ މައްޗަށް ބައްލަވައިލައްވައި، ވަރަށްބޮޑު ޔަޤީންކަމެއް ދެއްވި. ޤަޠަރު ސަރުކާރުންނާއި ޤަޠަރުގެ ކަމާބެހޭ ފަރާތްތަކުން ވަރަށް އަވަހަށް ރާއްޖެއަށް ޒިޔާރަތްކުރައްވައި، ރާއްޖެ ކުރިއަށް ދިޔުމަށް ބޭނުންވާ ކަންތައްތަކުގައި، އެބޭފުޅުންގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމަށް.

މިއީ ވަރަށް ރަނގަޅު ބައްދަލުވުމަކަށްވި. އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދެންނެވިން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން.

އަޅުގަނޑުމެން އެންމެ ބޮޑަށް މަސައްކަތްކުރީ، ދެތިން ހަތަރު ދާއިރާއެއްގައި ޤަޠަރުގެ އެއްބާރުލެއްވުން ލިބޭތޯ. އެއީ، ސުނާމީ ކާރިސާއިން ސަލާމަތްވުމުގައި އަދިވެސް އަޅުގަނޑުމެންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމުގައި. އެއީ އެއްކަމެއް. އަނެއްކަމަކީ، އަޅުގަނޑުމެންގެ ބަޖެޓު ވަރަށް ބޮޑަށް ޑެފިސިޓްވެފައި އޮތީމާ، އެކަމަށްވެސް ކޮންމެވެސްކަހަލަ އެހީއެއް ޤަޠަރު ސަރުކާރުން ވެދެއްވާތޯ.

ދެން އޭގެއިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި އެބޭފުޅުން އިންވެސްޓް ކުރައްވަން ބޭނުންފުޅުވ ކަމަށް ވިދާޅުވީމާ، އެކަމާ ބެހޭގޮތުންވެސް ވާހަކަ ދެކެވުނު. އަދި ދެޤައުމު ގުޅިގެން އެއަރލައިނެއް، ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިނެއް ޤާއިމުކުރުމުގެ ވާހަކަވެސް ދެކެވި، އެކަމާ ބެހޭގޮތުން އެބޭފުޅުން މިހާރު ފީޒިބިލިޓީ ސްޓަޑީއެއް ހައްދަވ ކަމަށް ވިދާޅުވި. އެހެންވީމާ، ޤަޠަރުގެ ބޭފުޅުން ވަރަށް އަވަހަށް ރާއްޖެ ވަޑައިގެން، މިކަންކަން ބައްލަވައި، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި.

2. ސުވާލު (ޓެލެވިޜަން މޯލްޑިވްސް):

ދެން ޤަޠަރު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، މުޅި ޤަޠަރުގައި ހަމަ ގާތްގަނޑަކަށް ދިވެހި ދިދައާއި ޤަޠަރުގެ ދިދަ ނެގިފައި ހުރިތަން. އެހެންވީމާ، އެދެންނެވި މަރްޙަބާއާ ދޭތެރޭގައި ހިތްޕުޅުހަމަޖެހިވަޑައިގަންނަވާތޯ؟

ޖަވާބު (ރައީސުލްޖުމްހޫރިއްޔާ):

އާދެ! ވަރަށް ބޮޑަށް އުފާކުރިން. އެއީ، ޙަޤީޤަތުގައި އަޅުގަނޑުމެންކަހަލަ ކުޑަ ޤައުމަކަށް، އަޅުގަނޑުމެން ހީވެސްނުކުރާކަހަލަ ވަރަށް ހޫނު ތަރުޙީބެއް އެބޭފުޅުން ދެއްވި. ތިޔަ ވިދާޅުވިހެން، ދޯހާގެ ހުރިހާ ހިސާބެއްގައި ދިވެހި ދިދަ ނަގައި، އަދި އަޅުގަނޑުމެން ދިޔަ ކޮންމެ ތަނެއްގައިވެސް ވަރަށް ހޫނު މަރްޙަބާއެއް އަޅުގަނޑަށާއި، އަޅުގަނޑާއެކީ ވަޑައިގެންނެވި ހުރިހާ ވަޒީރުންނަށާއި، އެހެން ބޭފުޅުންނަށް ވިދާޅުވި.

އަޅުގަނޑާ އެކީގައި ވަޑައިގެންނެވި ވަޒީރުންވެސް މި ހުރިހާ ކަމެއްގައި ބައިވެރިވެވަޑައިގެންދެއްވި. ކޮންމެ ބޭފުޅަކުވެސް، އެބޭފުޅެއްގެ ދާއިރާގައި، ކަމާބެހޭ ފަރާތްތަކާ ވާހަކަދައްކަވައި، ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި މަގުފަހިކުރެއްވި. އެހެންވީމާ، މި ވަޑައިގެންނެވި ވަފްދުގެ ހުރިހާ ބޭފުޅުންނަށްވެސް، އެބޭފުޅުން އެ ކޮށްދެއްވި މަސައްކަތްތަކަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ޚާއްޞަކޮށް، ތިޔަވިދާޅުވިހެން ޤަޠަރު ސަރުކާރުން އަޅުގަނޑުމެންނަށް މި ބެހެއްޓެވި މެހްމާންދާރީގެ ފުރިހަމަކަމާއި، އެ ވިދާޅުވި މަރްޙަބާގެ ހޫނުކަމަށްޓަކައި އެބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.