بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، އެމް.ޑީ.ޕީ.ގެ އަންހެނުންގެ ރޫޙުގެ ރައީސް އަދި މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު، ޕާޓީގެ އިސް ވެރިން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލިހުގެ މެންބަރުން، އެމް.ޑީ.ޕީ.ގެ ޓިކެޓުގައި ލޯކަލް އިންތިޚާބުގައި ވާދަކުރައްވާ ފިސާރި އަންހެނުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި އެމް.ޑީ.ޕީ.ގެ 968 ކެންޑިޑޭޓުން ވާދަކުރި. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ޕްރައިމަރީގައި 640 ކެންޑިޑޭޓުން ވާދަކޮށް، 440 އަންހެނުން ޕްރައިމަރީ ކާމިޔާބުކުރި. މިއީ މީގެ ކުރިން ދުވަހަކުވެސް އަޅުގަނޑުމެން އަޑުއެހި ވާހަކަތަކެއް ނޫން. އިންތިޚާބުގައި ވާދަކުރެއްވި އަދި ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް، އެންމެ ފުރަތަމަވެސް އަޅުގަނޑު ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން.  

ރަށްވެހި ފަތިހުގެ އަދި މުޅި ދިވެހިރާއްޖޭގެ ތަރައްޤީއާއި، ހަމަޖެހުމާއި މުޖުތަމަޢު ބިނާކުރުމުގެ އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއްބަޔަކީ ފަޚުރުވެރި ދިވެހި އަންހެނުން. މިދިޔަ އަހަރުތަކުގައި ރާއްޖެ ދުށް އަނިޔާވެރި، ބިރުވެރި، ވެރިކަމުގެ ދުވަސްވަރު، އެ އަނިޔާއިން ދިވެހިން މިންޖުކުރުމަށް، އެންމެ ކުރީ ސަފުގައި ތިބީ ތިޔަބޭފުޅުންކަން އަޅުގަނޑު މިއަދު ފާހަގަކުރަން.

ހަމަ އެންމެ ދުވަހެއް ނުދޭ، އެމް.ޑީ.ޕީ އަންހެނުން މުޒާހަރާގެ މައިދާނުން ނުފެންނަ. ބެރިކޭޑުތަކާއި، ޕެޕަރ ސްޕްރޭތަކުގެ ތެރޭގައި، ކެތްތެރިކަމާއެކު ހަތް އަހަރު ހޭދަކޮށް، ދިވެހިންނަށް ޑިމޮކްރެޓިކް ސަރުކާރެއް ޤާއިމުކުރުމުގެ ފުރުޞަތު ލިބުނީ، ތިޔަ ފިސާރި އަންހެނުންގެ ބުރަ މަސައްކަތުން. ހަމަގައިމުވެސް އަޅުގަނޑު އެ މަންޒަރުތައް ވަރަށް ކައިރިން ދުށިން.

ޕާޓީ އޮފީހުގައާއި، ކެމްޕެއިން ޙަރަކާތްތައް ރޭވުމުގައި އަދި އެކިއެކި ކޮމިޓީތަކުގައާއި، މަގުމަތީގެ ޙަރަކާތްތަކުގައިވެސް ޕާޓީގެ އަންހެން މެންބަރުންގެ މަސައްކަތްތައް އެއީ، އަޅުގަނޑުމެން އެއްވެސް މީހަކަށް ނުދައްކައި ދޫކޮށްލެވޭނެ ވާހަކައެއް ނޫން. އެހެންކަމުން، ތިޔަ ހުރިހާ ފިސާރި އަންހެނުން ކުރައްވާ އަގުހުރި މަސައްކަތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އަޅުގަނޑުމެން މި އަންނަނީ ވަރަށް ފޯރިއާއެކު ކެމްޕެއިން ކުރަމުން، ތައްޔާރުވަމުން. އަޅުގަނޑު ތަކުރާރުކޮށް މި ދައްކަމުން އަންނަ އެއް ވާހަކައަކީ، ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އެންމެ ބޮޑު، އެންމެ މުހިއްމު އިޞްލާޙަކީ، ކައުންސިލްތަކުގައި އަންހެނުންނަށް ގޮނޑިތައް ރިޒާވް ކުރުންކަން. ކެމްޕެއިންގެ ކޮންމެ ޕޯސްޓަރަކުން،  ކޮންމެ އެއްވުމަކުން މިއަދު ބަދަލު ފެންނަން ފަށައިފި.

މިއީ އިންތިޚާބީ މަޤާމުތަކުގައި، އަންހެނުންގެ ދައުރާއި ޙިއްސާ އިތުރުކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމުގައި އަޅުގަނޑު ދެކެން. ކުރިއާ ޚިލާފަށް، ސިޔާސީ ސަފުތަކުގެ އެންމެ ކުރިން، އަންހެނުން ފެންނަން ފަށައި، މި އިންތިޚާބު ކުރެވޭ ކައުންސިލްތަކުގައި، ރަށާއި، ސިޓީ ކައުންސިލްތަކުގެ ކަންކަން ނިންމުމުގައި، އަންހެނުންގެ ދައުރު، ބޮޑު ތަނުން އިތުރުވެގެންދާނެ. އަދި މިކަމުގެ ހެޔޮ ބަދަލު، މުޅި ދިވެހިރާއްޖެއިންވެސް ފެންނާނެ.

ކުރިއާ ޚިލާފަށް، މިހާރު އިންތިޚާބު ކުރެވޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް އުޖޫރަ ދިނުމަށް މިހާރު ވަނީ ހަމަޖެހިފައި. އަދި ކޮމިޓީގެ މަސައްކަތްތައް ކުރުމަށް ކައުންސިލްތަކުގެ ބަޖެޓުގެ ފަސް ޕަސެންޓް ހަމަޖެއްސުމަށްވަނީ ނިންމާފައި. މިކަމުގެ ސަބަބުން މި ކޮމިޓީތަކަށް ލިބޭ ވަސީލަތްތައް އިތުރުވެ، ހިންގުން ހަރުދަނާވެގެންދާނެ.

އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރަންޖެހޭ އެއް ޙަޤީޤަތަކީ، ޤައުމެއްގެ ޙާލަތު ރަނގަޅުކުރުމުގައި، ވަރަށް ގިނަ ބައެއްގެ ޙިއްސާ އެކުލެވޭކަން. މިފަދަ ކޮމިޓީތަކުގެ ދައުރު މުހިއްމު ވަނީ މި ސަބަބަށްޓަކައި. އަޅުގަނޑުގެ ހުރިހާވެސް އުންމީދަކީ، އަޅުގަނޑުމެން މި ދެކެން ބޭނުންވާ ކަންކަން، ދާދި އަވަހަށް ފެނިގެން ދިޔުން.

މި ސަރުކާރާމެދު ރައްޔިތުންގެ އުންމީދުތައް ވަރަށްބޮޑުކަން އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭ. ބޮއްސުންލައިގެންނުދާ ހަމަ އެއްވެސް ދާއިރާއެއް ނެތް. އިންތިޚާބުގެ ދުވަސްވަރު، އަޅުގަނޑުމެން ވަޢުދުވިން، އެކިއެކި ކަންކަން ކޮށްދިނުމަށް. އެއިން އެއްކަމަކީ ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީ އިތުރުކުރުން.

ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި، ސިވިލް ސަރވިސް ޤަވާޢިދަށް ވަނީ މި ބަދަލު ގެނެވިފައި. ސަރުކާރުގެ ވަޒީފާގައި އުޅޭ އަންހެނަކު ވިހައިފިނަމަ، އެ މަންމަޔަކަށް މުސާރައާއެކު، ހަ މަހުގެ ޗުއްޓީއެއް އަދި ބައްޕައަށް މުސާރައާއެކު، އެއް މަހުގެ ޗުއްޓީއެއް މިހާރު ލިބޭނެ. މި ރަނގަޅު ހެޔޮ ބަދަލު އަޅުގަނޑަށް ވަރަށް ކައިރިން، އަޅުގަނޑުގެ އޮފީހުންވެސް ފެންނަމުންދޭ.

މި ސިޔާސަތު ބަލައިގަނެ، ސަރުކާރުގެ ގިނަ ކުންފުނިތަކާއި، ޕްރައިވެޓް ސެކްޓަރވެސް މިކަން ކުރަމުން އަންނަކަން އަޅުގަނޑު ފާހަގަކުރަން. ސިޔާސަތަށް މި ގެނެވުނު ބަދަލާއެކު، ތުއްތު ދަރިފުޅާއެކު، އެ ދަރިފުޅުގެ ޢުމުރުގެ އެންމެ މުހިއްމު ވަގުތުގައި، މުސާރަ ނުލިބިދާނެ ކަމުގެ ހާސްކަމެއްނެތި ވަގުތު ހޭދަކުރެވޭނެ. އަދި ފަޚުރުވެރި ޢާއިލާއެއް ބިނާކުރުމަށް މިއީ މުހިއްމު ކަމެއް ކަމަށް އަޅުގަނޑު ދެކެން.

މީގެ އިތުރުންވެސް، ފަޚުރުވެރި ޢާއިލާއެއް ބިނާކުރުމަށް މުހިއްމު ސިޔާސަތުތަކެއް އަޅުގަނޑުމެންގެ މެނިފެސްޓޯގައި އެބަހުރި. އެއިން އެއްކަމަކީ، ރާއްޖޭގެ ތިން ސަރަޙައްދެއްގައި ޗައިލްޑް ކެއަރ ސެންޓަރު ޤާއިމުކުރުން. އެގޮތުން، މާލެއާއި އައްޑޫގައި، ޑޭ ކެއަރ ސެންޓަރު ޤާއިމުކުރުމަށް މި އަހަރު ފެށޭނެ.

އަޅުގަނޑުމެން ދެކެން ބޭނުންނުވާ ވަރަށްގިނަ ކަންކަން، މި މުޖުތަމަޢުގައި އެބަ ހިނގާ. އެއިން އެއްކަމަކީ އަންހެނުންނަށް ކުރާ ގެވެށި އަނިޔާ. މިއީ އަޅުގަނޑުމެންގެ ތެރޭގައި އޮތް ވަރަށް ބޮޑު މައްސަލައެއް. އަންހެނުންނަށް ކުރާ ގެވެށި އަނިޔާ ހުއްޓުވުމަށް އަޅުގަނޑުމެންގެ ސިޔާސަތުތަކެއް އެބަހުރި.

ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވާ ގޮތުގެ މަތިން، 2021 ވަނަ އަހަރު ނިމޭއިރު، ގެވެށި އަނިޔާ ރިޕޯޓުކުރުމަށް ޚާއްޞަ ހޮޓްލައިނެއް ޤާއިމުކުރެވޭނެ. 2022 ވަނަ އަހަރު ނިމޭއިރު، ގެވެށި އަނިޔާއާ ގުޅިގެން އެކަހެރި ކުރެވޭ މީހުންނަށް ހަދާފައިވާ ޚާއްޞަ ހިޔާތައް އެކުގައި މަސައްކަތް ކުރަން ފަށާނެ. އަދި 2023 ވަނަ އަހަރުގެ ނިޔަލަށް، ގެވެށި އަނިޔާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް، ޚާއްސަ އިމަރޖަންސީ ފަންޑެއް އެކުލަވައިލައި، އަނިޔާ ލިބޭ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ އަމާޒެއް.

އަޅުގަނޑު ދެކޭގޮތުގައި އަންހެނުންނަށް ދެވޭ ކޮންމެ އެހީތެރިކަމަކީ ޤައުމީ މަސައްކަތެއް. ތަރައްޤީގެ ނާރެހަކީ، ގެ ކަމުގައިވާއިރު، ޢާއިލާއެއް ބިނާކުރުމުގެ މުގުލުގައިވާ އަންހެނުންނަށް ދެވޭ އެހީތެރިކަމުގެ ރަނގަޅު ނަތީޖާ ފެންނާނެ. އެކަނިވެރި މައިންނަށް ސަރުކާރުންދޭ ޢިނާޔަތާ ގުޅޭ ސިޔާސަތު މިވަނީ މިހާރު އިޞްލާޙުކޮށްފައި. 2016 ވަނަ އަހަރު މި އެހީ ދެވޭ އުސޫލަށް ގެނައި ބަދަލުތަކާ ގުޅިގެން، ވަރަށް ގިނަ ފަރާތްތައް މި އެހީން ވަނީ މަޙްރޫމުވެފައި.

މީގެކުރިން އެހީގެ މިންވަރު ކަނޑައަޅާފައި ވަނީ ކުދިންގެ މައްޗަށް ބިނާކޮށް، ކޮންމެ ކުއްޖަކަށް އެއްހާސް ރުފިޔާ ހިސާބު ކުރުމަށްފަހު، މަހެއްގެ މައްޗަށް ޢާއިލާއަކަށް އެންމެ ގިނަވެގެން ތިންހާސް ރުފިޔާ ލިބޭގޮތަށް. ނަމަވެސް، އަޅުގަނޑުމެން ގެނައި އިސްލާޙުގެ ސަބަބުން، މަހެއްގެ މައްޗަށް ޢާއިލާއަކަށް ގިނަވެގެން ދެވޭ ޢަދަދު، ދިހަހާސް ރުފިޔާއަށް މިހާރުވާނީ އިތުރުކޮށްފައި.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ދޭ މާލީ އެހީ، އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިންނަށް ލިބެމުންދިޔަ ނަމަވެސް، އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިންނަށް ދެވޭ އެލަވަންސްވެސް، އެފަދަ މަންމައިންނާއި ބައްޕައިންނަށް ލިބޭގޮތަށް މިހާރު ވާނީ ސިޔާސަތު ބަދަލުކޮށްފައި.

އިޖުތިމާޢީ ރައްކާތެރިކަމުގެ އޮނިގަނޑު ހަރުދަނާވުމަކީ މުހިއްމު ކަމެއް. އަދި ހަމަ މިއާއެކު، އަންހެނުން ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުވައި، ވަޒީފާގެ ބާޒާރުގައި އަންހެނުންނަށް ހުރި ގޮންޖެހުންތައް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ޙައްލުކޮށްދޭނަން. މީގެ ތެރޭގައި، ގޭގައި ތިބެގެން އާމްދަނީ ހޯދުމުގައި ކުރިމަތިވާ ގޮންޖެހުންތައް ޙައްލުކޮށްދޭނަން.

ޖުމްލަގޮތެއްގައި، އަންހެނަކަށް އެވްރެޖް ގޮތެއްގައި، އަހަރެއްގެ މައްޗަށް މިހާރު ލިބެނީ 7454 ޑޮލަރު. އެހެންނަމަވެސް، ފިރިހެނުންނަށް 15,576  ޑޮލަރު، އަހަރެއްގެ މައްޗަށް މިހާރު ލިބޭ. މިއީ ބަދަލުވާންޖެހޭ ކަމެއް. އެހެންވީމާ، އާމްދަނީގެ ފަރަޤު ކުޑަވާން އެބަޖެހޭ.

އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުން އެދެނީ، ކުރައްވާ ކޮންމެ ކަމެއްގައިވެސް، ޖެންޑަރ ބެލެންސް ކުރުމުގެ ވިސްނުން ގެންގުޅުއްވާށޭ. އަޅުގަނޑު ނިންމާ ކޮންމެ ނިންމުމެއްގައިވެސް މި ވިސްނުން އަޅުގަނޑު ގެންގުޅޭނަން. މިހާރުވެސް ކެބިނެޓުގެ ތިރީސް ފަސް ޕަސެންޓަކީ އަންހެނުން. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި، ދެ އަންހެން ފަނޑިޔާރުން ތިއްބެވުމަކީ، އަޅުގަނޑުމެން އެންމެން ފަޚުރުވެރިވާކަމެއް. މީގެ އިތުރުންވެސް، މިނިވަން މުއައްސަސާތަކުގެ ވެރިންގެ ގޮތުގައިވެސް އަންހެނުން އިތުރުކަން އަޅުގަނޑު ފާހަގަކުރަން.

އަޅުގަނޑު ހިތުން އަޅުގަނޑުގެ ވާހަކަ މާ ދިގުވެއްޖެ. އެމް.ޑީ.ޕީ.ގެ އަންހެނުންގެ ކޮންފަރެންސަކީ، އަޅުގަނޑު ދެކޭ ޤައުމީ މަސައްކަތެއްގެ ގޮތުގައި ހިމެނިގެންދާނެ ކަމެއް. އެމް.ޑީ.ޕީ.ގެ އަންހެނުން މި އަންނަނީ މުޅި ޤައުމު ބަދަލުކުރަމުން. އެހެންކަމުން، މި މާލަމުން މި ފެންނަނީ މުޅި ޤައުމަށް މިއަދު ދިމާވެފައިވާ މައްސަލަތައް ޙައްލުކުރާނެ ބޭފުޅުންވެސްމެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ރާއްޖޭގެ އަންހެނުންގެ ތަރައްޤީއަށްޓަކައި އެމް.ޑީ.ޕީ އިން ކުރަމުންގެންދާ މަސައްކަތްތަކުގައި، މާތް ﷲ ބަރަކާތް ލެއްވުން. ރާއްޖޭގެ އަންހެނުންނަށް އެކިއެކި ރޮނގު ރޮނގުން ތަރައްޤީއާއި ކުރިއެރުން މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.