بسـم اللّه الرّحـمٰـن الـرّحيـم

اَلحَمْـدُ لِلّـهِ رَبِّ الْعَـالَمِـين، وَالصَّـلاَةُ وَالسَّـلاَمُ عَـلَى رَسُـوله الأمين، وَعَـلَى آلِـهِ وأصـحَابِه أجمـعـين.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

الســّلام عليــكم ورحـمــة اللّـه وبـركاتـه،

މިއަދަކީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 41 އަހަރު ފުރޭ ދުވަސް. މިއުފާވެރި މުނާސަބަތުގައި، ޤައުމީ މިނިވަންކަމުގެ މަތިވެރި ނިޢުމަތް މިލޮބުވެތި ޤައުމަށް މިންވަރު ކުރައްވައި، އަދި އެނިޢުމަތުގައި ދިވެހިން ދެމިތިބުމުގެ ހެޔޮ ތައުފީޤު ދެއްވިކަމަށްޓަކައި، اللّـه سبحـانـه وتعـالٰى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަން.

އެއަށްފަހު، މިނިވަން ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ރާއްޖޭގެ އަހުރަވެތި އެންމެހާ އަޚުންނަށާއި އުޚުތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ފޮނުވަން.

އަދި ދިވެހި ޤައުމަށް މިނިވަންކަން ހޯއްދަވައިދެއްވުމަށްޓަކައި، އަދި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރެއްވުމަށްޓަކައި ޖިހާދު ކުރެއްވި، ޤައުމީ އަބްޠާލުންނަށް ޙައްޤުވެގެންވާ ޝުކުރު އަދާކޮށް، އެބޭފުޅުންގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލެއްވުން އެދި، މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

ދިވެހި ޤައުމުގެ މިނިވަންކަމަކީ، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތަށްފަހު، ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތް. އެންމެ ބޮޑު ޝަރަފް. އެއީ، އަޅުގަނޑުމެންގެ ކާބަފައިން، ދިވެހި ޤައުމަށްޓަކައި ވެވަޑައިގެންފައިވާ ޤުރްބާނީތަކުގެ ފޮނި މޭވާ. އެޤުރްބާނީތަކުގެ އަގުބޮޑު ނަތީޖާ.

އެހެންކަމުން، މިއަދު އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ އެންމެބޮޑު ޤައުމީ ވާޖިބަކީ، އެމިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުން. އަދި އަންނަން އޮތް ޖީލުތަކަށް، އެމިނިވަންކަން ރައްދުކޮށްދިނުން.

ޤައުމީ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަކީ، އެ މިނިވަންކަން ހާސިލު ކުރުމަށްވުރެ ބޮޑުކަމެއް. މިކަން އަޅުގަނޑުމެންގެ ހިތްތަކުން ފޮހެވިގެން ގޮސްގެނެއް ނުވާނެ. ރާއްޖޭގެ މިނިވަންކަން މިއަދާ ހަމައަށްވެސް ޙިމާޔަތް ކުރެވި، ދެމެހެއްޓިފައި މިވަނީ، އިސްލާމީ ޢަޤީދާއާއި، ދިވެހި ރައްޔިތުންގެ މެދުގައި އޮތް ޤައުމީ ވަޙްދަތުގެ ސަބަބުން. މިއީވެސް، އަބަދާއި އަބަދު، އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައި އޮންނަންޖެހޭނެ ޙަޤީޤަތެއް. ކޮންމެ ދުވަހަކުވެސް، އެކަމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭ އަމާޒެއް.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

މިނިވަންކަމުގެ އުފާ އަޅުގަނޑުމެން މިއަދު ފާޅުކުރަމުންދާއިރު، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއިން ރާއްޖެއަށް ލިބުނު ބޮޑެތި ގެއްލުންތައް ފޫބައްދައި، ޤައުމު އަލުން ބިނާކުރުމަށް ކުރަމުން މިގެންދާ މަސައްކަތްތައް، މާތްﷲގެ ވާގިފުޅާއެކު، މެދުކެނޑުމެއްނެތި ކުރަމުން ގެންދާ ވާހަކަ، މިއަދުވެސް ދަންނަވާލަން.

އަދި މިކާރިސާގައި ގެދޮރު ގެއްލިގެންދިޔަ މީހުންނަށާއި، ގެދޮރު ހަލާކުވި މީހުންނަށް، ދާއިމީ ހިޔާވަހިކަމެއް ހޯދައިދިނުމަށް ކުރަމުން މިގެންދާ މަސައްކަތްތައް، އިރާދަކުރެއްވިއްޔާ، ހުއްޓުމެއްނެތި ކުރިޔަށް ގެންދާނެ ކަމުގެ ޔަޤީންކަން، ރާއްޖޭގެ ރައްޔިތުންނަށް، އަޅުގަނޑު މިފުރްޞަތުގައި އަރުވަން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

ރާއްޖޭގެ އެކި ކަންކަމަށް ވަރަށް ބޮޑެތި އިޞްލާޙީ ބަދަލުތަކެއް، މިއަދު މިދަނީ އަންނަމުން. އޭގެ ތެރޭގައި، ޤާނޫނީ އޮނިގަނޑަށް ޒަމާނީ އިޞްލާޙުތަކެއް ގެނައުމުގެ މަސައްކަތް، ހަލުވިކަމާއެކު އެބަ ކުރެވެމުންދޭ. އަދި ސަރުކާރުގެ ހިންގުމަށް، ޒަމާނާ ގުޅޭ ހެޔޮބަދަލުތަކެއް ގެނެވޭތޯ، ވަރަށްގިނަ މަސައްކަތްތަކެއް އެބަ ކުރެވެމުންދޭ.

ސަރުކާރުން މިހާރު ޢަމަލުކުރަމުން މިގެންދާ އިޞްލާޙީ އެޖެންޑާގައި، ޒުވާން އާބާދީއަކަށް ބޭނުންވާ ކަންތައްތައް ހާސިލުކުރުމަށްޓަކައިވެސް، މުހިންމު އަމާޒުތަކެއްވަނީ ކަނޑައެޅިފައި.

ސިޔާސީ ޙަރަކާތްތައް ހިންގުމުގެ ދާއިރާއަށާއި، ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާއަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދާއިރާއަށާއި، އިންސާނީ ޙައްޤުތަކުގެ ދާއިރާއަށްވެސް، މިދަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން. މުޅިން އާ ބިންގާތަކެއް އެޅެމުން. މުޅިން އާ ފުރްޞަތުތަކެއް ހުޅުވެމުން.

މި އިޞްލާޙީ ބަދަލުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު މަސައްކަތަކީ، ޤާނޫނުއަސާސީ އިޞްލާޙު ކުރުން. މިމަސައްކަތް ހަލުވިކަމާއެކު ކުރިޔަށް ގެންގޮސްދެއްވައި، އަޅުގަނޑު އިޢުލާނު ކޮށްފައިވާ އިޞްލާޙީ ޕްރޮގްރާމުގެ މަގުޗާޓުގައިވާ ގޮތުގެ މަތިން، 2007 ވަނަ އަހަރުގެ މެއި މަހުގެ 31ގެ ނިޔަލަށް، ނުވަތަ އެއަށްވުރެ ކުރިން، ޤާނޫނުއަސާސީ ފާސްކޮށްދެއްވުމަށް، މި މުނާސަބަތުގައިވެސް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ އަރިހުން އަޅުގަނޑު އެދެން.

އަދި އެ މަގުޗާޓުގައި ބަޔާންކޮށްފައިވާ އެހެން ކަންތައްތައްވެސް، އެޗާޓުގައި ކަނޑައެޅިފައިވާ ތާރީޚުތަކަށް ނިންމަވައިދެއްވުމުގައި، ހުރިހާ ދާއިރާތަކެއްގެ ފުރިހަމަ އެއްބާރުލެއްވުމަށް، އަޅުގަނޑު މިއަދުވެސް ގޮވާލަން.

މިހާރު ހިންގަމުން މިގެންދާ އިޞްލާޙީ ޕްރޮގްރާމުގެ ތެރެއިން، ފުރިހަމަ، ޒަމާނީ، އަދި ތަޞައްރުފު ފުދިފައިވާ ޑިމޮކްރަސީއަކާ ދިމާއަށް، ދިވެހިރާއްޖެ މިއަދު މިޞްރާބު ޖަހާފައިވާ މުހިންމު ބޭނުމާއި މަޤްޞަދު، ކޮންމެ ދިވެހި ރައްޔިތަކަށްވެސް، ރަނގަޅަށް އޮޅުންފިލާފައި އޮތުމަކީ، ވަރަށް މުހިންމު ކަމެއް.

މިގޮތުން، ޤާނޫނުއަސާސީއަށް ގެންނަން ބޭނުންވާ އިޞްލާޙުތަކުގެ އެންމެބޮޑު މަޤްޞަދަކީ، އަދި ބޭނުމަކީ، އަދި އަލަށް ޤާއިމުކުރެވޭ މުއައްސަސާތަކާއި، އިޞްލާޙީ އެޖެންޑާގެ ދަށުން ގެނެވޭ އެހެނިހެން ބަދަލުތަކުގެ އެންމެބޮޑު މަޤްޞަދާއި ބޭނުމަކީ، ރައްޔިތުން ބާރުވެރިކުރުން. ރައްޔިތުންނަށް ލިބިދެވޭ ޙައްޤުތައް ފުޅާކޮށް، އެޙައްޤުތައް ރައްކާތެރިކުރުން، ހަރުދަނާ ކުރުން. ޤައުމުގެ އެކިކަންކަމާއި ނިންމުންތަކުގައި، ރައްޔިތުން ޙިއްޞާވާ މިންވަރު އިތުރުކުރުން. ހުޅުވައިލެވޭ ހުޅުވައިލުންތަކުގައި ލިބޭ ކޮންމެ ފުރްޞަތެއްވެސް، މަސްއޫލުވެރި ގޮތެއްގައި ބޭނުންކުރަން އަޅުގަނޑުމެން ދަސްކުރުން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން:

މިހާރު ހިންގަމުން މިގެންދާ ސިޔާސީ އިޞްލާޙުގެ ޕްރޮގްރާމުގެ ތެރެއިން، ދިވެހި ތާރީޚުން މިހާތަނަށް ފެނިފައިނުވާފަދަ މިނިވަން، ހުޅުވައިލެވިފައިވާ ޒަމާނީ ނިޒާމެއް، މިއަދު އަޅުގަނޑުމެން ދެކެމުންދާއިރު، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް، އިސްކަންދޭންޖެހޭނީ، އަޅުގަނޑުމެންގެ މި ލޮބުވެތި ޤައުމަށް. ޤައުމުގެ ސަލާމަތާއި މަޞްލަޙަތަށް. ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް.

އަޅުގަނޑުމެންގެ ޝިޢާރަކަށްވާން ޖެހޭނީ، "އެންމެ ފުރަތަމަ- ދިވެހި ޤައުމު" "އެންމެ ފުރަތަމަ – ދިވެހިރާއްޖެ" މި މުހިންމު ޝިޢާރު.

މީގެ މާނައަކީ، އަޅުގަނޑުމެން، އެކި މައްސަލަތަކަށް ޙައްލު ހޯދުމުގައި، ޤައުމުގެ މަޞްލަޙަތު ކުރިޔަށް ނެރުން. އަމިއްލަ މަޞްލަޙަތު، ޤައުމަށްޓަކައި ދޫކޮށްލުން. އަދި އަޅުގަނޑުމެން އެންމެހާ ދިވެހިން، އިސްލާމްދީނުގެ ތެދުމަގުގައި ދެމިތިބުން. އިސްލާމީ ރީތި އަޚްލާޤާއި، އަޅުގަނޑުމެންގެ މުއްސަނދި ޘަޤާފަތު ރައްކާތެރިކޮށް ދެމެހެއްޓުން.

މީހަކު، ކަމަކާ ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު، އެމީހެއްގެ ހިތުގައި ޤައުމަށް އޮންނަ ލޯތްބާއި ޤަދަރަށް އުނިކަމެއް އައިސްގެނެއް ނުވާނެ. ޤައުމު ބަދުނާމުކޮށްގެނެއް ނުވާނެ. މުޅި ޤައުމަށް ދެރައެއް ލިބޭފަދަ ގޮތަކަށް ކަމެއް ކޮށްގެނެއް ނުވާނެ. ޤާނޫނާއި ޤަވާޢިދަށް ކަމޭހިތުން ކުޑަކޮށްގެންވެސް ނުވާނެ. ޤާނޫނީ މުއައްސަސާތަކުގެ އަގު ވައްޓާލަން މަސައްކަތް ކޮށްގެންވެސް ނުވާނެ.

ދިވެހިންނަކީ، ޒަމާނުއްސުރެ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކަށާއި، މުޖްތަމަޢުގެ ރީތި ހަމަތަކަށް ކަމޭހިތާ، އަދި ޤާނޫނާއި ގަވާއިދަށް އިޙްތިރާމް ކުރަމުން އަންނަ ބަޔެއް. އިސްލާމީ އަޚްލާޤަށްވުރެ މަތިވެރި އަޚްލާޤެއް ނެތް.

އެހެންކަމުން، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން، އިސްލާމީ އުސޫލުތަކަށާއި، މުޖްތަމަޢުގެ ރީތި އަޚްލާޤީ ހަމަތަކަށް ފަރުވާކުޑަކޮށް، ޤާނޫނާއި ޤަވާޢިދަށް ޙުރްމަތްތެރިކޮށްހިތަމުން ނުގެންދާކަން އެއީ، މިއަދު އަޅުގަނޑުމެން އެކަންކަން އިޞްލާޙު ކުރުމަށް ޢަމަލީ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމެއް.

ކޮންމެ ޤައުމެއްގައިވެސް، ޤާނޫނުތަކަކާއި ޤަވާޢިދުތަކެއް ހެދިފައި ހުންނަނީ، އެންމެންގެ ފައިދާއަށާއި ރައްކާތެރިކަމަށް. މިކަން މިހެން އޮތުމާއެކު، ޤާނޫނުތަކާއި ޤަވާޢިދުތައް މުގުރާލުމަކީ، އެންމެންނަށްވެސް އެކަމުގެ ގެއްލުން ނުލިބި ނުދާނެ ކަމެއްކަން ކަށަވަރު.

އަޅުގަނޑުމެންގެ މުޖުތަމަޢަކީ، ރީތި ހަމަތަކަކާއި އުސޫލުތަކެއް ޤާއިމުވެފައިވާ، ތަހުޒީބު މުޖްތަމަޢަކަށް ހެދޭނީ، މުޖްތަމަޢުގައި ހިނގާ މިފަދަ ނޭދެވޭ ކަންތައްތައް ހުއްޓުވުމަށް، އެންމެން އެއްބާރުލައިގެން މަސައްކަތްކޮށްގެން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން:

މިނިވަންދުވަހަކީ، ޤައުމީ މިނިވަންކަމުގެ ރޫޙު، އިތުރަށް ދިރުވައި ދެމެހެއްޓުމުގެ ހިތްވަރު އާކުރުމުގެ ދުވަސް. ހުރިހާ ރައްޔިތުން އެއް ރޫޙެއްގައި، އެއް އަމާޒަކަށް ވާޞިލުވުމަށް މަސައްކަތް ކުރުމުގެ ޢަޒުމު ކަނޑައެޅުމުގެ ދުވަސް.

ކޮންމެ މީހަކުވެސް، އެމީހެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކޮށް، މުޖުތަމަޢުގެ ހެވާއި ލާބައަށް މަސައްކަތް ކުރުމުގެ ޢަޒުމު އާކުރުމުގެ ދުވަސްވެސްމެ.

އެހެންކަމުން، ރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހުގެ މުނާސަބަތުގައި، މިއަދު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު މިގޮވާލަނީ، ދިވެހި ކޮންމެ ރައްޔިތަކީވެސް، އެރައްޔިތަކާ ހަވާލުވެފައިވާ ކޮންމެ ކަމެއްގައިވެސް، ޒިންމާދާރުވާ، މަސްއޫލިއްޔަތު ފުރިހަމައަށް އުފުލާ ރައްޔިތަކަށްވުމަށް. ޤައުމުގެ ހެވާއި ލާބައަށް މަސައްކަތްކުރާ، ޤައުމަށް ތެދުވެރި، އިޚްލާޞްތެރި ރައްޔިތަކަށްވުމަށް. އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމުގެ މަޞްލަޙަތު ކުރިޔަށް ނެރޭ، އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙުގައި، ސާބިތުކަމާއެކު ދެމިތިބޭ ރައްޔިތަކަށްވުމަށް.

މާތްﷲ، މި ލޮބުވެތި ޤައުމު، މިނިވަންކަންމަތީ އަބަދަށް ލަހައްޓަވާށި! ދިވެހިންނަކީ، ދިވެހި ޤައުމުގެ މިނިވަންކަން ދިފާޢުކޮށް ޙިމާޔަތް ކުރުމުގެ ހެޔޮ ވިސްނުމާއި، ހިތްވަރާއި، ކެރުމާއި، ކުޅަދާނަކަން ލިބިފައިވާ ބަޔަކު ކަމުގައި ލައްވާށި!

އަދި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކަށާއި، ޤާނޫނާއި ޤަވާޢިދަށް ފުރިހަމައަށް އިޙްތިރާމުކުރާ، ތަހުޒީބުވެފައިވާ މުޖުތަމަޢެއްގެ ރީތި ހަމަތައް ހިފަހައްޓާ ބަޔަކު ކަމުގައި ލައްވާށި!

ދިވެހިރާއްޖެއަށާއި، ދިވެހި ރައްޔިތުންނަށް، އަމަންއަމާންކަމާއި، ސުލްހަމަސަލަސްކަމާއި، އިތުރު ކުރިއެރުމާއި، އުފާފާގަތިކަން މިންވަރު ކުރައްވާށި! އާމީން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.