بســم اللّـه الرّحمـن الرّحيــم

الحمـدللّـه ربّ العالمـين، والصّـلاة والسّـلام على أشرف المرسلين، سيّدنا محـمّد، وَعلـى آلـه وصحبـه أجمـعـين.

އާދެ، މިރޭގެ މި އުފާވެރި ޙަފްލާގައި، މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން ނުވަތަ ދިވެހި ޑޮކްޓަރުންގެ ޖަމުޢިއްޔާ، މާތް ﷲގެ އިސްމުފުޅުގެ ބަރަކާތުން ރަސްމީގޮތުން އިފްތިތާޙުކޮށްދިނުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި އުފާވެރި މުނާސަބަތުގައި، މި ޖަމުޢިއްޔާގެ މުއައްސިސުން ކަމުގައިވާ ޑޮކްޓަރ މުޙަންމަދު ޞާލިޙަށާއި، އަދި ޖަމުޢިއްޔާގެ ރައީސް ޑޮކްޓަރ މުޙަންމަދު އަސީލް ޖަލީލަށާއި، ޑޮކްޓަރ އިބްރާހީމް ޔާސިރަށާއި، އަދި ޖަމުޢިއްޔާގެ ރައީސް ޑޮކްޓަރ އިސްމާޢީލް ޝާފިޢަށާއި، ނައިބު ރައީސް ޑޮކްޓަރ އަޙްމަދު ޖަމްޝީދު މުޙަންމަދަށާއި، ޖަމުޢިއްޔާގެ ހިންގާ ކޮމެޓީގެ މެންބަރުންނަށާއި އަދި ދިވެހި ހުރިހާ ޑޮކްޓަރުންނަށް ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

އާދެ، މިރޭގެ މި އުފާވެރި ޙަފްލާގައި، މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ފަރާތުން އަޅުގަނޑަށް ދެންމެ ތިޔަ ދެއްވި ހަނދާނީ ފިލަޔަށްޓަކައި ޖަމުޢިއްޔާގެ ރައީސަށާއި، ހިންގާ ކޮމިޓީގެ މެންބަރުންނަށާއި، މުއައްސިނުންނަށާއި، އަދި ޖަމުޢިއްޔާގެ ހުރިހާ މެންބަރުންނަށް ވަރަށް އިޙްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން ނުވަތަ ދިވެހި ޑޮކްޓަރުންގެ ޖަމުޢިއްޔާ އުފެދުނީ މިދިޔަ އަހަރު. ދެންމެ ޖަމުޢިއްޔާގެ މުއައްސިސުންގެ ނުވަތަ ހިންގަވާ ބޭފުޅުންގެ ވާހަކަފުޅުގައި އެކަން އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ. މި ޖަމުޢިއްޔާ އުފެދިފައި މިވަނީ ވަރަށް މާތް މަޤްޞަދެއްގައި. އެއީ، ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއަރުވައި ފުޅާކުރުމާއި، ރާއްޖޭގެ ޑޮކްޓަރުންގެ މެދުގައި ޕްރޮފެޝަނަލިޒަމް ނުވަތަ ފަންނީގޮތުން އެބޭފުޅަކު ކުރައްވާ ޚިދްމަތުގެ ފެންވަރު މަތިކުރުމާއި ކުރިއެރުވުން. ހަމައެހެންމެ، ޑޮކްޓަރުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އުފެދުމާއި، ޑޮކްޓަރުންގެ ޚިދްމަތް، އެ ޚިދްމަތް އެދޭ ފަރާތްތަކަށް އިޙްސާންތެރިކަމާއި، އޯގާތެރިކަމާއެކީގައި ފޯރުވައިދިނުމާއި މި ކަންކަން. އަޅުގަނޑު ދެކޭގޮތުގައި މިއީ ވަރަށް މުހިންމު މަޤްޞަދުތަކެއް.

އާދެ، ރާއްޖޭގައި ޑޮކްޓަރުންގެ އަދަދު މިދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން. އަދި އެކި ބަލިބަލީގެ ޚާއްޞަ ދިވެހި ޑޮކްޓަރުންވެސް މިދަނީ އިތުރުވަމުން. މި ހުރިހާ ކަމަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. އަދި މިހާރުވެސް ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދިވެހި ޑޮކްޓަރުން ވަރަށް ގިނަ. ދެންމެ މިނިސްޓަރ އޮފް ހެލްތުގެ ވާހަކަކޮޅުގައި ބައެއް އަދަދުތައް ވިދާޅުވި. އަޅުގަނޑު ހިތަށްއަރަނީ އެ އަދަދުތަކުންވެސް އަޅުގަނޑުމެން ރާއްޖެ ކުރިއަށްދާ މިންވަރު އަޅުގަނޑުމެންނަށް އެބަ ވަޒަން ކުރެވެއޭ. އަޅުގަނޑު ކުޑައިރު ރާއްޖޭގައި އެއްވެސް ޑޮކްޓަރަކު ނުހުރޭ. ދިވެއްސަކުވެސް، ބިދޭސީއަކުވެސް ޑޮކްޓަރެކޭ ކިޔާ މީހަކު ރާއްޖެއަކު ނުހުރޭ. ދެން އަޅުގަނޑު ވަރަށް ގިނަ އަހަރުތަކެއް ރާއްޖެއިން ބޭރުގައި ހޭދަކޮށްފައި ޗުއްޓީއަކަށް އައިއިރު، އެއީ 1960ގެ މެދުތެރޭގައި ރާއްޖޭގައި ހުންނެވީ އެންމެ ޑޮކްޓަރެއް. އެއީ ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވި ފަދައިން، ޑޮކްޓަރ ޢަބްދުﷲ ޢަބްދުލްޙަކީމް.

އޭގެ ފަހުންވެސް ރާއްޖޭގެ ޑޮކްޓަރުން އިތުރުވަމުންދިޔައީ ވަރަށް ކުޑަ ނިސްބަތަކުންނޭ ދަންނަވަންޖެހޭ. 1980 ވަނަ އަހަރު އައިއިރުވެސް ތިއްބެވި ޑޮކްޓަރުންގެ އަދަދު، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ. ވަރަށް މަދު އަދަދެއް. އެހެންނަމަވެސް މިހާރު ރާއްޖޭގައި ތިބި ޑޮކްޓަރުންގެ އަދަދު ނުވަތަ ޚިދްމަތް، އެބޭފުޅުންގެ ޚިދްމަތް މާލެއާއި އަތޮޅުތަކަށް ލިބެމުންދާ ޑޮކްޓަރުންގެ އަދަދު، ދިވެހި ޑޮކްޓަރުންނާއި، ބިދޭސީ ޑޮކްޓަރުންނާ އެކުގައި ވިދާޅުވިއިރު، އަޅުގަނޑު ހަނދާންވާގޮތުގައި ވިދާޅުވީ ތިންސަތޭކަ ފަސްދޮޅަސް ކޮންމެސްވަރެކޭ.

އެހެންވީމާ، މިހިރީ އަޅުގަނޑުމެން ކުރިއަށްދިޔަވަރު، މިދިޔަ އަހަރުތަކުގެ ތެރޭގައި. އެންމެ ޑޮކްޓަރަކު ނެތް އިރަކުން ފެށިގެން މިހާތަނާ ޖެހެންދެން އަޅުގަނޑުމެންގެ މެޑިކަލް ދާއިރާ ނުވަތަ ޞިއްޙީ ޚިދްމަތުގެ ދާއިރާ ފުޅާވެ، ތަރައްޤީވެ އަދި އެ ޚިދްމަތް ރައްޔިތުންނަށް ލިބެމުންދާ މިންވަރު އިތުރުވެގެންދިޔަވަރު، ދެންމެ މިނިސްޓަރު ވިދާޅުވި އަދަދުތަކުން ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް އެނގިގެން އެބަދޭ.

އެހެންވީމާ، މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޅަކުދިންނަށް އަދި ޒުވާނުންނަށްވެސް ނޭނގޭނެ ކަމެއް. ރާއްޖެ ކުރިއަށްދާ މިންވަރު، އެމީހުންނަކަށް ވަޒަނެއް ނުކުރެވޭ. އެއީ އެމީހުން ހޭލައިގެންއިރު ނުވަތަ އެމީހުން ދުނިޔޭގެ ކަންތައްތަކަށް ކުރިމަތިލާން ޖެހުނުއިރު މިތިބީ ވަރަށް ބޮޑެތި ކަންތައްތަކެއް ރާއްޖޭގައި ވެފައި. އޭގެކުރިން ރާއްޖޭގެ ހާލަތެއް އެމީހުންނަކަށް އެނގޭކަށް ނެތް. އެއީ ކޮންބައެއްގެ މަސައްކަތުން، ކިހިނެއްވެގެންކަން މިހާރު އަޅުގަނޑުމެން މިތިބަ ހިސާބަށް މިއާދެވުނީ، މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ކުދިންނަށާއި ޒުވާނުންނަށް ނޭނގޭ ކަމެއް. އޮޅިފައި އޮންނަ ކަމެއް. އަދި ބައެއް މީހުން އޮޅުވައިލަން މަސައްކަތްކުރާވެސް ކަމެއް.

އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ރާއްޖެ މިނިވަންވީ 1965 ވަނަ އަހަރު. މީގެ ސާޅީސް އެއް އަހަރު ކުރިން. ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނީ އިނގިރޭސިންގެ ޙިމާޔަތުގެ ދަށުން ވަކިވެގެން ރާއްޖެ މިނިވަންވީ 1965 ވަނަ އަހަރު. އޭރު ރާއްޖޭގައި އެބައެއްގެ ޙިމާޔަތުގެ ދަށުގައި އަޅުގަނޑުމެން ތިބި މީހުން އެއްވެސް ކަމެއް ކޮށްދީފައެއް ނެތް. އަޅުގަނޑު މިހެން މި ދެންނެވީ، އިނގިރޭސި އިސްތިޢުމާރުގެ ދަށުގައި ހުރި އެހެން ޤައުމުތައް މިނިވަންވެގެން ދިޔައިރު، އެތަންތާނގައި ހުރި ކަންތައްތަކަށް ބަލައިލީމާ މިކަން އެނގޭތީ. މިސާލަކަށް، އަޅުގަނޑުމެންގެ އެންމެ ކައިރީގައި މި އޮތް އޮޅުދޫކަރަ. އިނގިރޭސީން އެތާނގައި އެތައް ޒަމާނަކު ތިބެ ފައިބައިގެން ދިޔައިރު، އެތާނގައި ހުރި ވަރަށް ގިނަ ކަންތައްތަކެއް ކޮށްދީފައި. މަގުތައް ހަދައިދީފައި. ފާލަންތައް އަޅައިދީފައި. ހޮސްޕިޓަލްތަކާއި ސްކޫލްތައް ޤާއިމުކޮށްދީފައި. އަދި ވިޔަފާރީގެ ތަފާތު ކަންތައްތައްވެސް ފަށައިދީފައި. ސައިފަތް ހެއްދުމާއި، ރަބަރު އެކްސްޕޯޓް ކުރުމާއި، މިހެންގޮސް އެޗް.އެން ކަންތަކާ، އެތަނުގެ ހުރިހާ ކަންކަމަށްވެސް އޮތީ އިނގިރޭސީން ވަދެފައި. އެމީހުންގެ އިންވެސްޓްމަންޓް ލިބިފައި، އެމީހުން ތިބެގެން އެކަންތައްތައް ވަކި ފެންވަރަކަށް ގެންގޮސްދީފައި.

ހަމައެގޮތަށް، އުތުރު ކަރައިގައިވެސް އަދި އެނޫން ޤައުމުތަކުގައިވެސް އިނގިރޭސީން ތިބެފައި، ފައިބައިގެން ދިޔައިރު އޮތީ ހުރިހާ ވަސީލަތްތަކެއް ބިނާކޮށްދީފައި. އަދި އެމީހުންގެ އަމިއްލަ ބޭނުމަކަށްނަމަވެސް، އެމީހުން އެތާނގައި އަބަދު ތިބެން ގަސްތުކޮށްފައި އޮތުމުގެ ސަބަބުން ނަމަވެސް، އެތަންތާނގައި ހުރީ ހުރިހާ ވަސީލަތްތަކެއް ޤާއިމުކޮށްދީފައި.

އެކަމަކު އަޅުގަނޑުމެންގެ ރާއްޖެ މިނިވަންވީއިރު، ރާއްޖެއަކު އެކަހަލަ އެއްވެސް ކަމެއްނެތް. އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ރާއްޖެ މިހާރު ހޯދާފައި މިވާ ކާމިޔާބީއާއި ތަރައްޤީއަކީ ހަމަ ދިވެހިންގެ ހިންމަތާއި މިންނަތޭ. ދިވެހިރައްޔިތުން ހޯދާފައިވާ ކުރިއެރުމަކާއި ތަރައްޤީއެކޭ. އެކަމަށް އަޅުގަނޑުމެން ފަޚްރުވެރިވާން އެބަޖެހޭ. އެއްވެސް ބޭރު ބަޔަކު އަޅުގަނޑުމެންނަށް އެކަމުން ކަމެއް ކޮށްދިނީކީ ނޫން. ހަމަ އަޅުގަނޑުމެން އަމިއްލައަށް މިނިވަންވީއިރު ތިބީ ހަމަ ސުމެއްގެ ހާލަތުގައި. އެ ހާލަތުން މިއަދު އެއަށްވުރެ ރަނގަޅު ހާލަތަކަށް މި ބަދަލުވީ، ހަމަ ދިވެހީންގެ ހިންމަތާއި މިންނަތުން. ދިވެހިން ކުރި މަސައްކަތުން. ދިވެހި ސަރުކާރު އޭރުވެސް މިހާރުވެސް ސަރުކާރުން ގެންގުޅުއްވި ސިޔާސަތުގެ ސަބަބުން. އެހެންވީމާ، މިކަންތައްތަކަށް އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލުކަމެއް ދޭން އެބަޖެހޭ. މިކަންތައްތައް ރައްޔިތުންނަށް އޮޅުންފިލަންވެސް އެބަޖެހޭ.

އާދެ، ދިވެހި ޑޮކްޓަރުންގެ ޖަމުޢިއްޔާ އުފެއްދެވި މަޤްޞަދު، ދެންމެ ޖަމުޢިއްޔާގެ މުއައްސިސުންނާއި، ޖަމުޢިއްޔާގެ ރައީސްގެ ވާހަކަފުޅުގައި ބަޔާންކޮށްދެއްވައިފި. އެއީ، ވަރަށް ބޭނުންތެރި މުހިންމު މަޤްޞަދުތަކެއް. އެ މަޤްޞަދުތައް ފުރިހަމަވުމަކީ ޝައްކެތްނެތްގޮތުގައި، ދިވެހި ރައްޔިތުންނަށް އޭގެ ސަބަބުން ފައިދާތަކެއް ކުރާނެ ކަމެއް. އެއީ، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބޭނެ ކުރިއެރުމެއް. ލިބޭނެ ތަރައްޤީއެއް. އަދި މިފަދަ މެޑިކަލް އެސޯސިއޭޝަނެއް އުފެދުމަކީ، ރައްޔިތުންނަށް ޑޮކްޓަރުން ދެއްވާ ޚިދްމަތްތައް އިތުރަށް ތަރައްޤީވެ، އެ ބޭފުޅުންގެ ފަންނީ ފެންވަރު ހަރުދަނާވެ އަދި ހުރިހާ ގޮތަކުން ބަލާއިރުވެސް ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް.

އާދެ، އެހެންވީމާ، ދިވެހި ޑޮކްޓަރުންގެ ޖަމުޢިއްޔާއަކީ، ޕްރޮފެޝަނަލް ޑޮކްޓަރުންގެ ޚިދްމަތުގެ ފެންވަރު ތަރައްޤީކޮށް، އާންމުންގެ ޞިއްޙަތު ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމުޢިއްޔާއަށްވުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. އަޅުގަނޑު ޔަޤީންކުރާ ގޮތުގައި ޖަމުޢިއްޔާ އުފެއްދެވި މަޤްޞަދަކީވެސް އެއީ، އަދި ޖަމުޢިއްޔާގެ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް ރޭވުމުގައި އަދި ކުރިއަށް އޮތްތަނަށް އެ ބޭފުޅުން ގަސްތުކުރައްވާ ކަންތައްތަކަށް ޢަމަލީ ސިފަ ގެންނެވުމުގައި މިކަމަށް ވަރަށް ބޮޑަށް ރިޢާޔަތް ކުރައްވާނެ.

އާދެ، މިފަދަ ޖަމުޢިއްޔާތަކަކީ ސަރުކާރުން ވަރަށް ބޮޑަށް ތަރުޙީބުދޭ ޖަމުޢިއްޔާތަކެއް. އެ ޖަމުޢިއްޔާތަކުން ރައްޔިތުންނަށް އިތުރު ފައިދާތަކެއް ކޮށްދެއްވާތީ. ރައްޔިތުންނަށް އޭގެ މަންފާ ލިބޭތީ. އެހެންވީމާ، ސަރުކާރުގެ ފަރާތުން ދިވެހި ޑޮކްޓަރުންގެ ޖަމުޢިއްޔާއަށްވެސް އެބޭފުޅުން އެދިވަޑައިގަންނަވާ ކަމަށްވަނީނަމަ، ބައެއް ކަހަލަ އެހީވުމަކީ އަޅުގަނޑުހިތުން ވަރަށް މުހިންމު ކަމެއް. އެކަމާ ބެހޭގޮތުން އެ ޖަމުޢިއްޔާގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތާ ވާހަކަފުޅު ދައްކަވައިގެން، އެ މަސައްކަތް ކުރިއަށް ގެންދަވައިފިއްޔާ، އެ ޖަމުޢިއްޔާއަށް ސަރުކާރުން އެހީވެދޭގޮތަށްވެސް ހަމަޖެއްސޭނެ ކަމަށް އަޅުގަނޑު ދެކެން.

އާދެ، ރާއްޖޭގައި ޞިއްޙީ ޚިދްމަތް ފުޅާކޮށް، އެ ޚިދްމަތް ފޯރުވައިދިނުމުގައި ވަރަށް ގިނަ ދަތިތަކެއް އެބަހުރި. އަޅުގަނޑުމެންގެ ރާއްޖެ މި އޮންނަގޮތުންވެސް އެ ދަތިތައް އެތައް ގުނަޔަކަށް އިތުރުވެގެން އެބަދޭ. އަޅުގަނޑުމެން މިއުޅެނީ، ކުދިކުދި ޖަޒީރާތަކެއްގައި. މީހަކު ބަލިވެގެން، އެމީހާ ހުރި ރަށުން އެހެން ރަށަކަށް ގެންދިޔުންވެސް ވަނީ ވަރަށް ބޮޑު މައްސަލަޔަކަށްވެފައި. ވަރަށް ބޮޑު ޚަރަދެއް ހިނގާ ކަމަކަށްވެފައި. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖެ މިއޮތްގޮތުންވެސް އިތުރު ދަތިތަކެއް އަޅުގަނޑުމެންނަށް ކުރިމަތިވޭ. އެ ދަތިތައް އަޅުގަނޑުމެން އެބަ ހައްލުކުރަންޖެހޭ. މިކަމުގައި ހަމައެކަނި ޞިއްޙީ ދާއިރާގެ ބޭފުޅުން މަސައްކަތް ކުރައްވައިގެން ޙައްލަކަށް ނާންނާނެ. މީގައި އެބަ ބޭނުންވޭ، ސަރުކާރުގެ އެހެން ދާއިރާތަކުގެ އެއްބާރުލެއްވުމާއި އަދި އެނޫންވެސް އާދެ، އަމިއްލަ ޖަމުޢިއްޔާތަކާއި، އަމިއްލަ ފަރުދުންގެވެސް އެއްބާރުލެއްވުމާއި އެހީތެރިކަން. މިކަންތައްތައް މިގޮތަށް ގެންގޮސްގެން އަޅުގަނޑު ހިތުން ރާއްޖޭގައި ޞިއްޙީ ޚިދްމަތުގެ ފެންވަރު ރަނގަޅުކުރެވޭނީ. އަދި ރާއްޖޭގެ ޞިއްޙީ ޚިދްމަތުގެ ދާއިރާ ފުޅާކޮށް ތަރައްޤީ ކުރުމަށް އެޅިފައިވާ ހުރަސްތައް ގިރާކުރެވޭނީ.

އާދެ، ޝައްކެތްނެތްގޮތުގައި، ޑޮކްޓަރުންނަކީ އިންސާނީ ވަރަށް މުހިންމު ޚިދްމަތްތަކެއް ކުރައްވާ ބޭފުޅުން. އެ ބޭފުޅުން އެ ކުރައްވާ ޚިދްމަތްތަކުގެ އަގު އަޅުގަނޑުމެން އެންމެން ވަޒަންކުރަންޖެހޭނެ. އެ ބޭފުޅުންވެސް ޚިދްމަތް ކުރައްވަނީ އެންމެ އެކަށީގެންވާ މާޙައުލެއްގައެއް ނޫން. އެބޭފުޅުންނަށްވެސް ދިމާވާ ވަރަށް ގިނަ ދަތިތަކާއި، އުނދަގޫތަކާއި މައްސަލަތައް އެބަހުރި. އެ ދަތިތަކާއި އުނދަގޫތަކާއި، އެ މައްސަލަތައް އެހެން ހުރިކަމުގައިވިޔަސް، އެ ބޭފުޅުންގެ ޚިދްމަތް ރައްޔިތުންނަށް ދެއްވޭތޯ ވަރަށް އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ. އެހެންވީމާ، އެކަން އަޅުގަނޑު ހަނދާންކޮށް، ދިވެހި ހުރިހާ ޑޮކްޓަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މި ފުރުޞަތުގައި، ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީ ކުރައްވައި، ޞިއްޙީ ޚިދްމަތްތައް ފުޅާކުރެއްވުމުގެ މަސައްކަތް، މީގެކުރިން ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. ޚާއްޞަކޮށް، އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވަލުވިފަހުން ޞިއްޙަތާބެހޭ ވުޒާރާ މިހާތަނަށް ހިންގަވައިދެއްވި ހުރިހާ ބޭފުޅުން ކޮށްދެއްވި ޚިދްމަތްތައް އަޅުގަނޑު ހަނދާންކުރަން. އޭގެތެރޭގައި، އަލްފާޟިލް މުޙަންމަދު މުޞްޠަފާ ޙުސައިން، އަލްފާޟިލް ޢަބްދުﷲ ޖަމީލް، އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީ، އަލްފާޟިލް އަޙްމަދު ޢަބްދުﷲ، އަލްފާޟިލާ އަނީސާ އަޙްމަދު ހިމެނިވަޑައިގަންނަވާ. މިއިން ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ދައުރުގައި އެ ކޮށްދެއްވި އިޚްލާޞްތެރި ޚިދްމަތްތަކުގެ މަތިން ހަނދާންކޮށް، އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މިހާރު އެ މަގާމުގައި ހުންނެވި އަލްފާޟިލް އިލްޔާސް އިބްރާހީމް، ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓަކައި އެ މަނިކުފާނަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

މީގެއިތުރުން، ރާއްޖޭގެ ޞިއްޙީ އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން އެ ކުރައްވަމުން ގެންދަވާ ޚިދްމަތްތަކުގެ ހަނދާން އާކުރަމުން، އެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ރާއްޖޭގައި އުފެދިފައިވާ ޞިއްޙީ ޚިދްމަތްދޭ އެހެނިހެން އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކުން އެ ކުރައްވާ މަސައްކަތްތަކުގެ އަގުވެސް އަޅުގަނޑު ވަޒަންކޮށް، އެ ހުރިހާ ފަރާތްތަކަށްވެސް ޝުކުރު ދަންނަވަން.

އާދެ، ރާއްޖޭގައި މެޑިކަލް އެސޯސިއޭޝަނެއް ރަސްމީގޮތުން އިފްތިތާޙުކުރެވޭ މުނާސަބަތުގައި، ދިވެހި ޑޮކްޓަރުންނާ މުޚާޠަބުކޮށް، އިތުރު އެއްޗެއް ދަންނަވާލުމަކީވެސް އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޑޮކްޓަރުންގެ މަސައްކަތްޕުޅާ ބެހޭގޮތުން ނުވަތަ އެ ބޭފުޅުން ރައްޔިތުންނަށް އެ ދެއްވާ ޚިދްމަތްތަކާ ބެހޭގޮތުން، ޢިލްމީގޮތުން ނުވަތަ ފަންނީގޮތުން އެ ބޭފުޅުންނަށް އެއްވެސް އެއްޗެއް ދެންނެވުމަކީ އަޅުގަނޑަށް ކުރެވޭވަރުގެ ކަމެއްނޫން. އަޅުގަނޑުގެ ޤާބިލިއްޔަތު ތަންދޭކަމެއްނޫން. އެހެންނަމަވެސް، މިވަގުތު އަޅުގަނޑު މިހުރި މަގާމުގެ ޙައިޘިއްޔަތުން، ރާއްޖޭގެ އެކިއެކި ދާއިރާތައް ތަރައްޤީކޮށް ކުރިއަރުވައި، ރައްޔިތުންނަށް އެ ދާއިރާތަކުން ދެއްވާ ޚިދްމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްކުރުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު މަސްއޫލިއްޔަތަކަށްވާތީ، މިކަމުގައިވެސް ޑޮކްޓަރުންނަށް އެއްޗެއް ދަންނަވާލުމަށް ބޭނުންވެގެން، އެ ވާހަކަ އަޅުގަނޑު ދަންނަވާލަން މިއުޅެނީ.

އާދެ، ޑޮކްޓަރުންގެ ޚިދްމަތް ރައްޔިތުން ދެކޭނީ ކިހިނެއްތޯ؟ މިއީ އަޅުގަނޑު ހިތުން ހުރިހާ ޑޮކްޓަރުންވެސް، ހަމަ ކޮންމެ ބޭފުޅަކުވެސް، އެ ބޭފުޅެއްގެ އަމިއްލަ ހިތްޕުޅާ ކުރެއްވުން އެކަށީގެންވާ ސުވާލެއް. މިސާލެއް ދަންނަވަންޏާ، ޓީ.ވީ.ގެ ޚިދްމަތް އަޅުގަނޑުމެންނަށް ލިބޭ ފެންވަރު، ރައްޔިތުން އެ ވަޒަންކުރަނީ ނުވަތަ ކުރާނީ ކިހިނެއްތޯ؟ އާދެ، ޓީ.ވީ މޯލްޑިވްސް ހިންގުމަށް ވަރަށް ބޮޑެތި ޚަރަދުތަކެއް ހިނގާ. ވަރަށް ގިނަ މޮޅު އިކްވިޕްމަންޓުތައް އެތަނަށް ބޭނުންވޭ. އިމާރާތުގެ ތަނަވަސްކަން ބޭނުންވޭ. ވަރަށް ގިނަ އަދަދަކަށް މުވައްޒަފުން ބޭނުންވޭ. އެ މުވައްޒަފުންނަށް އެކި ކަންކަމުގެ ތަޖުރިބާ ލިބިދޭންޖެހޭ. އެކަމުގެ ހުނަރު ހާސިލުކޮށްދޭންޖެހޭ. މި ހުރިހާ ކަމަކަށް ވަރަށް ބޮޑެތި ޚަރަދުތަކެއް ހިނގާ.

އެކަމަކު އާދައިގެ ރައްޔިތަކު ޓީ.ވީ.ގެ ޚިދްމަތް ވަޒަންކުރާނީކީ، މި ދެންނެވި ކަންތައްތަކަށް ބަލާފައެއްނޫން. އެ މީހުންނަށް ގޭގައި ތިބެގެން ބަލާއިރު ޓީ.ވީ އިން އެ ފެންނަ މަންޒަރު އެއީ ރަނގަޅު މަންޒަރަކަށްވަންޏާ ނުވަތަ ޓީ.ވީ.އިން އެ ބުނެދޭ އެއްޗަކީ، އެމީހުންނަށް އެއިން ފައިދާއެއް ކުރާނެ އެއްޗެއް ކަމަށްވަންޏާ، ބުނާނެ ޓީ.ވީ.ގެ ޚިދްމަތް ވަރަށް ރަނގަޅޭ.

ހަމައެހެން، ނޫސްކިޔާ މީހުންވެސް. ނޫހަކީވެސް ވަރަށް ބޮޑެތި ޚަރަދުތަކެއް ހިނގާ އެއްޗެއް. އެކިއެކި މެޝިނަރީ ހޯދުމާއި، ކަރުދާހާއި، ދެއްޔާއި، ޗާޕްކުރުމާ، އަދި ގެންގުޅުއްވަންޖެހޭ މުވައްޒަފުންނާއި، މި ހުރިހާ އެންމެންގެ މުސާރަޔާއި، މި ހުރިހާ ކަމަކަށް ބަލާއިރު، ވަރަށް ބޮޑެތި ޚަރަދުތަކެއް ކޮށްގެން ނޫހެއް ނެރެވޭނީ. އެކަމަކު ނޫސްކިޔާ މީހާ ނޫސް ވަޒަންކުރާނީކީ، މި ދެންނެވި ޚަރަދުތަކަށް ބަލާފައެއްނޫން. އެ މީހާ ވަޒަންކުރާނީ އޭނާގެ އަތަށް ހެނދުނު ނުވަތަ ހަވީރު ނޫސް އެރީމާ ބަލައިލާއިރު، އޭގައި އޮންނަ އެއްޗެއްގެ ސަބަބުން އޭނާއަށް ފައިދާކުރަނިވި ރަނގަޅު މަޢުލޫމާތެއްދޭ، ރަނގަޅު ޚަބަރުތައް، ޙަޤީޤީ ޚަބަރުތައް ގެނެސްދޭ، އެމީހުންގެ ޝުޢޫރުތައް ހާމަކުރާ ނޫހަކަށްވަންޏާ، އެ ނޫހަކަށް އާންމު ރައްޔިތުން މަރުޙަބާ ކިޔާނެ. ކިތަންމެ ބޮޑު ޚަރަދެއްކޮށްގެންނަމަވެސް، އެ ނޫންގޮތަކަށް މީހުންނާ ހަމަޔަށް ނޫހުގައި ހުންނަ އެއްޗެހިތައް ވާސިލުވަންޏަކާ، އެކަމަކަށް އެމީހުން ތަރުޙީބެއް ނުދޭނެ.

ދަންނަވަން މިއުޅޭ އެއްޗަކީ، ޞިއްޙީ ޚިދްމަތުގެ ދާއިރާގައިވެސް އެކަން ވާނީ ހަމަ އެހެންނޭ. ޑޮކްޓަރުން، އެބޭފުޅުންގެ ތަޢުލީމީ ފެންވަރު މައްޗަށް ގެންދިޔުމަށްޓަކައި ވަރަށް ބޮޑެތި ޚަރަދުތަކެއް އޮންނާނީ ކުރައްވާފައި. އެ ބޭފުޅުން އަމިއްލަފުޅަށް ނުވަތަ އެ ބޭފުޅުންގެ ޢާއިލާގެ ފަރާތުން ނުވަތަ ސަރުކާރު ނުވަތަ އެހެންވެސް ފަރާތަކުން. އެހެންވީމާ، ޑޮކްޓަރަކަށް ވެވޭނީ ވަރަށް ގިނަ ޚަރަދުކޮށްގެން. އަދި އެ ބޭފުޅަކު ޚިދްމަތްދެއްވާ ތަންތަން އެ ހުންނަނީވެސް ވަރަށް ބޮޑެތި ޚަރަދުކޮށްގެން ހަދާފައި. އެއީ އަދި އައި.ޖީ.އެމް.އެޗް. ކަމުގައިވިޔަސް، ނުވިޔަސް. އަދި އެއަށްވުރެ ކުޑަކުޑަ ކްލިނިކަކަށްވިޔަސް އަދި އެނޫން ތަނަކަށްވިޔަސް، އެ އިމާރާތަކަށްވެސް ޚަރަދުތަކެއް ހިނގާ. އަދި އެ ބޭފުޅުން އެ ބޭނުންކުރައްވާ އިކްވިޕްމަންޓް، އެކި ކަހަލަ ފަންނީ އިކްވިޕްމަންޓް ބޭނުންކުރަން އެބަޖެހޭ. އެއީ، ބަލިމީހާގެ ބަލި ދެނެގަތުމަށްޓަކައި އެ ބޭފުޅުންވެސް، އެ ބޭފުޅުންގެ އަރިހުގައި މަސައްކަތް ކުރައްވާ އެހެން ފަންނީ މީހުން. މިކަމަށްވެސް ވަރަށް ބޮޑެތި ޚަރަދުތަކެއް ހިނގާނެ.

އެހެންވީމާ، ބަލިމީހާ ޑޮކްޓަރުގެ އަރިހަށް އައިސް، އެމީހާގެ ޝަކުވާ ދެންނެވީމާ، ޑޮކްޓަރު އެމީހެއްގެ ޝަކުވާ ނުވަތަ ބަލީގެ ޙާލަތު ބައްލަވާފައި، އެމީހަކަށް ފަރުވާ ދެއްވަނީ. އެ ދެއްވާ ދެއްވުމުގައި، ފަހަރެއްގައިވެސް އޭނާގެ ހިތްހަމަޖެހުން އޮންނާނީކީ، ކުރިން މި ދެންނެވި ޚަރަދުތައް ކުރައްވާފައިވާލެއް ބޮޑުކަމުގެ މައްޗަކަށް ނޫން. މިއީ ހާދަ ރީތި، ހާދަ ބޮޑު ހޮސްޕިޓަލެކޭ، މިތާނގައި ހާދަ ރަނގަޅަކަށް ކަންތައްތައް ހަމަޖެހިފައި އެބަހުއްޓޭ، މިތާނގެ ހުރިހާ ކޮޓަރިއެއްވަނީ އެއަރކޮންޑިޝަން ކޮށްފައޭ. މިތާނގައި ހުރުމަކީ ވަރަށް ހިތްފަސޭހަކަމެކޭ، ވަރަށް ރީތި މާޙައުލެކޭ. މިކަންކަން އޭނާ ހިތަށް އެރިޔަސް، އޭނާގެ ހިތުގައި އެކަމަކުން ޑޮކްޓަރުންގެ ޚިދްމަތާ ބެހޭގޮތުން އެއްވެސް އެއްޗެއް ހިތަކަށްނާރާނެ. އޭނާގެ ހިތަށް އަސަރެއް ކުރާނީ، އެ ޑޮކްޓަރަކު އޭނާއާ ދޭތެރޭގައި މުޢާމަލާތު ކުރައްވާ ގޮތަކުން. އޭނާޔާ ބައްދަލުކުރައްވަނީ އޭނާއަށްވެސް އިޙްތިރާމް ކުރައްވައިތޯ، އޭނާއަށް ހަމްދަރުދީވެވަޑައިގެންތޯ، އޭނާގެ ބަލި ރަނގަޅަށް ބައްލަވައިދެއްވާތޯ ފަރުވާތެރިކަމާއެކީގައި އަދި އެދެއްވާ ފަރުވާއަކީ ހަމަ ވަރަށް ރަނގަޅު ފަރުވާއެއްތޯ، އޭގެ ސަބަބުން އޭނާއަށް ޝިފާއެއް ލިބޭތޯ. މިކަންކަން ރައްޔިތުން ދެކޭނީ.

އެހެންވީމާ، ޑޮކްޓަރުން ކުރައްވާ ޚިދްމަތުގައިވެސް އަޅުގަނޑަށް ހީވަނީ، މިތަންކޮޅަށް ބައްލަވައިލެއްވުން ވަރަށް މުހިންމުހެން. ކޮންމެ ޑޮކްޓަރަކުވެސް ބަލިމީހަކާ ބައްދަލުކުރައްވާއިރު، ބަލިމީހާގެ އިތުބާރު ޑޮކްޓަރަށް ލިބޭފަދަގޮތަކަށް، އޯގާތެރިކަމާއެކީގައި، އިޙްސާންތެރިކަމާއެކީގައި، ހަމްދަރުދީޔާއެކީގައި އަދި އެމީހެއްގެ ބަލި އެކަށީގެންވާ ރަނގަޅުގޮތަކަށް ބައްލަވައިދެއްވައި، އޭނާއަށް އެކަމާ ބެހޭގޮތުން މަޢުލޫމާތު ދެއްވައި، އޭނާއާ ދޭތެރޭގައި އޮންނަ ގުޅުން ރަނގަޅު ކުރައްވައި އަދި އެ ދެއްވާ ފަރުވާޔަކީ އޭގެ ސަބަބުން އެމީހަކަށް ޝިފާއެއް، މާތް ﷲގެ ވާގިފުޅާއެކީގައި ލިބޭ ޝިފާއަކަށް ވެއްޖިއްޔާ އެއީ އަދި އެންމެ މުހިންމު ކަމަކަށް މިކަމުގައި ވާނެ ކަމަކީ.

އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ، ޑޮކްޓަރުން އަބަދުވެސް ހަނދުމަފުޅު ކުރައްވަންޖެހޭނޭ، ޑޮކްޓަރުންގެ ޚިދްމަތް ރައްޔިތުން ވަޒަންކުރާނީ އޭގެ އެންމެފަހު މަރުޙަލާގައޭ. އާދެ، އަޅުގަނޑުމެންގެ މާތްވެގެންވާ ދީނުގައިވެސް އަންގަވާފައި އޮންނަނީވެސް އެހެން. އަޅުގަނޑުމެން މީހުންނާ މުޢާމަލާތު ކުރާއިރު، އިޙްސާންތެރިކަމާއެކު މުޢާމަލާތު ކުރުމަށް. މީހަކާ ބައްދަލުވާހިނދު، ސަލާންގޮވާލުމަކީވެސް ޞަދަޤާތެއް. ހެޔޮ ބަހެއް ބުނުމަކީވެސް ޞަދަޤާތެއް، ހިނިތުންވުމަކީވެސް ޞަދަޤާތެއް، އެހެންވީމާ، މީހުންނާ އަދި މިދެންނެވީ އަދި މެޑިކަލް ދާއިރާގައި ނޫނަސް، ޕްރޮފެޝަނަލް ދާއިރާގައި ނޫނަސް، ހަމަ އާދައިގެ ފެންވަރުގައިވެސް މިކަންތައްތައް މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެއް. އެހެންވީމާ، އަދި އަމުދުން އެކިއެކި ޕްރޮފެޝަންތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން، އެ ބޭފުޅުންގެ ޚިދްމަތް، ރައްޔިތުން ވަޒަންކުރާގޮތް ބެއްލެވުމަށްޓަކައި ނުވަތަ ރައްޔިތުން އެ ޚިދްމަތްތަކަށް ތަރުހީބުދޭ ފެންވަރު އިތުރުކުރެއްވުމަށްޓަކައި މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ތަންކޮޅެއް ދިގުވެސްވެއްޖެ. އެހެންނަމަވެސް، މި އުފާވެރި މުނާސަބަތުގައި ދިވެހި ޑޮކްޓަރުންގެ ޖަމުޢިއްޔާގެ މުއައްސިސުންނަށާއި، ހިންގާ ކޮމިޓީގެ މެންބަރުންނަށާއި އަދި ޖަމުޢިއްޔާގެ ހުރިހާ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ތަހުނިޔާއާއި މުބާރަކްބާދީ ތަކުރާރުކުރަން. އަދި އެ ބޭފުޅުން އެ އުފެއްދެވި ޖަމުޢިއްޔާގެ ސަބަބުން އަޅުގަނޑުމެންގެ ޞިއްޙީ ދާއިރާއަށް އިތުރު ކުރިއެރުމާއި ތަރައްޤީ ލިބެމުންދާނެ ކަމަށް އުންމީދު ކުރަން. ހަމައެއާއެކީގައި، ރާއްޖޭގެ ރައްޔިތުންނަށް މިކަމުގެ ފައިދާ، ވަރަށް ރަނގަޅަށް ފެނިގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ހެޔޮވިސްނުން ދެއްވުން. އަޅުގަނޑުމެން ކުރާ ކަންކަމުގައި ބަރަކާތް ލެއްވުން. އަދި ރާއްޖޭގެ އެކިއެކި ފަންނީ ޚިދްމަތްތައް ދެއްވާ ފަރާތްތަކުން އެ ދެއްވާ ޚިދްމަތްތަކުގެ ފެންވަރު މަތިވެ، އެ ޚިދްމަތްތައް ރައްޔިތުން ބަލައިގަންނަ ފެންވަރަކަށް، ރައްޔިތުން ރުހޭ ފެންވަރަކަށް އެ ޚިދްމަތްތައް ފުޅާކޮށް ތަރައްޤީ ކުރުމުގެ ހެޔޮ ތައުފީޤު، އެ ހުރިހާ ބޭފުޅުންނަށާއި، ދިވެހި ސަރުކާރަށާއި، ރާއްޖޭގައި އުފެދިފައިވާ ޖަމުޢިއްޔާ ޖަމާޢަތްތަކަށާއި އަދި އެނޫން ފަރާތްތަކަށް ދެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.