بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، سيّدنا محـمَّدٍ وعلى آلـه وأصـحابه أجمعـين.

އާދެ، މި އަހަރުގެ ތިމާވެށި ދުވަހުގެ މުނާސަބަތުގައި، ޤައުމީ ފެންވަރުގައި މި ރަށުގައި ހިންގާ ޕްރޮގްރާމުތަކުގައި ބައިވެރިވުމަށް އަޅުގަނޑު މިއަދު ތިޔަބޭފުޅުންގެ މި ލޮބުވެތި ރަށް، މީދުއަށް އައުމުން، މީދޫގެ ލޮބުވެތި ރައްޔިތުންނާއި، ވެރިންނާއި އަދި މިއަތޮޅުގެ އަތޮޅުވެރިންނާއި، އެހެން ރަށްރަށުގެ ވެރިންގެ ފަރާތްޕުޅުން އަޅުގަނޑަށް ތިޔަ ވިދާޅުވި އިޚްލާޞްތެރި އަދި ހޫނު މަރުޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އާދެ، މިއަދު މީދޫ މިވަނީ މި ދުވަސް، ކުލަގަދަގޮތެއްގައި ގެނައުމަށްޓަކައި ވަރަށް ބޮޑަށް ތައްޔާރުވެފައި. އަޅުގަނޑު މި ރަށަށް ފޭބީއްސުރެ، މިރަށުން ފެނުނު ކޮންމެ މަންޒަރަކީވެސް، އެ މަންޒަރު އެހާ ފުރިހަމަކޮށް ދައްކައިލެއްވުމަށްޓަކައި، ރަށުގެ ރައްޔިތުންނާއި ވެރިން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވާ މަންޒަރެއް. ރަށް ފެނިގެންދިޔައީ ވަރަށް ސާފު ރީތި ރަށެއްގެ ގޮތުގައި. ތިމާވެށްޓަށް ކަމޭހިތާ، ތިމާވެށްޓާ ރަށްޓެހި، ފެހި ރަށެއްގެ ގޮތުގައި. އާދެ، އެކަމުން ރަމްޒުކޮށްދޭ އެއްކަމަކީ، ދުވަހަށްޓަކައި ރަށް ތައްޔާރު ކުރެއްވުމުގައި، ރަށުގެ ހުރިހާ ގޭގޭގެ ވަށާފާރު ވަނީ ފެހިކުލައިން ޒީނަތްތެރި ކުރައްވާފައި.

އެހެންވީމާ، މިކަމަށް މީދޫގެ ލޮބުވެތި ރައްޔިތުން ތިޔަ ބެހެއްޓެވި އަހަންމިއްޔަތާއި، މިހާ ފުރިހަމަގޮތެއްގައި، މިހާ ރީތި ގޮތެއްގައި، މި ދުވަހުގެ އިޙްތިފާލުތައް ބޭއްވުމަށްޓަކައި މި ރަށް މިހާބޮޑަށް ތައްޔާރުކޮށްދެއްވީތީ، ރަށުގެ ލޮބުވެތި ރައްޔިތުންނަށާއި، ވެރިންނަށް، އަދި މިކަމުގައި އުޅުއްވި ހުރިހާ އެހެން ބޭފުޅުންނަށްވެސް އާދެ، މި އަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް ސަޢުދު ޢަބްދުﷲ އާއި، އަތޮޅުއޮފީހުގެ އެހެން ވެރިންނާއި، މީދޫ އޮފީހުގެ ވެރިންނާއި، އަދި މިކަމުގައި ބައިވެރިވެވަޑައިގެންދެއްވި އެހެން ހުރިހާ ބޭފުޅުން ޝާމިލުވާގޮތަށް، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

ހަމައެހެންމެ، މި އަހަރުގެ ތިމާވެށި ދުވަސް މި ރަށުގައި ބޭއްވުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރ އިން ކުރައްވާފައިވާ މަސައްކަތްތަކަށްޓަކައި މިނިސްޓަރ އަލްފާޟިލް އަޙްމަދު ޢަބްދުﷲ އަށާއި، އެ މިނިސްޓްރީގެ ވެރިންނަށާއި، މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ތިޔަބޭފުޅުންނަށް ތިޔަ ފެނިވަޑައިގެން ފަދައިން، މި އަހަރުގެ ތިމާވެށި ދުވަހުގެ މި ޚާއްޞަ ޕްރޮގްރާމުގައި ވަރަށް ގިނަ ކަންތައްތަކެއް ވަނީ ހިމެނިފައި. އޭގެ ތެރެއިން، އެއްކަމަކީ މިނިސްޓްރީ އޮފް ޓޫރިޒަމުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރއާ ގުޅިވަޑައިގެން ހިންގަވާ "ސާފު ގޮނޑުދޮށް، ސާފު ކަނޑު-ފަތުރުވެރިކަމާމެދު ވިސްނަމާ" މި ކެމްޕެއިން ފެށުން.

މިއަދުގެ މި އުފާވެރި ޖަލްސާގައި، މީގެ ކުޑައިރުކޮޅެއް ކުރިން މި މުހިންމު ޕްރޮގްރާމް ފަށައިދިނުންވީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައި. މި ކެމްޕެއިނަކީ އަޅުގަނޑުމެންގެ ގޮނޑުދޮށްތަކުގެ ރީތިކަމާއި ސާފުކަމާއި، އަދި އަޅުގަނޑުމެންގެ މޫދާއި ކަނޑުގެ ވެށީގެ ސާފުކަމާއި، ރީތިކަމާއި، މުއްސަނދިކަމާ، އަދި މިކަމާއި ފަތުރުވެރިކަމާ ހުރި ގުޅުމާ، މިކަންކަމަށް ރައްޔިތުންގެ ސަމާލުކަން ހޯދުމަށްޓަކައި ކުރެވޭ ކެމްޕެއިނެއް.

އެހެންވީމާ، މި ކެމްޕެއިން ކާމިޔާބުވުމަކީ ޝައްކެއްނެތްގޮތުގައި، ރާއްޖޭގެ ތިމާވެށްޓަށް އޭގެ ސަބަބުން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމެއް. އެހެންކަމުން، އަޅުގަނޑު ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކިބައިން އަދި ސަރުކާރުގެ ކަމާބެހޭ އޮފީސްތަކާއި ދާއިރާތަކާއި، ވެރިންނާއި މުވައްޒަފުންގެ ފަރާތުން އަދި ދިވެހިރާއްޖޭގައި ތިމާވެށްޓަށް ލޯބިކުރައްވާ، ތިމާވެށްޓަށް ޚިދްމަތްކުރައްވާ އަމިއްލަ ޖަމާޢަތްތަކާއި، ޖަމުޢިއްޔާތަކުގެ ކިބައިން މި އެދެނީ މި ޕްރޮގްރާމް ކާމިޔާބު ޕްރޮގްރާމަކަށް ހެއްދެވުމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން މި ޕްރޮގްރާމަށް ދެއްވުމަށް.

މިފަދަ ކެމްޕެއިނެއް ހިންގަވާކަމަށްޓަކައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަން ޑޮކްޓަރ މަޙްމޫދު ޝައުޤީއަށާއި، އެ މިނިސްޓްރީގެ ވެރިންނަށާއި މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މި ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށްޓާއި ހަކަތަޔާއި ފެނާބެހޭ އިދާރާގެ އެއްބާރުލުމާ އެކީގައި ކުރިއަށްދާ ޕްރޮގްރާމަކަށްވާތީ، އެ މިނިސްޓްރީގެ މިނިސްޓަރަށާއި، އަދި އެހެން ވެރިންނަށާއި، މުވައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، މި ޕްރޮގްރާމުންވެސް ދޭހަވާގޮތުގައި އަޅުގަނޑުމެންގެ ރާއްޖެއަށް ފަތުރުވެރިކަމަކީ ވަރަށް މުހިންމު ޢިނާޔަތެއް. ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގެ ވަރަށް ބޮޑު ބިންގަލެއް. އެހެންކަމުން، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއަށް ގެންދިޔުމަކީ އަޅުގަނޑުމެންގެ މުސްތަޤްބަލުގެ އަމާންކަމާއި ސަލާމަތާއި އަދި ބާއްޖަވެރިކަމަށްޓަކައި ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް. އަޅުގަނޑުމެން މިއަދު މި ފެށި ކެމްޕެއިން އަމާޒުވެފައިވަނީ، މި ދެންނެވި މަޤްޞަދަށް. ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިޔުމުގެ މައްޗަށް.

އާދެ، ރާއްޖޭގެ ފަތުރުވެރިކަން ބިނާވެފައި މިވަނީ މާތް ﷲ އަޅުގަނޑުމެންގެ ރާއްޖެއަށް ދެއްވާފައިވާ ސާފުކަމާއި، ރީތިކަމުގެ މައްޗަށް. އަޅުގަނޑުމެންގެ ގޮނޑުދޮށްތަކުގެ ހިތްގައިމުކަމާއި، ރީތިކަމާއި، އަޅުގަނޑުމެންގެ މޫދުތަކާއި، ފަރުތަކާއި، ކަނޑުގެ ރީތިކަމާއި، އަދި އޭގައިވާ މުއްސަނދި ކަމުގެ މައްޗަށް.

އެހެންވީމާ، ދެމެހެއްޓެނިވި ގޮތެއްގައި އަޅުގަނޑުމެންނަށް ފަތުރުވެރިކަމުގެ ސިނާޢަތު ތަރައްޤީކުރެވޭނީ، މި ދެންނެވި ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދީގެން. އަޅުގަނޑުމެންގެ ގޮނޑުދޮށްތައް ސާފުކޮށް ބާއްވައިގެން. އަޅުގަނޑުމެންގެ މޫދާއި ކަނޑުތައްވެސް ސާފުކޮށް ބާއްވައިގެން. އަދި އޭގައިވާ ދިރުން، އަޅުގަނޑުމެން އެއަށް ހިމާޔަތްކަންދީގެން. އެހެންވީމާ، މި މުހިންމު މަޤްޞަދު ހާސިލުކުރުމަށްޓަކައި މިއަދު މި ފެށުނު ކެމްޕެއިން ކާމިޔާބު ކުރުމުގައި އަޅުގަނޑުމެން އެންމެންގެވެސް ދައުރެއް އެބައޮތް. އެހެންކަމުން، އަޅުގަނޑު އެދެނީ އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް މިކަމުގައި އެމީހަކަށް އަދާކުރެވެން އޮތް ވާޖިބެއް، މަސްއޫލިއްޔަތެއް، ޒިންމާއެއް ފުރިހަމައަށް އަދާކުރަމުން ގެންދިޔުން.

އާދެ، މިއަދުގެ ޕްރޮގްރާމުގައި ހިމެނޭ އަނެއް ކަމަކީ، "ފެހި ރާއްޖެ" މި ޕްރޮގްރާމް ހިންގަން ފެށުން. އާދެ، "ފެހި ރާއްޖެ" މި ޕްރޮގްރާމަކީ ރާއްޖެއަކީ ފެހި ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ރޭވިގެން ހިންގޭ ޕްރޮގްރާމެއް.

އާދެ، ރާއްޖެއަކީ ގަސްގަހާގެހީގެ ޒީނަތްތެރިކަން ލިބިފައިވާ، ގަސްގަހާގެހީގެ ހިޔަލާއި ފައިދާ ލިބިފައިވާ، އަދި ގަސްގަހާގެހީގެ ސަބަބުން ތިމާވެށްޓަށް ލިބޭނެ ކުރިއެރުމާއި ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ހިފަހައްޓާ ޤައުމަކަށް ހެދުމަށް އަމާޒުކުރެއްވިގެން ހިންގޭ ޕްރޮގްރާމެއް "ފެހި ރާއްޖެ" މި ޕްރޮގްރާމަކީ.

އާދެ، ރާއްޖޭގައި ގަސްއިންދާ ހެއްދުން، މިބާވަތުގެ ޕްރޮގްރާމުތައް މީގެކުރިންވެސް އަޅުގަނޑުމެންވަނީ ވަރަށް ކާމިޔާބުކަމާއެކީ ހިންގާފައި. ގަސްއިންދުމުގެ ޕްރޮގްރާމުތައް، އެންމެފަހުން ދެމިލިޔަން ގަސްއިންދުމުގެ ޕްރޮގްރާމުވެސް ވަރަށް ކާމިޔާބުކަމާއެކީގައި ހިންގިއްޖެ. އެހެންވީމާ، މިކަމަކީ އަބަދުވެސް އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމަކަށްވާތީ، އަދި ހުއްޓުވެންނެތި ކުރިއަށް ގެންދަންޖެހޭ ކަމަކަށްވާތީ، އިތުރު ޢަޒުމަކާއި، އިތުރު ބާރަކާއެކީގައި މިއަދު އެކަމުގެ އާ ޕްރޮގްރާމެއް، މާތް ﷲގެ ވާގިފުޅާއެކުގައި މި ފަށަނީ.

އާދެ، އެ ޕްރޮގްރާމް، މި އިޙްތިފާލުގެ ތެރޭގައި ފަށްޓައިދިނުން ވާނީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލަކަށް. މި ޕްރޮގްރާމް ފަށްޓަވާ ކަމަށްޓަކައި މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރީން ރިސޯސަސް އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީނަށާއި، އެ މިނިސްޓްރީގެ ވެރިންނަށާއި، މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

މި ޕްރޮގްރާމުވެސް މި ހިންގެނީ ރާއްޖޭގެ ތިމާވެށްޓާއި ހަކަތަޔާއި ފެނާބެހޭ ވުޒާރާއާ ގުޅިގެން ކަމަށްވާތީ، އެ ވުޒާރާގެ ވެރިންނަށާއި، މުވައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، މި ޕްރޮގްރާމުވެސް ކާމިޔާބު ޕްރޮގްރާމެއްގެ ގޮތުގައި ކުރިއަށްދާނީ ރާއްޖޭގެ ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަން ލިބިގެން. ރައްޔިތުންގެ އެންމެން، ސަރުކާރުގެ ދާއިރާތަކާއި، އަމިއްލަ ދާއިރާތަކުގައި ހަރަކާތްތެރިވެވަޑާއިގަންނަވާ ހުރިހާ ބޭފުޅުންނާއި، ސްކޫލް މަދަރުސާތަކާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަ ފަރުދުން މިކަމުގައި ފިސާރި ރަނގަޅަށް ބައިވެރިވެގެން. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖެއަކީ ފެހި ރާއްޖެއެއް ކަމަށް ހެދުމަށް، އަލަށް މި ފެށޭ ޕްރޮގްރާމް ކާމިޔާބު ކުރުމަށްޓަކައި ދިވެހިރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުމާއި ތާއީދަށް އަޅުގަނޑު ގޮވާލަން. އަދި ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، އަޅުގަނޑުމެންގެ ރާއްޖެއަކީ ފެހިރާއްޖެއަކަށް ހެއްދެވުމަށް ކޮންމެ ރައްޔިތަކަށްވެސް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރެއްވުމަށް މިއަދު އަޅުގަނޑު އިލްތިމާސް ކުރަން.

އާދެ، ދިވެހިރާއްޖޭގެ ތިމާވެށްޓަށް އެކަށީގެންވާ ޚިދްމަތްކުރާ ފަރާތްތަކަށްދޭ ފެހިފަތް، މިއަހަރު ލިބުނު ދެ ފަރާތެއް މިހާރުވަނީ އިޢުލާނު ކުރެވިފައި. އެ ދެ ފަރާތަށް ފެހިފަތް ދިނުމަކީ، މިއަދު އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް. އޭގެތެރެއިން، އެއް ފަރާތަކީ ޖަޕާނުގެ އެކުވެރި ރައްޔިތުން. ޝައްކެއްނެތްގޮތުގައި، ޖަޕާނުގެ ސަރުކާރާއި ރައްޔިތުންނަކީ ރާއްޖެއަށް ތަފާތު ދާއިރާތަކުގައި ގިނަގުނަ އެހީތަކެއް ވެދެއްވާފައިވާ އަދި ވެދެއްވަމުން ގެންދަވާ ސަރުކާރަކާއި ރައްޔިތެއް.

އާދެ، ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމުގެ ގޮތުން، އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، ދެންމެ އަޅުގަނޑުމެންގެ މިނިސްޓަރުގެ ނައިބު އެ ވިދާޅުވި ފަދައިން، މާލެ ވަށައިގެން ހެދިފައިވާ އެއްގަމުތޮށްޓާއި ކަނޑުތޮށި. ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގެ ހުރިހާ މައިދާނެއްގައިވެސް ވަރަށް ބޮޑެތި އެހީތަކެއް ވެދެއްވަމުން ގެންދަވާ ޤައުމެއް. އޭގެތެރޭގައި، ތަޢުލީމީ ދާއިރާ ހިމެނޭ. މުޢާސަލާތުގެ ދާއިރާ ހިމެނޭ. މަސްވެރިކަމުގެ ދާއިރާ ހިމެނޭ. ރަށްރަށަށް ކަރަންޓް ދިނުމުގެ ދާއިރާ ހިމެނޭ. އަދި އޭގެ އިތުރުން، ސުނާމީ ކާރިސާއާ ގުޅިގެން ރާއްޖެއަށް މި ލިބުނު ގެއްލުންތައް ފޫބެއްދުމަށްޓަކައި ޖަޕާނުގެ ސަރުކާރާއި ރައްޔިތުންގެ އެހީވަނީ ވަރަށް ބޮޑަށް ލިބިފައި. މި ހުރިހާ ކަމަކަށްޓަކައި މިފަދަ ފުރުޞަތެއްގައި، ޖަޕާނުގެ އެކުވެރި ރައްޔިތުންނަށް އިނާމެއް ދިނުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް. އަޅުގަނޑު ދެކޭގޮތުގައި އެއީ ދިވެހި ސަރުކާރަށާއި ރައްޔިތުންނަށްވެސް ލިބުނު ވަރަށް ބޮޑު އުފަލެއް.

I would like to thank you Mr. Erto for being with us today. And it was great pleasure to be traveling with you from Male’ for this celebration. I would like you to convey our deep appreciation to his excellency ambassador Mr. Akiosvtha and to the government and friendly people of Japan for the continuous assistance and cooperation that you have always extended to us in many fields. You have been very kind and very generous to our people. You have contributed the great things in promoting our Fisheries Industry, in promoting Education, in the electrification of islands and also in providing food aids. You have also extended very generous assistance to our programme of rehabilitation after the 2004 tsunami. For all those reasons I would like to thank the friendly people of Japan and the friendly government of Japan, for their continuous cooperation and assistance and it was a great honour and pleasure for me to have awarded the prestigious green leaf award to the friendly people of Japan.

އާދެ، ފެހިފަތް ލިބުނު ދެވަނަ ފަރާތަކީ ރާއްޖޭގައި މަޝްހޫރު ނޫހެއް. އާދެ، "ހަވީރު ނޫސް". އަޅުގަނޑުމެން އެންމެންވެސް ވަރަށް ކިޔާހިތްވާ، ރާއްޖޭގެ ރައްޔިތުންގެ ގާތުގައި ވަރަށް މަޤްބޫލް ނޫހެއް. އެ ނޫހުން ތިމާވެށި ރައްކާތެރި ކުރުމަށް، ތިމާވެށި ހިމާޔަތް ކުރުމަށް، ތިމާވެށީގެ ހާލަތު ރަނގަޅު ކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ވަނީ މިވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި ކޮށްދެއްވާފައި. އާދެ، 1986 ން ފެށިގެން ކޮންމެ ހަފްތާއެއްގެ ހަވީރު ނޫހުގެ ޚާއްޞަ އަދަދުގައި، ތިމާވެށްޓާބެހޭ ޞަފްޙާއެއް ޝާއިޢުކުރައްވަމުން ވަނީ ގެންދަވާފައި. އަދި ތިމާވެށްޓާބެހޭ ފޮޓޯތައްވެސް ޝާއިޢު ކުރައްވަމުން ވަނީ ގެންދަވާފައި.

ރާއްޖޭގެ ރައްޔިތުންގެ މެދުގައި ތިމާވެށްޓާބެހޭ ހޭލުންތެރިކަން އިތުރުކުރެއްވުމަށް، ހަވީރު ނޫހުން ވަނީ މިވޭތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވާފައި. އެހެންވީމާ، ހަވީރު ނޫހުގެ މަސްއޫލުވެރިޔާ ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިނަށާއި، އަދި ހަވީރު ނޫހުގެ އެހެން ވެރިންނަށް، އާދެ، އެޑިޓަރުންނަށާއި، އަދި ނޫހުގެ އެހެން ވަޒީފާތަކުގައި އުޅުއްވާ ބޭފުޅުންނަށާއި ލިޔުންތެރިންނަށް، މި މުނާސަބަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވައި މަރުޙަބާ ދަންނަވަން. އާދެ، ތިމާވެށި ދުވަހާ ގުޅިގެން މި އަތޮޅުގެ ސްކޫލްތަކުގެ މެދުގައި ބޭއްވުނު އެކިއެކި ހަރަކާތްތަކުން އެކި ވަނަތައް ހޯދި ހުރިހާ ކުދިންނަށާއި ސްކޫލްތަކަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން.

ރާއްޖެއަކީ ދެމެހެއްޓެނިވި ތަރައްޤީގެ އުސޫލުތަކާ އެއްގޮތަށް ތިމާވެށްޓަށް ސަމާލުކަންދީގެން ތަރައްޤީގެ މަގުގައި ކުރިއަށްދާ ޤައުމެއް. އާދެ، ދެމެހެއްޓެނިވި ތަރައްޤީއަކީ ވަރަށް މުހިންމު އެއްޗެއް. އޭގެ މާނައަކީ އަޅުގަނޑުމެންގެ ތަރައްޤީއަށްޓަކައި، އަޅުގަނޑުމެންގެ ކުރިއެރުމަށްޓަކައި، އަޅުގަނޑުމެންގެ ރައްޔިތުންގެ ތަނަވަސްކަމަށްޓަކައި އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ބޭނުންކުރާ ވަސީލަތްތައް ބޭނުންކުރަންވާނީ، އެ ވަސީލަތްތަކަކަށް ގެއްލުން ނުލިބޭ ގޮތެއްގެ މަތިން ކަމުގައި.

އާދެ، އަޅުގަނޑުމެން މަސްވެރިކަންކުރާއިރުވެސް، ފަތުރުވެރިކަމުގެ ސިނާޢަތު ތަރައްޤީކޮށް ކުރިއަށް ގެންދާއިރުވެސް، އަދި ރާއްޖޭގައި ހުރި އެހެން އިޤްތިޞާދީ މަސައްކަތްތައް ކުރާއިރުވެސް، އެ ކުރާ މަސައްކަތެއްގެ ސަބަބުން ތިމާވެށްޓަށް ގެއްލުމެއް ނުލިބި، ތިމާވެށްޓަށްވެސް ރައްކާތެރިވެވޭ ގޮތެއްގެމަތިން ތިމާވެށްޓާ ރައްޓެހި ގޮތެއްގެމަތިން، އެކަންތައްތައް ކުރިއަށް ގެންދިޔުން. މިކަމަކީ ރާއްޖެފަދަ ނާޒުކު ތިމާވެށްޓެއް އޮންނަ ޤައުމަކަށް ވަރަށް މުހިންމު ކަމެއް. ރާއްޖެފަދަ މުއްސަނދި ކަމުގެ ވަސީލަތްތައް މަދު ޤައުމަކަށް ހަމަ ކޮންމެހެން ބޭނުންވާ ކަމެއް. އެހެންވީމާ، މިގޮތަށް މަސައްކަތް ކުރަމުން ދިޔުމުގެ މުހިންމުކަން ވަރަށް ބޮޑު.

އާދެ، ޙަޤީޤަތުގައި ތިމާވެށްޓަކީ އަޅުގަނޑުމެން މިހާރު ދައްކާ ވާހަކައެއްނޫން. ތިމާވެށީގެ ހޭލުންތެރިކަން ވަނީ ވަރަށް ކުރީއްސުރެ އަޅުގަނޑުމެންގެ މާތް ދީނުގައިވެސް އުފައްދަވާފައި. ދެންމެ މި އުފާވެރި އިޙްތިފާލު ފެށިގެން ދިޔައިރު، ދަރިވަރު ހައްމާދު ކިޔެވި އާޔަތްތަކުގައިވެސް، އެ ވާހަކަ ވަރަށް ރީތިކޮށް މާތް ﷲ ބަޔާންކޮށްދެއްވާފައިވޭ. އަޅުގަނޑު އޭގެ ބައެއް އާޔަތްތަކުގެ މާނަ ދަންނަވާލާނަން.

"އެބައިމީހުންނަށްޓަކައި އުޑުން ވާރޭފެން ބާވައިލެއްވީ އެކަލާނގެއެވެ. އެ ފެނުން ތިޔަބައިމީހުންނަށް ބުއިމެއްވެއެވެ. އަދި ތިޔަބައިމީހުންގެ ޖަނަވާރުތައް އެއިން ހުއިހައްޕާ ގަސްތަކާއި، ވިނަތައް، އެ ފެނުގެ ސަބަބުން ހެދެއެވެ. އެކަލާނގެ އެ ފެނުގެ ސަބަބުން ގޮވާމާއި، ޒައިތޫނިގަހާއި، ކަދުރު ރުކާއި، މޭބިސްކަދުރާއި، އެންމެހާ މޭވާގަސްތައް ތިޔަބައިމީހުންނަށްޓަކައި ފަޅުއްވަތެވެ. ހަމަކަށަވަރުން، ފިކުރުކުރާ ބަޔަކަށް އެކަންކަމުގައި ހެތްކެއްވާކަން ކަށަވަރެވެ. އަދި އެކަލާނގެ ރެއާއި ދުވާލާއި، އިރާއި ހަނދު، ތިޔަބައިމީހުންނަށްޓަކައި ޚިދުމަތްތެރި ކުރެއްވިއެވެ. އަދި ތަރިތައްވެސްވަނީ އެކަލާނގެ އަމުރުފުޅުން ޚިދުމަތްތެރި ކުރައްވާފައެވެ. ހަމަކަށަވަރުން، އެ ހުރިހާ ކަންތަކުގައި ވިސްނާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ. އަދި އެތަކެތީގެ ކުލަތައް ތަފާތުގޮތުގައި ތިޔަބައިމީހުންނަށްޓަކައި ބިމުގައި އެކަލާނގެ އުފައްދަވާފައިވާ ތަކެތިވެސްވެއެވެ. ހަމަކަށަވަރުން، ހަނދުމަކޮށް އުޅޭބަޔަކަށް އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، ކަނޑު ޚިދުމަތްތެރި ކުރެއްވީ އެކަލާނގެއެވެ. އެއީ، ތިޔަބައިމީހުން އެކަނޑުން ތާޒާމަސް ކެއުމަށްޓަކައެވެ. އަދި ތިޔަބައިމީހުން އަޅައިއުޅޭ ގަހަނާ އެކަނޑުން ނެރެ، ނެގުމަށްޓަކައެވެ. އަދި އެކަނޑުގައި ގޮސް އައިސްވާ އުޅަނދުތައް ތިބާ ދެކޭނޫއެވެ. އަދި އެއީ ތިޔަބައިމީހުން އެކަލާނގެ ފަޟްލުވަންތަކަމުން ދެއްވުމަށް އެދިގަތުމަށްޓަކައެވެ. އަދި ތިޔަބައިމީހުން ޝުކުރު ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނާއިގެން އެ ބިން، ތެޅިފޮޅިގެންފާނެ ކަމަށްޓަކައި، ހަރުލައި ހުންނަ ފަރުބަދަތައް، ބިމުގައި އެކަލާނގެ ލެއްވިއެވެ. އަދި ކޯރުތަކާއި މަގުތައް ލެއްވިއެވެ. އެއީ، ތިޔަބައިމީހުންނަށް މަގު އެނގުމަށްޓަކައެވެ. އަދި މަގު ފާހަގަކުރެވޭ ފާހަގަތަކެއް ލެއްވިއެވެ. އަދި ތަރިތަކުންވެސް އެއުރެން މަގު ހޯދައިގަނެތެވެ. ފަހެ އެންމެހާ ތަކެތި ހައްދަވާ ކަލާނގެއާއި އެއްޗެއް ނަހަދާ ފަރާތަކާ އެއްފަދަވާނޭ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންނަކަށް އެ ނިޢުމަތެއް ނުހިމެނޭނެއެވެ. އެބަހީ ތިޔަބައިމީހުންނަކަށް އެ ނިޢުމަތްތައް ގުނާ އަދަދެއް ނުކުރެވޭނެއެވެ. އެއަށްވުރެ އެ ނިޢުމަތްތައް މާގިނައެވެ. ހަމަކަށަވަރުން، ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ."

އާދެ، މި ބަރަކާތްތެރި އާޔަތްތަކުންވެސް އެނގޭގޮތުގައި މާތް ﷲ އިންސާނާ މިދުނިޔެއަށް ފޮނުއްވައި، ދުނިޔޭގައިވާ ހުރިހާ ތަންތަނާއި ތަކެތިވަނީ އިންސާނާއަށް ޚިދްމަތްތެރި ކުރައްވާފައި. ބިމުގައި ލައްވާފައިވާ ހުރިހާ ތަނެއް، ގަސްގަހާގެއްސާއި، ކޯރުތަކާއި، ކަނޑުތަކާއި، ގޮނޑުދޮށްތަކާއި، އަދި އިރާއި ހަނދާއި، ތަރިތަކާއި، ބިމުގައި ލައްވާފައިވާ ފަރުބަދަތަކާ، މިހުރިހާ ކަމެއްވެސް އިންސާނުންނަށް ﷲ ވަނީ ޚިދްމަތްތެރި ކުރައްވާފައި. އޭގެ ބޭނުން ރަނގަޅު ގޮތުގައި އިންސާނުން ހިފައިގެން، އިންސާނުންގެ ޙަޔާތް ބާއްޖަވެރިކޮށް ތަރައްޤީކުރުމަށްޓަކައި. އެއިން ތަންތަނަށް ގެއްލުމެއް ނުލިބި، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރުމަށްޓަކައި. މިރާއްޖޭގެ ތިމާވެށިވެސް ރަނގަޅު ހާލަތެއްގައި ދަމަހައްޓައި، އަޅުގަނޑުމެންނަށް އެ ތިމާވެށި ލިބުނު ހާލަތުގައި ނުވަތަ އެއަށްވުރެން ރަނގަޅު ހާލަތެއްގައި ކުރިއަށް އޮތް ޖީލުތަކަށް ވާސިލުކޮށްދިނުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއް. އެއީ، އަޅުގަނޑުމެންގެ ޒިންމާއެއް. އަޅުގަނޑުމެންގެ ދަރިންނާއި، ދަރިންގެ ދަރިން ދިރިއުޅެން އޮތްތަނަކީ މި ދިވެހިރާއްޖެ. އެމީހުންނަށް އަޅުގަނޑުމެން ދިވެހިރާއްޖެ ވާރުތަކުރަންޖެހޭނީ ވަރަށް ހެޔޮގޮތުގައި. ރަނގަޅު ގޮތުގައި. ސަލާމަތްކަމާއެކު އޮތް ތަނެއްގެ ގޮތުގައި.

އެހެންވީމާ، ދެމެހެއްޓެނިވި ތަރައްޤީއަށް ސަމާލުކަން ދިނުމަކީ އަޅުގަނޑުމެންފަދަ ޤައުމަކަށް ވަރަށް މުހިންމު ކަމެއްކަން ޔަޤީން. އާދެ، މިގޮތުން ތިމާވެށީގެ ހާލަތު ރަނގަޅު ކުރުމަށް އަދި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް، ހަމަ ކޮންމެ ފަރުދަކަށްވެސް ކުރެވޭނެ ކަންތައްތަކެއް ހުންނާނެ.

ކޮންމެ މީހަކުވެސް އެމީހަކު އުޅޭ ދާއިރާގައި، އެމީހަކަށް ކުރެވޭނެ ބައިވަރު ކަންތައް ހުންނާނެ. ކިޔަވާ ކުއްޖަކަށް ކުރެވޭނެ ކަންތައްވެސް ހުންނާނެ. ބޮޑެތި މީހުންނަށް ކުރެވޭނެ ކަންތައްވެސް ހުންނާނެ. ވިޔަފާރިވެރިންނަށް، ދަނޑުގޮވާންކުރާ މީހުންނަށް، މަސްވެރިންނަށް، ފަތުރުވެރިކަމުގައި އުޅޭ މީހުންނަށް ނުވަތަ އަމިއްލަ ވިޔަފާރީގައި އުޅޭ މީހުންނަށްވެސް. މިއިން ކޮންމެ މީހަކަށްވެސް އެމީހަކު އުޅޭ ދާއިރާގައި ތިމާވެށްޓަށް ޚިދްމަތެއް ކުރެވިދާނެ. ތިމާވެށި ރައްކާތެރިކުރަން މަސައްކަތެއް ކުރެވިދާނެ. ތިމާ އުޅޭތަން ސާފުތާހިރުކޮށް ބެހެއްޓުމާއި، ގަސްއިންދުމާއި އަދި ތިމާވެށްޓަށް އެކިއެކި ގޮތްގޮތުން ޚިދްމަތް ލިބޭނޭ ކަންތައްތައް ކުރަމުން ގެންދިޔުމާއި، ތަންތަން ނުސާފުވުމަށް ކުރެވޭ ކަންތައްތަކުން ދުރުހެލިވުން.

އަޅުގަނޑުމެންގެ މި އޮތް ރީތި ގޮނޑުދޮށްތަކާއި، މި އޮތް ރީތި މޫދުތަކާއި ފަޅުތައް ވަރަށްގިނަފަހަރަށް އޮންނަނީ ވަރަށް ހަޑިވެފައި. އާދެ، އެއީ އަޅުގަނޑުމެންނަށް ވިސްނުމަކާނުލައި އެތަންތަނަށް އުކައިލެވޭ ތަކެތީގެ ސަބަބުން. ކިތަންމެވަރަކަށް މޫދާއި ކަނޑާއި، ފަރުފަރާއި އަދި އަޅުގަނޑުމެންގެ ގޮނޑުދޮށްތައް ސާފުކުރަމުން ގެންދިޔަ ނަމަވެސް، އަދިވެސް އެހަޑިތަން ހުއްޓާ ވަރަށް ގިނައިން އެބަ ފެނޭ. މިއީ އަޅުގަނޑުމެންނަށް ވިސްނައިނުލެވި ނުވަތަ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެވި ކުރެވޭ ނުރަނގަޅު ކަންތައްތަކެއްގެ ސަބަބުން ވާކަމެއް. އެކަން ހުއްޓުވުމަކީ ހަމަ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް.

އެހެންވީމާ، އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކުރެވެން ހުންނަ މަސައްކަތް ހުންނާނޭ. އެ މަސައްކަތް ކޮންމެ މީހަކުވެސް ކުރަމާތޯއޭ. އެއްވެސް މީހަކު، އެހެން މީހުން އެ މަސައްކަތް ކުރާނެ ކަމަށް ހީކޮށް، މަސައްކަތް ނުކޮށް ނުހުންނަމާތޯއޭ.

އާދެ، ތިމާވެށްޓަށް އަންނަ ބަދަލުތަކާއި ނުރައްކާތައް އެއީ ދެން އަޅުގަނޑުމެންނަށް މިހާރު ވަރަށް ރަނގަޅަށް އެނގޭ ކަންތައްތަކެއް. ކަނޑުގެ ލޮނުގަނޑު އުސްވުން، ޖައްވު ހޫނުވުން. މީގެ ސަބަބުން މޫސުމަށް އަންނަ ތަފާތު ބޮޑެތި ބަދަލުތައް. މި ހުރިހާ ކަމަކާއި އަދި ހަނަފަސްވުމާއި، ގަސްތައް މަރުވުމާއި، މީހުން ބޯ ފެން މަދުވެގެން ދިޔުމާ. މިބާވަތުގެ ވަރަށް ގިނަ ކަންތައްތަކެއް މެދުވެރިވުމަކީ އެކަށީގެންވާ ކަމެއް. އަދި އަޅުގަނޑުމެންފަދަ ފަސްގަނޑު ތިރި ޤައުމަކަށް އެންމެ ނުރައްކާތެރި ކަމަކީ، ކަނޑުގެ ލޮނުގަނޑު އުފުލުން. މިކަމަކީ ވަމުންދާ ކަމެއް. މިދިޔަ ސަތޭކަ އަހަރުގެ ތެރޭގައިވެސް ކަނޑުގެ ލޮނުގަނޑު، ޖުމްލަ ގޮތެއްގައި ވަނީ އުފުލިގެން ގޮސްފައި. އެހެންވީމާ، މިކަންކަމުން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެން ޚާއްޞަކޮށް، މިފަދަ ޤައުމެއްގައި ދިރިއުޅޭ ބަޔަކު ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭ. އަޅުގަނޑަށްވެސް އެނގޭ، އަޅުގަނޑުމެން ކުރާ މަސައްކަތަކުން އެކަނި މުޅި ދުނިޔެ ސަލާމަތެއް ނުކުރެވޭނެކަން ނުވަތަ ކަނޑުގެ ލޮނުގަނޑު އުފުލުން ނުހުއްޓުވޭނެކަން.

އެހެންނަމަވެސް، ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެއް އޮންނާނެ. ކޮންމެ ޤައުމަކަށްވެސް ކުރެވޭނެ ކަމެއް އޮންނާނެ. ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް މިކަން މިގޮތަށް ކޮށްފިއްޔާ، ޝައްކެއްނެތްގޮތުގައި، މާތް ﷲ ގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ތިމާވެށި ރައްކާތެރިކުރެވޭނެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލުމުން ދިމާވާ ނުރައްކާތަކުން ސަލާމަތްވެވޭނެ.

އެންމެފަހުން އަޅުގަނޑުމެންގެ ރާއްޖެއަށް މި ކުރިމަތިވި ސުނާމީ ކާރިސާޔަކީވެސް ހަމަ ޤުދުރަތީ ގޮތުން ދިމާވި ކަމެއް. ތިމާވެށްޓާ ގުޅޭ ކަމެއް. އެފަދަ ކަމެއް އަތުވެދާނެ ކަމަށް އަޅުގަނޑުމެން ހީވެސްނުކޮށް ތިއްބާ، އަޅުގަނޑުމެންނަށް ކުއްލިއަކަށް ދިމާވި ވަރަށް ބޮޑު ނުރައްކަލެއް. ވަރަށް ބޮޑު މުސީބާތެއް. އެއިންވެސް އަޅުގަނޑުމެން ފިލާވަޅެއް ހާސިލު ކުރަންޖެހޭ. އެކަންކަމަށް ތައްޔާރުވާންޖެހޭނެ. އެކަންކަމަށް ތައްޔާރުވެ އަދި އަޅުގަނޑުމެންގެ ޤައުމުގެ ވަސީލަތްތަށް ބޭނުންކޮށްގެން ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ ހިމާޔަތް ހޯދަންޖެހޭ.

އާދެ، މި ވާހަކަ ދަންނަވާއިރު، މި އަތޮޅަކީ މިއީ ސުނާމީ ކާރިސާގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އަތޮޅެއްކަން އަޅުގަނޑު ހަނދާން އެބަހުރި. ޚާއްޞަކޮށް، މިއަތޮޅު ކަނދޮޅުދޫ މިހާރުވަނީ މުޅިން ފަޅުވެފައި. ކަނދޮޅުދޫގެ ވަރަށް ގިނަ ރައްޔިތުން ވަގުތީ ހިޔާވަހިކަމުގައި މިރަށުގައިވެސް އެބަ އުޅުއްވާ. އަދި މިއަތޮޅުގެ އެހެން ރަށްރަށުގައިވެސް އެބަ އުޅުއްވާ. އެހެންވީމާ، މިހާރު ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އެހެން ރަށެއް މިހާރު އެ ދަނީ އާބާދުވަމުން ކަނދޮޅުދޫ ރައްޔިތުންނަށްޓަކައި. އެކަން ފަށްޓައިދިނުމުގެ އުފާ، މިދިޔަ މަހު އަޅުގަނޑަށް ވަނީ ލިބިފައި. އޭގެކުރިންވެސް ކަނދޮޅުދޫ ރައްޔިތުން މި އަތޮޅުގެ އެހެން ރަށްރަށަށް ދިޔުމުން، އެ ރަށްރަށުގެ އަހުލުވެރިން އެ ބެހެއްޓި މެހްމާންދާރީއަށްޓަކައި، އަޅުގަނޑު އަދިވެސް އެއްފަހަރު މިއަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރަން. އަދި ޚާއްޞަކޮށް، މިއަދުގެ މި އުފާވެރި ޕްރޮގްރާމް މި ހިނގަނީ މީދޫގައި ކަމަށްވާތީ، މީދޫ ރައްޔިތުންވެސް ކަނދޮޅުދޫ މީހުންނަށް ބެހެއްޓެވި އޯގާތެރިކަމާއި އިޙްސާންތެރިކަމަށް، އަދި އެބޭފުޅުންނަށްޓަކައި އަދާކޮށްދެއްވި މެހްމާންދާރީއަށްޓަކައި މީދޫ ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ރާއްޖޭގެ ރަށްރަށް ގިރުމަކީވެސް މިހާރު އަޅުގަނޑުމެންނަށް ދިމާވެފައިވާ ތިމާވެށީގެ ވަރަށްބޮޑު މައްސަލައެއް. މިކަން ޙައްލުކުރުމަށް އެޅިދާނެ އެކަށީގެންވާ ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމުގެ ދިރާސާތަކެއް ސަރުކާރުން ކުރައްވަމުން އެބަގެންދޭ. އެއީ، ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭކަމެއް. އަދި ވަކިން ޚާއްޞަކޮށް، ހޭޅިފަށް ހައްދައި، ގާތަށް ހިމާޔަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި މިއަދު އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ.

އާދެ، ރާއްޖޭގެ ތިމާވެށްޓާބެހޭ ދާއިރާއަކީ، ތިމާވެށީގެ ރޮނގުން މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ ޒުވާން ފަންނީ ބޭފުޅުން މިއަދު ގިނަ އަދަދަކަށް ތިއްބެވި ދާއިރާއެއް. އަދި ރާއްޖޭގެ ތަރައްޤީއާ ގުޅިފައިވާ އެކިއެކި ކަންކަމުގައި ތިމާވެށީގެ ރޮނގުން އެބޭފުޅުން ވަރަށް ބޮޑު އެއްބާރުލެއްވުމެއް ދެއްވަމުން ގެންދަވާކަން އަޅުގަނޑު ހަނދާންކޮށް، އެ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމަ މި ފުރުޞަތުގައި، ރާއްޖޭގެ ތިމާވެށްޓަށް ޚިދްމަތް ކުރައްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަކަށްވެސް ޝުކުރު ދަންނަވަން. އޭގެތެރޭގައި ތިމާވެށްޓާއި ހަކަތަޔާއި ފެނާބެހޭ ވުޒާރާގެ މިނިސްޓަރ އަލްފާޟިލް އަޙްމަދު ޢަބްދުﷲ އާއި، ރާއްޖޭގެ ތިމާވެށްޓާބެހޭ ވުޒާރާ މިހާތަނަށް ހިންގަވައިދެއްވި ކުރީގެ ހުރިހާ ވަޒީރުން، އާދެ، އަލްއުސްތާޛު ފަތުޙުﷲ ޖަމީލް، އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން، އަލްފާޟިލް އިސްމާޢީލް ޝަފީޢު، އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް ކޮންސްޓްރަކްޝަން ވަގުތީގޮތުން ހިންގަވައިދެއްވި އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީން، މީގެ އިތުރުން އެންވަޔަރަންމަންޓާ ބެހޭބައި ބަލަހައްޓަވާ އިސްބޭފުޅެއްގެ ގޮތުން މިނިސްޓަރުގެ ނައިބު އަލްފާޟިލް ޢަބްދުﷲ މަޖީދު ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި އޭނާޔަށާއި، މިނިސްޓްރީގެ އެހެން ވެރިންނަށާއި، ތިމާވެށްޓާބެހޭ ބައިގެ ވެރިންނަށާއި މުވައްޒަފުންނަށާއި، އެންވަޔަރަންމަންޓް ރިސާޗް ސެންޓަރުގެ ވެރިންނަށާއި މުވައްޒަފުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

މީގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމާބެހޭ ޤައުމީ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އެހެން ވުޒާރާތަކާއި، ތިމާވެށީގެ ރޮނގުން ޚިދްމަތް ކުރައްވާ އަމިއްލަ ފަރުދުންނާއި، އަމިއްލަ ޖަމާޢަތްތަކާއި، ރާއްޖޭގެ ސްކޫލްތަކުގެ ތިމާވެށްޓާބެހޭ ޖަމުޢިއްޔާތަކާއި، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތައް، މި ހުރިހާ ފަރާތްތަކުންވެސް ރާއްޖޭގެ ތިމާވެށްޓަށް ކޮށްދެއްވަމުން ގެންދަވާ ޚިދްމަތްތަކުގެ އަގު ވަޒަންކޮށް، އެ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ރާއްޖޭގެ ތަޢުލީމާބެހޭ ވުޒާރާއަކީ މިކަމުގައި ވަރަށް އިސްދައުރެއް އަދާކުރައްވާ ވުޒާރާއެއް. އެއީ ސްކޫލްތައް ހިންގަމުންދަނީ އެ ވުޒާރާގެ ބެއްލެވުމުގެ ދަށުން. ކޮންމެ ސްކޫލެއްގައިވެސް ތިމާވެށްޓާބެހޭ ޖަމުޢިއްޔާއެއް ހުރޭ. އަދި ތިމާވެށްޓަށް ޚިދްމަތް ކުރުމުގެ ޕްރޮގްރާމްތަކެއް، ކޮންމެ މަދަރުސާއެއްގައިވެސް ހިނގަމުންދޭ. އެކަމަށްޓަކައި ތަޢުލީމާބެހޭ ވުޒާރާގެ މިނިސްޓަރަށާއި ވެރިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، މިއަދުގެ މި އިޙްތިފާލަކީ އަޅުގަނޑު ވަރަށްވެސް އުފަލާއެކީގައި ބައިވެރިވި އިޙްތިފާލެއް. މީގެކުރިން، އަޅުގަނޑަށް ތިޔަބޭފުޅުންގެ މި ލޮބުވެތި ރަށް، މީދޫއަށް އާދެވިފައިވަނީ ވަރަށް ކުރިން. މިތާ ތިއްބެވި ގިނަ ބޭފުޅުން، އަމުދުން ކުޑަކުދިން އޭރުވެސް ތިބޭނެ. ހަނދާނެއްވެސް ނުހުންނާނެކަންނޭނގެ. އަޅުގަނޑަށް މި ރަށަށް އާދެވިފައި އޮތީ، 1983 ވަނަ އަހަރު. މީގެ 23 އަހަރު ކުރިން. އޭގެފަހުން ދެވަނަފަހަރަށް މި އާދެވުނީ ހަމައެކަނި މިއަދު. މިކަމަކީ، މިހާގިނަދުވަސް ވަންދެން މިރަށަށް ޒިޔާރަތެއް ނުކޮށްދިޔަކަން އެއީ އަޅުގަނޑު ވަރަށް ދެރަވާ ކަމެއް. ވަރަށް ހިތާމަކުރާ ކަމެއް. އެހެންނަމަވެސް، ހަމަ ތަފާތު ސަބަބުތަކަކާހުރެ އެކަންނުވެ އެދިޔައީ.

އެހެންވީމާ، އަޅުގަނޑު އެދެނީ މިއަދު މިރަށަށް މިއައި އައުމުން، ތިޔަބޭފުޅުންނަށް ސަރުކާރުން މި ރަށަށްދޭ އަހަންމިއްޔަތު ވަޒަންކުރެއްވޭނެ ކަމަށް. އަދި އަޅުގަނޑުގެ ހުރިހާ ހެޔޮއެދުމާއި، އިޚްލާޞްތެރި ޝުޢޫރުތަކެއްވަނީ މި ރަށުގެ ލޮބުވެތި ރައްޔިތުންނާ އެކީގައިކަން މިރަށުގެ ރައްޔިތުން ގަބޫލުކުރައްވާނެ ކަމަށް.

އާދެ، އަޅުގަނޑު މިރަށަށް އައުމުން، ތިޔަބޭފުޅުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަދިވެސް އެއްފަހަރު ވަރަށް އިޚްލާޞްތެރިކަމާއެކު މިރަށުގެ ވެރިންނަށާއި، ރައްޔިތުންނަށާއި، އަންހެން ފިރިހެން ކުދިބޮޑު އެންމެންނަށް އަޅުގަނޑު ޝުކުރު އަދާކުރަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ހެޔޮވިސްނުން ދެއްވައި، އަޅުގަނޑުމެން ކުރާ ކަންކަމުގައި އެކަލާނގެ ބަރަކާތް ލެއްވުން. ރާއްޖެއަށް އިތުރު ކުރިއެރުމާއި، ތަރައްޤީ ހޯދައިދެވޭތޯ ސަރުކާރުންނާއި، އަމިއްލަ ފަރާތްތަކުން މިކުރަމުންގެންދާ މަސައްކަތްތަކުގައި، އެކަލާނގެ މަދަދާއި ތައުފީޤު އެކުލެވިގެންވުން. އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ ނާޒުކު ތިމާވެށި ރައްކާތެރިކޮށް ހިމާޔަތް ކުރުމުގައި އަދި ތިމާވެށީގެ ހާލަތު މިއަދު އޮތް ފެންވަރަށްވުރެ ރަނގަޅު ފެންވަރަކަށް ގެންދިޔުމަށްޓަކައި އަޅުގަނޑުމެން އެންމެން މިކުރަމުންގެންދާ މަސައްކަތްތަކުގައި اللّـه سبحـانـه وتعـالى ބަރަކާތްލައްވައި، އަޅުގަނޑުމެންގެ ތިމާވެށްޓަކީ ދިރުންހުރި އަދި އަޅުގަނޑުމެންނަށް ހުރިހާ ގޮތަކުންވެސް ފައިދާކުރަނިވި ތިމާވެށްޓެއް ކަމުގައި ލެއްވުންއެދި ދުޢާ ކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

والسّلام عليكم ورحمـة اللّـه وبركاته.