بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، އުނގޫފާރު ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު މުޖުތަބާ، ސްކޫލް މެނޭޖްމަންޓުގެ އިސްވެރިން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސްބޭފުޅުން، ކައުންސިލަރުން، މުދައްރިސުން އަދި ލޮބުވެތި ދަރިވަރުންނާއި ބެލެނިވެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑު ހިތަށްއަރާ، އަޅުގަނޑުގެ ކުރިން ޕްރިންސިޕަލް އަދި މިނިސްޓަރ، ވަރަށް ރަނގަޅު ވާހަކަފުޅުތަކެއް ދައްކަވައި ނިންމެވުމުން، ދެން އަޅުގަނޑު، އަދި ދެންމެ މި ފެނިގެންދިޔަ ކަންތައްތަކުގެ އިތުރަށް، ދެން ކޮން ވާހަކައެއްތޯ އަސްލު އަޅުގަނޑަށް މިއަދު ދެއްކޭނީ. އާދެ، އަޅުގަނޑުވެސް ހަމަ އެހެންނަމަވެސް، ކޮންމެވެސް އެއްޗެއް ދަންނަވައިލެވޭތޯ މަސައްކަތްކޮށްލާނަން.

އެންމެ ފުރަތަމަ ކަމަކަށް، މިފަދަ ޕްރޮގްރާމެއް ފެށްޓެވީތީވެ، އެޑިޔުކޭޝަން މިނިސްޓްރީގެ އިސްބޭފުޅުންނަށާއި އަދި މިނިސްޓަރަށް އަދި މިއަދު އުނގޫފާރުގައި މި މަސައްކަތް ފެށިގެންދާތީވެ، މިކަމުގައި ބައިވެރިވި އެންމެހައި ފަރާތްތަކަށް، އިންތިޒާމުކުރުމަށްޓަކައި މަސައްކަތް ކުރެއްވި ސްކޫލުގެ އެންމެހައި ފަރާތްތަކާއި އަދި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، މި ޕްރޮގްރާމް ފެށިގެންދާއިރު، މީގެ ކުރިންވެސް މި ސްކޫލުގައި ތަފާތު ހުނަރު އިތުރުކުރުވުމުގެ ކަންތައްތައް ކޮށްފައިވީތީވެ، މިއަދު މި ރަށުގައި މި ސްކޫލުގައި މިކަންތައް ފެށުމުގައި ބައިވެރިވެވޭކަމީ އެއީ އަޅުގަނޑުވެސް ވަރަށް ބޮޑަށް ފަޚްރުވެރިވާ ކަމެއް ކަމުގައި ދަންނަވާލާނަން.

އާދެ، އަޅުގަނޑުމެންނަށް ލިބޭ އެންމެބޮޑު އުފަލަކަށް މިވަނީ، މަސައްކަތްތެރިޔަކަށްވުން. އަމިއްލައަށް އާމްދަނީ ހޯދަން މަސައްކަތް ކުރެވޭ މީހެއްގެ ގޮތުގައި އެ ނަސީބު ލިބުން. އަޅުގަނޑުމެންނަށް އެބަ އެނގޭ، އަޅުގަނޑުމެންނަށް ޢާއިލާއެއްވެސް ކުރިއަރައިގެން މިދަނީ، އަދި މުޅި ޤައުމުވެސް ކުރިއަރައިގެން މިދަނީ، ބޭނުންތެރި، އުފެއްދުންތެރި މީހަކަށް ނުވަތަ ރައްޔިތަކަށް އަޅުގަނޑުމެންނަށް ވެވުނީމާ. އަޅުގަނޑުމެން ބަލައިލަން އެބަޖެހޭ، ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތައް، އެ މީހުން ކުރިއަރައި ގޮސްފައިވަނީ ކިހިނެއްތޯ. އާދެ، އަޅުގަނޑުމެން އެއް ޤައުމަކަށް، ސިންގަޕޯރ ބަލައިފި ކަމަށްވަންޏާ، މީގެ ފަންސާހަކަށް އަހަރު ކުރިންވެސް އެ ޤައުމުގެ ސަރުކާރުން އެންމެ އިސްކަމެއް ދިން ކަމަކަށް މިވަނީ، އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުން. ޤައުމުގެ ރައްޔިތުން، ޒުވާނުންނަކީ އުފެއްދުންތެރި ބަޔަކަށް ހެދުމުގެ މަސައްކަތް ކުރުން.

އާދެ، މިއަދު ކުރިއަރާފައިވާ އެ ސިއްރަކީ، އަޅުގަނޑުމެންނަށް އެބަ އެނގޭ އެއީ ރަނގަޅު ޖީލެއް ބިނާކުރުންކަން. ޚާއްޞަކޮށް، ހުނަރުވެރި، މަސައްކަތްތެރި ބަޔަކު ތައްޔާރުކުރުންކަން.

އާދެ، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޤައުމާ ދޭތެރޭގައި ވިސްނަން އެބަޖެހޭ. އަޅުގަނޑު މީގައި ދަންނަވާލަން އޮތީ، ޚާއްޞަކޮށް، ވަސީލަތްތައް މަދު ޤައުމުތަކުގައި އަޅުގަނޑުމެންނަށް އިންސާނީ ވަސީލަތްތައް، ރަނގަޅު ސިކުނޑިތަކެއް، ހުނަރުތަކެއް ޤާބިލު ޖީލެއް ތައްޔާރުކުރެވިއްޖެ ކަމަށްވަންޏާ، އެއީ ދުވަހަކުވެސް ގެއްލިގެންދާނެ އެއްޗެއް ނޫން. އަޅުގަނޑުމެންނަށް ދަސްވެފައި ހުންނަ އެއްވެސް އެއްޗެއް، އެއްވެސް ހުނަރެއް އެއީ އެއްވެސް މީހަކަށް ގެންދެވޭނެ އެއްޗެއް ނޫން. އެއީ ނެތިގެންދާނެ ކަމެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން އަބަދުވެސް ސްކޫލްގެ ކިޔެވުމުގެ ތެރެއިންވެސް އަދި ސްކޫލަށްފަހު މި ފެށޭ މިފަދަ ޕްރޮގްރާމެއްގެ ތެރެއިންވެސް ގަދައަޅައި މަސައްކަތްކުރަން އެބަޖެހޭ، ހުނަރު ދަސްކުރަން.

އާދެ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިއަދުގެ ސަރުކާރުންވެސް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އޮނަރަބްލް އިބްރާހީމް މުޙައްމަދު ޞާލިޙް އެންމެ ބޮޑު އިސްކަމެއް، އެންމެ ބޮޑު ސަމާލުކަމެއް، އެންމެ ބޮޑު ބަޖެޓެއް، މި ކަނޑައަޅުއްވަނީވެސް ތަޢުލީމީ ދާއިރާއަށް. ތަޢުލީމަށް ކުރާ ހޭދަ، އެހާބޮޑު ހޭދައެއް ތަޢުލީމަށް ކުރަން އެ ބޭނުންވާ ސަބަބަކީ އެއީ ހުނަރުވެރި ދަރީންތަކެއް، އުފެއްދުންތެރި ދަރީންތަކެއް ޤައުމުގައި އުފައްދަން.

އާދެ، އަޅުގަނޑު ހަމަ ދަރިވަރުން ތިބުމާއެކު، ކޮންމެވެސްވަރަކަށް އަޅުގަނޑުގެ މަދަރުސާގެ ތަޖުރިބާ ހިއްސާކޮށްލަން ބޭނުން. ޙަޤީޤަތުގައި އަޅުގަނޑަކީ މަދަރުސީ ދައުރުގައި އެކަޑަމިކަލީ އެހާ ރަނގަޅު ނަތީޖާތަކެއް ނެރެވުނު މީހެއް ނޫން. ކޮންމެވެސްވަރަކަށް އެއްވަނަ، ދެވަނަ ލިބުނު. އެހެންނަމަވެސް، އަޅުގަނޑަކީ އަޅުގަނޑުގެ އެގްޒާމްތަކުގައި އެހާ މަތީ މާކްސްތަކެއް، މާ ރަނގަޅު ގްރޭޑްތަކެއް އޭރު އަބަދު ހޯދުނު ކުއްޖެއް ނޫން. އެހެންނަމަވެސް، އަޅުގަނޑަށް އެގްޒާމަކުން ތަންކޮޅެއް ދަށް މާކްސް ލިބުމަކުން ނުވަތަ ގްރޭޑް ދަށްވުމަކުން އެއީ އަޅުގަނޑުގެ ޙަޔާތުގެ، މުޅި ޙަޔާތުގެ ފެއިލިއަރއަކަށް ވާންޖެހޭ ކަމެއް ކަމަކަށް ދުވަހަކުވެސް އަޅުގަނޑު ގަބޫލެއްނުކުރަން. އަޅުގަނޑު އޭރުވެސް ވިސްނީ، އަޅުގަނޑު ރަށުން ވަރަށް ކުޑައިރު މާލެ އައިސްފައި، އެ ނަސީބު އަޅުގަނޑަށް ލިބުމުން، ސްކޫލުގެ ހަތަރު ފާރުގެ ތެރެއިން އަޅުގަނޑު އުނގެނިގަންނަންޖެހެނީ ހަމައެކަނި އޭ ރިޕޯޓުން ނިންމާލުން ނޫންކަން. އެއަށްވުރެ ބޮޑަށް ދިރިއުޅުމަށް ތައްޔާރުވުމަށްޓަކައި މަސައްކަތެއް، ހުނަރެއް ދަސްކުރުން އެއީ އަޅުގަނޑު އޭރުވެސް ގަބޫލުކުރިން، އެއީ މުހިންމު ކަމެއް ކަމަށް.

އާދެ، އަޅުގަނޑު ހަމަ ދަންނަވާލާނަން. ދެން ފަހަރެއްގައި އިއްތިފާޤަކަށްވެސް ވެދާނެ، އަޅުގަނޑަށް އެންމެ ބޮޑަށް މި ބެލެނީވެސް ކީހާ ދިމާއަށް، މަރުތޭލަށް. ދެން، ދެންމެ މި ލިބުނީވެސް ހަމަ ވަޑާން ފޮށްޓެއް. މި އަތޮޅު ޚާއްޞަވެގެންމިދާ އެއް ސަބަބު، މި އަތޮޅަކީ މިއީ، މި އަތޮޅުގެ ރަށްތަކަކީ އާދަޔާ ޚިލާފު ހުނަރުތަކެއް ލިބިފައިވާ ރައްޔިތެއް ދިރިއުޅެމުންދާ އަތޮޅެއްކަން. އެއީ މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ގަބޫލުކުރާ، ހެކިވާ ކަމެއް. މީގެ ގާތްގަނޑަކަށް އަށާވީސްވަރަކަށް އަހަރު ކުރިން، މި އަތޮޅުގެ ރަށްތަކުގެ މިފަދަ ހުނަރުވެރި ބޭފުޅުންނާއެކު އަޅުގަނޑު މަސައްކަތް ކުރިން. އެ ނަސީބު އަޅުގަނޑަށް ލިބުނު. އަޅުގަނޑު ދަންނަވާލާނަން، އަސްލު އަޅުގަނޑަކީ ވަޑާންކުރާ މީހެއް. ދެން ހަމަ ތިޔަ ކުދިން ފަހަރެއްގައި ހީކޮށްފާނެ، ދެން ކީކޭހޭ މި ބުނީ. އަސްލު އަޅުގަނޑަކީ ވަޑާންކުރާ މީހެއް. އަޅުގަނޑު މަސައްކަތުގައި ހޭދަކުރި ގާތްގަނޑަކަށް ހަތާވީސްވަރަކަށް އަހަރު، އަޅުގަނޑު ވަޑާންގެޔަށް ނުވަންނަ ހަމަ އެންމެ ދުވަހެއްވެސް ނުދާނެ. ހަމަ ކޮންމެ ދުވަހަކު އަޅުގަނޑު ވަޑާންގެޔަށް ވަންނަން. އަޅުގަނޑަކީ ވަޑާންކުރާ މީހެއް. އަޅުގަނޑު ވަޑާންކުރަން ދަންނަން. އަޅުގަނޑު ދޮރުޖަހަން ދަންނަން. ދޮރުފަތް ޖަހަންވެސް ދަންނަން. އަޅުގަނޑު ގަބޫލުކުރީ ހުނަރަކީ އެއީ ވަރަށް މުހިންމު ކަމެއް ކަމަށް.

ދެންމެ އަޅުގަނޑުމެންނަށް، ނައިޝާންގެ އެ ވާހަކަކޮޅުންވެސް އެނގިގެންގޮސްފި، ކްރިއޭޓިވިޓީއަކީ ކޮބައިކަމާއި، އަޅުގަނޑުމެންނަށް މުސްތަޤްބަލް ފުޅާވެފައި އޮތް މިންވަރު، ވަކި ކަހަލަ ކަންތައްތަކެއް އަޅުގަނޑުމެން ދަސްކޮށްފި ކަމަށްވަންޏާ.

އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑު މާދަމާ ވަޑާންގެއެއް ހުޅުވައި، ކޮންޓްރެކްޓް ގްރޫޕަކާ އެއްކޮށް، ގްރޫޕެއް ގޮވައިގެން އެ މަސައްކަތްކުރަން ނުކުންނަން ފަޚްރުވެރިވަން. އެއީ އަޅުގަނޑަށް ލިބޭނެ ފަޚްރެއްކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ، ވިސްނުން ކުޑަކޮށް ބަދަލުކޮށްލަން އެބަޖެހޭ، ބެލެނިވެރިންވެސް ދަރީންނަށް ކިޔައިދިނުމުގައި. ދެންމެ އަޅުގަނޑުމެންނަށް އަޑުއިވުނު، އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވި، އެކިއެކި ކަންކަން ކުރަން، އެކިއެކި ފަރާތްތަކުން ޢާއިލާގެ އެ ސަޖެސްޝަން އެގޮތަށް ވިދާޅުވި ވާހަކަ. ޑޮކްޓަރުކަން، ޕައިލެޓުކަން، އިންޖިނިއަރުކަން، މިކަހަލަ ގޮތަކަށް. އަޅުގަނޑުމެން ގަބޫލުކުރަންވީ، އަޅުގަނޑު މި ދެންނެވި މަސައްކަތްތަކަކީ، ނުވަތަ މި ވަޒީފާތަކަކީއެއް ނޫން ހަމައެކަނި ރަނގަޅު، މޮޅު، ރީތި، ޤަދަރުވެރި ވަޒީފާތަކަކީ. ޤަދަރުވެރި މަސައްކަތަކީ ހަމައެކަނި އެއީއެއްނޫން. ޤަދަރުވެރި މަސައްކަތަކަށް މިވަނީ، ކޮންމެ ކަމެއްވެސް ހުނަރާއެކު މޮޅަށް، ތިމާ ކުރާހިތުން، ނައިޝާން އެ ބުނިގޮތަށް، ޕެޝަނޭޓްކޮށް ކުރާހިތުން ކުރާ ކޮންމެ ކަމަކީ އެއީ ޤަދަރުވެރި ރަނގަޅު މަސައްކަތްތައް.

އެހެންވީމާ، މިއަދު އަޅުގަނޑު ސްކޫލުގެ ދަރިވަރުންނަށް އަޅުގަނޑު ހަމަ ގޮވާލަން އޮތީ، ތިޔަ ކުދިން ސްކޫލުގެ ކްލާސްރޫމުގެ ތެރެއިން ލިބޭ ފިލާވަޅުތަކުގެ މައްޗަށް މިފަދަ ކަންތައްތަކަށް ތިޔަ ކުދިން ވިސްނާށޭ. އަޅުގަނޑަކަށް މިތާ ހުއްޓިހުރެ އެއްވެސް ކުއްޖެއް ކައިރީގައި ދަންނަވަން އުނދަގޫ، މިވެނި ކަހަލަ މަސައްކަތެއް ތިޔަ ކުދިން ކުރުން ރަނގަޅުވާނެއޭ. މިވެނި ކަމެކޭ ތިޔަ ކުދީންނަށް އެންމެ ރަނގަޅަށް ކުރަން އެނގޭނީ. މިއީ ޙަޤީޤަތުގައި އަޅުގަނޑުމެންނަށް އެނގޭ ކަމެއް ނޫން. އަޅުގަނޑުގެ ދަރީން ކައިރީގައިވެސް ވަކިކަމެއް ކުރަން ބާރުއެޅުން އެއީ، އަޅުގަނޑަށް އުނދަގޫ ކަމެއް. ކުއްޖާއަށް އެނގޭނެ. ތިޔަ ކުދިންނަށް އެނގޭނެ. އެހެންވީމާ، އަޅުގަނޑު ތިޔަ ދަރިވަރުން ކައިރީގައި ހަމަ ބުނެލަން އޮތީ، ޑޫ ސަމްތިންގ ދެޓް ޔޫ އެންޖޯއީ. ތިޔަ ކުދިންނަށް އެނގޭނެ، ތިޔަ ކުދިން އެންމެ ޝައުޤުވެރިވަނީ، ތިޔަ ކުދިންނަށް އެކަމެއް އެންމެ ޤާބިލުކަމާއެކު ކުރެވޭނީ، އެންމެ ރަނގަޅަށް ދަސްކުރެވޭނީ، ކޮން ކަމެއްކަން ތިޔަ ކުދިންނަށް ވަރަށް ރަނގަޅަށް އެނގޭނެ.

އެހެންވީމާ މިއަދު އަޅުގަނޑުމެން، ބެލެނިވެރިންވެސް އަޅުގަނޑަށް ހީވަނީ މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެއްހެން. އެ ކުއްޖެއް ގައިގައި ހުރި ހުނަރެއް، އެ ކުއްޖަކު ކުރާހިތުން، އެ ކުއްޖަކު ކުރިއަރަން ބޭނުންވާ ދާއިރާއަކުން އެ ކުއްޖަކު ކުރިއެރުމުގެ ފުރުޞަތު އެއީ އަޅުގަނޑަށް ހީވަނީ، އެއީ އަޅުގަނޑުމެން ހަމަ ދޫކޮށްލަންޖެހޭނެ ކަމެއްހެން. މާ ރަނގަޅު ޖީލެއް، މާ ރަނގަޅު ދަރީންތަކެއް، މާބޮޑަށް ބެލެނިވެރިން ފަޚްރުވެރިވާފަދަ ދަރީންތަކެއް އަޅުގަނޑުމެންނަށް އޭރުން ފެނިގެންދާނެ.

އާދެ، ދަރިވަރުންނަށް އިތުރަށް ހަމަ އަޅުގަނޑު ދަންނަވާލަން އޮތީ، މަސައްކަތް ކުރުމުގައިވެސް، ސްކޫލުގައި އުޅުމުގައިވެސް އަޅުގަނޑުމެން އެބަޖެހޭ، އެކުވެރިކަން އާލާކޮށް، ވަރަށް އެކުގައި މަސައްކަތް ކުރަން. އަބަދުވެސް އަޅުގަނޑުމެންނަކީ މިއީ އެއް ޓީމެއް، އެއް ބައެއްގެ ގޮތުގައި މަސައްކަތްކުރަން އެބަޖެހޭ. އެކަކު އަނެކަކަށް، އެއް ކުއްޖަކު އަނެއް ކުއްޖަކަށް އެހީތެރިވެދޭން އެބަޖެހޭ. އެކި މަސައްކަތް އެނގޭ މީހުން، އެނގިފައި ހުންނަ ކަންތައްތައް އަނެކާއަށް، އަނެއް ކުއްޖާއަށް ކިޔައިދޭން އެބަޖެހޭ. އަޅުގަނޑުމެންނަކީ އަބަދުވެސް ވަރަށް އެކުވެރި ބައެއްކަން، މިއީ ޒަމާނުއްސުރެ ފެށިގެން އަޅުގަނޑުމެންނަށް އެނގޭ ކަންތައްތައް.

އެހެންވީމާ، މިއަދު އަޅުގަނޑުމެން މި ނެތިގެންދާ ކަންތައްތައް އާލާކުރާގޮތަށް، އަޅުގަނޑުމެންގެ ރާއްޖޭގައި ވަޑާންކުރުމާއި ތިލޭރުކަން. އަދި ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެކި ރަށްރަށަށް، ވަކިން ޚާއްޞަކޮށް، އެ ނިސްބަތްވާ ނުވަތަ ޚާއްޞަވާ ކަންތައްތަކެއް އެބަހުރި. ގައްދޫ ކުނާވިޔުން، ތުޅާދޫގައި ލިޔެލާޖެހުން. ދެން މިހެން ގޮސްފައި، ވަރަށް ގިނަ ރަށްރަށް އެބަހުރި، މިގޮތަށްވެސް ފާހަގަކުރެވޭ. އެހެންވީމާ، މި ނެތިގެންދާ ކަންތައްތައް އަޅުގަނޑުމެން އިޔާދަކުރުމަށްޓަކައި، މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢަށް ގެނައުމަށްޓަކައި މަސައްކަތްކުރާއިރު، އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭ، އަޅުގަނޑުމެންގެ މި އިޙްތިރާމް، އަޅުގަނޑުމެން އެކަކު އަނެކަކަށް ކުރާ އިޙްތިރާމާއި ޤަދަރު، އަޅުގަނޑުމެންގެ ހިތުގައި އޮންނަ ލޯބި، ކުލުނު، އޯގާތެރިކަން، މި ކަންތައްވެސް އަޅުގަނޑުމެން އެބަޖެހޭ އަނބުރާ ގެންނަން. އަޅުގަނޑުމެން ފުރަތަމަ ޙަޤީޤަތް ގަބޫލުކުރަންވާނެ. އަޅުގަނޑުމެންގެ އަތުން ގެއްލިގެން ގޮސްފައިވަނީ ކޯއްޗެއްކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވިގެން، އަޅުގަނޑުމެންނަށް ގެއްލުން އެއްޗެއް ހޯދޭނީ.

އެހެންވީމާ، މިއަދުގެ ހާލަތަށް ބަލާއިރު، އަޅުގަނޑު ހަމަ ތިޔަ ހުރިހާ ދަރިވަރުންނަށް ދަންނަވާލަން އޮތީ، މިފަދަ ރަނގަޅު އާދަތައް އެބަޖެހެއޭ ހިފަހައްޓައި އަނބުރާ ގެންނަން. މުޖުތަމަޢުގައި އެ ރީތި އަގުތައް، އެ ވެލިއުސްތައް އަޅުގަނޑުމެން އެބަޖެހެއޭ އަބަދުވެސް ޕްރެކްޓިސްކުރާ ބަޔަކަށްވާން. މި ހުރިހާ ކަމެއް ގައިގައި ހިމެނިގެން ނޫނީ، ކާމިޔާބު، ފަޚްރުވެރި ދަރިޔަކަށް ނުވެވޭނެ.

އެހެންވީމާ، މިނިސްޓަރާއި އަދި ޕްރިންސިޕަލްގެ ވާހަކަފުޅުގައިވެސް ދެންމެ ފާހަގަކުރެއްވިގޮތަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މިއަދުގެ އެންމެ ބޮޑު އެއް އަމާޒުގެ ގޮތުގައި މިއޮތީ ހެޔޮލަފާ ރަނގަޅު، ތަރުބިއްޔަތު ލިބިގެންވާ ދިރިއުޅުމަކަށް ތައްޔާރުކުރެވިފައިވާ އުފެއްދުންތެރި ޖީލެއް ބިނާކުރުން. އެހެންވީމާ، މި ހުރިހާ ކަމެއް މިގޮތަށް މިކަން ކާމިޔާބުކުރެވޭނީ، އެ ޢަޒުމުގައި މަސައްކަތްކޮށްގެން.

އަޅުގަނޑު މިއަދު އުނގޫފާރުގައި ހުރި ނަމަވެސް، އަޅުގަނޑު ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި، އަޅުގަނޑުމެން އެ ދަރީންނަށްޓަކައި، އަޅުގަނޑުމެންގެވެސް އެންމެ ގިނަ ވަގުތު އަޅުގަނޑުމެން ދޭ، އަދި އެ ހުރިހާ ހޭދަތަކެއް މިއަދު ސަރުކާރުން ކުރާ ދަރީންނަށް، ދަރިވަރުންނަށް އަޅުގަނޑު ހަމަ ނަސޭހަތެއްގެ ގޮތުގައި ދަންނަވާލަން އޮތީ، މި ކަންތައްތަކާ ކުދިން ރަނގަޅަށް ވިސްނާށޭ. ތިމާކުރާ ކަންތައްތައް ރަނގަޅަށް ކުރުމަށް، ރަނގަޅަށް ކުދިން ކޮންސެންޓްރޭޓް ކުރާށޭ.

އެބަޖެހޭ އެހެން ކަމެއްވެސް ކުރަން. އަވަހަށް ނިދަން އެބަޖެހޭ. ރޭގަނޑު ބޭކާރުގޮތުގައި ބޭރުތެރޭގައި ނޫޅެ އަވަހަށް ނިދާފައި، ހެނދުނު އަވަހަށް ހޭލައި، ގަޑިއަށް ފަރުވާތެރިކަން ބަހައްޓާ ބަޔަކަށް ދަރިވަރުންނާއި، އަދި އަޅުގަނޑުމެންގެ ހުރިހާ މަސައްކަތްކުރާ އެންމެހައި ފަރާތްތައް މިއީ މިއަދު ވަރަށް ސަމާލުކަންދޭންޖެހޭ ކަމެއް. އަޅުގަނޑުމެން ވިސްނާލަންޖެހޭނެ، ގެއްލިގެންދާ އެންމެ ދުވަހަކީވެސް އަނބުރާ ހޯދޭނެ އެއްޗެއް ނޫން. ގެއްލިގެންދާ އެންމެ އެއްގަޑިއިރުގެ އެ ވަގުތަކީވެސް އެއީ އަޅުގަނޑުމެންނަށް ހޯދޭނެ އެއްޗެއް ނޫން. ވަގުތު އަޅުގަނޑުމެންނަށް މަޑެއްނުކުރާނެ.

އެހެންވީމާ، މިއަދު އަޅުގަނޑުމެން ވަގުތުގެ ހެޔޮ ބޭނުން ރަނގަޅު ގޮތުގައި ހިފަން އެބަޖެހޭ. އަޅުގަނޑުމެންގެ ކޮންމެ މީހަކަށްވެސް މި ލިބެނީ، ކަނޑައެޅިފައި އޮންނަ ވަގުތުތަކެއް. އަޅުގަނޑުމެންނަކަށް ނޭނގެ، އަޅުގަނޑުމެންނަށް ލިބިފައިވަނީ، ވިހި އަހަރުކަން، ސާޅީސް އަހަރުކަން، ފަސްދޮޅަސް އަހަރުކަން ނޭނގެ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ އެކަމަށް ސަމާލުވެ، ރަނގަޅު ގޮތުގައި ވަގުތުތައް ހޭދަކުރާ ބަޔަކަށްވެފައި، ބޭކާރުގޮތުގައި އަޅުގަނޑުމެން ހޭދަކުރާ ވަގުތުތަކަށް ނިމުމެއް އަންނަން. ބޭރުތެރޭގައި ބޭކާރުގޮތުގައި، ޚާއްޞަކޮށް، ރޭގަނޑު އުޅުން އަޅުގަނޑުމެން ދޫކޮށްލާފައި، ޢާއިލާއާއެކު، މައިންބަފައިންނާއެކު އަޅުގަނޑުމެން ގޭތެރެއަށް ވަގުތުތައް ދޭން އެބަޖެހޭ.

އާދެ، އަޅުގަނޑު ނިންމާލުމުގެ ކުރިން ދަންނަވާލާނަން. ތިޔަ ކުދިން އަޑުއަހާފައިވާނެ، މިދިޔަ ހުކުރު ދުވަހުގެ ހުކުރު ޚުޠުބާ. ވަރަށް ހެޔޮ ނަސޭހަތްތަކެއް އަޅުގަނޑުމެންނަށް ލިބިގެންދިޔަ. ތިޔަ ކުދިން ގެޔަށް ގޮސްފައި، ތަރުޖަމާ ހުޅުވާލާފައި ބަލައިލާ. އަލްމާއިދާ ސޫރަތުގެ 8 ވަނަ އާޔަތް ބަލައިލާ. އަޅުގަނޑުމެން އަބަދުވެސް، ފަހަރެއްގައި އަޅުގަނޑުމެންގެ އުޅުމުގެ ތެރޭގައި، އަޅުގަނޑުމެން ހިތް ނުރުހޭ، މިސާލަކަށް، ހިތްހަމަނުޖެހޭ މީހަކާ ނުވަތަ ކަމަކާ ދިމާވީ. އެހެންނަމަވެސް، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ ކަމެއް އޮންނާނެ. ހިތް ނުރުހޭ، ހިތްހަމަނުޖެހޭ މީހަކަށްވިޔަސް، އެމީހަކާ ދޭތެރޭގައިވެސް ހެޔޮގޮތުގައި ކަންތައްތައް ކުރަން. އިންސާފު، ޢަދުލުވެރިކަން ލިބެންޖެހޭނެ.

އެހެންވީމާ، އަޅުގަނޑުމެންގެ ހިތްތައް، އަޅުގަނޑުމެން އަބަދުވެސް ސާފުކޮށް، އަޅުގަނޑުމެންގެ ނަފުސަށް ހެޔޮ ގޮތްތަކަށް އަޅުގަނޑުމެން އެދޭގޮތަށް، އެހެން މީހުންނަށްވެސް އަޅުގަނޑުމެން އަބަދުވެސް އިންސާފާއި، ޢަދުލުވެރިކަމާއި، ހަމަހަމަކަން، ހުރިހާ އެންމެންގެ މައްޗަށް އެއީ އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭނެ ކަމެއް. މިގޮތަށް އަޅުގަނޑުމެން މަސައްކަތް ނުކުރާހާ ހިނދަކު، އަޅުގަނޑުމެންނަކަށް ކާމިޔާބެއް ނުލިބޭނެ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަދިވެސް އެއްފަހަރު، އަޅުގަނޑަށް މިފަދަ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނީތީ، އެކަމަށް އުފާކުރަމުން. އަދި މިއަދު އަޅުގަނޑުމެން މިރަށަށް އައުމުން، ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ވިދާޅުވި އެ މަރުޙަބާ، އާދެ، އަޅުގަނޑުމެން އެ ބަލައިގަތްގޮތް ފާހަގަކޮށް، މި ރަށުގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށްވެސް އަޅުގަނޑު ޝުކުރު އަދާކުރަމުން. އަދި ސްކޫލުން، މެދުކެނޑުމެއްނެތި، ޚާއްޞަކޮށް، ހީވާގި މުދައްރިސުންނާއި، އަދި ހީވާގި ޕްރިންސިޕަލްވެސް ކުރައްވާ މަސައްކަތް ފާހަގަކޮށް، އަދި މިކަމުގައި އަޅުގަނޑުމެންގެ އެޑިޔުކޭޝަން މިނިސްޓްރީއިން އެ ކުރައްވާ މަސައްކަތް ފާހަގަކޮށް، ތިޔަ އެންމެހައި ފަރާތްތަކަށް އަދަށްވުރެ ފާގަތި، ފަހި، އުފާވެރި މާދަމައެއް މިންވަރު ކުރެއްވުން އެދި اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ކިބަފުޅުގައި ދުޢާ ދަންނަވަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.