ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ، ޒަމާނީ ތަޢުލީމް އުނގެނި، އީޖާދީ އުފެއްދުންތެރިކަމަށް ވިސްނުން ހިންގާ، ހުނަރުވެރި ޖީލެއް ބިނާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީހް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރިނބިދޫ ސްކޫލުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން މިރޭ އެ ސްކޫލުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމުން މަތީ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ވަރަށް ގިނަ ޤައުމުތަކުގެ ޔުނިވަރސިޓީތަކުން ކިޔެވޭނެ ފުރުޞަތު ސަރުކާރުން ހަމަޖައްސައިދެއްވީވެސް މި މުހިންމު މަޤްޞަދު ޙާޞިލްކުރުމުގެ ބޭނުމުގައި ކަމަށެވެ.
މިޒަމާނުގެ ތަޢުލީމަކީ، މަސައްކަތުގެ ހުނަރާ އެކުގައި އުނގެނޭ ތަޢުލީމެއްކަން ފާޙަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސްކޫލް މަރުޙަލާގެ އެންމެ މުހިންމު އެއް މަސައްކަތަކީ، ދަރިވަރުންގެ ކިބައިގައި ހުންނަ ހުނަރާއި ފަންނުތައް ދެނެގަނެ، އެ ހުނަރާއި ފަންނުތައް އިތުރަށް ތަރައްޤީކުރެވޭނެ ގޮތަކަށް އަމާޒުކޮށްގެން ކިޔަވައިދިނުންކަމުގައެވެ. އެހެންކަމުން މައިންބަފައިންވެސް، ދަރިންނަށް ކިޔަވައިދިނުމުގައި މި ކަންކަމަށް ސަމާލުކަން ދެއްވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޤައުމު މިއަދު ބޭނުންވަނީ އީޖާދީ އުފެއްދުންތެރި ޒުވާނުންތަކަކަށްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ރިނބުދޫ ސްކޫލުގެ ދަރިވަރުންވެސް އަމާޒު ހިފަންވީ، ސްކޫލް މަރުޙަލާ ނިންމުމަށް ފަހު، ރާއްޖެއަށް އެންމެ ބޭނުންތެރި ދާއިރާތަކުން، މަތީ ތަޢުލީމް ޙާޞިލްކޮށް، ޤައުމުގެ ތަރައްޤީގައި ޢަމަލީ ގޮތުން ބައިވެރިވާނެ ޒުވާނަކަށް ވުމަށް ކަމަށެވެ.
ރިނބުދޫ ސްކޫލުގެ 50 އަހަރުގެ ދިގުމާޒީގައި އެ ސްކޫލަކީވެސް ރައްޔިތުންގެ އަމިއްލަ މަސައްކަތުން އުފެދި ކުރިއަރައިދިޔަ ސްކޫލެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރިނބުދުއަކީ ހުނަރުވެރި ބަޔަކު ދިރިއުޅޭ ރަށެއްކަމާއި މިގޮތުން އެރަށަކީ ޚާއްޞަކޮށް ތިލޭރުކަމަށް ރާއްޖެއަށް މަޝްހޫރު ރަށެއްކަން ފާހަގަކުރައްވައި ޒުވާނުންނަށް ތިލޭރުކަން ދަސްކޮށްދީ އެ މަސައްކަތް ދިރުވައި އާލާކުރުމަށް، ކައުންސިލުން އިސްނަންގަވައިގެން މަސައްކަތްކުރައްވަމުން ގެންދަވާތީ އެކަމަށްޓަކައި ރިނބުދޫ ކައުންސިލަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
ރިނބުދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަތޮޅުތަކުގައި ސަރުކާރުން އެޅުމަށް ރާއްވަވާފައިވާ ހައުސިންގ ޔުނިޓުތައް އެޅުމުން މި މައްސަލައަށްވެސް ޙައްލެއް ލިބިގެންދާނެކަމުގައެވެ.
ރިނބުދުއަކީވެސް ރަށްގިރުމުގެ މައްސަލަ ވަރަށްބޮޑަށް ކުރިމަތިވެފައިވާ ރަށެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރިނބިދުއަކީ ރަށް ގިރުމުގެ މައްސަލަ ޙައްލުކުރުމުގައި އެންމެ ބޮޑަށް އިސްކަން ދޭންޖެހިފައިވާ ރަށްތަކުގެ ލިސްޓުގައި ހިމެނޭ ރަށެއްކަމުގައެވެ.
ބޯފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު މިއަހަރުގެ ބަޖެޓްގައި ހިމަނައިގެން، އެކަން ފެށުމަށްޓަކައި މިހާރު އެމަސައްކަތް ޓެންޑަރ ކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރިނބުދޫގެ ކަރަންޓުގެ ޚިދުމަތް ތަރައްޤީކުރުމުގެ މަޝްރޫޢުވެސް މިއަހަރު ކުރިޔަށްދާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކާ އެއްގޮތަށް، ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާނެކަމަށާއި އެކަންކަންވެސް ކުރިޔަށްގެންދަވާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަމުގައެވެ.
މިރޭގެ ޖަލްސާގައި، ރިނބިދޫ ސްކޫލަށް ދިގު މުއްދަތެއްގައި މެދު ނުކެނޑި ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވި ޚިދުމަތުގެ އެވޯޑް އެފަރާތްތަކާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި ޖަލްސާގައި ރިނބިދޫ ސްކޫލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހަނދާނީ ފިލަޔެއް ހަދިޔާކުރައްވާފައެވެ.