ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ނެޝަނަލް ޗެސް ޗެމްޕިއަންޝިޕް ނިންމުމުގެ ގޮތުން ބޭއްވި ޙަފްލާ ޝަފަރުވެރިކޮށްދެއްވައިފިއެވެ. މި ޙަފްލާ ކުރިއަށްދިޔައީ މިރޭ ހުޅުމާލޭގައެވެ.

ނެޝަނަލް ޗެސް އާކޭޑްގައި ނުވަތަ ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިއަށްދިޔަ މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ނެޝަނަލް ޗެސް ޗެމްޕިއަންޝިޕުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން އަންހެނުންގެ ބަޔާއި އޯޕަން ބައިން ޤައުމީ ޓީމަށް ހޮވުނު ކުޅުންތެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ނެޝަނަލް ޗެސް ޗެމްޕިއަންޝިޕުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން އެއްވަނަ، ދެވަނަ އަދި ތިންވަނަ ޙާޞިލުކުރި ފަރާތްތަކަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ.

މި އަހަރު މި ކުރިއަށްގެންދިޔަ ނެޝަނަލް ޗެސް ޗެމްޕިއަންޝިޕް މުބާރާތަކީ މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން 2019 ވަނަ އަހަރު އެކުލަވާލެވުނު ހިންގާ ކޮމެޓީއިން އިންތިޒާމްކޮށްގެން މިހާތަނަށް ބޭއްވި 2 ވަނަ ޗެސް މުބާރާތެވެ.

ނެޝަނަލް ޗެސް ޗެމްޕިއަންޝިޕް މުބާރާތުން ކާމިޔާބީތައް ހޯދައިފައިވާ ފަރާތްތައް އިންޓަނޭޝަނަލް ޗެސް ފެޑެރޭޝަންއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ 44 ވަނަ ވޯލްޑް ޗެސް އޮލިމްޕެއިޑް 2020 ގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.