މި ސަރުކާރުން ރައްޔިތުންނަށް ވަޢުދުވީ، ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށް މަސައްކަތްކުރާ، ފަނޑިޔާރުގެއެއް ޤާއިމުކޮށްދިނުމަށްކަމަށާއި، ސަރުކާރުގެ ފަރާތުން ފަނޑިޔާރުގެއާ ބެހި ނުފޫޒު ފޯރުވުމުގެ އެއްވެސް ކަމެއް ނުކުރަންކަމަށާއި، އަދި ކުރުމުގެ ވިސްނުމެއްވެސް ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޤަޟާއީ އަހަރު 2020 އިފްތިތާޙު ކުރުމަށްޓަކައި މިރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ ފަނޑިޔާރުގޭގެ މަސައްކަތްތައް، 2020 ވަނަ އަހަރަށް ފެށުމުގެ މުނާސަބަތުގައި، ބޭއްވެވި މި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ ކޯޓުތަކުން ޚިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ފަސޭހަވާނެ ގޮތްތަކަށް، އިދާރީ ހިންގުން ބަދަލުވަމުން އަންނަކަމުގައެވެ. އަދި އެކަމުގެސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއްލިބިގެން ދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ ތެރޭގައި މިހާރު ފެތުރިފައިވާ، އިޖްތިމާޢީ ވަރަށް ގިނަ މައްސަލަތަކަށް، އެކަށީގެންވާ ޙައްލެއް ހޯދުމުގައި ފަނޑިޔާރުންގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެކަމުގައި ފަނޑިޔާރުންނަށް ކުރެވިދާނެ އެންމެ މުހިންމު އެއް ކަމަކީ، ޢަދުލު އިންޞާފު އޭގެ ވަގުތުގައި ޤާއިމުކުރުންކަމަށާއި ޝަރުޢީ މަރުޙަލާތައް އަވަސްކޮށް، އަވަހަށް ނިޔާ ކަނޑައެޅުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އިހުމާލުވުމުގެ މައްސަލަތަކަށް އިންސާފު ހޯދައިދުނުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ޝަރީޢަތްތައް ކުރިއަށް ގެންދިޔުމަށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން، ނިންމާފައިވާ ނިންމެވުމަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މި ނިންމެވުމުގައިވާ ބަދަލު އައުމުން، އެފަދަ މައްސަލައެއް ކޯޓަށް ހުށަހެޅޭތާ، 24 ގަޑިއިރުގެ ތެރޭގައި އެ މައްސަލައަކާ ގުޅޭ އިދާރީ އިންތިޒާމުތައް ހަމަޖައްސަންޖެހޭކަމަށާއި، އަދި ޝަރީއަތުގެ މަރުޙަލާ ފެށުމަށް ފަހު، ކޮންމެ ދެ އަޑުއެހުމެއްގެ ދެމެދު، 48 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަ ނުވާނެ ގޮތަށް، އަޑުއެހުންތައް ތާވަލުކުރަން ޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން މިގޮތަށް ކަންކަން އިންތިޒާމުކުރުމުން، އެފަދަ މައްސަލަތައް، ގިނަވެގެން ހަ މަސްތެރޭގައި ކޯޓުން ނިމިގެން ދިއުމަކީ ހެޔޮ ފާލެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ އެއާއެކު ފަނޑިޔާރުގެ އިޞްލާޙްކޮށް، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި، ކަމާ ގުޅޭ ޤާނޫނުތައް ވެސް އިޞްލާޙްކުރަންޖެހޭ ކަމަށް އެމަނިކުފާނު ޤަބޫލުފުޅުކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު އިޞްލާޙުކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ވާނީ ފޮނުވާފައިކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ނޫނަސް، ޝަރުޢީ ދާއިރާގެ ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް، ސަރުކާރުން އަންނަނީ ދިރާސާކޮށް ބަލަމުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ކޯޓުތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާ ލެއްވެވިއެވެ. އެގޮތުން ކޯޓުތަކުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން، ކޯޓު އެކުވެއްޏެއް އެޅުމަށް މިހާރުވާނީ ހުޅުމާލެއިން ބިމެއް ކަނޑައަޅައި، ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއާ ބިން ޙަވާލު ކުރައްވާފައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހުޅުމާލޭ ކޯޓު އެކުވެނި ޢިމާރާތްކުރުމުގެ މަޝްރޫޢު ނިމޭއިރު، ސުޕްރީމް ކޯޓު ފިޔަވައި މާލޭގައި ހުރި ހުރިހާ ކޯޓެއް، އެ ޢިމާރާތަށް ބަދަލުވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމާއެކު މާލޭގެ ކޯޓުތަކަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުވެ، ޝަރީޢަތްތައް މިހާރަށް ވުރެ ހަލުވިމިނުގައި ކުރިއަށް ދާނެކަމަށް އެމަނިކުފާނު އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.