بســم اللّـه الرّحمـن الرّحيــم

الْحَمْـدُ للهِ رَبِّ الْعَالَمِيْن، وَالصَّلَاةُ وَالسَّلَامُ عَلَى أشْرَفِ الأَنْبِيَاءِ وَالْمُرْسَلِيْن، وَعَلَـى آلِـهِ وَصَحْبِــهِ أَجْمَـعِــيْن.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ޖަމާލުއްދީނު ސްކޫލްގެ ޕްރިންސިޕަލް ޙަސަން މުޙައްމަދު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސްބޭފުޅުން، ޖަމާލުއްދީން ސްކޫލްގެ މެނޭޖްމަންޓްގެ އިސްވެރިން، ސްކޫލްގެ ހީވާގި މުދައްރިސުންނާއި، ލޮބުވެތި ދަރިވަރުން އަދި އެ ދަރިވަރުންގެ ބެލެނިވެރިންނާއި، ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑުގެ އެންމެ އިސް އެއް ވާޖިބު ކަމުގައި އަޅުގަނޑު ދެކެނީ، ދެންމެ ސްކޫލުގެ އިސް މަޤާމުތަކާ ހަވާލުވި އެންމެހައި ދަރިވަރުންނަށް މަރުޙަބާއާއި މުބާރަކްބާދީ ދަންނަވަން. އާދެ، އެއަށްފަހު، ޖަމާލުއްދީން ސްކޫލްގެ 35 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުންތައް، ތަހުނިޔާއާއި މުބާރަކްބާދީ، ސްކޫލްގެ ޕްރިންސިޕަލް، ސްކޫލްގެ ހީވާގި މުވައްޒަފުން، އަދި އެންމެހައި ލޮބުވެތި ދަރިވަރުންނާއި، އެންމެހައި ބެލެނިވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ދަންނަވަން.

އާދެ، އަހަރީ ދުވަހެއް ފާހަގަކުރުމުން، އަޅުގަނޑުމެން ލިބިގަންނަންޖެހޭނޭ ފިލާވަޅުތަކެއް، އާކުރަންޖެހޭނޭ ޢަޒުމްތަކެއް ހުންނާނެ. އާދެ، މިއީ ވަރަށް މަތިވެރި މަޤްޞަދެއްގައި ކުރެވޭ ކަމެއް. އާދެ، މިގޮތަށް ފާހަގަކުރެވޭ ދުވަސްތަކަކީ، މި ދެންނެވިގޮތަށް އަޅުގަނޑުމެން އެކަކު އަނެކަކާ އެ އޮންނަންޖެހޭ ގާތް ގުޅުން ބަދަހިކޮށް، ކާމިޔާބަށް ވާސިލުވުމަށްޓަކައި އާ ޢަޒުމްތަކެއް ކަނޑައަޅަންޖެހޭ ދުވަހެއް. އާދެ ހަމައެއާއެކު، އަޅުގަނޑުމެންގެ ވާޖިބަކަށް ވާންޖެހޭނީ އެ ކަނޑައަޅާ ޢަޒުމުގެ މަތީގައި އަޅުގަނޑުމެން ދެމިތިބެ، ދާދި ދެންމެއަކު އާދެ، ސްކޫލްގެ ހީވާގި ޕްރިންސިޕަލް އެ ދެއްވި ނަސޭހަތްތަކުގައި ހިފައިގެން ތިބެގެން ކުރިއަށްދިޔުން. އާދެ، އަޅުގަނޑުވެސް އެ ނަސޭހަތް، ތިޔަ އެންމެހައި ލޮބުވެތި ދަރިވަރުންނަށް ތަކުރާރުކޮށް، އަބަދުވެސް ތިޔަ އެންމެހައި ދަރިވަރުންނަށް ހެޔޮ ގޮތްތައް އަޅުގަނޑުމެން އެދޭ ވާހަކަ، ތިޔަ ލޮބުވެތި ދަރިވަރުންނާއި އަދި ތިޔަ ލޮބުވެތި ދަރިވަރުންގެ ލޯބިވާ މައިންބަފައިންނަށް ދަންނަވަން.

އާދެ، ޖަމާލުއްދީން ސްކޫލުގެ ތާރީޚަށް ވިސްނައިފި ކަމަށްވަންޏާ، ޖަމާލުއްދީން ސްކޫލަކީ ވަރަށް ކާމިޔާބީތަކެއް ހާސިލުކުރައްވާފައިވާ ވަރަށް ފޮނި، ވަރަށް އުފާވެރި، ތާރީޚެއް އޮތް ތަނެއް. ވަރަށް ގިނަ ކަންކަމުގެ ނަމޫނާ، ދިވެހި އުދަރެހަށް އެކި ގޮތްގޮތުން ދައްކުވައިދީފައިވާ ސްކޫލެއް.

އާދެ، 35 އަހަރުގެ ތާރީޚުގައި ގިނަ ކަންތައްތަކެއްކޮށް، ދިވެހި މި ފަސްގަނޑަށް، ދިވެހިރާއްޖެ މިއަދު މި ދެކޭ ތަރައްޤީ ހާސިލުކުރުމަށްޓަކައި، އެކަމުގެ އެތައް ބައިވެރިންތަކެއް އުފައްދާފައިވާ ތަނެއް. އާދެ، އަޅުގަނޑު މީގެތެރޭގައި ހަމަ ފާހަގަކޮށްލަން، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް، އެ މީހެއްގެ ވާޖިބެއްގެ ގޮތުގައި އެކަކު އަނެކަކަށް ވަރަށް ބޮޑަށް އަޅާލަންޖެހޭ ބައެއް. އާދެ، ސްކޫލް މަދަރުސާތަކުގައިވިޔަސް، އެއީ ގޭތެރޭގައި ކަމުގައިވިޔަސް، އަދި ކޮންމެ މައިދާނެއްގައި ކަމުގައިވިޔަސް، ބޭނުން ޖެހިފައި ހުންނަ ފަރާތަށް، މަދަދުވެރިކަން އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވެ، އެ ފަރާތްތަކަށް ގޮތްތަކެއް ހޯދައިދިނުމަކީ، އާދެ، އަޅުގަނޑުމެންގެ ތެރެއިން އާންމުކޮށް އަޅުގަނޑުމެންނަށް މި ފެންނަ ފަރާތްތަކާ އެއް ހަމައެއްގައި ފައިތިލަ ހަމަކޮށްގެން ކުރިއަށް ދިޔުމުގެ ފުރުޞަތު ހޯދައިދިނުމަކީ އެއީ، އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އާދެ، މި ނަޒަރުން އަޅުގަނޑު ވިސްނާލާއިރު، އަޅުގަނޑަށް ޖަމާލުއްދީން ސްކޫލް ފާހަގަކުރެވިފައިވަނީ، އާދެ، މުޅި ދިވެހިރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް ދައްކުވައިދީފައިވާ ނަމޫނާއަކީ، އަޅުގަނޑު ދަންނަވާނީ، ޖަމާލުއްދީން ސްކޫލުގެ މި ނަމަށް އަޅުގަނޑުމެން މުޅި ޤައުމު ފަޚްރުވެރިވާފަދަ ކަންތައްތަކެކޭ.

އާދެ، އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގައި އާދެ، ޚާއްޞަ އެހީއަށް، އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، އާދެ، މަދަރުސީ ތަޢުލީމު ދިނުމަށްޓަކައި، އެންމެ ފުރަތަމަ އެ މަސައްކަތް ކުރެވިގެންދިޔަ ސްކޫލެއް ކަމަށް އަޅުގަނޑުމެންނަށް އެނގިފައި މިވަނީ، ޖަމާލުއްދީން ސްކޫލް. މިއީ މިކަމަށްޓަކައި މިދިޔަ 35 އަހަރު މި ސްކޫލްގައި ޕްރިންސިޕަލްކަން ކުރެއްވި ބޭފުޅުންނާއި، ޓީޗަރުކަން ކުރެއްވި ބޭފުޅުންނާއި، އަދި މިނިސްޓްރީގެ ތެރެއިން، މުޅި ސަރުކާރުގެ ތެރެއިން މިކަމަށް އެހީތެރިވެދެއްވި، އަދި އަމިއްލަ ގޮތުންވެސް މިކަމަށް އެހީތެރިވެދެއްވި، އެންމެހައި ފަރާތްތަކަށް އަޅުގަނޑުމެން އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަންޖެހޭ ކަމެއް.

އާދެ އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖެއަކީ ވަރަށް ނާޒުކު ތިމާވެށްޓެއް އޮތް ތަނެއް. މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާދެ، ތިމާވެށީގެ ނުރައްކާ ދިމާވަމުންދާ އެކިއެކި ކަންތައްތައް މިއީ ކޮންމެ ދުވަހަކުވެސް ޓީ.ވީ.އިންނާއި، އަދި އެ ނޫން ގޮތްގޮތުން މީޑިއާއިން ވަރަށް ކައިރިން ތިޔަ ކުދިންނަށް ފެނިގެންދާނޭ ޚަބަރުތައް. އާދެ، ދުނިޔެއަށް ދިމާވެދާނޭ ކަންތައްތަކުގެ ވާހަކަ. އަޅުގަނޑުމެން އިންސާނުންކުރާ ކަންތައްތަކުގައި އަޅުގަނޑުމެން ސަމާލުނުވެއްޖެނަމަ، އާދެ، ގަސްތައް ކަނޑައި މަދުކޮށް، އައްސޭރިފަށުން، އާދެ، ގޮނޑުދޮށުން ވެލިނަގާ، މި ބާވަތުގެ ކަންތައްތައް ކުރުމުން ލިބިދާނޭ ގެއްލުންތަކުގެ ވާހަކަ، މިއީ މާކުރީއްސުރެ ފެށިގެންވެސް ދިވެހިރާއްޖޭގައި ދެކެވެމުން އައި ވާހަކަތަކެއް. އާދެ، މިކަމަށްޓަކައި ސްކޫލް މަދަރުސާތަކުގެ ތެރޭގައާއި އަދި އެނޫން ގޮތްގޮތަށްވެސް ގިނަގުނަ މަސައްކަތްތަކެއް އޭރުވެސް ކުރެވެމުން އައި. މިއަދު މުޅި ދުނިޔޭގައި އެއް އަޑަކަށް ތިމާވެށި ހިމާޔަތްކުރުމުގެ އެކިއެކި ސަމިޓްތައް، ކޮންމެ މަހަކު، ކޮންމެ ހަފްތާއަކު ބާއްވަމުން އައިއިރު، މީގެ ތިރީހަކަށް އަހަރު ކުރީއްސުރެ ފެށިގެން، 35 އަހަރު ކުރިން ފެށިގެންވެސް އަޅުގަނޑުގެ ހަނދާނުގައި ދިވެހިރާއްޖޭގައި މި ބާވަތުގެ މަސައްކަތްތައް ކުރެވެމުން އައި.

އާދެ، އަޅުގަނޑު ދަންނަވާލަން އޮތީ، އަނެއްކާވެސް، އަޅުގަނޑުމެން ޖަމާލުއްދީނުގެ އޭރުއްސުރެ ފެށިގެން މިއަދާ ހަމައަށް މަސައްކަތް ކުރެއްވި އެންމެހައި ފަރާތްތަކާއި އަދި ދަރިވަރުންގެ މައްޗަށް އަޅުގަނޑުމެން ފަޚްރުވެރިވާންޖެހޭ އަނެއް ސަބަބަކީ، ތިމާވެށީގެ މުހިންމުކަން މި ސްކޫލްގެ ތެރޭގައި އަބަދުވެސް އެއް އަޑަކަށް ދެކެވޭކަން. އާދެ، 1997 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ތިމާވެށީގެ ފެހިފަތް، މި ސްކޫލަށް ވަނީ ލިބިފައި. އާދެ، އެކަމަށްޓަކައި އަޅުގަނޑު، މި ސްކޫލްގައި މަސައްކަތް ކުރެއްވި އެންމެހައި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު މިއަދު ތިޔަ ދަރިވަރުންގެ ކުރިމަތީގައި ހުއްޓި ހުންނައިރު، އަޅުގަނޑުގެ ހަނދާނަށްވެސް އަންނަނީ، މީގެ 35 އަހަރު ކުރި. ބަރާބަރު 35 އަހަރު ކުރި އެއީ. އަޅުގަނޑަކީވެސް އޭރު ހަމަ ތިޔަ ކުދިން ކަހަލަ ޒުވާން ކުއްޖެއް. އާދެ، 10، 11 އަހަރު، އަޅުގަނޑުމެން އޭރު މާލެ ކިޔަވަން އައިއިރު، އަޅުގަނޑުމެންނަށް ޖެހުނީ، ވަރަށް އެހެން ކަހަލަ ގޮތަކަށް އުޅެން. އާދެ، މިހާރު ހިތަށް ތަޞައްވުރުކުރަން ފަހަރެއްގައި އުނދަގޫވެދާނެ. އާދެ، 10، 11 އަހަރުގެ ކުއްޖަކު، ދެތިން އަހަރު އެއަށްވުރެ ދޮށީ ބޭބެއަކާ އެއްކޮށް، ކޮޓަރިއެއް ކުއްޔަށް ހިފައިގެން، ސްކޫލަށް ދިޔުމަށްޓަކައި، މައިންބަފައިން ނުފެނި، ގާތްތިމާގެ މީހެއްގެވެސް މާބޮޑު އެހީތެރިކަމެއްނެތި، އެކަނި އުޅެންޖެހުން ވެގެންދިޔައީ، އެއީ މުޅިން ތަފާތު އިޙްސާސްތަކެއް މިއަދު ކުރެވޭ ކަމަކަށް.

އާދެ، އަޅުގަނޑުމެންނަށް އެ ދުވަހު އަޅުގަނޑުމެންގެ ރިޕޯޓް، އަޅުގަނޑުމެންގެ ހޯމްވަރކް، އަޅުގަނޑުމެންގެ ފޮތްތައް ބަލާނެ ހަމަ ދެވަނަ އެއްވެސް މީހަކު ނެތް. އަޅުގަނޑުގެ ފަނަރަވަރަކަށް އަހަރުގެ ބޭބެ ނޫން އެހެން އެއްވެސް މީހެއްގެ ފަރާތުން މަދަރުސާއިން ބޭރުގައި އަޅުގަނޑަކަށް މާބޮޑު އެހީތެރިކަމެއް އެއިރަކު ނުލިބޭ. އެހެންނަމަވެސް، އެއީ އެދުވަސް. މިއަދު އަޅުގަނޑުމެން ބަލައިލަންވީ، ވަރަށް މަދު ކުއްޖެއް ފިޔަވައި، އަޅުގަނޑުމެންނަށް މި ފެންނަނީ މައިންބަފައިންނާއެކު ތިޔަ ކުދީން ދުވަސްތައް ހޭދަކުރާތަން. އާދެ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، މިއަދު އެ ނަސީބު ތިޔަ ކުދިންނަށް ލިބުމުން، އިތުރަށް ފިލާވަޅު ދަސްކޮށް، ކަންތައްތަކާމެދު ވިސްނައި، ކުރިއެރުމަށްޓަކައި ގިނަގުނަ މަސައްކަތް ކުރުމުގެ އިތުރު ފުރުޞަތުތައް، އިތުރު ޖާގަ ލިބިގެން އެބަދެއޭ.

އާދެ، އަޅުގަނޑު ތިޔަ އެންމެހައި ދަރިވަރުންނަށް ނަސޭހަތެއްގެ ގޮތުގައިވެސް ގޮވާލަން އޮތީ، ދެންމެ ޕްރިންސިޕަލް އެ ވިދާޅުވިގޮތަށް، ތިޔަ ކުދިންނަކީ މާދަމާގެ، އާދެ، އަޅުގަނޑުމެންނަށް މި ޔުނީފޯމްތަކުން މި ފެންނަގޮތަށް، މާދަމާ ޤައުމު ހިންގާނޭ ދަރީންތަކެއްކަން އަބަދުވެސް ތިޔަ ކުދިންގެ ހިތުގައި ބާއްވާށޭ.

އާދެ، މިއަދު ތިޔަ ކުދިން ފަށަންވީ އާދެ،

Start doing little things right, before you start doing big things right.

އެހެންވީމާ، މިއަދު ކުރެވޭ ކޮންމެ ކުޑަ ކަމެއްވެސް އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ކުރުމަށްޓަކައި ތިޔަ ކުދިން ޢަޒުމް ވަރުގަދަ ކުރަން އެބަޖެހޭ. ހަމައެއާއެކު،

You have to have dreams with goals. Dreams without goals are just only dreams.

އެހެންވީމާ، ކޮންމެ ކުއްޖެއްގެވެސް ލަނޑުދަނޑިތަކެއް، އެޗީވް ކުރަން ބޭނުންވާނޭ ޓާގެޓްތަކެއް ކަނޑައަޅަން ޖެހޭނެ. އެކަމަށްޓަކައި މަސައްކަތްކުރަން ޖެހޭނެ.

 

އާދެ، އަޅުގަނޑުމެންނަށް، ކޮންމެ ކަމެއް ކުރާއިރުގައިވެސް ލިބޭނޭ އެންމެ ބޮޑު ކާމިޔާބީއަކަށްވާނީ، އެކުގައި މަސައްކަތް ކުރުން. އަޅުގަނޑުމެންނަށް އެކުގައި މަސައްކަތް ކުރެވޭނޭ މާޙައުލެއް ޤާއިމުކުރެވޭނީ، އިޙްތިރާމް އަދާކުރެވިގެން. އަޅުގަނޑުމެންގެ މުދައްރިސުންނަށް، އަޅުގަނޑުމެންގެ މައިންބަފައިންނަށް، އަޅުގަނޑުމެންނަށްވުރެ ދޮށީ މީހުންނަށް، އަޅުގަނޑުމެން އިޙްތިރާމް އަދާކުރަން ޖެހޭނެ. އާދެ، ތިޔަ ދަރިވަރުން ވިސްނައިލައްވާ. އަޅުގަނޑަށް ކުރިމަތިން އެބަ ފެނޭ، "އައި ލަވް މައި ސްކޫލް". "އައި ލަވް މައި ޓީޗަރސް". "އައި ލަވް މައި ޕޭރަންޓްސް". "އެންޑް އައި ލަވް ދަ ޕީޕަލް އެރައުންޑް މީ". އާދެ، ދުނިޔޭގެ ޤައުމުތަކަށް ވިސްނައިފި ކަމަށްވަންޏާ، ކުރިއަރާފައިވާ ޤައުމުތަކާއި، އަދި އެނޫން ޤައުމުތަކުގައިވެސް ޙަޤީޤަތުގައިވެސް އެންމެ ބޮޑު ޤަދަރެއް ދެވިފައިވާ ފަރާތަކީ، އެ ޤައުމެއްގެ ޓީޗަރުން. ޓީޗަރެއްގެ ފަރާތުން ދަރިވަރުވެގެން އަޅުގަނޑުމެން ޑޮކްޓަރަކަށްވެސް ވަނީ، ޕައިލެޓަކަށްވެސް ވަނީ، އިންޖިނިއަރަކަށްވެސް ވަނީ، ޓެކްނީޝަނަކަށްވެސް ވަނީ. އަދި އެހެން މަސައްކަތްތެރިޔަކަށްވެސް ވަނީ ޓީޗަރެއްގެ ފަރާތުން އުނގެނިގެން. އެހެންވީމާ، މިއަދު މިފަދަ ދުވަހެއްގައި އަޅުގަނޑުމެން ކަނޑައަޅަންވީ ޢަޒުމަކީ، ޓީޗަރުން އެ ކުރައްވާ ބުރަ މަސައްކަތްތައް. އާދެ، އެ މަސައްކަތަކީ އެއީ އަޅުގަނޑުމެންނަށްޓަކައި، އަޅުގަނޑުމެންގެ ދަރީންނަށްޓަކައި، ތިޔަ ކުދިންނަށްޓަކައި ކުރެވޭ ކަމެއް ކަމުގައި ނޫނީ ހަމަ ކަށަވަރުންވެސް ނުވާނެ.

އެހެންވީމާ، މިއަދު އަޅުގަނޑުމެން އެއް ކަމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ހިތުގައި ޢަޒުމް ކަނޑައަޅަންވީ، އަޅުގަނޑުމެންގެ ޓީޗަރުންނާއި، އަޅުގަނޑުމެންނަށް އުނގަންނައިދޭ ފަރާތްތަކާ ގާތް ގުޅުމެއް އަޅުގަނޑުމެން އެކަށައަޅަން ޢަޒުމް ކަނޑައަޅައި، އިޙްތިރާމް އަދާކޮށް، އެ ކަންތައްތައް ހެޔޮގޮތުގައި ބަލައިގަނެ، އެ މުހިންމު ވަގުތުތައް، ހޭދަކުރެވޭ މުހިންމު ވަގުތުތަކުގައި، އެ ދެވޭ ފިލާވަޅުތައް، ގާތުން ބަލައި، ރަނގަޅަށް ދަސްކޮށް، އޭގައި އެ ބުނާގޮތަށް، އާދެ، މާދަމާ މަސައްކަތް ކުރުމަށް ވަރަށް ރަނގަޅަށް ތައްޔާރުވާން.

އެހެންވީމާ، އަޅުގަނޑު ވަރަށް ތަކުރާރުކޮށް، ތިޔަ ހުރިހާ ލޮބުވެތި ދަރިވަރުންނަށް ދަންނަވާލަން އޮތީ، މިއަދު އެ ޢަޒުމް ތިޔަ އެންމެހައި ލޮބުވެތި ދަރިވަރުން ކަނޑައަޅުއްވާށޭ. އާދެ، އަޅުގަނޑުމެންނަކީ އަބަދުވެސް އަނެކާއަށް ކުލުނު ހުންނަ، އަނެކާދެކެ ލޯބިވާ، އަނެކާއަށް ލިބިދާނޭ ގެއްލުމަކުން އަނެކާ ސަލާމަތްކުރުމަށްޓަކައި އެހީތެރިވެދޭ ބަޔަކަށް ވާންޖެހޭނެ. އާދެ، މުޅި އިސްލާމްދީން، އަޅުގަނޑުމެންގެ މައްޗަށް އަންގަނީ ރިވެތި އަޚްލާޤް، އަނެކާއަށް އަޅައިލުން. އެހީއަށް އެންމެ ބޮޑަށް ބޭނުންވާ މީހުންނަށް، ބޮޑުކޮށް އަޅައިލުން. ޤައުމެއްގެ ހަމަޖެހުމަށްޓަކައި މަސައްކަތް ކުރުން.

އެއްވެސްޝައްކެއްނެތް، މިއަދު އަޅުގަނޑުމެން. މާދަމާ ތިޔަ ދަރިން ޤައުމު ހިންގަން ތިބޭނީ. އަޅުގަނޑުމެން އަބަދުވެސް ބޭނުންވަނީ، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާ އެއް ސަފެއްގައި ތިބެން. އަޅުގަނޑުމެންނަށް އެކަންތައް ނުކުރެވެންވީ އެއްވެސް ސަބަބެއް، ހަމަ ޙަޤީޤަތުގައިވެސް ނެތް. އަޅުގަނޑުމެންނަކީ ނަސީބުވެރި ބައެއް. އަޅުގަނޑުމެންނަކީ އެއް ބަހަކުން ވާހަކަ ދައްކާ، އެއް ނަސްލެއްގެ ބައެއް. ﷲގެ ހެޔޮ ރަޙްމަތުން އިސްލާމްދީނުގެ ހިދާޔަތް، މުޅި ޤައުމުގެ ހުރިހާ ރަށްތަކާއި، މުޅި ފަސްގަނޑަށް އެތައް ސަތޭކަ އަހަރެއް ވަންދެން ލިބިފައި ތިބި، ދެބަސްވުމެއްނެތް، އެފަދަ އަރައިރުމެއްނެތް، ވަރަށް އެކުވެރި ބައެއް. އެހެންވީމާ، ދުނިޔޭގެ އެހެން ތަންތަނުގައި، މީހުންގެ މެދުގައި ހުންނަ ކަހަލަ ދެބަސްވުން، އަޅުގަނޑުމެންގެ ތެރޭގައި ހަމަ އެއްވެސްވަރަކަށް ނެތް. އެހެންވީމާވެސް އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް ކުރިއަރައިދިޔުމަށް ﷲ އިރާދަކުރެއްވިއްޔާ ފަސޭހަވެގެންދާނެއޭ. އަޅުގަނޑުމެން ޖެހޭ، ބަދަލުވެގެން އަންނާނޭ ކަންތައްތަކަކަށް އަބަދުވެސް ތައްޔާރުވާން.

އާދެ، ތިޔަ ކުދިންނަށް އެނގޭނެ، މިއަދު މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލައިފި ކަމަށްވަންޏާ، އެންމެ ކަންބޮޑުވުން އޮތީ ކޮން ކަމަކަށްކަން. މުޅި ދުނިޔޭގެ އެކިއެކި ޕްރިކޯޝަންސްތައް، އެކިއެކި މެޝަރޒްތައް ނަގަމުން މިދަނީ، ކޮން ކަމަކުން އެ ޤައުމެއްގެ ރައްޔިތުން ސަލާމަތް ކުރުމަށްކަން. އާދެ، ރައްކާތެރިވެ ތިބުމަކީ އެއީ، އެންމެ ފުރަތަމަ ފިޔަވަޅު. އަޅުގަނޑުމެނަކީ އަބަދުވެސް ކަންކަމުން ޕްރިވެންޓް ކުރުމަށްޓަކައި، ކަންކަން ޕްރިވެންޓް ކުރުމަށް މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭނެ. އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެބޮޑު ނަސީބަކީ، ދުޅަހެޔޮ ޞިއްޙަތް.

އެހެންވީމާ، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޞިއްޙަތަށް، އަޅުގަނޑުމެން އަބަދުވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށްޓަކައި، ޅަފަތުގައި އެ މަސައްކަތް ސްކޫލްގެ ތެރެއިން ފަށަން އެބަޖެހޭ. އާދެ، ތިޔަ ދަރިވަރުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެންމެ ބޮޑު އަމާޒަކީ، ދިވެހި ދަރީންނަކީ ދުޅަހެޔޮ ހަށިހެޔޮ، އުފެއްދުންތެރި، އަޚްލާޤު ރަނގަޅު، ޤައުމަށް ވަފާތެރި، ޚިދުމަތްތެރި، ޤައުމު ފަޚްރުވެރިވާފަދަ، މައިންބަފައިން ފަޚްރުވެރިވާފަދަ ދަރީންތަކަކަށް ހެދުމުގެ މަސައްކަތް. އާދެ، ސަރުކާރަކުން ދުވަހަކުވެސް ނުކުރާފަދަ މަސައްކަތްތަކެއް، ނުދޭފަދަ ސަމާލުކަމެއް މިއަދުގެ ސަރުކާރުން، އާދެ، ރައީސުލްޖުމްހޫރިއްޔާ، މުޅި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ އެއްކޮށް، ތަޢުލީމީ ނިޒާމުގައި މަސައްކަތް ކުރައްވާ އެންމެހައި ފަރާތްތައް، އެ މަސައްކަތް ކުރާކަމީ އެއީ އަޅުގަނޑުމެންނަށް މިއަދު ދެބަސްވެވެން އޮތް ކަމެއް ނޫން. ދުވަހަކުވެސް ނުކުރާ ޚަރަދު ކުރަނީ ބޭނުމެއްގައި. ދަރިވަރުންނަށް ހޭދަކުރެވެނީ އެއީ ބޭނުމެއްގައި. އެއީ އިންވެސްޓްމަންޓެއް. ދަރިވަރުންނަށް ކުރެވޭ އެންމެ ލޯލާރިއެއް އެއީ ވޭސްޓް ވެގެންދާނޭ އެއްޗެއްގެ ގޮތުގައި އެ ވާހަކަ ދެއްކުމަކީ އެއީ ޤައުމަށް ހެޔޮ އެދޭ މީހަކު ދުވަހަކުވެސް ކުރާނެ ކަމެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން މިއަދު، އަޅުގަނޑުމެންނަށް މި ލިބިފައިވާ ނަސީބު، އާދެ، އަޅުގަނޑުމެންގެ ހުރި ހުރިހާ ވަސީލަތްތަކާ، މި ކަންތައް ބޭނުންކޮށްގެން ކުރިއަރައިގެންދާނެ ބަޔަކަށް ވާންޖެހޭ.

ހަމައެއާއެކު، އަޅުގަނޑު މިއަދު ދަންނަވާލަން އޮތީ، އަޅުގަނޑުމެން ޖެހޭ ކަންކަމަށް ތައްޔާރުވާން. އަޅުގަނޑުމެން އަދިވެސް ކުރިއަރުވަންޖެހޭ، ތައްޔާރުވާންޖެހޭ ގިނަގުނަ ކަންތައްތަކެއް އެބަހުއްޓޭ. އެހެންވީމާ، މި ކަންތައްތައް ހާސިލުކުރުމަށްޓަކައި އެއްވެސްޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެން އެކުގައި މަސައްކަތްކޮށްފި ކަމަށްވަންޏާ، ދާދި އަވަހަށް އަޅުގަނޑުމެންނަށް މި ކާމިޔާބާ ހަމައަށް ވާސިލުވެގެންދާނެ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ޖަމާލުއްދީން ސްކޫލްގެ މިއަދާ ހަމައަށް، އާދެ މި 35 އަހަރު މި ހޯދި ހުރިހާ ކާމިޔާބުތަކާއި، މި ދަރީންތައް އުފެއްދުމަށްޓަކައި މަސައްކަތް ކުރެއްވި އެންމެހައި ފަރާތްތަކަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ތަޢުލީމު ފުޅާކޮށް، ހަރުދަނާ ދަރީންތަކެއް މުޅި ޤައުމުގައި އުފެއްދުމަށްޓަކައި ދިވެހިރާއްޖޭގެ 212 ސްކޫލް، ޖަމާލުއްދީން ސްކޫލުގެ 2122 ދަރިވަރުން ހިމެނޭގޮތަށް، އެ ކުރެވޭ މަސައްކަތަށް، މުޅި އެޑިޔުކޭޝަން މިނިސްޓްރީގެ، އާދެ، މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޢަލީއަށާއި، އަދި މުޅި މިނިސްޓްރީގެ އެންމެހައި ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން، ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލް ޙަސަން މުޙައްމަދު، އަދި އެންމެހައި ހީވާގި ޓީޗަރުންނާއި ބެލެނިވެރިން އެ ކުރާ މަސައްކަތް އަޅުގަނޑު ފާހަގަކޮށް، ތިޔަ ކުރައްވާ އެންމެހައި މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ތިޔަ އެންމެހައި ދަރިވަރުންނަށް ފާގަތި، އުފާވެރި، ފަހި މާދަމާއެއް މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.