މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ "ނޮވެލް ކޮރޯނާ ވައިރަސް" އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުންދަނީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުންކަމުގައި މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޢަލީ ވަހީދުމިހެން ވިދާޅުވެފައިވަނީ "ނޮވެލް ކޮރޯނާ ވައިރަސް"އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރުމަށް ސަރުކާރުންމިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރގެ އިތުރުން އެޗް.ޕީ.އޭގެ ސީނިއަރ މެޑިކަލް އޮފިސަރ ޑރ. ނަޒްލާ ރަފީޤު އަދި ކޮންސަލްޓަންޓެއްގެ ގޮތުގައި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ގްލެން ސީ. ޝޯން ބައިވެރިވެ ވަޑައިގެންނެވިއެވެ. ގްލެން ސީ. ޝޯން އަކީ ކުއްލިހާލަތްތަކުގައި އަމަލުކުރާނެ ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމަގައި އެހީތެރިވާ ކުންފުންޏެއް ކަމަށްވާ، ބޯޑްރޫމްގެ ބާނީއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދުވަނީ އެއާލައިންތަކުގެ ޕޮލިސީތަކަށް ގެނައި ބަދަލުތަކާގުޅިގެން މިވަގުތު ރާއްޖޭގައި ނުފުރިތިބި 11 ފަތުރުވެރިން މިރޭގެ ވަގުތެއްގައި ފުރުވާލެވޭނެކަމުގައި ވިދާޅުވެފައެވެ. އަދި މި ފަތުރުވެރިންގެ ހުރިހާކަމެއް ބަލަހައްޓަމުން ގެންދަނީ ސަރުކާރުން ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން އިންޑިއާގައި ކަރަންޓީނުކޮށްފައިވާ ދިވެހިންގެ ހާލަތުވެސް ސަރުކާރުން ބަލަމުން ގެންދާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ ވަނީ މިހާލަތުގައި ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަ ލޮޅުންތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކާ އަދި ކުރިއަށް ކުރުމަށް ރާވާފައިވާ ބައެއްކަންކަން ނޫސްވެރިންނާ ޙިއްޞާކުރައްވާފައެވެ.