މިއީ، ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ "ހިޔާ" މަޝްރޫޢާއި، "ގެދޮރުވެރިކުރުން" މަޝްރޫޢު އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ހިންގާފައިވާ ގޮތް ބަލައި، އެ މަޝްރޫޢުތަކާ ގުޅޭ އެންމެހައި މައްސަލަތައް ދިރާސާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" އިން "ހިޔާ" މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު އާންމުކުރުމުގެ ގޮތުން ކޮމިޓީން ނެރޭ ނޫސް ބަޔާނެކެވެ.

މިހާތަނަށް މި ކޮމިޓީން އެންމެ ދިގު މުއްދަތެއް ހޭދަކުރަންޖެހިފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގައި ހުރި އިސްވެ ދެންނެވުނު މަޝްރޫޢުތަކުގެ ތެރެއިން "ހިޔާ" މަޝްރޫޢާ ގުޅުންހުރި ލިޔެކިތުންތައް ހޯދައި، ހަމަކޮށް، އެ ލިޔެކިޔުންތަކާ ތަރުތީބުކުރުމުގެ މަސައްކަތަށެވެ. މިހާރު މި ދެންނެވި މަސައްކަތް ނިމި، "ހިޔާ" މަޝްރޫޢުއަށް ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތްވަނީ ފެށިފައެވެ.

"ހިޔާ" މަޝްރޫއަށް ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރުމުގައި، ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތަކަށް ޕޮއިންޓް ދިނުމުގައި ކޮމިޓީން ޢަމަލުކުރަން ނިންމާފައިވަނީ، މި މަޝްރޫޢުގެ އެކި ކެޓަގަރީތަކަށް ޕޮއިންޓް ދިނުމަށް ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އިޢުލާނުކޮށްފައިވާ އުޞޫލުތަކާއި މިންގަނޑުތަކަށްކަން ފާހަގަކުރަމެވެ. "ހިޔާ" މަޝްރޫޢު ގެ ފޯމުތަކަށް ޕޮއިންޓް ދިނުމުގައި ޢަމަލުކޮށްފައިވަނީ ޕޮއިންޓް ދިނުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ޢާންމުކޮށްފައިވާ އުޞޫލުތަކާ މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތުގެ ތެރޭގައި، ބައެއް ފޯމުތަކަށް ޕޮއިންޓް ދީފައިވަނީ ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ނޫންކަން ވަނީ ކޮމިޓީއަށް ފާހަގަކުރެވިފައެވެ.

މީގެ އިތުރުން، "ހިޔާ" މަޝްރޫޢުގެ ގިނަ ކެޓަގަރީތަކުގައި "ދިރިއުޅުމުގެ ޙާލަތު"، މިބަޔަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާއިރު، މިބަޔަށް ޕޮއިންޓް ދިނުމުގައި ބަލާފައިވަނީ ކޮން ކަންތައްތަކަށްކަމެއް ނުވަތަ ގެންގުޅެފައިވަނީ ކޮން މިންގަނޑެއްކަމެއް، މި ކޮމިޓީން ބެލި ބެލުމުން އެނގެން ނެތެވެ. އެހެންކަމުން މި ބަޔަށް ޕޮއިންޓް ދިނުމުގައި ބަލާނެ ކަންތައްތައް ހިމެނޭ މިންގަނޑެއް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަޝްވަރާގެ މަތިންވަނީ އެކުލަވާލާފައެވެ. އަދި، ދިރިއުޅުމުގެ ޙާލަތު އެންމެ ފުރިހަމައަށް ވަޒަންކުރެވޭނީ ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތްކޮށް، އެ ޙާލަތު ބެލުމަށްފަހުގައިކަމަށް ކޮމިޓީން ނިންމާފައިވާތީ، "ދިރިއުޅުމުގެ ޙާލަތު"، މިބަޔަށް ޕޮއިންޓްދިނުމަށްޓަކައި ގޭގެއަށް ޒިޔާރަތްކޮށް ޙާލަތު ވަޒަންކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފެށިފައެވެ.

"ހިޔާ" މަޝްރޫޢަށް ހުށަހަޅާފައިވާ ހުރިހާ ފޯމެއްވެސް ކޮމިޓީއިން ދިރާސާކުރުމަށް ނިންމަވާފައިވާއިރު، ކޮމިޓީއިން ފޯމުތައް ބަލާ ވަކި ޕްރޮސެސްއެއް އޮވެއެވެ. މިގޮތުން އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅުއްވާފައިވާ ޝަރުތުތައް ފުރިހަމަވޭތޯއާއި، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަތޯ ބަލައި، އެ މިނިސްޓްރީއިން ކަނޑައަޅުއްވާފައިވާ ޕޮއިންޓް ދިނުމުގެ މިންގަނޑާ އެއްގޮތަށް ކޮންމެ ފޯމަކަށްވެސް މި ޕްރޮސެސްގައި (ދިރިއުޅުމުގެ ހާލަތުގެ ބައި ފިޔަވައި) ޕޮއިންޓް ދެވިގެންދެއެވެ. އަދި ދެ ފަހަރެއްގެ މަތިން މި ޕްރޮސެސް ކުރިއަށް ގެންގޮސް ކޮންމެ ފޯމެއް 2 ފަހަރަށް ސްކްރީން ކުރެވެއެވެ. "ހިޔާ" މަޝްރޫޢަށް ހުށަހަޅާފައިވާ ފޯމްތައް މި ކޮމިޓީއިން އެސެސްކުރަމުންދަނީ، އަދި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކޮންމެ ކެޓަގަރީއަކަށްވެސް އެންމެ ފަހުން ގެޒެޓްކޮށްފައިވާ ޝަރުތުތަކާއި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލުތައް އަސްލަކަށް ބަލައިގެންނެވެ. މިގޮތުން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން ކޮންމެ ކެޓަގަރީއެއް އެސެސްކުރުމަށް ބޭނުންކުރާ ފޯމު 2019 ޑިސެންބަރު 1 ވަނަ ދުވަހު ޢާންމުކޮށްފައިވާނެއެވެ.

ސްކްރީނިންގ ޕްރޮސެސްގެ ތެރޭގައި، ޕޮއިންޓް ދެވޭއިރު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަށް ބަލާ ޕޮއިންޓްދޭންޖެހޭ ގޮތަށް ހަމަޖެހިފައިވާއިރު، "ހިޔާ" މަޝްރޫޢަށް ހުށަހަޅާފައިވާ ބައެއް ފޯމުތަކާއެކު ހުށަހަޅަންޖެހޭ ގިނަ ލިޔެކިޔުން މަދުކަމަށް ކޮމިޓީއަށް ފާހަގަކުރެވިފައިވއެވެ. އެގޮތުން އުފަންދުވަހުގެ ސެޓްފިކެޓާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން އަންގައިދޭ ލިޔުންފަދަ މުހިއްމު ލިޔުންތައް މަދުކަމަށް ފާހަގަވެފައިވެއެވެ. ނަމަވެސް ފޯމުތަކާ މި ކޮމިޓީއިން ހަވާލުވިއިރު، ފޯމުތައް ބަހައްޓާފައިވާ ގޮތުންނާއި، ކޮމިޓީ އޮފީހަށް ފޯމުތައް ގެނައުމުގެ ތެރޭގައި އެކި ލިޔުންތައް ގެއްލިފައިވެދާނެކަމަށް ބަލައި، ކޮމިޓީއިން މިފަދަ ފޯމުތައް ބާޠިލްކުރުމުގެ ބަދަލުގައި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ މެދުވެރިކޮށް މި މައުލޫމާތު ވެރިފައިކުރުމުގެ ޕްރޮސެސްއެއް ކުރިއަށްގެންދެވެއެވެ.

ސްކްރީނިންގ ޕްރޮސެސް ކުރިއަށް ގެންދެވެނީ ކޮންމެ ފޯމެއް ވަކިން ބެލުމަށްފަހު، އެ ފޯމަކަށް ލިބޭ ޕޮއިންޓް ކަނޑައެޅިފައިވާ ފޯމެއްގައި ލިޔެ އެ ފޯމް ބެލި ފަރާތުން ސޮއިކޮށް، ކޮންމެ ފޯމަކަށް ލިބޭ މާކްސް އަދި ފޯމުގައިވާ ހުރިހާ މަޢުލޫމާތެއް ސިސްޓަމަށް އެންޓަރކުރަންޖެހޭގޮތަށެވެ. އެހެންކަމުން، ފޯމްތަކަށް ޕޮއިންޓް ދިނުމަށްފަހު (ދިރިއުޅުމުގެ ހާލަތު ބައި ފިޔަވައި) ފޯމަށް ލިބިފައިވާ ޕޮއިންޓާއި، ފޯމުގައި ހިމެނޭ މަޢުލޫމާތުތައް ސިސްޓަމަށް އެންޓަރކުރެވިގެން ދެއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ މި ކޮމިޓީގެ އިދާރީ މުވައްޒަފުންނެވެ.

"ދިރިއުޅުމުގެ ޙާލަތު" ބެލުމުގެ މަސައްކަތް ފެށެނީ، އެ ކެޓަގަރީއެއްގެ ހުރިހާ ފޯމެއްގެ މަތީގައި ދެންނެވިފައިވާ ޕްރޮސެސް ނިމުމުންނެވެ. މިހާތަނަށް މި ކޮމިޓީއިން "ދިރިއުޅުމުގެ ޙާލަތު" ވަޒަންކުރުމުގެ މަސައްކަތް ފަށާފައިވާ ކެޓަގަރީތަކަކީ، H4، H5، H6، H10، H12، H13، H14، H15 އެވެ. އިތުރު ކެޓަގަރީތައްވެސް މަތީގައި ދެންނެވިފައިވާ މަސައްކަތްތައް ނިމުމުން، "ދިރިއުޅުމުގެ ޙާލަތު" ބެލުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ މަސައްކަތް ފެށޭނެ ވާހަކަ ދަންނަވަމެވެ.

"ދިރިއުޅުމުގެ ޙާލަތު" ވަޒަންކުރުމުގެ މަސައްކަތުގެ ތެރެއިން، އެންމެ ފުރަތަމަ ކުރެވޭ ކަމަކީ، އެ ކެޓަގަރީއަކުން ސްކްރީނިންގ ޕްރޮސެސްއިން، ޝަރުތު ހަމަވާކަމަށް ކަނޑައެޅޭ ފަރާތްތަކަށް ގުޅައި، އެ ފަރާތްތަކުން މިހާރު ދިރިއުޅޭ އެޑްރެސް ވެރިފައިކުރުމުގެ މަސައްކަތެވެ. މިގޮތަށް އެ ކެޓަގަރީއަކުން ޝަރުތު ހަމަވާ ފަރާތްތަކުގެ އެޑްރެސް ވެރިފައިކުރުމަށްފަހު، ގޭގެއަށް ޒިޔާރަތްކުރުމަށް ވަކި މުއްދަތެއް ކަނޑައެޅެއެވެ. އަދި ގޭގެއަށް ޒިޔާރަތްކުރުމަށް ޚާއްސަކުރެވިފައިވާ ޓީމަށް ބްރީފްކުރުމުގެ ސެޝަންތައް ކުރިއަށްގެންދެވެއެވެ.

މި ދެންނެވި ޓީމުތަކުން، ކަނޑައެޅިފައިވާ ދުވަސްދުވަހު ޒިޔާރަތްކުރުމަށް ކަނޑައެޅިފައިވާ ފަރާތްތަކަށް ގުޅައި، އެ ގެއަކަށް "ދިރިއުޅުމުގެ ޙާލަތު" ބެލުމަށް ދިޔުމަށް ނިންމާފައިވާކަން ދަންނަވައި، އެއްބަސްވެވޭ ވަގުތެއްގައި އެގެއަށް ގޮސް "ދިރިއުޅުމުގެ ޙާލަތު" ބެލުމުގެ މަސައްކަތް ކުރިއަށްގެންދެއެވެ.

"ހިޔާ" މަޝްރޫޢަށް ފޯމު ހުށަހަޅާފައިވާ ބައެއް ފަރާތްތަކުން ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅެމުންދާތީ، މި ފަރާތްތަކުގެ "ދިރިއުޅުމުގެ ޙާލަތު" ވަޒަންކުރުމުގެ މަސައްކަތް، އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް ކުރެވެއެވެ.

"ހިޔާ" މަޝްރޫޢުގެ އެކިއެކި ކެޓަގަރީތަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ޙާލަތު" ބެލުމަށްފަހު، ލިބޭ މަޢުލޫމާތު ސިސްޓަމަށް އެންޓަރކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. އަދި ފޯމަށް ދެވޭ ޕޮއިންޓާއި، ދިރިއުޅުމުގެ ހާލަތުގެ ބަޔަށް ދެވޭ ޕޮއިންޓް އެއްކޮށް މި ދެބަޔަށް ލިބޭ ޕޮއިންޓްގެ މައްޗަށް ބިނާކޮށް، ފްލެޓް ޙައްޤުވާ ފަރާތްތަކުގެ ލިސްޓް އެކުލަވާލެވި، ޢާންމުކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. މި އިޢުލާނާއެކު އެކި ކެޓަގަރީތަކުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު އަންގައިދޭ ތާވަލެއް ހިމެނިފައިވާނެއެވެ.

2020 ފެބްރުވަރީ 4 ވަނަ ދުވަހު ކޮމިޓީއިން ނެރުނު އިޢުލާނަކީ، "ދިރިއުޅުމުގެ ޙާލަތު" ވަޒަންކުރުމުގެ މަސައްކަތް ފަށާފައިވާ ކެޓެގަރީތަކުގެ ތެރެއިން، H4، H5، H12، H13، H15 މި ކެޓަގަރީތަކުން ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، ނުގުޅުނު ފަރާތްތަކުގެ ލިސްޓުތަކެވެ. މި އިޢުލާނާ ގުޅިގެން، މީޑިޔާގައި މައުލޫމާތު ގެނެސްދެވިފައިވާ ގޮތުން، ވަރަށް ގިނަ ފަރާތްތަކެއްގެ ޝަކުވާ މި ކޮމިޓީއަށް ލިބެމުންދެއެވެ. މިގޮތަށް ލިބެމުންދާ އެންމެ ބޮޑު ޝަކުވާއަކީ އެފަރާތުން ހުށަހަޅާފައިވާ ފޯމާ ގުޅިގެން، "ދިރިއުޅުމުގެ ޙާލަތު" ބެލުމަށް ކޮމިޓީއިން ގުޅާފައިނުވާކަމުގެ ޝަކުވާއެވެ. "ހިޔާ" މަޝްރޫޢަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތެއްގެވެސް "ދިރިއުޅުމުގެ ޙާލަތު" ވަޒަންކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. ނަމަވެސް މަތީގައި ދެންނެވިފައިވާ ފަދައިން، މިހާތަނަށް ކޮމިޓީއިން "ދިރިއުޅުމުގެ ޙާލަތު" ބެލުމުގެ މަސައްކަތް ފަށާފައިވަނީ ބައެއް ކެޓަގަރީތަކުން ކަމަށްވާތީ، ދެންހުރި ކެޓަގަރީތަކުން "ދިރިއުޅުމުގެ ޙާލަތު" ބަލަން ފެށުމުން ޝަރުތު ހަމަވާ ހުރިހާ ފަރާތަކަށްވެސް ގުޅާނެކަމުގައި ދަންނަވަމެވެ.

މިއާއެކު، މި ކޮމިޓީއިން 4 މާރިޗު 2019 އިން 25 މާރިޗު 2019 އަށް "ހިޔާ" މަޝްރޫޢު، ގެދޮރުވެރިކުރުން އަދި ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޝަކުވާ ހުށަހަޅުއްވާފައިވާ ހުރިހާ ފަރާތްތަކެއްގެ ޝަކުވާ މި ކޮމިޓީއިން ބަލަމުންގެންދާކަން މި ފުރުސަތުގައި ދަންނަވަމެވެ. އަދި "ހިޔާ" މަޝްރޫޢުގެ ފުރަތަމަ 12 ކެޓަގަރީގެ މަސައްކަތް ނިންމުމަށްފަހު، ސިވިލް ސަރވިސް ކެޓަގަރީގެ ފޯމުތައް ކޮމިޓީއިން ދިރާސާކުރާނެކަމުގައި ދަންނަވަމެވެ.

"ހިޔާ" މަޝްރޫޢަށް ހުށަހަޅާފައިވާ ފޯމުތައް ކޮމިޓީއިން ދިރާސާކުރުމަށްފަހު، ފްލެޓް ޙައްޤުވާ ފަރާތްތައް ކަނޑައަޅައި، ލިސްޓުތައް ޢާންމުކުރެވޭއިރު، ކޮންމެ ފަރާތަކަށްވެސް އެފަރާތަށް ލިބިފައިވާ ޕޮއިންޓާއި، ޕޮއިންޓް ލިބިފައިވާ ގޮތް ސާފުކޮށް ހާމަކުރެވިގެންދާނެއެވެ. އަދި ޝަރުތު ހަމަނުވާ ފަރާތްތައްވެސް ޝަރުތު ހަމަނުވާކަމަށް ކަނޑައެޅިފައިވާ ސަބަބު ސާފުކޮށް ބަޔާންކުރެވޭނެއެވެ. އަދި މިގޮތަށް ޢާންމުކުރާ ލިސްޓުތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅަން ބޭނުންނަމަ އެ ފުރުސަތު ހުޅުވާލެވޭނެކަންވެސް މި ފުރުސަތުގައި ދަންނަވަމެވެ.

 

"ހިޔާ" މަޝްރޫޢުގެ ފޯމުތައް އެސެސްކުރެވެމުންދާގޮތުގެ ތަފްސީލް

ކެޓަގަރީ

ސްކްރީނިންގ ނިމިފައި

ފިޒިކަލް ވެރިފިކޭޝަން ނިމިފައި

ފިޒިކަލް ވެރިފިކޭޝަން ނުނިމޭ

H4

ޑޮކްޓަރުން

67

48

9

H4

ނަރުހުން

233

220

8

H5

ޓީޗަރުން

750

506

215

H6

އެކަނިވެރި މައިންނާއި ބަފައިން

1835

200

1338

H7

18-40 އަހަރާ ދެމެދު

4226

-

-

H8

މާލޭ ރަށްވެހިން

4600

-

-

H9

ދަފްތަރު

2829

-

-

H10

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް

1245

579

594

H11

18-40 އަހަރާ ދެމެދު (1 ކޮޓަރި)

556

-

-

H12

މާލޭ ރަށްވެހިން (1 ކޮޓަރި)

147

124

3

H13

ދަފްތަރު (1 ކޮޓަރި)

53

38

2

H14

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް (1 ކޮޓަރި)

62

46

1

H15

އަލަތު ކައިވެނި (1 ކޮޓަރި)

1478

1165

60