ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގެ މިންގަނޑެއް ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ބޭނުންކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. އެމަނިކުފާނު މިކަން މިގޮތަށް ނިންމެވީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގައި މިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިކަމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ ކަރުދާހަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ ރާއްޖޭގައި ފަގީރުކަން މިނެކިރަން މިހާރު ބޭނުންކުރާ، އާމްދަނީގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ މިންގަނޑުގެ އިތުރުން ދިރިއުޅުމުގެ ޙާލަތު ވަޒަންކުރާނެ މިންގަނޑެއް ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގައި ހުރި ފަރަޤުތައް ނައްތާލުމަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތައް ވަޒަންކުރުމުގައި ބޭނުންކުރެވޭ މުހިންމު ޕޮލިސީ ޓޫލްއަކަށް މި އާ މިންގަނޑު ހެދުމަށް ނިންމަވާފައެވެ.

ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގެ މިންގަނޑަކީ ތަފާތު އެކި ނަޒަރުން (ޞިއްޙީ، ތަޢުލީމީ، ދިރިއުޅުމުގެ ފެންވަރު ފަދަ) ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރެއްގައި ބޭނުންކުރެވެމުންދާ މިންގަނޑެކެވެ. މިއީ މިހާރުވެސް 100 އަށް ވުރެ ގިނަ ޤައުމުން ބޭނުންކުރަމުންދާ މިންގަޑެކެވެ. އަސާސީ ޚިދުމަތްތަކުން މަޙްރޫމްވުމަކީ ފަގީރުކަމަށް މީހުން ހުށަހެޅޭ ކަމެއްގެގޮތުގައި ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގެ މިންގަނޑުގައި ބެލެވިފައިވެއެވެ.

ރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގައި އަސާސީ ޚިދުމަތްތައް ލިބުމުގައި ރައްޔިތުންގެ މެދުގައި ހުރި ފަރަޤު ދެނެގަނެ، މި ތަފާތުތައް ކުޑަކުރުމާއެކު ހަމަހަމަކަން ޤާއިމްކުރުމަށްޓަކައި އިސްކަންދޭންޖެހޭ ދާއިރާތަކާއި ސަރަޙައްދުތައް ފާހަގަކޮށް ހަމަހަމަކަން ފަހިކޮށްދިނުމުގައި ރިއާޔަތްކުރާ އިންޑިކޭޓަރެއްގެ ގޮތުގައި ވެސް ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގެ މިންގަނޑު ބޭނުންކުރުމަށް ވަނީ ނިންމަވާފައެވެ.

މި އިންޑެކްސް އެކުލަވައިލައްވާފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރެއްވި ފަންނީ މަސައްކަތްތަކަށްފަހުގައެވެ. ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގެ މިންގަނޑު އެކުލަވާލެއްވުމަށް ކަނޑައަޅާފައިވާ މެތޮޑޮލޮޖީއަށް ބަލާއިރު، މި އިންޑެކްސް އެކުލަވާލުމުގައި ބޭނުންކުރާ ހުރިހާ ޑޭޓާއަކީ އެއް ސަރވޭއަކުން އެއްކުރެވިފައިވާ ޑޭޓާއަށް ވާންޖެހެއެވެ. އެހެންކަމުން، ޓެކްނިކަލް ފެންވަރުގައި ކުރި ދިރާސާތަކުން މިކަމަށް އެންމެ އެކަށީގެންވަނީ ޑިމޮގްރަފިކް ހެލްތް ސަރވޭ (ޑީ.އެޗް.އެސް) ގައި ހިމަނާފައިވާ ޑޭޓާއެވެ.

ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގެ މިންގަނޑު ގިނަ ޤައުމުތަކުން ބޭނުންކުރަމުން ގެންދަނީ އެޤައުމެއްގެ ޙާލަތު ރަނގަޅަށް ވަޒަންކުރުމުގެ ގޮތުންނެވެ. ޤައުމީ ފެންވަރެއްގައި އެކުލަވައިލައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައިވެސް ޤައުމުތަކުން މި މިންގަނޑު ބޭނުންކުރަމުންދެއެވެ. ދިވެހިރާއްޖޭގައި ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގެ މިންގަނޑު އެކުލަވައިލައިފައިވަނީ، އޮކްސްފޯޑް ހިއުމަން ޑިވެލޮޕްމަންޓް އިނީޝިއޭޓިވްއާއި ގުޅިގެން ޔުނިސެފް ރީޖަނަލް އޮފީސް ސައުތު އޭޝިއާ އާއި ޔުނިސެފް މޯލްޑިވްސްގެ އެހީއާއި އެކު ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެން.ބީ.އެސް) އިން ކޮށްފައިވާ މަސައްކަތުންނެވެ.