"ނޮވެލް ކޮރޯނާ ވައިރަސް"ގެ ނުރައްކަލުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވައިފިއެވެ.

މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްކެވި ވާހަކަފުޅުގައި، މިބަލީގެ ޚަބަރު ސަރުކާރަށް ލިބިވަޑައިގެންނެވި ހިސާބުން ފެށިގެން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަން ފެއްޓެވިކަމަށާ، މިގޮތުން އެންމެ ފުރަތަމަ އެކުލަވާލެއްވީ ކަމާގުޅޭ ޚާއްޞަ ޓާސްކްފޯހެއް ކަމުގައި ވިދާޅުވިއެވެ. އަދި އެ ޓާސްކްފޯހުގެ މަސައްކަތްތައް ކަމާބެހޭ ދާއިރާތައް ގުޅިގެން ކުރިޔަށް އެބަދާކަމަށާއި ދުރާލާ އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅުއްވަމުން އެބަގެންދަވާކަމުގައި ވިދާޅުވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓާސްކްފޯހުގެ މަސައްކަތް ކުރިޔަށްދާގޮތުގެ އެންމެފަހުގެ މަޢުލޫމާތު، ކަމާބެހޭ ވަޒީރުން، މަޖިލީހާ ހިއްސާކުރެއްވިއެވެ. އަދި އިތުރަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި "ނޮވެލް ކޮރޯނާ ވައިރަސް"ގެ ނުރައްކަލުން ރައްކާތެރިވުމަށް ސަރުކާރުގެ އެންމެހާ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލައްވައި، ވަޒީރުން ގުޅިވަޑައިގެން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ޗައިނާގެ އެކި ސަރަޙައްދުތަކުގައި ހަލުވިކަމާއިއެކު "ނޮވެލް ކޮރޯނާ ވައިރަސް" ފެތުރެން ފެށުމާ ގުޅިގެން، މި ބަލިން ރައްކާތެރިވުމުގެ ގޮތުން ކަމާއިބެހޭ އިދާރާތަކުން އަޅުއްވާފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި "ތަރމަލް ކެމެރާ" ބޭނުންކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން މެދުވެރިކޮށް ރާއްޖެއަށް އެތެރެވާ ހުރިހާ ފަސިންޖަރުން ސްކްރީންކުރުމާއި، މި ބައްޔަށް ޝައްކު ކުރެވޭ އަދި ބަލީގެ ޢަލާމާތްތައް ފެންނަ ފަރާތްތަކަށް ރައްކާތެރިކަމާއެކު ފަރުވާދެވޭނެ އިންތިޒާމްތައް ހަމަޖެއްސެވުން ހިމެނެއެވެ.

މީގެ އިތުރުން، ޗައިނާއާއި މި ބަލީގެ އަސަރު ފެނިފައިވާ އެހެން ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންގެ މަޢުލޫމާތު ސާފުކުރައްވާ، އެ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުން ހިމެނެއެވެ.