بســم اللّـه الرّحمـن الرّحيــم

ކަޅު އަނދިރި ރޭރެއަށް މާ، ކަޅު ހިލަތަކުގެ މަތީގައި، ކަޅު ހިނި ހިރޭހިރުންވެސް ދެނެވޮޑިގަތުންމަތީވީ ޚާލިޤުވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. މި އުއްމަތުގެ ކައު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން، ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިން، ދިވެހި ޅެން ބަގީޗާގައި ހިމެނިވަޑައިގަންނަވާ އެންމެހައި ޅެންވެރީން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ވަޑައިގެން ތިއްބެވި އެންމެހައި ކައުންސެލަރުން، ސްކޫލްގެ ލޮބުވެތި ދަރިވަރުންނާއި ޓީޗަރުން، އަދި މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ރީތި ނަލަނަލަ ހަނދެއް ކުރި އަލީގައި، ރީތި މޫދެއްގެ ލޮނުގަނޑުމަތީގައި ދަތުރުކުރަމުން އައިއިރު، އަޅުގަނޑުގެ ހިތަށް ވެރިވަމުންދިޔައީ، މި އަހަރުގެ ޅެންވެރިންގެ ދުވަސް، އެ ޅެންވެރިއަކަށް ޚާއްޞަ ކުރެވިފައިވާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، އާދެ، ތަފާތު އެކި ރޮނގުރޮނގުން ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، އާދެ، މި ފަސްގަނޑުގެ، އާދެ، ދިއްގަރުގެ ފަޚުރުވެރި ދަރިއެއް ކަމުގައިވާ ޢަބްދުއްރަޝީދު ޙުސައިންގެ ގަލަންކޮޅުން ކުލަޖައްސަވާފައިވާ ދިވެހި ޅެންވެރިކަމުގެ ގުލްޝަނަށް ދޫކޮށްލެވިފައިވާ އަދަބިއްޔާތުގެ މުއްސަނދި ޚިޔާލުފުޅުތަކާއި ޝުޢޫރުތައް ދައްކުވައިދޭ އަގުހުރި ޅެންތައް.

އާދެ، އެއްވެސްޝައްކެއްނެތް، އެމަނިކުފާނުގެ އެ މަސައްކަތުގެ ތެރެއިން އެތައް ފިލާވަޅުތަކެއް، ދިވެހި އެތައް ދަރީންތަކަކަށް އެކި ގޮތްގޮތުންވަނީ ދެއްވާފައި. އޭގެ ބޭނުން އަޅުގަނޑުމެން ހިފައިފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް އުޖާލާ މުސްތަޤްބަލެއް ހޯދުމަކީ އެއްވެސް ޝައްކެއްއޮތް ކަމެއް ނޫން.

އާދެ، އަޅުގަނޑަށްވެސް ދެންމެ މި އެނގިގެންދިޔައީ، އެއް ޅެން. އަޅުގަނޑާވެސް ވަރަށް ގުޅުން އެބަހުރި. އާދެ، އަޅުގަނޑުމެންގެ މުޅި ޢާއިލާއާއި، އަޅުގަނޑުމެން އެންމެ ޝައުޤުވެރިވާ، އަޅުގަނޑުމެންގެ އެންމެ ކަމުދާ އެއް ޅެމެއްގެ ގޮތުގައި، ލަވައެއްގެ ގޮތުގައި މި އޮންނަނީ "އިލާހީ މި ބިން". އާދެ، އަޅުގަނޑުގެ ދަރިފުޅު، އެ ލަވަ ދިވެހިރާއްޖެއިން ބޭރުގެ މުބާރާތެއްގައި ކިޔައި، ވަނައެއްވެސް ލިބިގެންދިޔަ.

އާދެ، ތިޔަބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުގެ ދަރިފުޅަކީ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިއެއް. އެހެންނަމަވެސް، ވަރަށް ރީތިކޮށް އެ ލަވަ ކިޔައި، އެ ލަވައަށް ވަނައެއް ލިބިގެންދިޔައީމާ، މިއަދު އަޅުގަނޑާވެސް، އާދެ، މިރަށާއި ޢަބްދުއްރަޝީދު ޙުސައިނާ ގުޅުމެއްވާކަން މިހާރު އެނގިއްޖެ.

އާދެ، ޅެންވެރިންގެ ޚިދުމަތުގެ އަގު ވަޒަން ކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން މިފަދަ ޖަލްސާއެއް ބާއްވާކަމީ އެއީ އަޅުގަނޑުމެން ފާހަގަކުރަންޖެހޭ ކަމެއް. އާދެ، ވަކިން ޚާއްޞަކޮށް، މިފަދަ ތައްޔާރީތަކެއް ކުރެވިގެންދާއިރު، މިކަމަށްޓަކައި އެންމެބޮޑަށް މަސައްކަތް ކުރެއްވި ފަރާތްތައް އަޅުގަނޑުމެން ފާހަގަކުރަން އެބަޖެހޭ. އާދެ، ދިވެހިބަހުގެ އެކެޑަމީގެ މުވައްޒަފުން މިކަމުގައި ކޮށްފައިވާ މަސައްކަތްތައް އަޅުގަނޑު ފާހަގަކުރަން. އަދި އެއަށްވުރެވެސް ބޮޑަށް އާދެ، މި ފަސްގަނޑުގައި ދިއްގަރުގެ ރައްޔިތުންނާއި، ދިއްގަރުގެ ހުރިހާ ރައްޔިތުން ހިމެނޭގޮތަށް ކޮށްފައިމިވާ މަސައްކަތް އަޅުގަނޑުމެން ފާހަގަކޮށް، އެފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ޅެންވެރިންގެ ދުވަހެއް، ދިވެހި ޤައުމުގައި ފާހަގަކުރެއްވުމަށްޓަކައި އެކަން ނިންމަވައި، މިކަންތައް ފެށްޓެވީތީވެ، އާދެ، އޭރުގެ ސަރުކާރުން، އޭރުގެ ރައީސް، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އާދެ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ދިވެހި ޅެންވެރިންގެ ދުވަސް، އެ ދުވަހެއް މި ފާހަގަކުރެވެނީ، ދިވެހިރާއްޖެ ނުދެކޭފަދަ ވަރުގަދަ ޝަޚްޞިއްޔަތެއްގެ ޒިކުރާ އައުކުރުމުގެ ގޮތުން. އާދެ، އަލްއުސްތާޛު އަލްމަރްޙޫމް އިބްރާހީމް ޝިހާބަކީ އަޅުގަނޑު ދަންނަވާނީ ދިވެހި އުދަރެހުގައި ދެވަނައެއް ނުވާފަދަ އުސްތާޛެކޭ. އާދެ، "ދާދި އަވަހަށް ނެތި ފަނާވިޔަކަސް އަގެއްނެތް ޖިސްމުތައް، ތާއަބަދު ދެމިހުންނަ ހެޔޮ ޛިކްރާއަކަށް ނިމުމެއްނެތޭ". اللَّـهُ سُبْحَانَهُ وَتَعَالَىٰ އެ މަރްޙޫމުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އާމީން!

އާދެ، ޅެންވެރިކަމަކީ އަދަބިއްޔާތުގެ މުއްސަނދިކަން ރަމްޒުކޮށްދޭ ފަންނެއް. މި ފަންނު ދިރުވައި އާލާކުރުމުގެ މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ޅެންވެރިކަމަކީ އިންސާނާގެ އެންމެ ފުން އިޙްސާސްތަކާ ގުޅިފައިވާ ފަންނެއް. ދަސްކޮށްގެން ޅެން ހަދާ މީހުންނަށްވުރެ، ދުނިޔޭގައި ގިނައީ އުފެދުމުގައި އެ ހުނަރު ލިބިގެން ޅެންވެރިކަން ކުރައްވާ ބޭފުޅުން. ރާއްޖޭގެ ޅެންވެރިކަމުގެ ގުލްޒާރުންވެސް އެފަދަ އެތައް ބޭފުޅުންނެއް އަޅުގަނޑުމެންނަށް ވަނީ ފެނިފައި. އާދެ، މިހާރުވެސް އަޅުގަނޑުމެންގެ ކުރިމަތީގައި، މި ޖަލްސާގައި އެތައް ބޭފުޅުންނެއް އެބަ ބައިވެރިވެވަޑައިގަންނަވާ.

އާދެ، އަޅުގަނޑުމެން މިފަދަ ދުވަހެއްގައި، ދިވެހިރާއްޖޭގައި އުފެދުނު މިފަދަ ފަރާތްތަކުގެ މަތިން އާދެ، ޝާޢިރުންގެ މަތިން، އަދީބުންގެ މަތިން، އުސްތާޛުންގެ މަތިން، ހަނދާންކުރުމަކީ އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އެއީ، މިއަދުގެ ދަރީންނަށް، ވަކިން ޚާއްޞަކޮށް، މިއަދު ކިޔަވާ ކުދިންނަށް މުހިންމު ކަމެއް.

އާދެ، މިގޮތުން އަޅުގަނޑުމެން ފާހަގަކުރަން އެބަޖެހޭ، އާދެ، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީން، އާދެ، ޢިލްމުވެރިއެއް. ގިނަ ކަންތައްތަކެއް އުނގެނިވަޑައިގެން، އެތައް ބައެއްގެ އުސްތާޛެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެއް. އާދެ، އަރިހުގައި ބަޔަކު ތިބި ނަމަވެސް، އެބަޔަކަށްވެސް ވަނީ ޢިލްމުގެ އެތައް ގުނައެއް ލިބިފައި. އާދެ، އަޅުގަނޑުމެންގެ މުސްކުޅިން ބުނެއުޅޭ، "ބޮކަރު ގަހެއްގެ ދޮށުގައި އަހިގަހެއް ހެދުނަސް، އެ އަހިގަހުގައިވެސް ދުވާނީ ބޮކަރު ވަހޭ". އާދެ، މިއީ އަޅުގަނޑުމެންނަށް އެނގި ފާޅުވެގެންވާ ކަންތައްތައް.

އާދެ، މީގެ އިތުރަށް، ޅެންވެރިކަމުގެ އުޖާލާވި ރަންތަރި ނުވަތަ އައްޝައިޚް އަލްމަރްޙޫމް މުޙައްމަދު ޖަމީލް ދީދީއަކީވެސް އުފެދުމުގައިވެސް، އަޅުގަނޑު ދަންނަވާނީ މިފަދަ ހުނަރެއް ލިބިވަޑައިގެންފައިވާ ބޭފުޅެކޭ. އަޅުގަނޑުމެން އެއަށްވުރެ ކުރިއަށް ޖެހިލާއިރު، އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ، އާދެ، ހުތްޢަލިދީދީ، ބޮޑުފެންވަޅުގޭ ސީދީފަދަ ޝާޢިރުންނަކީވެސް މި ދެންނެވި ފަދައިން، އުފެދުމުގައި ހުނަރު ލިބިވަޑައިގެން ތިއްބެވި ބޭފުޅުން. އެފަދަ ކިތަންމެ ޅެންވެރިންނެއް މިއަދުވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަ ތިއްބެވި.

އާދެ، އަޅުގަނޑު ނަންތައް ކިޔަން ފަށައިފި ކަމަށްވަންޏާ، ނިންމާލުމަކީ ފަސޭހަކަމަކަށް ނުވާނެ. އެހެންނަމަވެސް، މިފަދަ މަޤާމެއްގައި، މިފަދަ ޖަލްސާއެއްގައި ކޮންމެވެސްވަރަކަށް އަޅުގަނޑު ގަބޫލުކުރަނީ، ނަންތަކެއް ފާހަގަކުރަންޖެހޭނެ ކަމަށް.

އާދެ، އާމިނަތު ޙުސައިން ކަމުގައިވިޔަސް، މަރިޔަމް ސަޢީދު ކަމުގައިވިޔަސް، އާމިނަތު ފާއިޒާ ކަމުގައިވިޔަސް، މިއީ، ދިވެހި ޅެންވެރިކަމުގެ ގުލްޝަނުގައި ވަރަށް ޚިދުމަތްތެރި، ވަރަށް ގިނަ ފިލާވަޅުތަކެއް އަޅުގަނޑުމެންގެ ތެރެއަށް ދޫކުރައްވާފައި ތިއްބެވި ބޭފުޅުން. އާދެ، ހަމައެއާއެކު، ހޯރަފުށީ އާދަމް ސަލީމް، ޔޫސުފް މުޙައްމަދުފުޅު، ސަޢީދު ޢަލިފުޅު، މި ބޭފުޅުން ޅެންވެރިކަން ބޭނުންކުރެއްވީ، އެ ބޭފުޅުންގެ ދޫމަތީ ބަސްފުޅެއްގެ ގޮތުގައި.

އާދެ، އަޅުގަނޑު ދަންނަވާނީ، މިހާރުވެސް ދިވެހި ޅެންވެރިކަމުގެ ގުލްޒާރުގައި ކުލަޖައްސަމުންދާ އެތައް ޝާޢިރުންތަކެއް، މިރޭގެ މި ޙަފްލާގައި، ކުރީގައިވެސް އަޅުގަނޑު މި ދެންނެވި ގޮތަށް އެބަ ބައިވެރިވެވަޑައިގަންނަވައޭ. އަދި، ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި މި ފަންނު ކުރިއެރުވުމަށްޓަކައިވެސް އަދިވެސް އެ މަސައްކަތް އެ ބޭފުޅުން އެބަ ކުރައްވައޭ.

އާދެ، ކުރީގެ ބޭފުޅުންގެ ވާހަކަތަކުންވެސް އެނގިގެންގޮސްފި، ޅެންވެރިކަމަކީ މުޖުތަމަޢު ހެޔޮމަގަށް އަޅުވައި، ޒުވާނުންގެ ހިތްތަކުގައި ޤައުމީ ޖަޒުބާތު އުފައްދާ އެއްޗެއް. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން ވިސްނާލިކަމުގައިވިޔަސް، މިއަދު ޅެންވެރިކަން ދިރުވައި އާލާކުރުމަކީ، އަޅުގަނޑު ދަންނަވާނީ އެއީ އިތުރު މަސައްކަތަކައިގެން، އިތުރު ހިތްވަރަކައިގެންވެސް އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެކޭ.

އާދެ، ޅެންވެރިޔާ އަޅުގަނޑުމެންނަށް ގެނެސްދެނީ އެވޭލާ ޒަމާނުގެ ޖަޒީރާވަންތަ ރިވެތި ދިރިއުޅުމުގެ ކަންތައްތައް ހުރިގޮތް. އާދެ، އެ ދުވަސްވަރަކީ ފޮޓޯ، ވީޑިއޯތައް އަޅުގަނޑުމެންނާ ހަމައަށް ގެނެވޭ ދުވަސްވަރެއް ނޫން. އެ ދުވަސްވަރުގެ އުޅުމާއި، އެ ދުވަސްވަރުގެ ހުރިހާ ކަންތައްތަކެއް، ކުރިން އަޅުގަނޑުމެންނާ ހަމައަށް ގެނެވިފައި މި ހުންނަނީ، ޅެންތަކެއްގެ ގޮތުގައި، ރައިވަރުތަކެއްގެ ގޮތުގައި ނުވަތަ ފަރިހިތަކެއްގެ ގޮތުގައި. އަޅުގަނޑުމެން ފަހުގެ ތާރީޚަށް ބަލައިފި ކަމުގައިވިޔަސް، މިފަދަ ޅެންތަކުން ޤައުމީ ޖޯޝް އަޅުގަނޑުމެންގެ ތެރޭގައި އުފެދިގެންދޭ. ވަޠަނީ ރޫޙު އަޅުގަނޑުމެންގެ ތެރޭގައި އުފެދިގެންދޭ. އާދެ، ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ "ވަޠަން އެދޭގޮތަށް ދަމާހެ ހެޔޮހިތުން މިޖާނުދޭން. ވަޠަންގެ އާ ޒުވާނުނޭ ކެރޭށެއަދު އިޖާބަދޭން". އާދެ، މިއީ ވަރަށް ފުރިހަމަ ނަސޭހަތެއް، ވަރަށް ފުރިހަމަ ނިދާއެއް. އާދެ، އަޅުގަނޑުމެން މިއިން ކޮންމެ ޅެމަކުން ނަގަންވީ ފިލާވަޅަކީ، ޅެންވެރިޔާ ޅެމެއް އަޅުގަނޑުމެންގެ ތެރެއަށް ދޫކޮށްލަނީކީ ހަމައެކަނި، އަޑުއަހާފައި ނިންމާލާކަށް ނޫންކަން. އެ ޅެމުގައި އެ ރަމްޒުކޮށްދޭ، އެ ދޭހަކޮށްދޭ ކަންތައްތަކުގެ މައްޗަށް ވިސްނައި، އަޅުގަނޑުމެން އެއާ އެއްގޮތަށް އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓައި، އަޅުގަނޑުމެން ކަންތައްތައް ކުރަން އެބަޖެހޭ.

އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، މިއަދުގެ ހާލަތަށް އަޅުގަނޑުމެން ބަލައިލާއިރުވެސް މި ޅެންތަކަކީ މިއީ، އެ ޅެންތަކުގައި އެ ބުނާގޮތަށް އަޅުގަނޑުމެން ކަންތައްތައް ސީދާކުރަންޖެހޭ ޅެންތަކެކޭ. އާދެ، "ދިވެހި ޤައުމީ ޒުވާނުން ކެރޭ، ދިވެހި މާޒީ ހިމާޔަތް ކުރޭ، ދިވެހި އުއްމަތުގެ މިއީ އިލްތިމާސް". އަޅުގަނޑުމެންގެ މުޖުތަމަޢަށް މިއަދު ބޭނުންވަނީ ޤައުމާމެދު ވިސްނައި، އަޅުގަނޑުމެންގެ އިޖުތިމާޢީ ހަމަޖެހުމަށް ލޯބިކުރާ، އަޅުގަނޑުމެންގެ ޤައުމު ކުރިއަރުވަން ރަނގަޅު ޖީލެއް ބިނާކުރަން ބޭނުންވާފަދަ ބަޔަކު. އާދެ، މި ޅެންތަކުގެ ޒަރީއާއިން އެކަނިވެސް އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ މަޤްޞަދު އަޅުގަނޑުމެންނަށް ހާސިލުކުރުމަކީ އެއީ ވަރަށް ފަސޭހަކަމެކޭ.

އާދެ، މިއަދު ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންގެ މި ޙަފްލާ، ސްކޫލެއްގައި ބޭއްވިގެންދާތީ، ސްކޫލުގެ ޓީޗަރުންނާއި އަދި ދަރިވަރުން ގިނަ އަދަދަކަށް ތިބީތީވެ އަޅުގަނޑު ދަންނަވާލަން އޮތީ، ޅެންވެރިންގެ މި އިލްތިމާސްތަކާއި މި މެސެޖުތައް އަޅުގަނޑުމެން ސްކޫލްތެރެއިން އިތުރަށްދީ، ދަރިވަރުން ބިނާކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްތަކެއް އިތުރަށް ކުރަން އެބަޖެހެއޭ.

އާދެ، އަޅުގަނޑުމެން ކޮންމެ ދުވަހަކުވެސް އެބަ ދައްކަން ކުޑަކުދިންގެ ވާހަކަ. އަޅުގަނޑުމެންގެ ކޮންމެ މީހަކީވެސް ﷲގެ އިރާދަފުޅުން ކުޑަ ދަރިއެއް ހުންނަ މީހެއް. އާދެ، "ދެއްވާށެ ކުޑަކުދީންނަށް ހިތްގައިމު ފޮނި އުފާތައް. އެންމެންގެ ލޯބި ލިބިގެން ބޮޑުވާނެ ރަން ދުވަސްތައް". އާދެ، އަޅުގަނޑު ދަންނަވާނީ، މުޅި ޤައުމު ކުރަންވީ މަސައްކަތަކީ މިއީއޭ. ދަރީންނަށް، ޅަދަރީންނަށް ހެޔޮގޮތުގައި ރަނގަޅު މުސްތަޤްބަލެއް ހޯދައިދިނުމަށްޓަކައި، މަންމައާއި، ބައްޕައާއި، މާމައާއި، ކާފައާއި، މުނިމާމަ، މުނިކާފަވެސް، ދައްތަ، ބޭބެ، ކޮއްކޮ ހިމެނޭގޮތަށް އަޅުގަނޑުމެން ކުރަންވީ މި މަސައްކަތް. މިކަން ކުރުމަކީ މިއީ، ވަކި ބައެއްގެ މަސްއޫލިއްޔަތެއްގެ ގޮތުގައި އަޅުގަނޑުމެން ދޫކޮށްލައިފި ކަމަށްވަންޏާ، ދުވަހަކުވެސް އަޅުގަނޑުމެންނަށް ވާނެކަމެއްނޫން.

އާދެ، މުދައްރިސުންނާއި، މުއައްސަސާތަކުގެ ވެރިންނާއި، ހުރިހާ އެންމެން ގުޅިގެން އަޅުގަނޑުމެން ބަލަންވީ، އަޅުގަނޑުމެންގެ ލޯފަދަ އަޅުގަނޑުމެން ލޯބިވާ އަޅުގަނޑުމެންގެ ދަރީންނަށް ހިމާޔަތާއި ރައްކާތެރިކަން، ލޯތްބާއި ކުލުނު، އޯގާތެރިކަމާއި އަޅައިލުން ހޯދައިދީގެން ރަނގަޅު ޖީލެއް، ރަނގަޅު ދަރީންތަކެއް ބިނާކުރުމުގެ މަސައްކަތް ކުރުމަށް. ޤައުމަކަށް އޮންނާނެ އެންމެ މުހިންމު ކަމަކީ އެއީ، اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެންނަށް މިންވަރު ކުރެއްވި، ހަވާލުކުރެއްވި އަމާނާތެއް އެއީ. އަޅުގަނޑުމެން އެ އަމާނާތަށް ހެޔޮކޮށްހިތައި، އަޅުގަނޑުމެންގެ ޒިންމާ ހެޔޮގޮތުގައި އަޅުގަނޑުމެން އަދާނުކޮށްފިނަމަ އަޅުގަނޑުމެންނާ ސުވާލުކުރެވޭނެ. އާދެ، އެއީ "ދެއްވިތިއީ ހަދިޔާއެކޭ މާތް ޤުދުރަތުން. ދެއްވި މާތްވި އަމާނަތޭ ތިއީ ޤުދުރަތުން".

އެހެންވީމާ، މިއަދު އަޅުގަނޑު ދަންނަވާނީ، މި ކަންތައްތަކަށް ފުންކޮށް ވިސްނައި، ޤައުމުގައި ހުރި މައްސަލަތައް ހައްލުކޮށް، ޤައުމަކީ އަމާން ތަނެއްގެ ގޮތުގައި ހެދުމަށްޓަކައި އަޅުގަނޑުމެން މި ހުރިހާ ޅެންތަކަކާއި، އަޅުގަނޑުމެންގެ މާޒީގައި، މިފަދަ އުސްތާޛުންނާއި އަދި މިއަދު، އަޅުގަނޑުމެންގެ މި ޢިއްޒަތްތެރި، އާދެ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، އާދެ، ޢަބްދުއްރަޝީދު ޙުސައިންގެ ގަލަންކޮޅުން، ރަން ގަލަމުން އަޅުގަނޑުމެންނަށް އެ ދެއްވާފައިވާ ނަސޭހަތްތައް ގަބޫލުކޮށް، އަޅުގަނޑުމެން މި ކަންތައްތައް ކުރަން އަވަސްވެގަންނަން އެބަޖެހެޔޭ.

އާދެ، ހަމަ މިއާއެކު، އަޅުގަނޑުމެންނަށް އެތައް ޅެންވެރިންނެއް، އެތައް އުސްތާޛުންނެއް، އެތައް އަދީބުންނެއް، އެތައް ޝާޢިރުންނެއް، އަޅުގަނޑުމެންނަށް ނަސޭހަތްތެރިވެ އިލްތިމާސްކޮށްފައިވަނީ ކޮންކަމަކަށްތޯ. އަޅުގަނޑުމެންނަކީ ހެޔޮބަޔަކަށްވާން. އަޅުގަނޑުމެން އެބަޖެހޭ މައިންބަފައިން ދެކެ ލޯބިވާ، އަޅައިލާ، މައިންބަފައިންނަށް ކުލުނު ހުންނަ ބަޔަކަށްވާން. އާދެ، "ހުޅުވާލަދިން ތިޔަ މުށުން، ލިބިދިން އުފާވި ދުށުން، މަންމާގެ ފައިތިލަދަށުން ހޯދޭނޭ ޖަންނަތުގެ ޝާން". އާދެ، އަޅުގަނޑުމެންނަށް ސުވަރުގެވެސް މި ދެވެނީ މަންމަގެ ފައިތިލަ ދަށުން. އަޅުގަނޑުމެން ކޮންމެ މީހެއްގެ މަންމައެއް އެބަހުރި. މަންމައެއް ހުންނާނެ. އެހެންވީމާ، އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ، އަޅުގަނޑުމެންގެ މައިންބަފައިންދެކެ ލޯބިވުން. މައިންބަފައިން ދެކެ ލޯބިނުވާ މީހަކަށް، ދަރީންދެކެ ލޯތްބެއް ނުވެވޭނެ. މުޖުތަމަޢުގެ އެއްވެސް ރަނގަޅު ކަމަކަށް، އެކަމުގެ މައްޗަށް މަސައްކަތެއް ނުކުރެވޭނެ.

އާދެ، އަޅުގަނޑުމެންގެ ދިރިއުޅުމުގައި އަބަދުވެސް ޢުމުރުން ދުވަސްވީ ފަރާތްތަކަށް، މުޅި މުޖުތަމަޢުގެ އެންމެނަށް ހެޔޮކޮށްހިތާ ބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހޭ. އެކަކު އަނެކަކަށް ނަސޭހަތްތެރިވާ މީހަކަށް އަޅުގަނޑުމެން ވާން އެބަޖެހޭ. އޯގާތެރި، ކުލުނުން ފުރިގެންވާ ބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހޭ. އަބަދު މީހުން ކުށްވެރިކޮށް، އަބަދު މީހުންނަށް ބަދުބަސް ބުނާ، އަބަދު މީހުންނަށް ބަދު ދުޢާ، އެއީ އަޅުގަނޑުމެން މުސްލިމުންގެ ގޮތުގައި ތިބެގެން ސައްތައިންސައްތަ މި ރީތި ޤައުމުގައި، މި ރީތި ފަސްގަނޑުގައި އަޅުގަނޑުމެން އެއްވެސް ގޮތަކަށް ކޮށްގެންވާނޭ ކަމެއްނޫން. މީހަކަށް ރަނގަޅުވުމުން، އެއީކީ ކިތަންމެ ރަނގަޅުވިޔަސް އެކަމަކަށް ނިމުމެއް އަންނާނެ ކަމެއްނޫން. ރަނގަޅުވުމަކުން ނުކުންނާނޭ އެއްވެސް ގޯހެއް އޮތް ކަމެއް ނޫން.

އާދެ، މިއަދުގެ ޙާލަތަށް ބަލާއިރު، މުޅި ދުނިޔޭގެ މި ބަދަލުވެގެންދާ އޮއިވަރުގެ ތެރެއިން އަދި، ރާއްޖެއަށްވެސް އަންނަ ބަދަލުތަކާއެކު އަޅުގަނޑުމެން ހިތްވަރުލާފައި މި ކަންތައްތަކުގެ ނަމޫނާ އަޅުގަނޑުމެން ނުދައްކައިފި ކަމަށްވަންޏާ، އެކަމުގެ ހިތާމަކުރަންޖެހޭނީ އެންމެ މީހެއް ނޫން، ވަކި މީހެއް ނޫން. އެކަމުގެ ހިތާމައާ ކުރިމަތިލާންޖެހޭނީ އަޅުގަނޑުމެން ދިވެހި އެންމެހައި ރައްޔިތުން، އޭގައި އަޅުގަނޑުވެސް ހިމެނޭގޮތަށް. އެހެންވީމާ، އަޅުގަނޑުމެން ވަރަށް ބޮޑަށް ލޯ ހުޅުވައި، އަޅުގަނޑުމެން ކަންފަތްތައް ދިއްކޮށްލައިގެން އަޅުގަނޑުމެން އެބަޖެހޭ ސަމާލުވާން. އަޅުގަނޑުމެންގެ ވަށައިގެން ހިނގާ ކަންތައްތަކަށް ސަމާލުވެ، ދަރީންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދީ، ޅަފަތުގައި އެ އަޅައިލުންދީ، ދަރީންނަށް ދަރީންގެ ގޮތުގައި ހިތައި، އެ ކަންތައް ކުރުން އެއީ އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެއްގެ ގޮތުގައި ދެކި، އެކަމަށް އަޅުގަނޑު ހުރިހާ ބޭފުޅުންނަށް ނަސޭހަތްތެރިވެ، އެ ވާހަކަ އަޅުގަނޑު ތަކުރާރުކޮށް ދަންނަވާލަން.

އާދެ، އަޅުގަނޑު މިހުރީ ހަމަ ހައިރާންވެފައި. އަޅުގަނޑު ހަނދާން ނެތުނީކީނޫން، ދިއްގަރު ރައްޔިތުންނަށް ޝުކުރު އަދާކުރަން. އަޅުގަނޑު ހައިރާންވިވަރު ބޮޑުކަމުން، އަޅުގަނޑަށް މި ހުންނަނީ ހަމަ އެއްޗެއް ދަންނަވަން ނޭނގިފައި. އާދެ، މިއަދު އަޅުގަނޑުމެން މިރަށަށް އައުމުން ފެނިގެންދިޔަ މަންޒަރުތަކަކީ، އެއީ އާދަޔާ ޚިލާފު، ރައްޔިތެއްގެ މޫނުން ފެނިގެންދިޔަ އުޖާލާ ހިނިތުންވުން، ކުޑަކުދިންނާ ހިސާބުން ފެށިގެން ޢުމުރުން ދުވަސްވީ ބޭފުޅުންނާ ހަމައަށް، އަޅުގަނޑުމެންނަށް އެއްވެސް ތަފާތެއް ނެތް. މިއީ އަޅުގަނޑުމެން ބަލަންވީ ކަމަކީ. މިއަދު ދިއްގަރުގެ ރައްޔިތުން އެ ދައްކައިދިން ނަމޫނާ އެއީ، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ހުރިހާ ރަށަކުންވެސް، އަޅުގަނޑުމެން އެންމެންވެސް އުޅެންވީގޮތަކީ އަޅުގަނޑު ދަންނަވާނީ މިގޮތޭ. އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ ދިއްގަރުގެ ލޮބުވެތި ރައްޔިތުން.

އާދެ، ކައުންސިލުގެ ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވައިފި. އަޅުގަނޑު ދަންނަވާލަން އޮތީ، އިރާދަކުރެއްވިއްޔާ، ސަރުކާރުން، ނިޝާންގެ އެ ވާހަކައިގައި އެ ހިމެނިގެންދިޔަ ކަންތައްތައް، އަޅުގަނޑުމެން ކައުންސިލާއި ރައްޔިތުންނާ ގާތުން މަސައްކަތް ކުރަމުން އިރާދަކުރެއްވިއްޔާ މިދަނީ. އަޅުގަނޑުމެން އެއްވެސް ގޮތަކަށް ދިވެހި ރައްޔިތުން ދިވެހި ރަށްތަކުން، ކުޑަ ބޮޑު އެއްވެސް ރަށެއްގެ މަތިން މި ސަރުކާރުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަނދުމަނައްތައެއްނުލައްވާނެ. އެހެންވީމާ، އެ މަސައްކަތައިގެން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށްގޮސް، ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންތައްތަކަށް އިސްކަންދީގެން، އިރާދަކުރެއްވިއްޔާ ކަންތައްތައް ނިމިގެންދާއިރު، އަޅުގަނޑުމެން ޔަޤީންކުރާނީ އިރާދަކުރެއްވިއްޔާ ކަރަންޓުވެސް ނުކެނޑި، ކަރަންޓު ލިބޭގޮތަށް ކަންތައްތައް ކުރަން. ރަށް ގިރައިގެން ދިޔުމަކީ އެއީ ރައްޔިތުންނަށް އޮތް ސަލާމަތެއްނޫން. ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ އަވަހަށް ފެށިގެންދާނެކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް ދެން.

އަދިވެސް އެއްފަހަރު، އަޅުގަނޑުމެން އެންމެން ޤައުމަށްޓަކައި، އަޅުގަނޑުމެންގެ މި ވަޠަނަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކޮށް، ޤައުމަށް ޚިދުމަތެއް ކޮށްދިނުމުގެ ރޫޙު އަޅުގަނޑުމެންގެ ތެރޭގައި ދެމެހެއްޓުމުގެ ނަސޭހަތް، އަޅުގަނޑު ހުރިހާ ރައްޔިތުންނަށް އެ އިލްތިމާސް ކުރަމުން އަޅުގަނޑު ވަކިވެލާނީ، "ޤައުމަށްޓަކައި އަހަރެންގެ މޭ އައްޑަނައަކަށް ދިއްކޮށްލުމީ، ފަހު ނޭވަޔަށް ދާންދެން މޮޓޯ ކަމުގައި ޚިޔާރު ކުރާނަމޭ".

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.