ގްރީސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ޑިއޮނީސިއޯސް ކީމްއެޓޮސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ގްރީސްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ސަފީރަށް ތަޙުނިޔާ ވިދާޅުވެ، ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެ ޤައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ގްރީސްގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ގްރީސް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފުރުޞަތު ލިބިވަޑައިގެންނެވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ފަޚުރެއްކަމަށާއި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާ ގްރީސްގެ ގުޅުން ދެޤައުމަށްވެސް ފައިދާވާ އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

މިގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި، މޫސުމަށް އަންނަ ބަދަލުތަކާއި، ޤުދުރަތީ ވެށްޓާއި ތަރިކަ ރައްކާތެރިކުރުން ފަދަ ދާއިރާތައް ހިމެނެއެވެ. ގްރީސްގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ދިވެހި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ މަޢުލޫމާތު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަމަށް ވިދާޅުވެ އެ ޕްލޭނުގެ ފުރިހަމަކަމާއިމެދު ދިވެހި ސަރުކާރަށް ތަޢުރީފުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދުގެ މައި ނާރަކީ ފަތުރުވެރިކަން ކަމުގައި ފާހަގަކުރައްވާ، ގްރީސް އިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. އަދި އެމަނިކުފާނު ވަނީ ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކަށް ރާއްޖެއިން ބޭރުކުރާ މަހުގެ ބާވަތްތަކަށް މިހާރު ނަގަމުންދާ ޓެކްސް ކުޑަކުރުމަށް އެހީތެރިކަން ބޭނުންވާކަމުގައި ވިދާޅުވެފައެވެ.

ގްރީސްގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށާއި، ގްރީސް ސަރުކާރުން ރާއްޖެއަށް ބޭނުންވާ އެންމެހާ އެހީތެރިކަމަކާއި އެއްބާރުލުން ދެއްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.