ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސްވިޑްންއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ޚާރިޖީ ކަންތައްތަކާ ބެހޭ ކޮމިޓީއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި، ކޮމިޓީގެ އިސްބޭފުޅެއްގެ ގޮތުން ބައިވެރިވެވަޑައިގަތީ ކޮމިޓީގެ ޗެއަރމަން މިސްޓަރ ގޯރާން ލެންމާކާއެވެ.

ސްވިޑްންގެ ޤާނޫނު ހަދާ މަޖިލީހުގެ، ޚާރިޖީ ކަންތައްތަކާ ބެހޭ ކޮމިޓީގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖެއަށް މިވަގުތު ކުރިމަތި ވެފައިވާ ގޮންޖެހުންތަކާއި، އިންތިޤާލީ ޢަދާލަތާއި، ރާއްޖޭގައި ޑިމޮކްރަސީއާއި މިނިވަން މުއައްސަސާތައް ހަރުދަނާކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ބެހޭ މަޢްލޫމާތު، މި ކޮމިޓީގެ ބޭފުޅުންނަށް، ރައީސް ނަޝީދު އެރުވިއެވެ. މީގެއިތުރުން، ރާއްޖެއާއި ރާއްޖެއިން ބޭރުގައި އިންސާނީ ޙައްޤުތައް ކުރިއެރުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށްވެސް ރައީސް ބައްލަވައިލެއްވިއެވެ.

ކޮމިޓީގެ ޗެއަރމަން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ ޑިމޮކްރަސީއަކަށް ބަދަލުވެގެން ދިޔުމާއެކު، ސާކުގެ އެހެން ޤައުމުތަކުންވެސް ޑިމޮކްރަސީ ބަލައިގެންފައިވާކަމަށް ވިދާޅުވެ، ދުނިޔޭގައި، އިންސާނީ ޙައްޤުތަކާއި، ޑިމޮކްރަސީއާއި، ހެޔޮވެރިކަން ކުރިއެރުވުމަށް ސްވިޑްންއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ. ވަކިން ޚާއްޞަގޮތެއްގައި، ސެޕްޓެމްބަރ 11 ގެ ޓެރަރިސްޓް ޙަމަލާއަށްފަހު، މުސްލިމު މުޖްތަމަޢުތަކާ ދެމެދު ގުޅުން ބަދަހިކޮށް މަޝްވަރާކުރުން އިތުރުކުރުމަށް އެޤައުމުން ދޭ ސަމާލުކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރައީސް ނަޝީދު، ރާއްޖޭގެ ރައީސަކަށް ވެވަޑައިގަތުމުގެ ކުރިން، ރާއްޖެއަށް ޑިމޮކްރަސީ ގެންނެވެމަށް ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށާއި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، އެމަނިކުފާނުގެ މަސައްކަތްޕުޅުތަކަށް ކޮމިޓީގެ ޗެއަރމަން ތަޢުރީފު ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދެކުނު އޭޝިޔާ ސަރަޙައްދުގައި ޑިމޮކްރަސީ ކުރިއެރުވުމަށް އަދިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް ވިދާޅުވިއެވެ. އަދި، އަންސަން ސޫ ކީ ބަންދުގައި ހުންނަވަން ޖެހިވަޑައިގަންނަވާކަމަށް ޤަބޫލުފުޅު ނުކުރެއްވޭ ކަމަށާއި، ޑިމޮކްރަސީއާ ނުލައި އެއްވެސް މުޖްތަމަޢަކަށް ސުލްޙައާއި ކުރިއެރުން ހޯދޭނެކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ފުރިހަމައަށް ޤާނޫނުގެ ވެރިކަން ހިންގުމަށާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށާއި، ޑިމޮކްރަސީ ހަރުދަނާކުރުމަށްޓަކައި ރާއްޖޭގައި މިނިވަން މުއައްސަސާތައް ހަރުދަނާކުރުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސް ނަޝީދު މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދެއްކެވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް ސްވިޑްންއިން އެހީތެރިކަން ދެއްވިދާނެ ގޮތްތަކާމެދުވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.