ޢަރަބް ރިޕަބްލިކް އޮފް އިޖިޕްޓް ނުވަތަ މިޞްރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސަލެންސީ މިސްޓަރ ހުޞައިން އަލް ސަހާރޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުގެ ދޭ ދޭ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވާފައެވެ. އަދި އެކިދާއިރާތަކުން މިޞްރު ސަރުކާރުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމާއި ބަހައްޓަވާ ގާތްގުޅުމަށްޓަކައި މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް ސީސީއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު ޢަދާކުރައްވާފައެވެ. މިގޮތުން ކޮންމެ އަހަރަކު މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް މިޞްރު ސަރުކާރުން ފޮތް ހަދިޔާކޮށްދެއްވުމާއި މިޞްރުގެ އަލް އަޒްހަރު ޔުނިވަރސިޓީގައި މަތީތަޢުލީމު ޙާޞިލުކުރުމަށް މިޞްރު ސަރުކާރުން ސްކޮލަރޝިޕް ދެއްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އެކިދާއިރާތަކުން ހުރި ފުރުޞަތުތައް ފާހަގަކުރައްވައި ވިޔަފާރިއާ އިޤްތިޞާދީ ދާއިރާއަކީ މިޞްރާ ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކެއްކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ސަފީރު އަލް ސަހާރޓީ ދެއްކެވި ވާހަކަފުޅުގައި ސަރަޙައްދީ ތަރައްޤީއަށް މަސައްކަތްކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި މި ސަރުކާރުން ދައްކަވާ ލީޑަރޝިޕް ފާހަގަކުރެއްވިއެވެ. އަދި ޞިއްޙީ ދާއިރާއާއި ވިޔާފާރިއާ އިޤްތިޞާދީ ދާއިރާއާއި ކައުންޓަރ ޓެރަރިޒަމް އަދި ކަނޑުގެ ސަލާމަތާ ރައްކާތެރިކަމުގެ ދާއިރާއިން އިތުރަށް ރާއްޖެއާ ގުޅުންބަދަހި ކުރެއްވުމުގެ ޝައުޤުވެރިކަން މިޞްރުގެ ސަފީރު ފާޅުކުރެއްވިއެވެ.