އޮޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް - އޮފިޑްގެ ޑިރެކްޓަރ ޖެނެރަލް ޑރ. އަބްދުލް ޙާމީދު އަލް ޚަލީފާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޮފިޑްގެ ޑިރެކްޓަރ ޖެނެރަލްގެ އިތުރުން އޮފިޑްގެ ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް ދިވެހިރާއްޖެއަށް މަރުޙަބާ ވިދާޅުވެ، އޮފިޑްގެ ފަރާތުން ދިވެހިރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވާފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ އޮފިޑުން ފަންޑުކޮށްގެން ރާއްޖޭގައި ކުރިޔަށްގެންދާ ޢުމްރާނީ ތަރައްޤީގެ ބައެއް މަޝްރޫޢުތަކާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ރަށްރަށުގެ ފެނާއި ނަރުދަމާ ނިޒާމްގެ އިތުރުން ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުތައް ކުރިޔަށްގެންދިއުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ރާއްޖެ ތަރައްޤީގެ މަގުގައި ކުރަމުންގެންދާ މަސައްކަތުގައި ގާތް އެކުވެރިއެއްގެ ގޮތުގައި އޮފިޑުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އޮފިޑްގެ ޑިރެކްޓަރ ޖެނެރަލް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވެއެވެ.