ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހދ. ނޭކުރެންދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޭކުރެންދޫ ކައުންސިލަރުންނާ އަދި އެރަށު މުއައްސަސާތަކުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުކުރީ ނޭކުރެންދޫގައެވެ.

މި ބައްދަލުކުރެއްވުމުގައި، ނޭކުރެންދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި، ކުރިޔަށް ރާވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ކައުންސިލަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އަދި، ރަށުގެ މިހާރުގެ ހާލަތާއި، ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

އެގޮތުން، ބަޖެޓުގައި މިއަހަރު ހިމެނިފައިވާ ކަންކަމުގެ ތެރެއިން އެރަށުގައި ޖަލު ޢިމާރާތްކުރުމާއި، ފުޓްސަލްދަނޑާއި، ފުޓްބޯޅަދަނޑު ޢިމާރާތްކުރުމާއި، ފެނާއި ނަރުދަމާ ޤާއިމުކުރުމާއި، ބަނދަރުގެ ދަތިކަމާއި، އަލަށް އާބާދުވާ ސަރަޙައްދުތަކުގައި ކަރަންޓު ދިނުމުގައި ދިމާވާ ދަތިތަކާއި ބެހޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ވީ އެންމެ އަވަހަކަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.