އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ފަސް ބޭފުޅުންގެ ނަންފުޅާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ފަސް ބޭފުޅުންގެ ނަންފުޅާއި، އަދި ޕްރޮސެކިއުޓަރ ޖެނެރަލް ކަމަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު، ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހުށަހެޅުއްވީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށާއި، ޕްރޮސެކިއުޓަރ ޖެނެރަލް ކަމަށް ޢައްޔަން ކުރައްވާނެ ބޭފުޅުން ހޯއްދެވުމަށް، ޢާންމުކޮށް އިޢްލާނު ކުރެއްވުމާ ގުޅިގެން، އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ހޮއްވެވި ބޭފުޅުންގެ ނަންފުޅުތަކެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ފަސްބޭފުޅުންނަކީ، މާފަންނު މުއިރި ދަފްތަރު ނަންބަރު 2065 އައްޝައިޚު ޙުސައިން ރަޝީދު ޔޫސުފާއި، ގަލޮޅު ކަލާވެހި އިބްރާހީމް ވަޙީދާއި، ހެންވޭރު ނޫމުތީ މުޙަންމަދު އިބްރާހީމާއި، މައްޗަންގޮޅީ ތަޅަމުދިގޭ ފުއާދު ތައުފީޤާއި، މައްޗަންގޮޅީ ހައިވަކަރުގޭ މަޢްރޫފް އަޙްމަދެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ފަސްބޭފުޅުންނަކީ، އައްޑުއަތޮޅު ހިތަދޫ ރަންފަސް ޙަސަން ލުޠުފީ އާއި، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ހަލަވެލި ޢަބްދުﷲ ޙިލްމީ އާއި، އައްޑުއަތޮޅު ހުޅުދޫ ވައިލެޓްފެހި އަލްއުސްތާޛާ ޚަދީޖާ ރަޝީދާއި، ގަލޮޅު ވިންޓަރހައުސް މުޙަންމަދު ޝަރީފާއި، ގަލޮޅު އިހެލި ދަފްތަރު ނަންބަރު 4095 މުޙަންމަދު ވަޙީދު ޢަލީއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް ކަމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ބޭފުޅަކީ، މައްޗަންގޮޅީ ޑޯންޝައިން އަލްއުސްތާޛު އަޙްމަދު މުޢިއްޒެވެ.

(ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް މި ހުށަހެޅުއްވި 11 ބޭފުޅުންގެ ފޮޓޯތައް ބެއްލެވުމަށް މިޚަބަރުގެ ތިރީގައިއެވާ ފައިލް ޑައުންލޯޑް ކުރައްވާ)

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށާއި، ޕްރޮސެކިއުޓަރ ޖެނެރަލް ކަމަށް ޢައްޔަން ކުރައްވާނެ ބޭފުޅުން ހޯއްދެވުމަށް އިޢްލާނު ކުރެއްވުމާ ގުޅިގެން، އެކަމަށް އިޖާބަ ދެއްވި ހުރިހާ ބޭފުޅުންގެ ނަންފުޅުތައްވެސް ރައީސުލްޖުމްހޫރިއްޔާ މިއަދުވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ.