މި ސަރުކާރުން އެންމެ ފުރަތަމަ ފެށި އެއް މަސައްކަތަކީ ޒުވާނުން ބާރުވެރިކުރުމާއި ތަރައްޤީގެ ކަންކަމުގައި ޒުވާނުން ބައިވެރިކުރުމުގެ މަސައްކަތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިންތިޒާމުކޮށްގެން މިރޭ ދަރުބާރުގޭގައި ބޭއްވި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މި ސަރުކާރު ފެށިގެން އައީވެސް ހަށިހެއު ދުޅަހެއު ޢީދުގެ ނަމުގައި ފެށިގެން ދިޔަ ޕްރޮގްރާމަކުން ކަމަށާއި، ކުޅިވަރު ކުރިއެރުވުމަށް މި ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާކަމުގައެވެ. އެގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި މިދިޔަ އަހަރު ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ލިބުނު ކާމިޔާބީތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ 2023 ވަނަ އަހަރު ރާއްޖޭގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވޭގޮތަށް ހަމަޖެހިގެންދިއުމަކީ އުފާކުރަންޖެހޭ ކާމިޔާބީއެއްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވޭތުވެދިޔަ އަހަރަކީ ޒުވާނުންނަށް އަމާޒުކޮށްގެން ކުޅިވަރުގެ އެކިއެކި މުބާރާތްތަކާއި ހޭލުންތެރިކުމުގެ އެކި ޕްރޮގްރާމްތަކާއި ލީޑަރޝިޕްގެ ދާއިރާއިން ގިނަ ޕްރޮގްރާމްތަކެއް ސަރުކާރުން ކުރިޔަށްގެންދިޔަ އަހަރެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ސްކޫލުތަކުގައިވެސް ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ކުރިޔަށްގެންދާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވަމުން މުޖްތަމައުގައި ހިނގާކަންކަމަށް ވިސްނާ އެކަކު އަނެކަކަށް އަޅާލާ އޯގާތެރި ބަޔަކަށް ވުމަށާއި ޞިއްހަތަށް ގެއްލުންހުރި ކަންކަމާ ދުރުހެލިވުމަށް ޒުވާނުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިންތިޒާމުކޮށްގެން މިރޭ ބޭއްވި "ރަން އަހަރު" ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޒުވާނުންގެ އެވޯޑް އިފްތިތާޙްކޮށްދެއްވާފައެވެ. މި އެވޯޑްގެ އިތުރުން ކުޅިވަރާ ގުޅޭ އެވޯޑަކާއި ސިވިލް ސޮސައިޓީ އެވޯޑެއްވެސް މި ޙަފްލާގައި އިފްތިތާޙްކޮށްފައިވެއެވެ.