ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސްވިޑްންގެ ވެރިރަށް ސްޓޮކްހޯމަށް މިއަދު ހެނދުނު ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސްވިޑްންއަށް މިވަޑައިގަތީ، 2003 ވަނަ އަހަރު އަވަހާރަކޮށްލި ސްވިޑްންގެ ޚާރިޖީ ވަޒީރު އަނާލިންދުގެ ހަނދާނުގައި އެރުވޭ ”އަނާ ލިންދު ޕްރައިޒް 2009“ގެ ޝަރަފުގެ ހަނދާނާ ހަވާލުވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ މިދަތުރުފުޅުގައި، ސްވިޑްންގެ ރަސްގެފާނާ ބައްދަލުކުރައްވާނެއެވެ. އަދި ސްވިޑްން ސަރުކާރާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއަށް މިވަގުތު އެހީތެރިކަމާއި އެއްބާރުލެއްވުން ބޭނުންވާ ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލެއްވުން ހޯއްދެވުމަށް މަސައްކަތްޕުޅު ކުރައްވާނެއެވެ. މީގެއިތުރުން، ރާއްޖެއަށް ބޭނުންވާ އިންވެސްޓްމަންޓްތައް ހޯއްދެވުމާ ބެހޭގޮތުން ސްވިޑްންގެ އިސް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ސްޓޮކްހޯމްގައި، "ސޭވިންގ ޕެރެޑައިސް" މިމައުޟޫޢަށް ތަޤްރީރެއްވެސް ކުރައްވާގޮތަށްވަނީ ހަމަޖެހިފައެވެ.