ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް, ސައުތު އޭޝިއަން ގޭމްސް 2019ގައި ރާއްޖެ ތަމްޞީލުކުރި ކުޅުންތެރިންނާ އޮފިޝަލުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ސައުތު އޭޝިއަން ގޭމްސް 2019ގައި ބައިވެރިވި ރާއްޖޭގެ އަންހެން ބާސްކެޓް ބޯޅަ ޓީމާއި އަންހެން ފުޓްބޯޅަ ޓީމް އަދި ރާއްޖޭގެ ފަރާތުން ބައިވެރިވި އޮފިޝަލުންނާއެކު ބޭއްވެވި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޓީމުތަކުން މި މުބާރާތުގައި ދެއްކި ހިތްވަރާ ހޯދި ކާމިޔާބީ ފާހަގަކުރައްވައި ކުޅުންތެރިންނަށް ހިތްވަރުދެއްވާފައެވެ. އަދި މި މުބާރާތުގައި ދިވެހި ޓީމުތަކުން ހޯދި ކާމިޔާބީއަކީ ޤައުމަށް ލިބުނު ޝަރަފެއްކަން ފާހަގަކުރައްވައި ކުޅިވަރު ތަރައްޤީކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ޚާއްޞަގޮތެއްގައި ވަކިކުޅިވަރެއް ތަފާތުކުރުމެއްނެތި ވަޞީލަތްތައް ޤާއިމުކުރުމާއި މީހުން ތަމްރީނުކުރުމަށް ސަރުކާރުން މިހާރުވެސް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފު ވަނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާގެ ތަރައްޤީއަށް ސަރުކާރުން ކުރިޔަށްގެންދާ މަސައްކަތްތަކުގެ ބައެއް ތަފްޞީލުތައް ޙިއްޞާކުރައްވާފައެވެ.

ނޭޕާލުގައި މިދިޔަ މަހު ނިމިގެންދިޔަ ސައުތު އޭޝިއަން ގޭމްސްގައި ދިވެހި އަންހެން ބާސްކެޓް ބޯޅަ ޓީމާއި އަންހެން ފުޓްބޯޅަ ޓީމުން ވަނީ ލޯ މެޑެލް ޙާޞިލުކޮށްފައެވެ.