ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހައްދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ފޮނަދޫ ކައުންސިލްގެ މެންބަރުންނާއި މުއައްސަސާތަކުގެ އިސްވެރިންނާ މިރޭ ބައްދަލުކުރައްވައިފިއެވެ.

ލ. އަތޮޅު ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ފޮނަދޫ ކައުންސިލުގެ މެންބަރުންނާއި، މުއައްސަސާތަކުގެ އިސްވެރިން ވަނީ އެތަންތާގެ މަސައްކަތްތައް ކުރިޔަށް ދާގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އަދި، އެބޭފުޅުންގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކުގެ މަޢުލޫމާތާއި ރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން ބޭނުންވާ ކަންކަމާ ބެހޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާއާއި މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ.

މިގޮތުން މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި ފޮނަދޫ މަގުބައްތި ނެތުމުން ދިމާވާ ދަތިތަކާއި، އަލަށް އާބާދުވާ ސަރަހައްދުގައި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ހޯދުމުގައި ހުރި އުނދަގޫތަކާއި، އެކަށީގެންވާގޮތުގައި ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތަކާއި ރަށުގައި ކުނި މެނޭޖްކުރުމަށް ދިމާވާ ދަތިތައް ހިމެނެއެވެ.

މުއައްސަސާތަކުގެ އިސްވެރިން ވަނީ ސްކޫލް ކުދިންނަށް ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދިނުމާ ބެހޭގޮތުންނާއި ތައުޢުލީމީ މަރުކަޒުގެ އާބާތުރަ ފިލުވުމާއި މީގެ އިތުރުން ވެސް ޞިއްޙީ ޚިދުމަތްތައް ރަނގަޅުކުރުމާއި ކުޅިވަރު ތަރައްޤީކުރުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރާއި ކައުންސިލާއި، މުއައްސަސާތަކުގެ އިސްވެރިން ގުޅިގެން ރަށުގެ ތަރައްޤީއަށް މަސައްކަތްކުރައްވައި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.