އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައި.އެލް.އޯ) އަށް ސަތޭކަ އަހަރު ފުރޭ ސެންޓީނެރީ ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު މެންދުރުފަހު ނެޝަނަލް އާޓް ގެލަރީގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައި.އެލް.އޯގެ ސެންޓީނެރީ ފާހަގަކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ ހަނދާނީ ފައިސާފޮއްޗެއް އައި.އެލް.އޯގެ ކަންޓްރީ ޑިރެކްޓަރ މިސް ސިމްރިން ސިންގ އާއި ޙަވާލުކޮށްދެއްވާފައެވެ. މިރަސްމިއްޔާތުގައި "ޔުނިވަރސަލް އެންޑް ލާސްޓިންގް ޕީސް – އައި.އެލް.އޯ ސެންޓިނަރީ" ގެ ނަމުގައި ޕްރެޒެންޓޭޝަނެއް ދައްކާލުމުގެ އިތުރުން އައި.އެލް.އޯގެ ސަތޭކަ އަހަރުވީ ދިގު މާޒީގެ މައްޗަށް އެ ޖަމިއްޔާގެ ކަންޓްރީ ޑިރެކްޓަރ މިސް ސިމްރިން ސިންގ ވާހަކަފުޅު ދައްކަވާފައިވެއެވެ.
މި ރަސްމިއްޔާތުގައި އައި.އެލް.އޯ އާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު އެމް.އޯ.ޔޫއެއްގައި ސޮއިކުރެވިފައިވެއެވެ. މި އެމް.އޯ.ޔޫގައި އައި.އެލް.އޯގެ ފަރާތުން ސޮއިކުރެއްވީ އައި.އެލް.އޯގެ ކަންޓްރީ ޑިރެކްޓަރ މިސް ސިމްރިން ސިންގ އަދި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މި އެމް.އޯ.ޔޫގައި ސޮއިކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލެވެ. މި ރަސްމިއްޔާތު ފެށުމުގެ ކުރިން، ދިވެހިރާއްޖެއާއި އައި.އެލް.އޯގެ ދިދަނެގުމުގެ ހަރަކާތެއް ނެޝަނަލް އާޓް ގެލަރީގެ ގޯތިތެރޭގައި ބާއްވާފައިވެއެވެ.