ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާލެއަތޮޅު ހިންމަފުށި ކައުންސިލަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު މެނދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ހާލަތާއި، ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ.

އެގޮތުން، ރަށުގެ ނަރުދަމާ ނިޒާމްގެ މަސައްކަތް އަވަސްކުރުމާ ބެހޭގޮތުންނާއި، ރަށުގެ ފެންފަށަލަ ތަޣައްޔަރުވެފައިވާތީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކާއި، ސްކޫލުގެ ޖާގައިގެ ދަތިކަމާއި، ކުނި މެނޭޖްކުރުމުގައި ދިމާވާ ދަތިތަކާއި، ޞިއްޙީ ޚިދުމަތް އިތުރަށް ތަރައްޤީކުރުމާ ބެހޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ. މީގެއިތުރުން ވެސް ރަށުގެ ބަނދަރުބޮޑުކުރުމާއި މަރާމާތަށް ބޭނުންވާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ. އަދި، ރަށުގައި އިޤްތިޞާދީ ކަންކަން އިތުރުކުރުމުގެ މުހިންމުކަން ކައުންސިލަރުން ފާހަގަ ކުރެއްވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލަރުން ފާހަގަކުރެއްވި މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލަރުން އެދިވަޑައިގެންނެވި މުހިންމު ކަންކަމަށް ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.