ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި މިއަހަރުގެ ތެރޭގައި ބައިނަލްއަޤްވާމީ އެކި މުބާރާތްތަކުގައި ރަން ވަނަތައް ހާސިލުކޮށްފައިވާ އެ އެސޯސިއޭޝަނުގެ އެތުލީޓުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ބޮޑީބިލްޑިންގ އެސޯސިއޭޝަންގެ އިސް ބޭފުޅުންވަނީ، ފާއިތުވި އެއް އަހަރުގެ ތެރޭގައި ކުޅިވަރު ތަރައްޤީ ކުރެއްވުމުގައި ސަރުކާރުން ގެންގުޅުންވާފައިވާ ހަމަހަމަ އުޞޫލުތަކަށް މަރުޙަބާ ވިދާޅުވެ، އަދި ވަކީން ޚާއްޞަކޮށް ބޮޑީބިލްޑިންގގެ ދާއިރާ އިތުރަށް ތަރައްޤީ ކުރުމަށް ސަރުކާރުން އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާ، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. މިގޮތުން އެ ބޭފުޅުން އަލިއަޅުއްވާލައްވާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި، މި ކުޅިވަރު ކުރިއެރުވުމަށް މާލީ ގޮތުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި، އެތުލީޓުންގެ ތަމްރީނުތަކަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ހިމެނެއެވެ.

މީގެ އިތުރުން، އެސޯސިއޭޝަންގެ އިސްބޭފުޅުންވަނީ، މި ކުޅިވަރު އިތުރަށް ތަރައްޤީ ކުރުމަށް ހުރި ގޮންޖެހުންތަކާއި ދަތިތަކުގެ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވާފައެވެ. އަދި، ކުރިއަށް އޮތް ތަނުގައި، މި ދާއިރާއިން ރާއްޖެއަށް ރީތި ނަން ހޯދައިދިނުމުގެ އަޒުމުގައި މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. މީގެ އިތުރުން، އަންނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ އޭޝިއަން ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕްގެ ތައްޔާރީތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތުވެސް އެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ، އެސޯސިއޭޝަންގެ އެތުލީޓުން ފާއިތުވި އަހަރުގެ ތެރޭގައި ހޯދާފައިވާ ރަން ވަނަތަކާއި ތަފާތު ކާމިޔާބީތައް ފާހަގަކުރައްވާ، އެތުލީޓުންނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، އެކި ކުޅިވަރުތަކުގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތައިލައްވާ، ކުޅިވަރުގެ ދާއިރާގައި ހަމަހަމަކަން ޤާއިމުކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، މި ދާއިރާގެ ކުރިއެރުމަށް ހުރި ގޮންޖެހުންތަކާއި، އެސޯސިއޭޝަނަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލު ކުރައްވަން، ކަމާއިބެހޭ ވުޒާރާއާއި ގުޅިވަޑައިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

މި ބައްދަލުކުރެއްވުމުގައި، އެ ޖަމްޢިއްޔާގެ ފަރާތުންވަނީ މި ދާއިރާގެ ކުރިއެރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަނުން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވާ "ޑަބްލިޔު.ބީ.ޕީ.އެފް. ޑިސްޓިންގުއިޝްޑް ސަރވިސް އެވޯޑް" އެމަނިކުފާނާއި ޙަވާލުކުރައްވާފައެވެ. މި އެވޯޑު ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް އަރުވާފައިވަނީ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަންގެ އެގްޒެކެޓިވް ވައިސް ޕްރެޑިޒެންޓް އިބްރާހީމް ޙަމީދާއި، ސައުތު އޭޝިއަން ބޮޑީބިލްޑިންގް އެންޑް ފިޓްނަސް ފެޑެރޭޝަންގެ އެގްޒެކެޓިވް މެމްބަރ ޢަލީ ރިފާޢުއެވެ. މިއީ، މި އެވޯޑު އޭޝިއާގެ ޤައުމެއްގެ ރައީސަކަށް ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.