މި ސަރުކާރުން، ކޮންމެ ދިވެހި ފަރުދަކަށްވެސް، އެއްވެސް ތަފާތުކުރުމެއް، އިސްތިސްނާއެއް ނެތި، ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އެންމެހައި ޙައްޤުތައް ޙިމާޔަތްކޮށްދީ ރައްކާތެރިކޮށްދެއްވާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިދިޔަ އަހަރުތަކުގައި، ތަފާތު އެތައް ސަބަބުތަކަކާ ހުރެ، ހިއުމަންރައިޓް ކޮމިޝަންގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވިފައި ނެތްކަމަށާއި ނަމަވެސް މި ސަރުކާރުން ހިއުމަން ރައިޓްސް ކޮމިޝަނަށް ފުރިހަމައަށް އެއްބާރުލުން ދީ، މުސްތަޤިއްލުކަމާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޤާނޫނު އަސާސީއާ ޤާނޫނުތަކުން ކަށަވަރުކޮށްދޭ އެންމެހައި ޙައްޤުތައް މި ސަރުކާރުން ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަން ކުރުމަށްޓަކައި، ދައުލަތުގެ މުއައްސަސާތަކާއި ރާއްޖޭގެ ޝަރުޢީ ނިޒާމު އިޞްލާޙްކޮށް، ހިންގުން ހަރުދަނާކުރަންޖެހޭކަން ވެސް ފާހަގަކުރައްވާފައެވެ.

"މިވެރިކަމާ ރާއްޖެ ކުރިމަތިލިއިރު، ރާއްޖޭގައި އަށަގަންނަމުން ދިޔަ ޘަޤާފަތަކީ، އާރާއި ބާރުގައި ތިބެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުމަށްފަހު، އެއްވެސް އަދަބަކާ ކުރިމަތިލާން ނުޖެހި އެކަންކަމުން ބޯދަމައިގަތުން. މި ސަރުކާރުގެ އިންތިޤާލީ ޢަދާލަތުގެ ތެރެއިން، އަޅުގަނޑުމެން މިއަންނަނީ، މި ދެންނެވި ނުބައި ޘަޤާފަތް ރާއްޖެއިން ނައްތައިލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން. މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ، އިންސާނީ ޙައްޤުތަކުގެ އެންމެ އިސް ޙައްޤު ކަމުގައިވާ، ދިރިހުރުމުގެ ޙައްޤު ޙިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަށް. ސަރުކާރުގެ މުޅި ވިސްނުން ހުއްޓިފައި ހުރީ، މި ރަށްތަކުގެ އަހުލުވެރިންނަށް ޖަޒީރާވަންތަ ދިރިއުޅުމެއްގެ އުފާވެރިކަން އިޙްސާސްކުރެވޭ ފަދަ އަމާން ވެއްޓެއް މި މުޖްތަމަޢުގައި ޤާއިމުކުރުމަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުމުގެ މިނިވަންކަން، މިދިޔަ ސަރުކާރުން ހަނިކޮށް، ކަސްތޮޅު އަޅުވާފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް، ޚިޔާލުފާޅުކުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން މިސަރުކާރުން އަލުން ކަށަވަރުކޮށްދެއްވާފައިވާކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން އަބުރުގެ ޤާނޫނު އުވާލެއްވީ ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހިފައިގެން، އެއްވެސް މީހަކު ޤާނޫނީ އަދަބަކާ ކުރިމަތިލާން ނުޖެހޭނެކަން ކަށަވަރުކޮށްދިނުމުގެ ގޮތުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިންތީގެ ހަމަހަމަކަމަށް މި ސަރުކާރުން ގެންނަވާފައިވާ މުހިންމު ބަދަލުތައް ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ސުޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން ޢައްޔަންކުރުމާއި، ލޯކަލް ކައުންސިލްތަކުގެ، ތިން ބައިކުޅަ އެއްބައި އިންސައްތަ އަންހެނުންނަށް ޚާއްޞަ ކުރުމާއި، ވިހައިގެން އުޅޭ މަންމައިންނަށް، ލިބޭ ޗުއްޓީ 6 މަހަށް އިތުރުކުރުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އުފަންވުމާއެކު ކުޑަކުދިންނަށް އެންމެ މުހިންމު ޙައްޤަކީ، ހަށިހެޔޮ ދުޅަހެޔޮ ޞިއްޙަތެއްގައި ހެދި ބޮޑުވުމުގެ ޙައްޤުކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޅަފަތުގަޔާއި އެކި ޢުމުރުފުރާތަކުގައި ޖަހަންޖެހޭ ވެކްސިންތައް ކުދިންނަށް ދިނުމާއި ޞިއްޙަތަށް ފައިދާހުރި ކާނާ ދިނުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިސަރުކާރުން ފެށި ނާސްތާ ޕްރޮގްރާމަކީވެސް، މިދާއިރާއިން އެޅުނު މުހިންމު ފިޔަވަޅެއްކަންވެސް ފާހަގަކުރެއްވިއެވެ.

"ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަތުމުގެ އެއްވެސް ޢަމަލަކަށް ޖާގަ ދީގެން އަޅުގަނޑުމެންނަކަށް ނުތިބެވޭނެ. ދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރުގެ ތެރެއިންވިޔަސް، ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަތުމަކީ، މި ސަރުކާރުން ތަޙައްމަލްކުރާނެ ކަންކަމެއް ނޫން. ޤާނޫނީ ގޮތުން ވެސް އަޅުގަނޑުމެން މިއަންނަނީ ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރަމުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިދިޔަ މަހު ތަސްދީޤުކުރެއްވި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ލިބުނު މުހިންމު ކުރިއެރުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.

އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގެ ދާއިރާއިން، ދުނިޔޭގެ ފެންވަރުގައިވެސް، މިއަދު އެންމެ ބޮޑު އިސްކަމެއް ދެނީ، ތިމާވެށި ރައްކާތެރި ކުރުންކަން ފާހަގަކުރައްވައި އެދާއިރާއިން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަޅިއަޅުއްވާލެއްވިއެވެ. އެގޮތުން ރާއްޖެއަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް އެއްގޮތަކަށްވެސް ނުގެންގުޅޭ ޤައުމަކަށް ހެދުމުގެ އަމާޒު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި އެންމެ މުހިންމީ ރައްޔިތުންގެ ފަރުދީ ޒިންމާކަމަށާއި މިކަމުގައި ޒުވާނުންގެ ޒިންމާވެސް ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން އިންސާނީ ކަރާމާތްތެރިކަމުގެ އަގު ވަޒަންކުރުމުގެ ސިފަ ޒުވާނުން ކިބައިގައި އަށަގެންނެވުމަށާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް ޒުވާނުން އިސްނަގައި މަސައްކަތް ކުރަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަމައެހެންމެ މަސްތުވާތަކެތީގެ ވަބާގައި ޖެހި، މުޖްތަމަޢުން ހަވާސާވެފައި ތިބި ޒުވާނުން ސަލާމަތް ކުރުމަކީ ދައުލަތުގެ ވަރަށް އިސް ވާޖިބެއްގެ ގޮތުގައި ބައްލަވައިގެން އެކަމަށް މަސައްކަތްކޮށްދެއްވާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދިވެހި ޒުވާނުންނަށް ދެއްވިއެވެ.